Schoolthakuge Naastha Programme aieku Dharivarunnah Bodu Hihhamajehumeh
image
0 ކޮމެންޓް
 

ސްކޫލްތަކުގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމާއެކު ދަރިވަރުންނަށް ބޮޑު ހިތްހަމަޖެހުމެއް

ދިރާސީ އާ އަހަރުގެ ކިޔެވުން ބައެއް ސްކޫލްތަކުގައި މިއަދު ފެށުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ ރިޔާސީ ވައުދެއް ކަމަށްވާ ކިޔަވާ ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމާއި އެކުގައެވެ. މިއަދު އެ ޕްރޮގްރާމް ރަސްމީކޮށް ފެށިއިރު 25 ސްކޫލެއްގައި ވަނީ ކުދިންނަށް ނާސްތާ ދޭން ފަށާފައެވެ.
އެގޮތުން މާލޭގެ އަމީނިއްޔާއާއި އިސްކަންދަރު އަދި މަޖީދިއްޔާ ސުކޫލުގައި ކިޔަވާ ދަރިވަރުންނަށް ނާސްތާ ދޭން ފެށިއިރު އަތޮޅުތަކުގެ 22 ރަށެއްގެ ސްކޫލުގައި ކިޔަވާކުދިންނަށް ނާސްތާ ވަނީ ދޭން ފަށާފައެވެ.

އެ ޕްރޮގްރާމް 25 ސްކޫލަކުން ފެށި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ރާއްޖޭގެ ހުރިހާ (213) ސްކޫލެއްގައި އެ ޕްރްގްރާމް ފަށައިގަތުމެވެ.

މިއަދު ފެށިގެންދިޔަ ޕްރޮގްރާމާއެކު ކުދިންގެ އިތުރުން ގިނަ ބެލެނިވެރިންގެ މޫނުމަތިން ވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. 2019 ވަނަ އަހަރުގެ ކިޔެވުން ކުދިން ފެށީ އުފަލުން ފޮޅިފައި ތިބެއެވެ.

މަޖީދިއްޔާ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ކުއްޖެއް ނަން ނުޖެހުމަށް އެދި ބުނީ، މިއަދު އެ ސްކޫލްގައި އެ ޕްރޮގްރާމް ފެށުމުން ވަރަށް އުފަލުން ހުރި ކަމަށާއި ކްލާސް ކުދިންނާއެކު ހެނދުނުގެ ސައި ބޮވޭތީ އެކަމާ ވެސް ވަރަށް ހިތްޖަމަޖެހޭ ކަމަށެވެ.

ހެނދުނުގެ ނާސްތާ މިއަދު ދޭން ފެށި ސްކޫލެއްގެ ޕްރިންސިޕަލް ވިދާޅުވީ، ކުދިންގެ މޫނު މަތިން ފެނިގެންދިޔައީ އުފާވެރި ކަމުގެ މަންޒަރު ކަމަށެވެ. އަދި ހުރިހާ ކުދިން ވެސް އެކުގައި ހެނދުނުގެ ނާސްތާ މީގެ ފަހުން ނެގޭނެތީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޑުއްވަރީ ސުކޫލު ކުދިން ހެނދުނުގެ ނާސްތާ ނެގުމުގައި....

އެރަށު ސްކޫލްގައި މިއަދު ކުދިންނަށް ނާސްތާގެ ގޮތުގައި ދީފައިވަނީ ކިރާއި، ފެނުކެއްކި ބިހުގެ އިތުރުން މޭވާގެ ބައެއް ބާވަތްތަކެވެ.

ގދ އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް މިއަދު އެ ޕްރޮގްރާމް ފެށިއިރު އެ ސްކޫލުގައި ވެސް ސިއްހަތަށް ރަނގަޅު ނާސްތާ އެއް ދީފައިވާ ކަމަށް އެ މަރުކަޒުގެ ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. އަދި ނާސްތާ އަށް ހުންނަ ތަކެއްޗަށް ކުދިން ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކި ދުވަހު ކުދިންނަށް ދޭނީ ތަފާތު ކާނާއެވެ. ނަމަވެސް ސިއްހަތަށް ފައިދާހުރި ކާނާއެވެ.

މިއަދު ނާސްތާ ދޭން ފެށި ސްކޫލްތަކުން ކުދިންނަށް ނާސްތާ ފޯރުކޮށްދިނުމަށް ވަނީ ކާބޯތަކެތި ހަދާ ރަނގަޅު ބަޔަކަށް ހަވާލުކޮށްފައެވެ. އަދި ކޮންމެ ސްކޫލަކުން ވެސް އެކުލަވާލާފައިވާ ކޮމިޓީ އަކުން އެ ކާނާ ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރު ކަމާއި ކުދިންނަށް ކޮންމެ ދުވަހަކުވެސް ނާސްތާ ދިނުމުގެ ކުރިން އެ ކޮމިޓީގެ މެމްބަރަކު އެ ކާތަކެތީގެ ރަހަ ބަލާ ޗެކް ކުރާނެކަމަށް ވެއެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންތައްތައްތައް ވާނަމަ ވެސް ފޯމެއް ފުރުމަށްފަހު ކޮންމެ ދުވަހަކުވެސް ރަސްމީ ގަޑީގައި މިނިސްޓްރީއަށް އެ ފޯމު ހުށަހަޅާނެއެވެ.
ހިޔާލު