Baghaavaai naakaamiyaabu kohlaifin: Gabonge Sarukaaru
image
ސަރުކާރާ ދެކޮޅަށް ނިކުތް ސިފައިން ގެގޮންގެ ޓީވީގައި ބަޣާވާތް ކުރިނަން އިއުލާނު ކުރަނީ.
0 ކޮމެންޓް
 

ބަޣާވާތް ނާކާމިޔާބު ކޮށްލައިފިން: ގެބޮންގެ ސަރުކާރު

އެފްރިކާގެ އެންމެ މުއްސަނދި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅޭ ގާބަންގެ އަސްކަރިއްޔާ އިން މިއަދު ގެނައި ބަޣާވާތް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް، އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނަކާ ހަވާލާދީ ބީބީސީން ބުނާގޮތުގައި، ބަޣާވާތް ކުރަން މަސައްކަތް ކުރީ ސިފައިންގެ ޖޫނިއާ އޮފިސަރުންތަކެއް ގުޅިގެން ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރު އޮފިސަރަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އިތުރު އޮފިސަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ބަރު ހަތިޔާރާ އެކު ސިފައިން ނިކުމެ އެ ގައުމުގެ ވެރިކަމާ ހަވާލުވި ކަން އިއުލާނު ކުރީ، މިއަދު ހެނދުނު އެ ގައުމުގެ ރޭޑިއޯ ސްޓޭޝަނުންނެވެ. ބަޣާވާތް ކުރަން ޖެހުނީ އެ ގައުމަށް ޑިމޮކްރަސީ ގެނައުމަށް ކަމަށާއި، އެކަން ކުރުމަށް "ނޭޝަނަލް ރިސްޓޯރޭޝަން ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އެކުލަވާލާފައިވާ ކަމަށް، ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ރޭޑިއޯ ސްޓޭޝަން ގެންދިއުމަށް ފަހު އިއުލާނު ކުރި އެވެ.

ސަރުކާރާ ދެކޮޅަށް ނިކުތް ސިފައިން ފަހުން ވަނީ އެ ގައުމުގެ ރަސްމީ ޓީވީ ވެސް އެ މީހުންގެ ބާރުގެ ދަށަށް ގެނެސް، ބަޣާވާތް ކުރިކަން އިއުލާނު ކޮށްފަ އެވެ. އަދި އެ ގައުމުގެ ޓްރާންސްޕޯޓް ނެޓްވޯކާއި، ހަތިޔާރު ގުދަން އަދި އެއާޕޯޓްތަކުގެ ކޮންޓްރޯލް ނެގުމުގެ ބަޣާވާތް ކުރި ސިފައިން މަސައްކަތް ކުރި އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ، ހުޅަނގު އެފްރިކާގެ ގައުމުގައި، އެއް އާއިލާ އަކުން ވެރިކަން ކުރަމުން އަންނަތާ މިހާރު 50 އަހަރު ވެއްޖެ އެވެ. އަދި އެ އާއިލާ އަކީ އަސްކަރިއްޔާގެ ފުރިހަމަ ތާއީދު އޮތް އާއިލާއަކަށް ވުމުން، މިއަދު އެ ގައުމަށް ގެންނަން އުޅުނު ބަޣާވާތާ އެކު އެތައް ބަޔަކަށް ހައިރާންކަން ގެނުވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 2009 ވަނަ އަހަރު ރައީސް ކަމާ ހަވާލުވި އަލީ ބޮންގޯ، ބޭސްފަރުވާ އަށް ގައުމުން ބޭރުގައި އުޅުއްވި ނަމަވެސް، ބަޣާވާތް ކުރުމުން ގައުމުގައި އުފެދިފައިވާ ހަލަބޮލިކަން ކޮންޓްރޯލް ކުރެވިފައިވާ ކަަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އަސްކަރިއްޔާގެ އިސް ވެރިންނާއި، ގިނަ ސިފައިން އަދި ވެސް ތިބީ ސަރުކާރާ އެކުގައި ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސް އަލީ ބޮންގޯ ވެރިކަމާ ހަވާލުވީ، ބައްޕާފުޅު އޮމަރު ބޮންގޯގެ ވެރިކަމަށް ފަހު އެވެ. އަދި 2016 ވަނަ އަހަރު އޮތް ހަމަނުޖެހުން ބޮޑު އިންތިހާބު އަލީ ބަންގޯ ވަނީ ކުޑަ ތަފާތަކުން ކާމިޔާބު ކޮށްފަ އެވެ.

އެ ގައުމުގެ އަސްކަރިއްޔާ ކޮންޓްރޯލް ކުރަނީ ރިޔާސީ ގާޑުންނެވެ. ރިޔާސީ ގާޑުގައި ގިނައިން އުޅެނީ ބޮންގޯ އާއިލާ އުފަން ސަރަހައްދަށް ނިސްބަތްވާ، އެ އާއިލާ އަށް ވަފާތެރި ސިފައިންނެވެ. އެހެންކަމުން އެ އާއިލާ އާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާގެ ތެރެއިން ކަމެއް ކުރުން އުނދަގޫ ވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ހިޔާލު