Raees Yameenge Party Ufahdhan 4000 Form EC ah
image
0 ކޮމެންޓް
 

ރައީސް ޔާމީންގެ ޕާޓީ އުފައްދަށް 4 ހާސް ފޯމް އީސީއަށް

ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން 4000 ފޯމް ހަމަކޮށް އިލެކްޝަނަށް ހުށަހަޅައިފިއެވެ.
އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ މިއަދު ޕީއެންސީއިން ތިންހާސްހަށްވުރެ ގިނަ ފޯމް އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވީހާ އަވަހަކަށް ފޯމްތައް ޕްރޮސެސް ކުރުމަށްފަހު ފޯމް ހަމަވާނަމަ ދެން އޮންނަ މަރުހަލާތަކަށް ހުއްދަ ދޭނަން" އަކްރަމް ވިދާޅުވިއެވެ.

ޕީއެންސީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ކުރީގެ ނައިބް ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ މިއަދު އިލެކްޝަނަށް 4000 ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ. އިލެކްޝަނަށް ފޯމް ހުށަހެޅުމަށް ވަޑައިގެންނެވީ އަބްދުއް ރަހީމާއި، ކުރީގެ މިނިސްޓަރު މުހައްމަދު ސައީދާއި އަލީ އާރިފެވެ.

އިލެކްޝަން ކޮމިޝަނުން ޕީއެންސީއަސް މެމްބަރުން ހަމަކުރުމުގެ ހުއްދަ އަބްދުއް ރަހީމަށް ދީފައި ވަނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ޖެހިގެން އައި 28 ވަނަ ދުވަހު އެ ޕާޓީއަށް ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަވެއްޖެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އެހެން ނަމަވެސް އޭގެ 12 ދުވަސް ފަހުން ހުށަހެޅީ 4000 ފޯމެވެ.

ޕީއެންސީ އުފެއްދުމަށް ފުރަތަމަ އަބްދުއްރަހީމް ހުށަހެޅުއްވިއިރު ޕީޕީއެމްގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވުމުން އިލެކްޝަނުން ހުއްދަ ދީފައެއް ނުވެއެވެ. އެހެންކަމުން ޕާޓީ އުފެއްދުމަށް އަލުން ހުށަހެޅުއްވީ ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށް ފަހުގައެވެ.
ޕީއެންސީ
ހިޔާލު