ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ހަ ދާއިރާ އަކަށް ބަހާލައިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކޮށް ނޫމާން ވިދާޅުވީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރަން ނިންމާފައިވާ ކަންކަން، ތިން މަސް ދުވަހުގެ ތެރޭގައި ކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި އޭގެ ތެރެގައި ޖުމްލަ 24 ކަމެއް ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަން ނިންމާފައިވާ މަސައްކަތްތައް ނިމުމުން، އިމްޕޯޓު އަދި އެކްސްޕޯޓު ކްލިއަރެސް މަރުހަލާ މިހާރަށް ވުރެ ފަސޭހަވެގެން ދާނެ ކަމަށް ނޫމާން ވިދާޅުވި އެވެ. އޭގެ އިތުރުން ކަސްޓަމްސްގެ ޚިދުމަތް ހޯދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މަގެއް ގާއިމް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫމާން ވިދާޅުވީ އެ މަސައްކަތްތައް ނިމުމާ އެކު ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް ނުވަތަ ބޯޑާ އިންސްޕެކްޝަން މަސައްކަތްތައް ވެސް ހަރުދަނާ ވެގެން ދާނެ ކަމަށެވެ. އަދި ކަސްޓަމްސްގެ މާހައުލަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމާއި، އެ ތަނުގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށް ނޫމާން ވިދާޅުވި އެވެ. އޭގެ އިތުރުން ކަސްޓަމްސްގެ ޕަބްލިކް ރިލޭޝަންގެ ދާއިރާ ހަރުދަނާ ކުރުމަށް ނިންމާފައިވާ ކަމަށް ނޫމާން ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުކޮށްފައިވާ ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާ ކުރަން ކަނޑައެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދުމަށް، ކަސްޓަމްސްގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށް ނޫމާން ވިދާޅުވި އެވެ.