Africa ge enme muhsandhi eh gaumai baghaavaatheh
image
ގާބަންގެ ރައީސް އަލީ ބޮންގޯ: ބަޣާވާތް ކުރި އިރު ހުންނެވީ ގައުމުން ބޭރުގައި.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

އެފްރިކާގެ އެންމެ މުއްސަނދި އެއް ގައުމައި ބަޣާވާތެއް

އެފްރިކާގެ އެންމެ މުއްސަނދި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅޭ ގެބޮންގެ އަސްކަރިއްޔާ އިން ބަޣާވާތް ކޮށް، އެ ގައުމުގެ ރައީސްގެ އަތުން ބާރުތައް އަތުލައިފި އެވެ.
ގެބޮންގެ އަސްކަރިއްޔާ އިން ބުނީ ބަޣާވާތް ކުރަން ޖެހުނީ، އެ ގައުމަށް ޑިމޮކްރަސީ ގެނައުމަށް ކަމަށެވެ. އަދި އެކަން ކުރުމަށް "ނޭޝަނަލް ރިސްޓޯރޭޝަން ކައުންސިލް"ގެ ނަމުގައި އަސްކަރިއްޔާ އިން ކައުންސިލެއް އެކުލަވާލާފައިވާ ކަން، އެ ގައުމުގެ ރޭޑިއޯ އިން ވަނީ އިއުލާނު ކޮށްފަ އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ، ހުޅަނގު އެފްރިކާގެ ގައުމުގައި، އެއް އާއިލާ އަކުން ވެރިކަން ކުރަމުން އަންނަތާ މިހާރު 50 އަހަރު ވެއްޖެ އެވެ. ބަޣާވާތް ކުރި އިރު ވެރިކަމުގައި ހުރީ، 2009 ވަނަ އަހަރު ރައީސް ކަމާ ހަވާލުވި އަލީ ބޮންގޯ އެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަސްކަރިއްޔާ އިން އެ ގައުމުގެ ވެރިކަމާ ހަވާލުވި ކަމަށް މިއަދު އިއުލާނު ކުރި އިރު، ރައީސް އަލީ ބޮންގޯ ބޭސްފަރުވާ އަކަށް ގައުމުން ބޭރުގައި ހުންނަވާތާ ދެ މަސް ވެއްޖެ އެވެ.

ރައީސްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ތަފާތު ވާހަކަތައް ފެތުރެމުން ދަނިކޮށް، އާ އަހަރާ ދިމާކޮށް ގައުމުގެ ރައްޔިތުންނަށް ވަނީ، ހާލު ރަނގަޅު ކަމަށް ވިދާޅުވެ ވީޑިއޯ މެސެޖެއް ދެއްވާފަ އެވެ. ނަމަވެސް ސިފައިން ވަނީ އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ރައީސް ދެއްވި މެސެޖެއް ކަމަށް ބުނެފަ އެވެ.

އެގޮތުން ބަރު ހަތިޔާރާ އެކު އަސްކަރިއްޔާ އިން ނިކުމެ އެ ގައުމުގެ ވެރިކަމާ ހަވާލުވި އިރު، އެ ގައުމުގެ ޓްރާންސްޕޯޓް ނެޓްވޯކާއި، ހަތިޔާރު ގުދަން އަދި އެއާޕޯޓްތަކުގެ ކޮންޓްރޯލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހިޔާލު