Tax nizaamu harudhanaa kurumah committee eh ekulavaalanee
image
މިނިސްޓަރު ފައްޔާޒް: މީގެ ކުރިން ވަނީ މީރާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

ޓެކްސް ނިޒާމު ހަރުދަނާ ކުރުމަށް ކޮމެޓީއެއް އެކުލަވާލައިފި

ރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާ ކޮށް، ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް އިކޮނޮމިކް މިނިސްޓަރި ފައްޔާޒް އިސްމާއިލް މިއަދު ކޮމެޓީއެއް އެކުލަވާލައިފި އެވެ.
ފައްޔާޒް ޓްވިޓާގައި ވިދާޅުވީ، އެ ކޮމެޓީ އެކުލަވާލީ ސަރުކާރު އޮފިޝަލުންގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ އޮޑިޓަރުންނާއި، ލޯޔަރުން ހިމެނޭ ގޮތަށް ކަމަށެވެ. ނަމަވެސް އެ ކޮމެޓީގައި ހިމެނޭ ބޭފުޅުންނެއް އަދި ހާމައެއް ނުކުރެ އެވެ.

އެ ކޮމެޓީން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި މިހާރު ހުރި ޓެކުހާ ގުޅޭ ގާނޫނުތައް ތަންފީޒު ކުރުމުގައި ދިމާވާ މައްސަލަތައް ބަލާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި ޓެކްސް ނިޒާމު ހަރުދަނާ ކުރަން އެކުލަވާލަންޖެހޭ ގާނޫނުތައް އެކުލަވާލުމުގެ އިތުރުން މިހާރު އަމަލުކުރާ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް އެ ކޮމެޓީން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


ސަރުކާރުން އޮތީ، އެންމެނަށް ހަމަހަމަ އަދި ވަރުގަދަ ޓެކްސް ނިޒާމެއް އެކުލަވާލަން ވަރަށް ސާބިތުކަމާ އެކުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

ޓެކްސް ނިޒާމު ހަރުދަނާކުރުމަށް ކޮމެޓީއެއް އެކުލަވާލި އިރު، ފައްޔާޒް މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ދައުލަތުގެ ޓެކްސް އިދާރާ އަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މީރާ އުފެއްދި މަގުސަދުން ބޭރުގެ، މިހާރު އެ ތަން ވެފައިވަނީ ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމަކަށް ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ހިޔާލު