Coca-Cola in Premier League balan England ah fonuvanee
image
ކޮކާކޯލާ އިން މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ވަގުތު އިމޭޖްސް
0 ކޮމެންޓް
 

ކޮކާކޯލާ އިން ޕްރިމިއާ ލީގު ބަލަން އިނގިރޭސިވިލާތަށް ފޮނުވަނީ

ނަސީބުވެރިންނަށް ހޮވޭ މީހުންނަށް ޕްރިމިއާ ލީގު ބަލަން އިނގިރޭސިވިލާތަށް ދެވޭ ގޮތަށް ކޮކާކޯލާ އިން ޚާއްސަ ޕްރޮމޯޝަނެއް ފަށަން ތައްޔާރުވެއްޖެ އެވެ.
ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިއުލާނު ކުރި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ ހަތް މީހަކަށް، ކޮކާކޯލާ އިން ހުރިހާ ހަރަދެއް ދީގެން ޕްރިމިއާ ލީގުގެ މެޗެއް ބަލަން، އިނގިރޭސިވިލާތަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ނަސީބުވެރިއަކަށް ހޮވޭ މީހާ އާ އެކު، އިތުރު މީހަކު ގެއްދިއުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ކޮކާކޯލާ އިން ބުނީ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ، އެ މުއްދަތުގެ ތެރޭގައި ރަން ކުލައިގެ މަތިގަނޑު ޖަހާފައި ހުންނަ ކޮކާކޯލާ ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ނަންބަރު 2626 އަށް އެސްއެމްއެސް ކުރުމުންނެވެ.

އެ ނަންބަރު އެސްއެމްއެސް ކުރާ މީހުންގެ މެދުގައި ކޮންމެ ދުވަހަކު ވެސް ގުރުއަތެއް އޮންނާނެ އެވެ. އެގޮތުން އެ ދުވަހެއްގެ ގުރުއަތުން ހޮވޭ މީހަކަށް ޓީވީ އެއް ލިބޭނެ އެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ، ފުޓުބޯޅަ ބަލަން ފޯރި ހުންނަ ދިވެހިންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނީތީ. އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ ފުޓްބޯޅަ އާ ވަރަށް ގުޅޭ ބައެއް. އެގޮތުން ބޭނުންވަނީ ކަސްޓަމަރުންނަށް ބޮޑު ފުޓްބޯޅަ މުބާރާތްތަކުގެ ތަޖުރިބާ އަޅުގަނޑުމެންނާ ގުޅިގެން ލިބޭނެ މަގު ފަހިކޮށްދޭން،" ކޮކާކޯލާގެ ސައުތު ވެސްޓް އޭޝިޔާގެ ރީޖަނަލް މާކެޓިން މެނޭޖަރު އަމާނަތު ދުތާ ވިދާޅުވި އެވެ.

ކޮކާކޯލާ އިން އަންނަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕާއި އެކު، ބޮޑެތި ފުޓްބޯޅަ މުބާރާތްތަށް ބަލަން ނަސީބުވެރިންނަށް ހޮވޭ މީހުން ގެންދާ ގޮތަށް ގިނަ ޕްރޮމޯޝަންތަކެއް ރާއްޖޭގައި ހިންގާފަ އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޔޫރޯ ކަޕާއި، މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގެ ބަލަން ކޮކާކޯލާގެ ނަސީބުވެރިންނަށް ހޮވުނު މީހުން ވަނީ ފޮނުވާފަ އެވެ.

އޭގެ އިތުރުން ވެސް ކޮކާކޯލާ އިން އަންނަނީ ބޮޑެތި އިނާމުތައް ލިބޭ ޕްރޮމޯޝަންތައް ހިންގަމުންނެވެ. އަދި ފުޓްބޯޅަ މުބާރާތްތައް ބަލަން ނޫނަސް، ނަސީބުވެރިންނަށް ހޮވޭ މީހުން ކޮކާކޯލާ އިން ވަނީ އެތައް ގައުމަކަށް ގެންގޮސްފަ އެވެ.
ހިޔާލު