Praimary Akee Mdpge Dhirun, Adhi Gondi Gehlumah Hulhuvey Dhoreh!
image
4 ކޮމެންޓް
 

ޕްރައިމަރީ އަކީ އެމްޑީޕީގެ ދިރުން، އަދި މަޖިލީހުގެ ގޮނޑި ގެއްލުމަށް ހުޅުވޭ ދޮރެއް!

އެމްޑީޕީ ހިންގަން ފެށި ފަހުން މިހާތަނަށް ވަނީ ރާއްޖޭގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ދެ ފަހަރަށް އިންތިހާބު ބާއްވާފައެވެ. އެ ދެ ފަހަރުވެސް އެމްޑީޕީން މަޖިލީސް އިންތިހާބަށް ނުކުތީ ޕްރައިމަރީ ބާއްވައިގެން އެ ޕްރައިމަރީން ދެއްކި މީހުން ގޮވައިގެންނެވެ. އެކަމުން ލިބުނު ތަޖުރިބާއަކީ ކޮބައިކަން އެމްޑީޕީއަށް ވަރަށް ސާފުވާނެކަމަށް ފެނެއެވެ. އެ ދެ ފަހަރުގެ ތަޖުރިބާ އާ އެކު ތިން ވަނަ އިންތިހާބަކަށް ޕާޓީން ތަމްސީލް ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ޕްރައިމަރީ ބާއްވާއިރު އުފެދޭ ސުވާލަކީ މިދިޔަ ދެ ފަހަރުގެ ތަޖުރިބާގެ އަލީގައި ޕްރައިމަރީގެ ސަބަބުން އެމްޑީޕީއަށް ލިބޭނީ ކިހާވަރެއްގެ ފައިދާއެއްތޯ އެވެ. އަދި ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޅިގެންދާނީ ކިހާ މުހިންމު ފިޔަވަޅެއްތޯ އެވެ.
ޕްރައިމަރީ: ޕާޓީ ކުރިލާ ހެދުމަށް ދެވޭ ފެނެއް

" ދެ އިންތިހާބުގެ ތަޖުރިބާއަށް ބަލާއިރު އެމްޑީޕީ ޕްރައިމަރީން ދެކަމެއް އެބަ ފާހަގަވޭ. އެއްކަމަކީ ޕްރައިމަރީގެ ސަބަބުން ޕާޓީއަށް ދިރުން އެބަ ލިބޭ. ދިރުން ލިބެނީ މަތީ މަޖިލީހަށް ވާދަކުރުމުގެ އުއްމީދުގައި އުޅޭ މެމްބަރުންނަށް ޔަގީންވާ އެއްކަމަކީ ޕްރައިމަރީގައި ވާދަކުރެވޭނެކަން. އަދި ޕްރައިމަރީގެ ނަތީޖާއިން ކެންޑީޑޭޓަކުން ކަނޑައަޅާކަން. އެހެން އޮތުމުން އެންމެ އާދައިގެ މެމްބަރަކަށް ވެސް ވިސްނިފައި މި އޮންނަނީ ޕާޓީގެ ލީޑަ ޝިޕުގެ ރުހުންނުލިބުނަސް ޓީކެޓް ލިބޭނޭކަން. އަދި ތަބަކަކަން ލާފައި ޓިކެޓް ނުދޭތީ ޓިކެޓް ލިބުމުގެ ދޮރު ހުޅުވިފައި އޮންނަކަން. މިއީ ވަރަށް ބޮޑަށް ޕާޓީއަށް ދިރުން ގެނެސްދޭކަމެއް،" ފާއިތުވި 10 އަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބޭއްވި އާންމު އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނ. އަތޮޅުގައި ހަރަކާތްތެރިވެފައިވާ އަދި މިހާރުވެސް އެމްޑީޕީގެ ހަރަކާތްތަކުގައި އިސްވެ ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގައި ކުރިލައި ހެދިގަތުމަށް އޮތް އެންމެ ބޮޑު މަގަކީ ވެސް ޕްރައިމަރީ ކަމަށާއި އެކަމުގެ ސަބަބުން ޕާޓީއަށް މެމްބަރުން އިތުރުވެ ޕާޓީގެ ކުރިމަގު ފެންނަމުންދާކަމަށެވެ. ނަމަވެސް އޭނާ ފާހަގަ ކުރެއްވިގޮތުގައި ޕްރައިމަރީގެ ސަބަބުން ލިބޭ ފައިދާއާ އަޅާ ކިޔާއިރު ޕާޓީއަށް ލިބޭ ގެއްލުން ވަކިން ކުޑައެއް ނޫނެވެ.

" ޕްރައިމަރީއަކީ ވަރަށް ފައިދާ ހުރި ސިޔާސީ ހަރަކާތެއް. އެ ހަރަކާތް އޮންނާނެކަން ޔަގީންވާތީ ޕާޓީގައި ތިބޭ ބަޔަކު ވެސް އަދި ޕާޓީއަށް ވަންނަ ބަޔަކު ވެސް އެބައުޅޭ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ އެންމެ މަތީ އަމާޒަކަށްވާންވާނީ އިންތިހާބުތަކުން މޮޅުވުން. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދުން. އެކަން ނުކުރެވޭ ފޯމިއުލާއަކީ ޕާޓީއަށް އޮތް އެންމެ ރަނގަޅު ގޮތެއް ނޫން،" ނަން ހާމަކުރަން ބޭނުންނުވާ، ޕޮލިޓިކަލް ސައިންސްއިން މަތީތައުލީމް ހާސިލްކުރައްވާފައިވާ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވީހާ ގިނަ ބަޔަކު ބައިވެރިކޮށްގެން ހިންގޭ ސިޔާސީ ހަރަކާތަކީ އެންމެ ރަނގަޅު ހަރަކާތްކަމަށާއި ނަމަވެސް ރާއްޖޭގައި ކަންކަން ހިންގަންޖެހޭނީ ރާއްޖޭގެ ހާލަތަށް ފެތޭގޮތަށް އަދި ޑިމޮކްރެޓިކް ސިފަ އެންމެ އަވަހަށް ގެނެވޭނެ މަގަކުން ކަމަށެވެ. އެގޮތުން އެމްޑީޕީން މިހާރު ބާއްވަމުން އަންނަ ޕްރައިމަރީއަކީ ރަނގަޅު ހަރަކާތެއް ކަމަށާއި ނަމަވެސް އެހަރަކާތުން އެމްޑީޕީ ބޭނުންވާ މަންޒިލް ހާސިލްވަމުންދާ މިންވަރު އެ ޕާޓީން ވަޒަންކުރަންޖެހޭނޭކަމަށެވެ.

ޕްރައިމަރީއަށް ފަހު ނުކުންނަ މައްސަލަތައް ހައްލުކުރާނެ ގޮތެއް ނެތް

"ފެންނަމުން މިދަނީ ޕްރައިމަރީ ނިމިގެން ވާދަކުރާ ކެންޑޭޓުންގެ މެދުގައި ނުތަނަވަސްކަން ބޮޑުކަން. ނަތީޖާއެއްގެ ގޮތުން ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުގެ ފަހަތަކަށް ބަލިވާ ކެންޑިޑޭޓުން ތަރުތީބުވެގެންނުދޭ. ކާމިޔާބުކުރާ ކެންޑިޑޭޓުގެ ފަހަތަށް ތަރުތީބުނުވާ ތަނުގައި ސީދާ ދެކޮޅަށް މަސައްކަތްކުރާ މަންޒަރު ވަނީ ފެނިފައި. އެކަމުގެ ސަބަބުން އެތަކެއް ގޮނޑި އެބަހުރި އެމްޑީޕީއަށް ގެއްލިފައި،" ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ވިދާޅުވިއެވެ.

ތަޖުރިބާކާރު ވިދާޅުވީ އެގޮތަށް އެކަން ހިނގާ ނަމަ އެއީ ޕާޓީއެއްގެ ހައިސިއްޔަތަށް ބަލައިރު ޕާޓީއަށް ލިބޭ ފައިދާއެއްގެގޮތުގައި ނުބެލެވޭނެކަމަށާއި އެހެންކަމުން އެކަންކަން ބަދަލުކުރަންޖެހޭކަމަށެވެ. އޭނާ ވަނީ ދެ ވަނަ ،މައްސަލައެއް ވެސް ފެންމަތިކޮށްފައެވެ.

"ޕްރައިމަރީ އަކީ ޕާޓީގެ ކުރިއެރުންކަމަށް ބަލާއިރު އިތުރު މައްސަލައެއް ވެސް އެބަފެނޭ. އެގޮތުން ޕްރައިމަރީގައި ވާދަކޮށްލަން ވެގެން ހަމަ ކުއްލިއަކަށް ޕާޓީއަށް ވަދެލައިގެން އެބަ އުޅޭ. ހަމަ އެގޮތުން ޕްރައިމަރީގައި ވޯޓްލުމަށްޓަކައި ކުއްލިއަކަށް ޕާޓީއަށް އެބަ ވައްދާ ވަރަށް ގިނަ މެމްބަރުން. ނަތީޖާއަކަށްވެގެންދަނީ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ގިނަ ދުވަހު އުޅޭ މީހުންނަށް ހުޅުވެން ޖެހޭ ދޮރު ބަންދުވުން. އަނެއްކާ މިހާރުގެ ހާލަތަށް ބަލާއިރު އެހެން ޕާޓީތަކުގެ މީހުންވެސް ވަރަށް ގިނަ އިން ޕްރައިމަރީގައި ވޯޓްލުމުގެ މަގުސަދުގައި ޕާޓީއަށް އެބަ ވަދޭ. އެހެންވެ ޕާޓީއަށް ވަފާތެރެ ނޫން މީހާއަށް ވެސް ޓިކެޓް ލިބުމުގެ ފުރުސަތު އެބަ އޮތް. މިއީ ވެސް ޑިމޮކްރަސީގެ ޅަފަތުގައި އެހާ ރަނގަޅުގޮތެއްކަމަށް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.

ތަޖުރިބާކާރު އެ ފާހަގަކުރި ކަންކަމަކީ މިހާރުވެސް އެމްޑީޕީ ތެރެއިން ފެންނަމުންދާ އަދި ހިނގަމުންދާ ކަމެކެވެ. އެކަމުގެ ނުތަނަވަސްކަން އެމްޑީޕީއަށްޓަކައި މަސައްކަތްކުރި އެތައް ބަޔަކު އެބަހުއްޓެވެ. އަދި އެކަމުގެ ޝަކުވާ އެމްޑީޕީގެ ލީޑަ ޝިޕާ ހަމައަށް ވެސްވަނީ ގެން ގޮސްފައެވެ.

"މިސާލަކަށް ނަގަމާ ހދ. އަތޮޅުގެ ދާއިރާއެއް. ފަސް ދާއިރާ ހިމެނޭ އެ އަތޮޅުގެ ގޮނޑިއަކަށް ވާދަކުރަން އުޅުނު ބޭފުޅަކު އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ވިދާޅުވަމުން އައީ ޕާޓީއަށް ސޮއިނުކުރާނެވާހަކަ. އިންތިހާބު ކާމިޔާބުވީމަ ނޫނީ ޕާޓީއަށް ސޮއިނުކުރާނަމޭ. ނަމަވެސް ޕްރައިމަރީގައި ވާދަކުރަން ދީފައިވާ މުއްދަތު ހަމަވާން 24 ގަޑިއިރަށްވީފަހުން ސޮއިކުރީ. މިއަދުގެ ޕްރައިމަރީގައި އޭނާ ވާދަކުރޭ. މީގެ ކުރިން އެ ބޭފުޅަކު އުޅޭކަމެއް ދާއިރާގެ މީހުންގެ އިތުރުން ޕާޓީއަށް ވެސް ނޭނގޭ. މިހުރީ ކަންކަން ހުރި ގޮތް،" މައްސަލަހަށްޓަކައި ނަން ޖަހަން ބޭނުންނުވާ، ހދ. ދާއިރާއެއްގެ ނައިބު ރައީސް އަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބުގެ ޓިކެޓް ހޯދުމަށް އެކަނި ޕާޓީއަށް ވަންނަ ނަމަ ޕާޓީގައި އިހުލާސްތެރިކަމާއެކު ގިނަ ދުވަހުގެ އުޅުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށެވެ.

"ޕްރައިމަރީގައި ވާދަކުރުމާއި ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓްދިނުމުގެ ހައްގު ދިނުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލެއް އެބަ ގެންގުޅެންޖެހޭ. މިސާލަކަށް ބަލަމާ މިގައުމުގައި ބާއްވާ އިންތިހާބުތަކުގައި ވެސް ވޯޓްލުމުގެ ހައްގާއި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭގޮތް. އެއީ ވެސް ޕާޓީ ތެރޭގައި ބާއްވާ އިންތިހާބުތަކުގައި އަމަލުކުރެވިދާނެގޮތެއް. މިސާލަކަށް ޕާޓީއަށް ހަމަ ވަނުމާއެކު އެތެރޭގެ އިންތިހާބުތަކުގައި ވޯޓްލުމުގެ ހައްގެއް ދޭކަން ނުޖެހޭ. އެ އުސޫލުން އެތެރޭގެ އިންތިހާބުތަކުގައި ވެސް ވާދަކުރުމުގެ ފުރުސަތު ލިބެންޖެހޭނީ ކޮންމެވެސް ޝަރުތުތަކެއް ހަމަވާ މީހާއަށް. ހަމަ ޕާޓީއަށް ސޮއިކޮށްފައި އަނެއް ދުވަހު އިންތިހާބުގައި ވާދަކުރަން މި ނުކުންނަނީ. ހިއެއްނުވޭ މިއީ ވެސް އެންމެ ދުޅަހެޔޮކޮން ހިނގާކަމެއްހެން،" ނ. އަތޮޅު ދާއިރާއެއްގެ ރައީސަކު ވިދާޅުވިއެވެ.

ޕްރައިމަރީ އަށް ފަހު ނިކުންނަ މައްސަލަތަކުން އިންތިހާބަށް ކުރާނެ އަސަރު

މިއަދު ބާއްވާ ޕްރައިމަރީގެ ނަތީޖާ މިރޭ އިއުލާންކުރާނެ އެވެ. އެ ނަތިޖާއާ އެކު ކިތަންމެ ބަޔަކު ޕާޓީއާ ފެއަށް ޖެހިގެންދާނެވެ. ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑިޑޭޓުގެ ފަހަތަށް ބަލިވާ ބައެއް ކެންޑިޑޭޓުން ނޭރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ބަލިވާ ކެންޑިޑޭޓު ނުކުންނާނީ ދިމާ އިދިކޮޅަށެވެ. ނަތިޖާއަކަށްވެގެންދާނީ ހަގީގަތުގައި ހޯދަން މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އެމްޑީޕީއަށް ނުލިބުމެވެ. މިއީ މިދިޔަ ދެ އިންތިހާބުގައިވެސް ކުރި ތަޖުރިބާއެކެވެ.

"މިސާލަކަށް ނަގަމާ ހޯރަފުށިދާއިރާގެ ގޮނޑި. ދެހާސް ސާދައިގެ މަޖިލިސް އިންތިހާބަށް ކެންޑިޑޭޓަކު ހޯދުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރި މީހާގެ ފަހަތަށް އޭނާއާ ވަދަކުރި ކެންޑީޑޭޓް ނާރާ. އޭނާ ދިޔައީ މަޖިލިސް އިންތިހާބުގައި ވާދަކުރި އިދިކޮޅު ކެންޑިޑޭޓަށް ވޯޓް ހޯދައިދޭން. އެ އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށްގެން މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓް ބަލިވީ އެންމެ 27 ވޯޓުން. މި ހުރީ ތަޖުރިބާ. އަހަރުމެންނަން ޔަގީން ޕްރައިމަރީގައި ބަލިވި ކެންޑިޑޭޓް އިދިކޮޅަށް ނުކުޅެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓަށް ތާއިދުކޮށްގެން މަސައްކަތް ކުރި ނަމަ ހޯރަގުށި ދާއިރާގެ ގޮނޑި ކާމިޔާބުކުރާނީ އެމްޑީޕީންކަން. ކަމަކު ކީއްކުރާނީ." ހޯރަފުށި ދާއިރާއަށް ނިސްބަތްވާ އެމްޑީޕީ އެކްޓިވިސްޓަކު އޭނާގެ ތަޖުރިބާ ހިއްސާކުރިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ މުހިންމުކަން ކިތަންމެ ބޮޑު ނަމަވެސް ޕްރައިމަރީއަށް ފަހު ކަންކަން ހިނގާފައިވަނީ އެ ކަހަލަ ގޮތަކަށެވެ. އެހެންކަމުން އެކަންކަމުގެ މައްޗަށް ނަޒަރުކުރަންޖެހޭނެވެ. އަދި އެމްޑީޕީގެ ހަގީގީ މަގުސަދަކީ މަޖިލިސް އިންތިހާބުގައި ވީހާ ވެސް ބޮޑު ކާމިޔާބީއެއް ހޯދުންކަމަށް ވާ ނަމަ، ޕްރައިމަރީން ނުކުންނަ ނަތިޖާއާއެކު ކުރިމަތިލާންޖެހޭ ހަގީގަތްތަކަށް ކުރިމަތިލާންޖެހޭނެއެވެ. އެ ހަގީގަތްތަކަކީ ޕާޓީން ނުކުންނަ ކެންޑިޑޭޓާ ދެކޮޅަށް ޕްރައިމަރީގައި ނާކާމިޔާބުވި ކެންޑިޑޭޓް ނުކުންނަ ނަމަ ދެން ކުރެވޭނެ ކަމަކީ ކޮބައިތޯ އާއި އެ ކަހަލަ މައްސަލަތަކުގެ ސަބަބުން ގެއްލިގެންދާނީ ކިތަން ގޮނޑިތޯ ބަލައި އެކަންކަން ތަކުރާރުނުވާނެ ގޮތަކަށް ޕާޓީގެ އުސޫލުތައް ރޭވުމެވެ.

ހަގީގީ މައްސަލަ ހޯދައި ފިޔަވަޅު އެޅުން

ދިވެހިންގެ ވިސްނުމާއެއް ފެންވަރެއްގައި އަދި ވިސްނުން މަތި ކުރުމަށް ޖަހާ ހިސާބު ޖަހަން ޖެހޭނީ ޕާޓީގެ ހަގީގީ މަގުސަދު ނުގެއްލޭގޮތަށެވެ. އެއީ އިންތިހާބުތަކުގައި ނާކާމިޔާބުވުމަށް މެދުވެރިވާ ސަބަބުތަކުގެތެރޭގައި ޕްރައިމަރީގައި ހިނގާ ކަންކަންވާނަމަ އެކަންކަން ތަކުރާރުނުވާނެގޮތަކަށް ކަންކަން ބަދަލުކުރުމެވެ. މެމްބަރުން ގިނަވެގެން ލިބޭ ފައިސާފޮތި ގިނަވި ނަމަވެސް އެ އިތުރުވާ ފައިސާފޮތިން އިންތިހާބު ކާމިޔާބުވުމަށް މާ ބޮޑު އެހީތެރިކަމެއް ނުލިބޭ ނަމަ ފައިސާ ފޮއްޗަށް އެކަނި ބަލައިގެން ޕާޓީގެ އިންތިޒާމުތައް ތަރުތީބުކުރުމަކީވެސް އެހާ ރަނގަޅުކަމަކަށްނުވެދާނެވެ. އެހެންކަމުން ޕްރައިމަރީ ބޭއްވުމާއި ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު މިހާރު ދެމުންދާ ގޮތާއި ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތުތައް މިހާރު އޮތްގޮތް ވަރަށް ބޮޑަށް މުތާލިއާ ކުރަން ޖެހޭނެއެވެ.
ހިޔާލު

ައައްލާބެއްޔާ

މަށަކީ އެމްޑީޕީ މީހެއް! އެކަމަކު ހިލޭސާބަހަށް ވޯޓެއްނުލެވޭނެ! މަގާ މުހުތާދު ވެސް ފުއްދައި ދިނީމަ ވޯޓްލެވޭނީ! އަހަރުމެން ފެންފުޅިއެއް ހިފައިގެން ރަތްދަކައަވީގައި ކިއުޖެހިގެން ކަލޭމެންނަށް މަހަކު މުސާރަ 130000ރ ހޯދައިދިނީމާ އަހަރުމެންނަށް މިވާހާތައްދުވަހު ކުރި ފައިދާއެއްނެތް!ދެންބުނާނެ އަމިއްލަ ނަފްސް ވިއްކަނިއްޔޭ! މިހެންބުނާއިރު މިމީހުން މަޖިލިސްގައި ދެވޭވޯޓަކުން 1 މިލިތަން، ޕާޓީ ބަދަކުކޮއްލާއިރަށް 10 މިލިތަން ޖީބައް!

އިބުރާ

ރަނގަޅުގޮތަކީ ޕުރައިމަރީގަ ވާދަކުރެވޭނީވެސް އަދި ވޯޓް ލެވޭނީވެސް ޕާޓީ މެމްބަރަކަށް ވީތާ ދެއަހަރު ނޫނީ ތިންއަހަރު ވެފައިވާ މެމްބަރުންނަށްއެކަނި ކަމަށް ޕާޓީގެ ޤަވައިދު ބަދަލްކޮށްގެން. ޢެއިރުން މިހާރު މިދިމާވާ މައްސަލަތައް މަދުވާނެ.

ާނައިބުތުއްތު

މިފަހރުވެސް ގެއްލޭނެ. ޒިނޭއަށް ހިތްވަރު ދެއްވާ ލީޑަރުންންށް ދުވަހަކުވެސް ކާމިޔާބު ނުލިބޭނެ.އިންޝާﷲ

ހުވަދޫ ދަރި

ވަރަށްވެސް ރަނގަޅު ވާހަކަތަކެއް! ހަމަ ޔަޤީނުންވެސް 2014 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގައި ގދ. ތިނަދޫގެ 2 ގޮނޑި އެމް. ޑީ. ޕީ އަށް ގެއްލިގެން ދިޔުމުގައި އެފަހަރު ބޭއްވުނު އެމް. ޑީ. ޕީ ގެ މަޖިލިސް ޕަރައިމަރީ ވަރަށް ބޮޑު ރޯލެއް ކުޅުނު! ކަންތައްތައް ދިޔަގޮތް ވަރަށް ސާފުކޮށް އެނގޭ މީހެއްގެ ޙައިޘިއްޔަތުން މިވާހަކަ މިބުނީ!