Account ah jamaavi adheeb athugahuri alhuganduge faisa: Raees yameen
image
ރައީސް ޔާމީން: ފައިލް ފޮޓޯ
1 ކޮމެންޓް
 

އެކައުންޓަށް ޖަމާވީ އަދީބު އަތުގަހުރި އަޅުގަނޑުގެ ފައިސާ: ރައީސް ޔާމީން

އިސްލާމިކް ބޭންކުގައި އޮންނަ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާއިރު އެ ފައިސާއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަތުގައި ހުރި އެމަނިކުފާނުގެ އަމިއްލަ ފައިސާކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ ފައިސާގެ ގިނަ މުޢާމަލާތުތަކެއް ކޮށްފައިވާ ސްކޯސް އޮފް ފްލެއާސް، އެސްއޯއެފްގެ ޗެކަކުންނެވެ.

މައްސަލައިގެ ބަޔާންތަކުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ ކެމްޕެއިނަށް އެކި ފަރާތްތަކުން ދިން ފައިސާ ބެލެހެއްޓެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމުގައެވެ. އަދި ފިނިފެންމާ ލޯންޗްގެ ހާދިސާއަށް ފަހު ހާއްސަކޮށް އެފައިސާ ދިނުމަށް އަދީބަށް ދެންނެވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އެއް މިލިއަން ޑޮލަރު ޖަމާވެފައި ހުންނާނެކަމަށް ރައީސް އަދީބް ވިދާޅުވި ކަމަށާއި އެ ފައިސާ ޖަމާވެފައިވަނީ އެސްއޯއެފްގެ ޗެކަކުންކަން އެނގުނީ ބޭންކުން ގުޅާފައި ބުނުމުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އޭރު އެސްއޯއެފްއަކީ ކޮން ކުންފުންޏެއްކަންވެސް އެނގިވަޑައި ނުގަންނަވާކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ.

އެމައްސަލަ އޭސީސީން ތަހުގީގު ކުރަމުންގޮސް ފައިސާ ހަވާލުކުރުމަށް ދެފަރާތުން އެއްބަސްވެ ހަދާފައިވާ އެކްސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އިސްލާމިކް ބޭންކް އެކައުންޓްގައިހުރި އެއް މިލިއަން ޑޮލަރު ނޫންކަމަށް ރައީސް ޔާމީން މިރޭ އިއުތިރާފްވެވަޑައިގެންނެވި އެވެ. ރައީސް ޔާމީން ވިދާޅުވީ އޭސީސީއާއި ހަވާލުކުރީ ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަތުން ބައްލަވައިގެންނެވި ޗެކެއް ކަމުގައެވެ.

މީގެ އިތުރުން އެސްއޯއެފްގެ ޗެކަކުން ޖަމާވި ނަމަވެސް އެ ފައިސާއަކީ ކެމްޕޭނަށް ލިބިފަހުރި އެމަނިކުފާނުގެ އަމިއްލަ ފައިސާ ކަމަށާއި އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު އެއީ އެމަނިކުފާނުގެ އަމިއްލަ ފައިސާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ހިޔާލު

ތޯހާ

ފައިސާފޮއްޗެއް ވަކިލާރިއެއް މަގުމައްޗަށް ވެއްޓިފައި އޮތަސް އެއީ މަނިކުފާނުގެ އެއްޗެއް. ފައިސާ ފައިސާ އެފައިސާ މިފައިސާ ފައިސާ ފައިސާ މިއީ އަޅެ ދެން ކިހާ ބޮޑުވެއްޖެ ކަމެއް. މިނޫން ވެރިން ވެސް ރާއްޖޭގައި ވެރިކަންކުރި.