Falhu Rahrashun Bin Beynunkureveygoi Rayyithunge Faidhaa ah Badhalukollun
image
މުނާ މުހައްމަދު
10 ކޮމެންޓް
 

ފަޅުރަށްރަށުގެ ބިން ބޭނުންކުރެވޭގޮތް ރައްޔިތުންގެ ފައިދާއަށް ބަދަލުކުރުން

މާޒީގައި އަހަރެމެންގެ ތެރެއިން ގިނަ މީހުން ދިރިއުޅުނީ ރަށުގައެވެ. ރަށްކައިރީ އޮތް ފަޅުރަށުން ކާއްޓާ، ދަރާ، ކަށިކެޔޮލާ، ކަނަމަދާ އަދި މިނޫންވެސް ތަކެތި ހޮވައިގެން ކައިގެން ބޮއިގެން ވިއްކައިގެން ރާއްޖޭން ބޭރަށްވެސް ފޮނުވައިގެން އޭގެ ފައިދާގައި ހަޔާތް ވޭތުކުރީމެވެ. މިގޮތަށް އުޅެނިކޮށް 1972 ގައި އައި ފަތުރުވެރިކަމަށް އަހަރެމެންގެ ފަޅުރަށްތައް، ނަގާ ވަކި ކުންފުނިތަކަށާއި ވިޔަފާރި ވެރިންނަށް ރައްޔިތުންގެ ހިއްސާނެތި، ރިސޯޓް ހިންގަން ދޭންފަށައިފިއެވެ. އެހިންގާ ރިސޯޓްތަކުން ސަރުކާރަށް ޓެކްސް ދެއްކުމުން ދިވެހި ދައުލަތް މުއްސަނދިވެއްޖެވެ. ނަމަވެސް ރަށްކައިރީގައި އޮންނަ ފަޅުރަށުން އަހަރެމެން ރައްޔިތުން ސީދާ ނެރޭ އިގްތިސާދީ އަދި އިޖްތިމާއީ މަންފާތައް ބަންދުވެ، ދައުލަތަށް ލިބޭ މުއްސަނދިކަން އޮއްސަމުންދާ މާލެއަށް ހިޖުރަކޮށް ނިކަމެތިހާލުގައި އަހަރެމެން އުޅެން ފަށައިފީމެވެ. މިހިތްދަތި އަޅުވެތި ދިރިއުޅުމުން އަރައިގަތުމަށް ރާއްޖޭގެ އިގްތިސާދަކީ ގިނަ ރައްޔިތުންނަށް ފައިދާ ވާ އިގްތިސާދަކަށް ހަދަން ޖެެހެއެވެ. މިކަމުގެ އަސާސް ފެށެނީ އަހަރެމެންނަށް މާތް ﷲ މިންވަރުކުރައްވާ ދެއްވި އަގުނުކުރެވޭ ރިޒުގުންނެވެ. ބިމުންނެވެ. މީހުން ދިރުއުޅޭ ރަށްރަށާ ފަޅުރަށްރަށުގައި ވާ ބިމު ރޯދިންނެވެ.
ރާއްޖޭގެ ގައުމީ ތަފާސްހިސާބު ފޮތުގައި (2017) ވާގޮތުން މީހުން ނޫޅޭ 970 ފަޅުރަށް ދޫކޮށްފައިވާ ގޮތަކީ؛- ފަތުރުވެރިކަމަށް 304 ރަށް (%31)، ވަރުވާއަށް އަމިއްލަފަރާތްތަކަށް 149 ރަށް (%15)، ސަރުކާރުގެ އެކި އިދާރާތަކުގެ ހަވާލުގައި 443 (%46) ރަށް، ބެލެހެއްޓުމަށް އެގްރީމެންޓްކޮށް ދޫކޮށްފައިވާ 1 ރަށް، ރައްޔިތުންނަށް ކުއްޔަށް ދީފައިވާ 1 ރަށް އަދި ދިގުމުއްތަކަށް ކުއްޔަށް ދީފައިވާ 72 (%7) ރަށް ކަމަށެވެ.

ބިންފަދަ ގުދުރަތީ ވަސީލަތްތައް ބަހާއިރު ފަގީރުކަމާ ކާބޯތަކެތި ލިބުން ކަށަވަރުކުރުމަށާއި، ހާއްސަކޮށް މުޖުތައަމުގައި ނިކަމެތި ކުރެވިފައިވާ ފަރާތްތައް ބާރުވެރިކުރުވުމަށާއި، ތާރީހާއި ސަގާފަތާ ތަރިކަ ރައްކާތެރިކޮށް ދިރުވުމަށާއި ވެށި ހިމާޔަތްކުރުމަށާއި އަދި ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދީގެންކަމަށް، ކަމުގެ މާހިރުން ލަފާދެއްވައެވެ. ދައުލަތުން ފަޅުރަށްތައް ބަހާފައިވަނީ މިދެންނެވި ކަންކަމަށް ރިޔާއަތްކޮށްގެންތޯ މަތީގައިވާ ނަންބަރުތަކަށް ބަލައި ތިޔަބޭފުޅުން ނިންމަވާށެވެ. ކުރިއަށް އޮތް ބައިގައި ގުދުރަތީ ވަސީލަތްތައް ހާއްސަކޮށް ބިިން ބޭނުންކުރުމުގައި ރިޔާއަތްކުރަންޖެހޭ މުހިއްމު ކަންކަމަށް ކުރުގޮތަކަށް ބަަލާލާނަމެވެ.

ކާބޯތަކެތި ލިބުން ކަށަވަރުކުރުމާއި ފަގީރުކަމުން އަރައިގަތުމަށް ބިން

އަހަރެމެން ދިރިއުޅުމަށް ބޭނުންވާ ކަންކަމަށް ވިސްނާއިރު އެންމެ އަސާސީ ކަމަކީ ފުރިހަމަ ސިއްޙަތެއް ލިބުމެވެ. ކުއްޖަކު ސުކޫލަށްވެސް ދެވޭނީ އަދި ދިޔަސް ރަގަޅަށް އެއްޗެއް ދަސްވާނީވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރެގެންނެވެ. ދުޅަހެޔޮ ސިއްހަތު ގުޅިފައިވަނީ ކާނާއާއިއެވެ. ފަގީރުކަމުން އަރައިގަތުންވެސް ގުޅިފައިވަނީ ކާނާއާއިއެވެ. ކާބަފައިން ކާނާއަށްޓަކައި ބޭރުން ތަކެތި އެތެރެކުރުމަށް ބަރޯސާ ނުވިކަމުގައި ވިޔަސް ޒަމާން ބަދަލުވެ ތަރައްގީ އައިސް ދިވެހިންނަށް ލައްވާލިއިރު ސިއްހަތަށް ފައިދާހުރި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވައްތަކުގެ ސިނާއަތް މިއޮތީ ވަޅުޖެހިފައެވެ. ދައުލަތުގެ ކުންފުނި އެސްޓީއޯގައި ހުންނަނީ 2 މަހުގެ ކާނާކަމަށްވެއެވެ. ގުދުރަތީ ހާދިސާއެއް ނުވަތަ ހަނގުރާމައެއް ދިމާވެއްޖެ ނަމަ 2 މަސްވަންދެން ކައިފައި ދެންވާނީ ކިހިނެއްތޯ ވިސްނާލާށެވެ. ހުރިހާ ރަށެއް ރިސޯޓް ހަދަން ދޫކުރީމާ، ކަމެއް ދަމެއް ޖެހޭ ދުވަހު ތިޔަ ބޭފުޅުން ކައިބޮއި އުޅޭނީ ކޮންގޮތަކުން ތޯއެވެ؟

އަންހެނުންނާއި އާއިލާތަކާއި ޒުވާނުން ބާރުވެރިކުރުވުމަށް ބިން

ރާއްޖޭގައި ދަނޑުވެރިކަމުގައި މަސައްކަތްކުރާ މީހުންގެ 54 އިންސައްތައަކީ އަންހެނުންނެވެ. (އެފް.އޭ.އޯ). 1977 ގައި ރާއްޖޭގައި އިގްތިސާދީ ގޮތުން އުފެއްދުންތެރި މަސައްކަތުގައި ހަރަކާތްތެރިވާ 15 އަހަރުން މަތީ އަންހެނުން، 62 ޕަސެންޓްގައި ހުރި ނަމަވެސް، 1985 އަކަށް އައިއިރު އެއަދަދު 24 އިންސައްތައަށް ތިރިވެއްޖެއެވެ. އިގްތިސާދީ ގޮތުން މި މުއްދަތުގައި އައި އެންމެބޮޑު ބަދަލަކީ ދަނޑުވެރިކަން ހީނަރުވެ ފަތުރުވެރިކަން ކުރިއެރުމެވެ. އަދި އަދަން ދާންދެންވެސް، އަންހެނުން އިގްތިސާދީ ގޮތުން ހަރަކާތްތެރިވާ މިންވަރު މާޒީގައި ހުރި ވަރަކަށް ނުދެއެވެ. (2016 ގައި 42 އިންސައްތަ). ގައުމުގެ އިގްތިސާދު ބަދަލުކޮށްލި ގޮތުން (ގިނަ ރައްޔިތުންގެ ހިއްސާ ކުޑަކޮށް) ފިރިހެނުނަށްވެސް ލިބުނު ދެރަ ވަކި ކުޑައެއް ނޫނެވެ. އެއީ 1977 ގައި 90 އިންސައްތައިގައި ހުރި ވަޒީފާ އަދާކުރާ 15 އަހަރުން މަތީ ފިރިހެނުންގެ ނިސްބަތް، 2016 އަށް އައިރު 75 އިންސައްތައަށް ވެއްޓުމެވެ.

ރިސޯޓްތަކުގައި އެތައް އިންސާނީ ހައްގުތަކަކުން މަހުރޫމްވެގެން ބައްޕައިން މަސައްކަތް ކުރާއިރު ދަރިން ބެލުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުން، ކުރިއެކޭވެސް އެއްގޮތަށް މަސައްކަތެއް ކުރެވޭނެ މަގުތަށް މިވަނީ އަންހެންވެރިންނަށް ހަނިކޮށްފައެވެ. ރަށުގެ ބިންތަކާ ކައިރި ފަޅުރަށްތައް އެކަނބަލުންގެ ހިއްސާނެތި ބޮޑެތި ކުންފުނި ތަކާ ވިޔަފާރިތަކަށް ބައެއްފަހަރު ނުއަގުގައި ދީފައެވެ. އެބިންތަކާ ފަޅުރަށްތަކުގައި ހިންގާ މަސައްކަތްތަކުގައި ދިރިއުޅުވޭނެ އުޖޫރައެއް ދީގެން ރަށާ، ކައިރި ރަށްރަށުން ދިވެހިން ގެންގުޅުމުގެ ބަދަލުގައި އަޅު މުސާރައަކަށް ބޭރު ގައުމުތަކުން އިންސާނުން ގެނެސް ގެންގުޅެން ފަށާފައެވެ. ހާސްކަމެއް ނެތް ދިރިއުޅަމަކަށްޓަކާ، ކަމުގެ މާހިރުން ލަފާދޭ 8 ގަޑިއިރު މަސައްކަތް 8 ގަޑިއިރު އާއިލާއެކު 8 ގަޑިއިރު އަރާމް ކުރުން، މިއީ ރާއްޖޭގެ ގިނަ ވިޔަފާރިތަކަށް ކަމުދާ ގޮތަކަށް ނުވެފައެވެ.

ސުވާލަކީ އަހަރެމެން ދިވެހި ރައްޔިތުންގެ ގުދުރަތީ ވަސީލަތްތަކުގެ، ބޭނުންކޮށްގެން އިގްތިސާދު މިހިންގަނީ ކާކުގެ ފައިދާއަކަށްތޯއެވެ؟ ގައިމުވެސް ދިވެހި ބައްޕައިންނާ މަންމައިންނާ މާމަކާފައިންނާ އަދި އާއިލާތަކުގެ ފައިދާއަށް ހިންގޭ އިގްތިސާދެކޭ ނުދެންނެވޭނެއެވެ. އޭގެ ހިތި ނަތީޖާއަކީ "މާލެ ކިޔާ ޖަލެއްގައި" ގިނަ ދިވެހި އާއިލާތަކެއް މަޖުބޫރުން ގައިދުވުމެވެ.

ބިމުގެ ވެށި ހިމާޔަތްކުރުމަކީ އުޅޭ ވަޒަނާ ތިމާގެ ރިޒްގު ހިމާޔަތްކުރުން

ރާއްޖޭގެ އުފެއްދުންތެރިކަމުގެ 89 އިންސައްތަ އަންނަނީ ގުދުރަތީ ވަސީލަތްތަކުންނެވެ. ރާއްޖޭން ބޭރަށް ވިއްކާ ތަކެތީގެ 98 އިންސައްތައަކީވެސް ގުދުރަތީ ވެށީގެ ތެރެއިން ހޯދާ ތަކެއްޗެވެ. ކުރުކޮށް ބުނާނަމަ މަހެވެ. ކާބަފައިން ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖެއިން ބޭރަށް ވިއްކިނަމަވެސް އެކަން ވަނީ އޭގެ އަނެއްކޮޅަށް، މިހާރު ބަދަލުވެފައެވެ. ރާއްޖެއަކީ ދަނޑުވެރިކަމުގެ ބާވަތްތައް އިންތިހާއަށް އެތެރެ ކުރާ ގައުމަކަށް ވެފައެވެ. ރިސޯޓް ހަދަން، އަތޮޅުތަކުން ފަޅުރަށްތައް ހުސްވުމުން، ފަރުތަކާ ފަޅުތަކާ ހިއްކާ، ކަނޑުގެ ދިރުންތައް، ބަނޑުހައި ހޫނުކަމެއް ޖެހޭ ދުވަހަކުން ކާނީ ކޯއްޗެއްތޯއެވެ؟

ހަގީގަތުގައި ތިމާވެށި ހިމާޔަތްކުރާށޭ ކިޔާ މިބުނެވެނީ މިގައުމަށް ލިބިފައިވާ ރިޒްގު ނުވަތަ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރާ ވާހަކައެވެ. އަހަރެމެން ދިރިއުޅޭ ބިން ރައްކާތެރިކުރުމުގެ ވާހަކައެވެ.

ސުނާމީފަދަ ކަންކަމުން ރައްކާތެރިވުމަށް މަސްނޫއީ ތޮއްޓެއް ލުމަށް އެތައް ބިލިއަން ރުފިޔާއެއް ހޭދަކުރުމުގެ ބަދަލުގައި ގުދުރަތުން، ވެށީގައި ލައްވާފައިވާ ރައްކާތެރިކަމުގެ ސިފަތައްކަމަށްވާ ކުޅިތަކާ، ފަޅުތަކާ، ތޮއްޓާ، ފަރުތައް އަހަރެމެންގެ ދިރިހުރުމަށްޓަކާ ހިމާޔަތް ކުރަންވާނެ ވާހަކައެވެ. ދުނިޔޭގެ ފައިދާއަށް ކުރާކަމެއްވިޔަސް މިވަސީލަތްތައް ހަލާކު ނުކޮށް، އޭގެ އަސްލާ ލިބޭ މަންފާ ނުގެއްލޭނެހެން ކަންކަން ކުރަންވާނެ ވާހަކައެވެ. ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ބަނޑުހައިކަމާ ފަގީރުކަމުގައި ނުޖެހި ރީތިކޮށް އުޅުމަށް ވާސިލްކޮށް ދޭންވާނެ ވާހަކައެވެ. އެއީ ސުންނާފަތި ކުރުމެއްނެތް ދެމެހެއްޓެނިވި އާރޯކަންލިބޭ ތަރައްގީ އަކީ ވެއްޓާގުޅި ލާމެހިފައިވާ ކަމަކަށް ވާތީއެވެ.

އަޅުވެތިކަމުން މިންޖުކޮށްދޭ އަމިއްލަވަންތަ ދިރިއުޅުމަކަށް ބިން

ގުދުރަތީ ވަސީލަތްތަކާ މާހައުލުތަކަކީ އެތަނެއްގެ އާދަކާދަޔާ ބަހާ ސަގާފަތާ އަމިއްލަ ވަންތަކަމާ ތާރީޚާވެސް ގުޅިފައިވާ ކަންކަމެވެ. ދިވެހި ރުކުގެ ކޮންމެ ބާވަތަކަށާއި ކޮންމެ ހަރުފަތަކަށް ދިވެހި ނަންނަމުން ބަސް މުއްސަނދިވެފައި ހުރުމަކީ، މިބުނި މަގުން ވާ ކަންކަމެވެ. ބަޔަކު އަޅުވެތިކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެބައެއްގެ އަމިއްލަވަންތަކަން ނެތިކޮށްލުމެވެ. އުފެދި ހެދި ފޯދުނު މާހައުލުން ލުއްސާލައިގެން، މަސްނޫއީ ކޮށްޓަކަށް ލީމާ ދިރޭ ތަކެތި އާލާ ނުވާފަދައިން، އިންސާނާވެސް އޭނާގެ މާހައުލުން ދުރުކުރުމުން، ސަގާފަތާ ބަހާ އާދަކާދައާ އަމިއްލަވަންތަކަން ފިލައި، އަޅުވެތި ކުރަން ފަސޭހަވެދެއެވެ. ފަތުރުވެރިކަމުން ރަށްރަށަށް ގެނުވި ފަޅުކަމުން، ރަށްރަށްރަށުގެ ތާރީޚާ ސަގާފަތާ އަދި ބަސްތައް ނެތިގޮސް އަމިއްލަ ގައުމުގައި ރެފިއުޖީންނަށް ހެދުމުން، ދިވެހިންނަކީ އަޅުވެތިކަމަށް ފައްކާކޮށްފައިވާ ބަޔެކޭ ބުނެވިދާނެއެވެ.

މިއަޅުވެތިކަމާ ނިކަމެތިކަމުން އަރައިގަތުމަށް، ގައުމު ފަތުރުވެރިކަން ވަށާ އެނބުރުމުގެ ބަދަލުގައި ފަތުރުވެރިކަން ގައުމު ވަށާ އެނބުރެން ޖެހެއެވެ. އަދި ވިޔަފާރި ފައިދާ ވަށާ ރައްޔިތުން އެނބުރެން ޖެއްސުމުގެ ބަދަލުގައި ރައްޔިތުންގެ ފައިދާ ވަށާ ވިޔަފާރި އެނބުރެން ޖެހެއެވެ. ރައްޔިތުންގެ ފައިިދާ އޮތީ އެރައްޔިތުންގެ އިންސާނީ އާއިލީ އަދި އިޖްތިމާއީ ހައްގުތަކާ ބާރު ނުގެއްލޭ ގޮތަށް އިގްތިސާދު ބައްޓަން ކުރުމުގައެވެ.

ހައްލުގެ ފެށުން

އެކި ދާއިރާތަކުން އަތޮޅުފަޅުރަށްތައް ބޭނުންކުރާނެ މިންވަރު ކަނޑައެޅުން ރައްޔިތުުންގެ ފައިދާއަށް އިގްތިސާދާ އެކި ސިނާއަތްތައް ބައްޓަން ކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަހަރެމެންނަށް ލިބިފައިވާ ގުރުދަރީ ވަސީލަތްތައް ބޭނުންކުރާނެގޮތް މަތީގައިވާ ކަންކަމަށް ރިިޢާއަތްކޮށް ރައްޔިތުން ކަނޑައެޅުމެވެ. އަތޮޅުތަކުން ކަނޑައެޅުމެވެ.

އެއަތޮޅެއްގެ ބިންތަކާ ފަޅުރަށްތަކުގެ ތެރެއިން، ފަތުރުވެރިކަމަށް އެންމެ ގިނަވެގެން ދެވޭނީ ކިތައް ރަށްކަމާއި، މަސްވެރިކަމާ ދަނޑުވެރިކަމާ މިނޫންވެސް އިގްތިސާދީ މަސައްކަތްތަކަށް ޚާއްސަކުރާނީ ކިތައް ރަށްކަމާއި އިޖްތިމާއީ ބޭނުންތަކަށް ޚާއްސަކުރާނީ ކިތައް ރަށްކަމާއި އަތްނުލާ އަަންނަން އޮތް ޖީލުތަކަށާ އެހެން ދިރޭ ތަކެއްޗަށް ބާއްވާނީ ކިތައް ރަށްކަން އަތޮޅުތަކުގެ ރައްޔިތުން ކަނޑައަޅަން ޖެހެއެވެ. ފަޅުރަށްތައް ބެހުމުގައި އަތޮޅު ތަކުގެ ރައްޔިތުން ނިންމާ ގޮތް ސިޔާސާތު ރާވަން އެންމެ މަތިފަޑީގައި ތިބި ފަރާތްތަކަށް އަންގާ އެފަރާތްތަކުގެވެސް މަދަދާއެކު އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ފައިދާއަށް ބޭނުންކުރާނެ ގޮތްތަކުގެ ޕޮލިސީތަކާއި ގާނޫނުތައް ހަދައި ފާސްކުރަން ޖެެހެއެވެ.

ހަމައެއާއެކު އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކުގައި ރައްޔިތުންނާ ޖަމާޢަތުގެ ހިއްސާ (ޝެއަރ) އޮންނަން ޖެހެއެވެ. އަތޮޅު ތަރައްގީ ޕްލޭންތައް ހެދުމުގައި ވަސީލަތްތައް ކިއާއިރު އަތޮޅު ފަޅުރަށްތައްވެސް ހިމެނޭނެކަން ދަނެ، އެ ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ހަދަންޖެހެއެވެ. އަތޮޅު ރައްޔިތުން ހަދާ އަތޮޅު ފަޅުރަށް ބޭނުންކުރުމުގެ ޕްލޭންތައް ލާމެހިގެން ފަޅުރަށްތައް ބޭނުންކުރުމުގެ، ގައުމީ ތަސައްވުރާއި ޕްލޭނެއް އެކަށައެޅުމަކީ އެންމެ ފުރަތަމަ މިގައުމުން ކުރަންޖެހޭ ކަންތަކެވެ. ފަތުރުވެރިކަމާ މަސްވެރިކަމާ ދަނޑުވެރިކަމާ އަދި އެހެނިހެން ކަންކަމަށް ހަދާ ތަންފީޒުކުރެވޭ ޕްލޭންތަކާ ކަންކަން އަންނަންވާނީ އޭގެ ފަހަތަށެވެ.

ކާބޯތަކެތި ލިބުން ކަށަވަރު ކުރުމާއި، މުޖުތަމައުގައި ނިކަމެތިކަން ލިބިފައިވާ މީހުނާއި އާއިލާތަށް ބާރުވެރިކުރުމަށާއި، ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށާއި، ސަގާފަތާ ތަރިކަ ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ރިޔާޢަތްކޮށް، އަތޮޅު ފަޅުރަށްތައް ބޭނުންކުރާނެ ގޮތުގެ ޕްލޭން ހަދައި ތަންފީޒުކުރުމަކީ އަތޮޅު ތަރައްގީގެ އަސްލު ބިންގަލެވެ. އެބިންގާގެ މައްޗަށް ގައުމުގެ އިގްތިސާދީ އިޖްތިމާއީ ކަންކަން ބައްޓަންކުރެއްވިއްޖެނަމަ ބަރޯސާވުމެއްނެތް ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ އުފެއްދުންތެރި މިނިވަން ރައްޔިތެއް އުފެދި އިގްތިސާދު ރައްޔިތުންގެ ފައިދާއަށް ހިނގަން ފަށާނެއެެވެ. ރައްޔިތުން އެކަން ކުރާށެވެ.
އިޖުތިމާއީ
ހިޔާލު

ސައީދުތުރީ

ސަރުކާރަށް ރަށް ފަޅުކުރުމުގެ ފުރުސަތު ހަމަދެނީ ރައްޔަތުން އެޔޮއް ބޮޑު އިންޑިއާގައި ފާޙާނާ ތަށި ނުފެންނަ 500 މިލިޔަން މީހުން އެބައުޅޭ އެކަމަކު އެހުރިހާ އެންމެންނެތް ނުދޭ ރަށް ދޫކޮއްލާފައި ދިއްލީއަކަށް ރަށުގައި ތިބެގެން އުޅެވޭތޯ ބަލަނީ މިގައުމުގައި މީހުން އުޅޭތާ ކިތަށްހާސް އަހަރުވެއްޖެ މަސް އަލަޔަކީ މިންވަރަށް އީމަން ނުވުން ލޯނެއްނޫން ކޮންމެ އެއްޗެއް ދިނަސް ރަށްކުރިއަރުވާކަށް ނޫޅޭނެ މިހާރުދެސް މާލެޔަށްވުރެ ފަސޭހައިން ރަށްރަސުން ލޯނުލިބޭ މާލޭގެ ގިނަބިންތައް ހަދާފައި އެހެރީ ވިޔަފާރި ވެރިން އެމީހުންނަށް ބުންކުން ލޯނުދެނީ ސަރުކާރަކުން މާލޭގެ ނިކަމެއްޗަކަށް ލޯނު ދީފައެއް ނެތް ލޯނު ދެނީ 20% 30% ދެއްކީމަ

ފާތުން

މިއީ ކިތަންމެ ރަނގަޅު ލިޔުމަކަށް ވިޔަސް ހިތާމައަކީ މިގައި ފާހަގަކޮށްފައިވާ މަގަށް މިރާއްޖެ ގެންދަން ސިޔާސީވެރިންނާއި ބާރު ގަދަ މީހުން ނޫޅޭނޭކަން. އެހެންކަމުން ވެރިކަމުގެ މައްޗަށް ރައްޔިތުން ގަދަވެގަނެވޭނެ ގޮތެއް ހޯދަން މަޖުބޫރު. ފަސް އަހަރުންލާ ވޯޓަކީ މިހާރު ރައްޔިތުންނަށް ލިބޭ ބާރެއް ނޫން. މާލޭގެ ބޮޑުންވެގެން ރަށްރަށުގެ މީހުން ނިކަމެތިކުރަނީ

ރާކަނި

1970 ގެ ފަހުކޮޅު ކ.އަތޮޅު ގެ ބައެއް ރަށްރަށުމީހުން ފެށި ގެސްޓް ހައުސް ވިޔަފާރި ސަރުކާރުން ހުއްޓުވި ގޮތުގެ ވާހަކަވެސް ލިޔެލިނަމަ އިތުރަށް ފުރިހަމަވީސް.

ޒ،އ

ޥ ރަނގަޅު ލިޔުމެެެއް

ކެޔޮޅު

ބިން ވެރިކަން ކުރަން ޖެހޭ. ސަރުކަަރަށް ގޮވާލަން ރަށްތައް ހުސްނުކޮށް ބޭއްވުމަށް

ލަކޫ

މާލެ މީހުން ގެތަށް ބުރިބުރިޔަށް އަޅަން ފައިސާ ބޭންކުތަކުން ފަސޭހައިން ލިބޭގޮތަށް އަތޮޅުތަކުގެ މީހުން ގެތަށް ބުރިބުރިުަށް ނަގަން ބޭންކުތަކުން ފަސޭހައިން ލޯނުނުލިބެނީ ކީއްވެތޯ ؟

ރިސޯޓު މީހާ

ވ ވ ރަންޤަޅު ލިޔުމެއް. ތި ވާހަކަ ތަކަށް 100% ތާއީދު.

ކަލްމޫ

މާލޭގެ ގެތަށް ތަޅާލާފަ އަޅަމުން ދަނީ ބޭންކުތަކުންދޭ ފައިސާ ފަސޭހަކަމާއި އެކު ލިބޭތީ ރަށުގައި މީހަކި ޖިފުޓިގަޑެއް ހަދަން ފައިސާކޮޅެއް ނުދޭނެ ބޭންކަކުންވެސް އެއީތޯ އިންސާފަކީ އިޖުތިމާއީ އަދާލަތަކީ !

ގައުމު

ހައްގު މިންވަރު ލިބެންޖެހޭ. މިއީ ވ ފައްކާަ ލިއުމެއް. ކީއްވެ ނުދޭންވި.

މޮހޯ

ވވވ ރަނގަޅު ވާހަކައެއް.