Kalhuvakaru Miskih Kurin Dhiraagu Huri Bimugai Bahattanee
image
1 ކޮމެންޓް
 

ކަޅުވަކަރު މިސްކިތް ކުރިން ދިރާގު ހުރި ބިމުގައި ބަހައްޓަނީ

ކަޅުވަކަރު މިސްކިތް، ރަސްރަނި ބަގީޗާ، (ކުރީގެ ސަލްޓަން ޕާކު) ސަރަޙައްދުގެ ތެރޭގައި ޗާންދަނީމަގު، މެދުޒިޔާރަތްމަގު ގުޅޭކަންމަތި (ކުރިން ދިރާގު އޮފީސްހުރި) ބިމުިގައި ބެހެއްޓުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެތަނުގައި މިސްކިތް ބެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށެވެ. ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކް ސަރަހައްދުގައި ބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުންވެސް ވަނީ ނިންމާފައެވެ.

މިނިސްޓްރީން ބުނީ އެތަނުގައި މިސްކިތް ބެހެއްޓުމަށް ނިންމައި އެސަރަހައްދުގެ ކުރެހުންތައް ތައްޔާރު ކުރުމާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރޭވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މިނިސްޓްރީން ބުނީ މިސްކިތް އަލުން ރޭވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މި މިނިސްޓްރީން މިހާރު މިވަނީ ފަށާފައި ކަމަށެވެ. މިގޮތުން މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާދިނުމާއި މަރާމާތު ކުރުންޖެހޭ ބައިތައް މިހާރު ގެންދަނީ މަރާމާތު ކުރަމުންނެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވަޢުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭކަމެކެވެ.

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަވާނީ، އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކު، އަދި ބޭނުންވާ ފަރާތްތަކަށް ޒިޔާރަތްވެސްކުރެވޭ ތަނެއްގެ ގޮތުގައި، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ފަދަ ގޮތަކަށެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި، ފާރުތައް ހިރިގަލުން ހަދައި، ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779މ. އިން 1799މ. އަށެވެ.

ކަޅުވަކަރު މިސްކިތަކީ އެތައް ޚާއްޞަކަމެއް އެކުލެވިގެންވާ އެހެން މިސްކިތްތަކާ ޚިލާފު މިސްކިތެކެވެ. މުޅިން ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހަދާފައި ހުރި އެވަރުގެ ދެވަނަ މިސްކިތެއް މުޅި ރާއްޖޭގައި ވެސް ނެތެވެ. މިސްކިތުގައި ބޭނުން ކޮށްފައި ހުރި ލިޔެލާ ޖެހުމުގެ މަސައްކަތް ރަމްޒު ކޮށްދެނީ ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމެވެ.
ހިޔާލު

މަމެން

ތި މިސްކިތް އައްޑޫ ސިޓީ ފޭދޫގައި ބެހެއްޓުނުން ރަގަޅުކަމަށް ދެކެން، އެއީވެސް ދިވެހި ތާރީޚްގައި ފާހަގަ ކުރެވޭ އަތޮޅެއް.