Taxi agu kandaelhumuge forum: Geyge kuli, Current bill, Fen bill!
image
ބުރިޖު މަތިން ޓެކްސީ އެއް ދަތުރު ކުރަނީ.-- ފޮޓޯ: ސަން
10 ކޮމެންޓް
 

ޓެކްސީ އަގު ކަނޑައެޅުމުގެ ފޯރަމް: ގޭގެ ކުލި، ކަރަންޓް ބިލް، ފެން ބިލް!

އަޅުގަނޑަކީ މާލެ އަށް އުފަން، މާލޭ ރައްޔިތެއް ނޫނެވެ. މާލޭގައި ދިރި އުޅޭ ގިނަ މީހުންނެކޭ އެއްގޮތަށް، ބޮޑު ކުލީގައި ދިރިއުޅޭނެ ތަނެއް ހިފައިގެން އުޅޭ މީހެކެވެ. އަދި އެހެން އެންމެންނެކޭ އެއްގޮތަށް ކަރަންޓް ބިލާއި، ފެން ބިލު ވެސް ދައްކައިގެން ދިރިއުޅޭ މީހެކެވެ.
އެކަމަކު އަޅުގަނޑަކީ ޓެކްސީ ޑްރައިވަރެއް ނޫނެވެ!

މާލެ އާއި ހުޅުލެ، އަދި ހުޅުމާލެ އެއްގަމު މަގުން ގުޅާލުމާ އެކު ޓެކްސީ ދަތުރުތަކަށް އާ ދޮރެއް ހުޅުވިއްޖެ އެވެ. އެކަމަކު އެ ދަތުރު ތަކުގެ އަގުތަކާ މެދު އެއްވެސް ބަޔަކަށް އެއްބަސް ވެވުނު ކަމަކަށް އަދި ނުފެނެ އެވެ. ބުރިޖު ހުރަސްކޮށް ޓެކްސީ ތަކުން ކުރާ ދަތުރުތަކުގެ އަގު ސުމާރެއް ނެތި ބޮޑުވެގެން ގޮސްފައިވުމުން، އެ ކަމަށް އަގުތަކެއް ކަނޑައެޅުމުގެ މަޝްވަރާ އަށް ރޭ ބޭއްވި ފޯރަމުން އެކަން މި ވަނީ ވަރަށް ބޮޑަށް ސާފުވެގެން ގޮސްފަ އެވެ.

މެޖޯރިޓީ ޓެކްސީ ޑްރައިވަރުން ބައިވެރިވެ، ޝުއޫރު ފާޅުކުރި ފޯރަމުން އެންމެ ބޮޑަށް އަޅުގަނޑަށް ފާހަގަވީ ގިނަ ޓެކްސީ ޑްރައިވަރުން އެ މީހުންގެ ފަރުދީ ޒިންމާ ނުނަގާ، ތަފާތު މިސާލުތައް ދައްކައިގެން، ބުރިޖު ދަތުރުތަކުގައި މިހާރު ނަގަމުން އަންނަ ބޮޑެތި އަގުތައް ދެމެހެއްޓުމަށް މަސައްކަތް ކުރި ތަނެވެ.

އެކަން ހާމަވާ އެންމެ ބޮޑު މިސާލަކީ، މި ލިޔުމުގެ ފުރަތަމަ ޕެރެގްރާފުން އެ ދޭހަވާ ކަންތައްތަކެވެ؛ އެ ފޯރަމުގައި ވާހަކަ ދެއްކި ގިނަ ޑްރައިވަރުން، ބުރިޖު ހުރަސްކޮށް މިހާރު ކުރަމުން އަންނަ ދަތުރުތަކަށް ނަގާ އަގުތައް ދެމެހެއްޓުމަށް ދެއްކި އެންމެ ބޮޑު އުޒުރަކީ އެއީ އެވެ. ގޭގެ ކުއްޔާއި، ކަރަންޓް އަދި ފެން ބިލް ދައްކައިގެން ދިރިއުޅޭ ވާހަކަ އެވެ.

ފޯރަމުގައި ވާހަކަ ދެއްކި ގިނަ ޓެކްސީ ޑްރައިވަރުންގެ ވާހަކަތައް ބައްޓަން ކޮށްފައި ހުރި ގޮތުން ދޭހަވީ، އެ ހަރަދުތަކަކީ ޓެކްސީ ޑްރައިވަރުން އެކަނި ކުރަންޖެހޭ ހަރަދުތަކެއްގެ ގޮތުގަ އެވެ. ގިނަ ޓެކްސީ ޑްރައިވަރުން ވާހަކަ ދެއްކީ ފަރުދީ ޒިންމާ ނުނަގާ ކަމަށް، ކުރިން ބުނެފައި އެ ވަނީ މި ފަދަ ކަންކަމާ ހުރެ އެވެ.

އެ ވާހަކަތައް ދޫކޮށްލުމަށް ފަހު، ތިރީގައި އެ ވާ ޓެކްސީ ޑްރައިވަރުގެ ވާހަކައިގެ ތެރެއަށް ނަޒަރު ހިންގާލާނަމެވެ.

"އިންސްޓޯލްމަންޓަށް ނަގައިގެން ޓެކްސީ ކުރުރަނީ ނިސްބަތުން މަދު ބައެއް. ދެން އަމިއްލަ ޓެކްސީ ގެންގުޅޭނީ މީހުން ވެސް އުޅޭ. އެކަމަކު ގިނަ ޑްރައިވަރުންނަކީ އެހެން މީހެއްގެ އަތުން ކާރު ނަގައިގެން ޓެކްސީ ކުރާ މީހުން،" މާލޭގައި ޓެކްސީ ކުރުމުގައި 18 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަޖުރިބާކާރު ޑްރައިވަރަކު ނަން ނުޖަހާ ގޮތަށް ބުންޏެވެ.

އެ ޓެކްސީ ޑްރައިވަރުގެ ވާހަކަ ހަނދާނުގައި ބެހެއްޓުމަށް ފަހު އަނެއްކާ ވެސް ފޯރަމުގައި ގިނަ ޑްރައިވަރުން ދެއްކި ވާހަކަތަކަށް ދަމާ ހިނގާށެވެ.

ކާރު މަރާމާތުގެ އަގު ބޮޑުވުމާއި، ސްޕެއާ ޕާޓްސްގެ އަގު ބޮޑުވުމުގެ ވާހަކަ އެވެ؛ ކައިރި ގައުމުތަކުގައި ޓެކްސީ ކުރާ އަގުތަކާ ރާއްޖޭގައި ޓެކްސީ ކުރާއިރު ނަގާ އަގުތަކާ އަޅާ ނުކިއޭނެ ކަމަށް ބުނެ، ޓެކްސީ ޑްރައިވަރުން އެންމެ ބޮޑަށް ފާހަގަ ކުރާ އެއް ޕޮއިންޓެވެ.

އެ ފޯރަމުގައި ވާހަކަ ދެއްކި ގިނަ ޓެކްސީ ޑްރައިވަރުން ވެސް ވަނީ، ޓެކްސީ ކުރާ ގިނަ މީހުންނަކީ އެހެން މީހުން އަތުން ކާރު ނަގައިގެން ޓެކްސީ ކުރާ މީހުން ކަމަށް ބުނެފަ އެވެ. އެކަމަކު ޑްރައިވަރުން ނުދައްކާ، ހަނދާން ނައްތާލި ވަރަށް މުހިންމު ޕޮއިންޓެއް އެބައޮތެވެ.

އެހެން މީހުންގެ އަތުން ނަގައިގެން ޓެކްސީ ކުރުމުގެ ވާހަކަ އެވެ؛ އާންމު ގޮތެއްގައި އެހެން ޓެކްސީ ކުރާއިރު، ކާރު ވެރިމީހާ އަށް ލިބޭނީ މަހަކު 6،000-7،500ރ. ގެ އާމްދަނީ އެކެވެ. އެއީ ދުވާލަކަށް ބަލާއިރު 200-250ރ. އެވެ. އެ އަށް ފަހު،ސެންޓަރުގެ ފީ އާއި އެ ދުވަހެއްގެ ޕެޓްރޯލް ހަރަދު ކެނޑުމުން ވެސް، ޓެކްސީ ޑްރައިވަރަށް، ކަރުގެ ވެރިމީހާ އަށް ލިބޭ ވަރަށް ވުރެ މާ ބޮޑު އާމްދަނީ އެއް ލިބެ އެވެ. މިކަމަށް ޓެކްސީ ޑްރައިވަރުން އިންކާރު ކުރާނެހެނެއް ހިޔެއް ނުވެ އެވެ.

ދެން މިއޮތީ ޑްރައިވަރުން "ހަނދާން ނައްތާލާ" ވާހަކަ އެވެ. ޓެކްސީ ކުރާއިރު އެ ކާރު މަރާމާތު ކުރަން ޖެހިއްޖެ ނަމަ އެ ޚަރަދުތައް ކުރަނީ ކާރު ވެރި މީހާ ކަމެވެ. އެއީ ޓެކްސީ ދުއްވާ ޑްރައިވަރުގެ އަތުން އެއްވެސް ޚަރަދެއް ހިނގާނެ ކަމެއް ނޫނެވެ. އެންމެ ކުޑަމިނުން ޓެކްސީގެ އަޑީތެޔޮ ބަދަލު ކުރަން ލާރި ދައްކަން ޖެހެނީ ވެސް ކާރުގެ ވެރިމީހާ އަށެވެ.

ޓެކްސީ ޑްރައިވަރުން މިހާރު އެ ބުނާ ގޮތަށް، ބުރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް ބޮޑެތި އަގުތައް ނެގި ނަމަވެސް އެ ކަމުގެ ފައިދާ ލިބޭނީ ހަމައެކަނި އެ މީހުންނަށެވެ. ޓެކްސީ ކުރާ ކާރުގެ ވެރިމީހާ އަށް ލިބޭނީ ހަމަ ކުރިން ވެސް ލިބުނު ވަރެވެ. އަދި ކާރު މެއިންޓެނެންސާއި، ސްޕެއާ އަދި އަޑީތެލަކީ ވެސް ހަމަ ކުރިއެކޭ އެއްގޮތަށް ކާރު ވެރިމީހާގެ ބޮލުގައި އެޅިފައި އޮންނަ ޒިންމާއެކެވެ.

އެ ފޯރަމުގައި ޓެކްސީ ކުރާ ކާރެއްގެ ވެރިއަކު މިކަން ފާހަގަ ކުރި އެވެ. އޭނާ ބުނި ފަދައިން، ބޮޑު އަގުގައި ޓެކްސީ ކުރާނަމަ ކާރުގެ ވެރިންނަށް ލިބޭ ފައިސާގެ އަދަދު އިތުރުވާން ނުޖެހޭ ހެއްޔެވެ؟

ދެން އޮތީ ޓެކްސީ ޑްރައިވަރުންގެ އާމްދަނީގެ ވާހަކަ އެވެ؛ އާންމުކޮށް ރާއްޖޭގައި ދަށަށް ޖަހައިގެން، ޓައި އަޅާ ނަލަ ހެދިގެން އޮފީހަށްދާ ގިނަ މީހުންނަށް ވުރެ ބޮޑު އާމްދަނީ އެއް ޓެކްސީ ޑްރައިވަރުން ނަގަ އެވެ. މިއީ ދެކޮޅު ހެދެން ނެތް ހަގީގަތެކެވެ.

އެހެންކަމަށް ވާނަމަ ބުރިޖު ހުރަސްކޮށް ކުރާ ޓެކްސީ ދަތުރުތަކަށް، ޑްރައިވަރުން ހިތްހަމަޖެއްސުމަށް ނުވަތަ އެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބޮޑު އަގެއް ނަގަން ދޫކޮށްލައިފިނަމަ ދެން ތިބި އެތައް ހާސް ބައެއްގެ ހައްގުތައް ކޮބައި ހެއްޔެވެ؟

ސަރުކާރަށް ވުރެ ނުފޫޒުގަދަ ބައެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޓެކްސީ ޑްރައިވަރުން، އާންމުންގެ ނަޒަރިއްޔާތުން މިކަމަށް ވިސްނާލުން މުހިންމެވެ. އަދި މާލޭ ތެރެ އާއި ބުރިޖު ހުރަސްކޮށް ދުއްވާ ދަތުރުތަކުގައި އަނދާ ޕެޓްރޯލުގެ ނިސްބަތް ބެލުމަށް ފަހު، އެކަށީގެންވާ އަގެއް ނެރުން މުހިންމެވެ.

އެފަދަ ގޮތަކަށް އެއްބަސް ނުވެވޭ ނަމަ ދެން އޮތީ މީޓަރު ޓެކްސީގެ ވާހަކަ އެވެ. ނަމަވެސް މީޓަރު ޓެކްސީ އަކީ ރާއްޖެ އަށް އާ ކަމަކަށް ވާއިރު، އެކަމުން ނިކުމެދާނެ މައްސަލަތަކަށް ވިސްނަން ޖެހެ އެވެ. އެކަން ކުރުމުގެ ކުރިން އެ ފަދަ ބަދަލެއް ގެނެސްގެން ދިމާވެދާނެ ގޮންޖެހުންތަކަށް ފުރިހަމަ އަށް ތައްޔާރުވާން ޖެހެ އެވެ. ނުވަތަ މިހާރަށް ވުރެ އިތުރަށް ޓެކްސީ ނިޒާމު ބޮއްސުންލުމުގެ ބިރު ބޮޑެވެ.
ހިޔާލު

Nathaa

މަނޫޅެއް 100 ރުފިޔާ ދީފަ ޓެކްސީގަ ހުޅުމާލެއަށް ދާކަށް. 50 ރުފިޔާއަށް ވުރެ ބޮޑުވެގެން ނުވާނެ. ޢަހަރެމެން ދާނީ ބަހުގަ ދޯ ފާތިމާ

މޮހޮނުއަށް ރަށްދު

މޮހޮނު ޓެކްސީއެއް ގަނެގެން ވަޑައިގަންނަވަންވީ ނޫންތޯ 50ހަށް 60ހަށް ކުރައްވަން؟ ހަމަ އެހާ ނާތަހުޒީބީތޯ؟ ނޫނީ ޖާހިލީތޯ؟

އަހުމަދު

މީޓަރު ހަރުކުރަންވީ. ފެށޭ އަގަކީ 25 ކަމުގައި ހަދާ ވަކި ދިގުމިނަކަށް ވުރެ އިތުރުވާނަމަ އެ މީޓަރަށް ލާރިނަގާނީ

އަޙްމަދު

ރައްޔިތުންގެ މަޖްލީސް، ޑުރައިވަރުން، މާލެ އެޕާތުމެންޓު ކުލި މިއީ އެމީހުން އަމިއްލައަށް ކަނޑައަޅާ މުސަރަ، ކުލި، އަގު. މިކަންބެލޭނެ ނިޒާމެއްނެތް. ލުއެއް ހޯދާދޭނެ ބަޔަކު ނެތް. ސިޔާސީ ޒާތީ މީހުން ލޯ އަދިރި. ހައްލެއްނެ މިކަމުގައި. ސަރުކާރުންވެސް މިކަން ބަލާނީ އެޕްރީލްގެ ފަހުން. އެކަކު މޮޔަވަނީ މެޖޯރިޓީ ނުލިބިގެން.

ހުސެން

ޓެކްސީ ކުރުމަކީ މީހުން ހީކުރާކަހަލަ ފަސޭހަ މަސައްކަތެއް ނޫން އަމުދުން މާލޭގަ ވ ރިސްކުވެސް ބޮޑު ކަމެއް ސިއްހީ ގޮތުންވެސް ކީއްވެބާ މިވަރު މީހުނަށް ފަހުމް ނުވަނީ އަވަސް ހިދުމަތެއް ވިއްޔާ އަގެއްވެސް ހުންނާނެ ދެން ކިހިނެއް ޓައީ އަޅާމީހުނާ މިކަންތައް އެެއްވަރުކުރެވޭނީ އެމީހުންވެސް އެކަންވަންނާ ހަމަ ޓެކްސީ ކުރަންވީ ޓެކްސީވެސް ކުރަނީ ކުރެވޭވަރު މީހުން

މޯޑު

ހުޅުމާލެ އަށް ދާން ޓެކްސީ އަށް ދޭން 100 ރުފިޔާ ނެތިއްޔާ ޓެކްސީ އަށް ނާރަބަލަ. ބަސް އެއޮތީނު، ފެރީ ވެސް އެ އޮތީނު ނޫނީ އަމިއްލަ ސައިކަލުވެސް އެބަހުއްޓެންނު..ޓެކްސީ ގަ ދާން ބޭނުންވަނީ ، އެކަމު ލާރި އެއް ނެެތް. ރެސްޓޯރަންޓް އަށް ގޮސް ކައިފަ ބިލް ގެނައިމަ ހާދަ ބިލް ބޮޑޭ ކީއްވެ ނުބުނަނީ؟ އުޅޭ ގޭގެ ކުލި ބަލާ އައިމަ ހާދަ ކުލި ބޮޑޭ ކީއްވެ ނުބުނަނީ..

އެއްކަލަ ގޮލާ

މި އާޓިކަލް ލިޔުނު ފަރާތް އަމިއްލަ ނަފްސާ ސުވާލު ކޮށްލަން ރަނގަޅު މާލޭގެ ގެ ތަކުގެ ރެންޓް ހުރީ ހަމަ އެކަށީގެންވާ މިންވަރެއްގައިތޯ. ކާކުތަ ބޮޑު މުސާރަ ލިބެން އޮއްވައި ކުޑަ ކުރާނީ. ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރު ބޮޑު ކުރުމުގެ އިތުރު ގޮތްތަކެއް ނޯވޭ. ގިނަ ވަޒީފާ ތަކުގައި ވަނީ މިހެން. ގޮސް ބަލާލަބަ ބަނދަރުމަތީ އުޅޭ ބަންގާޅީންވެސް ފޮށިގަނޑެއް ގެންގޮސްދޭނީ އެންމެ ބޮޑު އަގުގައި. ނުޖެހޭ ކުޑަ ކުރާކަށް.
ކުރަންޖެހޭ ބޭސިކް ހަރަދުތައް ބޮޑު ވިއްޔާ ކަމާ ކަން ފަށާފައި ޓެކްސީގެ އަގު ކުޑަ ކުރަން އުޅުމގެ މާނައެއް ނެތް.

ނޯނޭމް

250 އެއް ނޫން 300 - 350 ވަރު ދަައްކަން ޖެހޭ ވެރި ފަަރާތަށް..

ކަތީއްބެ

މީޓަރަށްވުރެ ރަނގަޅީ އަގެއް އޮތު، އެއީ އެޕްލިކޭޝަނެއް މެދުވެރިކޮށް އެކަންކުރާގޮތަށް، އަވަށްޓެރި ޤައުމުތަކުގައި މީޓަރު މެދުވެރިކޮށް ދަތުރު ފަށާއިރު އޮންނަ އަގު ބަދަލުވަނީ ކިލޯމީޓަރަކަށް ދުއްވާފަހުން، އެއީވެސް އެންމެ ރުފިޔާއެއްމަގުން، މިތަނުގައި އެދުރުމިން ކުރުކޮށްފަ އަގު ބަދަލުވާގޮތް ހަދައިފިނަމަ މިހާރަށްވުރެ އަގު ބޮޑުވެގެން ހިނގައިދޭނެ، މިތަނަށް ރަނގަޅީ އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ދަތުރުތައް އިންތިޒާމުކޮށް އެއް އަގެއް ހިފެހެއްޓުން.

މޮހޮނު

ޓެކްސީ ޑްރައިވަރުން އެދޭހައި ގޮތަކަށް މިފަހަރު ދޫދީގެން ނުވާނެ. ރައްޔިތުންނަށްޓަކައި މާލެއިން ހުޅުމާލެއަށް ކުރާ ދަތުރަކަށް 50 ނުވަތަ 60 ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ. އެވަރަށް ދަތުރުކުރިޔަސް ގެއްލުމެއް ނުވާނެ.