Gaumee inaamaai khaahsa inaam committee ah beyfulhun ahyan kohfi
image
ގައުމީ އިނާމާބެހޭ ކޮމިޓީ އާއި ޚާއްސަ އިނާމާބެހޭ ކޮމިޓީގެ މެމްބަރުން.-- ފޮޓޯތައް: ރައީސް އޮފީސް
0 ކޮމެންޓް
 

ގައުމީ އިނާމާއި ޚާއްސަ އިނާމް ކޮމެޓީ އަށް ބޭފުޅުން އައްޔަން ކޮށްފި

ގައުމީ އިނާމާބެހޭ ކޮމިޓީ އާއި ޚާއްސަ އިނާމާބެހޭ ކޮމިޓީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައެއް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ޗެއާޕާސަނަކަށް ރައީސް ސޯލިހު ހަމަޖެއްސެވީ މ. ލޮނުވެލި، އަނީސާ އަހުމަދެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމާބެހޭ ކޮމިޓީގެ ޗެއާމަނަކަށް ރައީސް ސޯލިހު ހަމަޖެއްސެވީ، ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނެވެ.

އޭގެ އިތުރުން ގައުމީ އިނާމާ ބެހޭ ކޮމެޓީ އަށް އަލަށް އައްޔަން ކުރެއްވީ މ. މަހުމާވިލާ އިބްރާހީމް އިސްމާއީލް އަލީ އާއި ޅ .ކުރެންދޫ ނޫރަންގޭ ޒުލްފާ އިބްރާހީމާއި، ހ. އިރުވައި އައިޝަތު ނާޒެވެ. އެ ބޭފުޅުންގެ އިތުރުން އެ ކޮމެޓީގައި ހިމެނެނީ ރައީސް އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި، މއ. ފިޔަވަނި އަހްމަދު އަލިމަނިކާއި، މ. ކާނިމާގޭ މުހައްމަދު އިކްރާމާއި، މ. މާހިޔާ ރަހީމާ އާދަމް އަދި ވިލިމާލޭ ކަންދު ހަސަން މަނިކެވެ.

ގައުމީ އިނާމަކީ ގައުމާއި، މުޖުތަމައުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމިއްޔާ އަދި ޖަމާއަތްތަކުގެ އިތުރުން ވިޔަފާރި އިދާރާތަކުން ގައުމުގެ ތަރައްގީއަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ އެކަންކަމުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ދޭ އިނާމެކެވެ. އެގޮތުން ފާހަގަ ކުރެވޭ ފަރާތްތަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމު ދެ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމާބެހޭ ކޮމިޓީ އަށް އަލަށް އައްޔަން ކުރެއްވީ މއ. މާނިކަ ޑރ. އަހްމަދު އަލިމަނިކާއި، މ. ތާނގީދޮށުގޭ މަރްޔަމް ނޫރައްދީނާއި، މ. ހިޔަލީ ގުލްޝަން މަރްޔަމް ޝިފްޒާނެވެ. އެ ބޭފުޅުންގެ އިތުރުން އެ ކޮމެޓީގައި ހިމެނެނީ މ. ދާޝިން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި ވިލިމާލޭ އަކީލާ ޑރ. އަބްދުލްއަޒީޒް ޔޫސުފް އަދި މއ. ވިލާރޮދި އާއިޝަތު ޝާހީނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމަކީ، ރާއްޖެ އަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރު އަދި އިލްމީގޮތުން ހޯދާ މަތީ ކާމިޔާބީތަކުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުމަށް ދެމުން އަންނަ އެވޯޑެކެވެ.
ހިޔާލު