Beyinsaafun vazeefa gellunu 451 massala balan fashaifi
image
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު.-- ފޮޓޯ: ރައީސް އޮފީސް
މަރިޔަމް ރިފާ
0 ކޮމެންޓް
 

ބޭއިންސާފުން ވަޒީފާ ގެއްލުނު 451 މައްސަލަ ބަލަން ފަށައިފި

ބޭއިންސާފުން ވަޒީފާ އިން ވަކުކުރުން ނުވަތަ ބަދަލު ކުރުމުގެ 451 މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން ކޮށް ނިމިފައިވާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން، ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، އެ މައްސަލަތައް ބަލާ، ނިންމުމަށް ވަކި ތާރީހެއް ކަނޑައެޅިގައި ނެތް ކަމަށެވެ. ނަމަވެސް، އެ މައްސަލަތައް ބެލުމަށް ފަހު އިންސާފު ހޯދައިދޭނެ ކަމަށް ހޫދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި، ވަޒީފާ ބަދަލު ކުރި މީހުން މައްސަލަތައް ހުށަހެޅުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ ތިން ވަނަ ދުވަހެވެ. އަދި އެ މައްސަލަތަށް ހުށަހެޅުމަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ކުރީގެ ސަރުކާރުން ސިޔާސީ ސަބަބުތަކާ ހެދި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކި ކުރުމާއި، ވަޒީފާ އަށް ނިކުންނަން ޖެހޭ ތަން ބަދަލު ކުރުމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. އެ ކަންކަން ބަލައި، އެ މީހުންގެ ހައްގުތައް ހޯދައި ދިނުމަށް ރައީސް ސޯލިހު ވަނީ ޚާއްސަ ކޮމިޓީ އެއް އުފައްދަވާފަ އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ހަމަޖައްސާފައިވާ ވައުދުތަކުގެ ތެރޭގައު ބޭއިންސާފުން ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ވަޒީފާ ބަދަލުކޮށްފައިވާ މީހުންނަށް އިންސާފު ހޯދައިދިނުން ހިމެނެ އެވެ.
ހިޔާލު