Vazeefaa adhaakurumah genna bidheyseenna medhu ihumaaluvaa faraai thakaa medhu fiyavalhu alhany
image
އެޗް އާރްސީއެމްގެ ބައްދަލުވުން.-- ފޮޓޯ: އެޗްއާރުސީއެމް
މަރިޔަމް ރިފާ
0 ކޮމެންޓް
 

ވަޒީފާ އަށް ގެންނަ ބިދޭސީންނަށް އިހުމާލުވާނަމަ ފިޔަވަޅު އަޅަނީ

ވަޒީފާ އަދާކުރުމަށް ރާއްޖެ އަށް ބިދޭސީން ގެނައުމަށް ފަހު އެ މީހުންނާ މެދު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނިންމައިފި އެވެ.
އެޗްއާރުސީއެމުން ބުނީ ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު ވަރަށް ދަށް ކަމަށެވެ. އަދި އެފަދަ ތަންތަނުގައި، ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގިނަ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި އެ ފަދަ ބިދޭސީން ވަނީ " އިންސާނަކަށް ވީތީ ލިބެންވާ ހައްގުތަކުން މަހްރޫމް ވެފައިވާ،" ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.

އެހެންކަމުން އެފަދަ ހާލަތްތަކުގައި ދިރިއުޅޭ މީހުން ރާއްޖެ އަށް ގެނެސް ވަޒީފާ ދިނީ ކިހިނެއްތޯ ބަލައި، އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ. އެޗްއާރުސީއެމުން ބުނީ، އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމާ ބެހޭގޮތުން ލޭބާ ރިލޭޝަންސް އާއި އިމިގްރޭޝަނުން ގެންގުޅޭ އުސޫލުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ހައްލު ނުކުރެވި ދިގު ލައިގެން ގޮސްފައިވާ ބިދޭސީންގެ މައްސަލަތަކާ ގުޅޭގޮތުން އެހެން ބައެއް ކަންކަން ކުރުމަށް ވެސް އެޗްއާރުސީއެމުން ވަނީ ނިންމާފަ އެވެ. އެގޮތުން ބިދޭސީން ރާއްޖެ އަށް ގެންނަ ފަރާތްތަކުގެ ޒިންމާތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ކަންކަން ކުރިއަށްދާ ގޮތް މޮނީޓާ ކުރާނެ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.

ވޯކް ޕާމިޓް ނެތި އެތައް ހާސް ބިދޭސީންނެއް އުޅޭއިރު، އެ މީހުން ރާއްޖެ އަށް ގެނާ ފަތްތައް ހޯދައޮ، ފިޔަވަޅު އަޅާނެ ގޮތްތަކާއި ގުޅޭގޮތުން އެޗްއާރުސީއެމުން ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި ވޯކް ޕާމިޓް ނެތި ފިލައިގެން އުޅޭ ބިދޭސީންނަށް މަސައްކަތްތައް ހަވާލުކުރާ މީހުންނަށް ފިޔަވަޅު އަޅާ ގޮތްތަކާއި، މަސައްކަތް ކުރުވުމަށް ފަހު ބިދޭސީންނަށް މުސާރަ ނުދޭނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ގޮތްތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ މެދުގައި ވަނީ މަޝްވަރާ ކުރެވިފަ އެވެ.

ބިދޭސީންގެ ހައްގުތައް ހިމާޔަތްކުރުމަށް، ލޭބާ ރިލޭޝަންސް އާއި އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްމަތްތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި އެ މީހުން ދިރިއުޅޭ ތަންތަން އިންސްޕެކްޓް ކުރެވޭ ގޮތްތަކާއި، އިންސްޕެކްޝަނުން ގަވާއިދާ ހިލާފު ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ އެ މީހުން ގެންގުޅޭ ފަރާތާއި މެދު އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.
ހިޔާލު