Mexico gai theyo holhi govaigen maruvi meehunge adhadhu 66 akah ithuruvehje
image
ތެޔޮ ހޮޅި ގޮވި ސަރަހައްދަށް މަރުވި މީހުންގެ އާއިލާތަކުން އެއްވެފައި.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

މެކްސިކޯގައި ތެޔޮ ހޮޅި ގޮވައިގެން މަރުވި މީހުންގެ އަދަދު 66 އަކަށް އިތުރުވެއްޖެ

ހުކުރު ދުވަހުގެ ރޭ މެކްސިކޯގައި ތެޔޮ ހޮޅިއެއް ގޮވައިގެން މަރުވި މީހުންގެ އަދަދު 66 އަކަށް އަރާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
މެކްސިކޯގެ ހިޑާލްގޯ ސްޓޭޓްގައި ހިނގި މި ހާދިސާގައި މަރުވި ކަމަށް ކުރިން ބުނެފައި ވަނީ 21 މީހެކެވެ. ނަމަވެސް އޭގެ ފަހުން އެ އަދަދު 66 އަކަށް އިތުރުވީ އެވެ. އަދި ޒަހަމްވީ މީހުންގެ އަދަދު ވެސް ވަނީ 71 އަކުން 76 އަކަށް އިތުރުވެފަ އެވެ.

މަރުވި ވީމުންގެ ތެރޭގައި ތިން އަންހެނުންނާއި، 12 އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށް، އެ ސްޓޭޓްގެ ގަވަރުނަރު އޮމަރު ފަޔާދް އެ ގައުމުގެ ރައީސް މަނުއަލް ލޮޕޭޒް އޮބްރާޑޯ އާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ތެޔޮ ހޮޅި ގޮވަން މެދުވެރިވީ ބަޔަކު އެ ހޮޅި ފަޅާލައިގެން ވަގަށް ތެޔޮ ނަގަން އުޅުމުގެ ތެރޭގައި ކަމަށް ލަފާކުރެވޭ ކަމަށް މެކްސިކޯގެ އޮފިޝަލުން ބުނެ އެވެ. އަދި ހޮޅި ގޮވި ވަގުތަކީ ތެޔޮ ގަންނަން އެ ހޮޅި ކައިރިއަށް އެތައް ބަޔަކު އެއްވެފައިވާ ވަގުތެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

ތެޔޮ ހޮޅީފައި އަލިފާން ރޯވީ، ހޮޅި ފަޅާލައިގެން ވަގަށް ތެޔޮ ނަގަން އުޅުމުގެ ތެރޭގައި ހިނގި ކަމަކުން ކަމަށް، އެ ގައުމުގެ ސަރުކާރުގެ ތެޔޮ ކުންފުނިން ވެސް ވަނީ ބުނެފަ އެވެ.

ހަމަނުޖެހުން ބޮޑު މެކްސިކޯގެ ތެޔޮ ހޮޅިތަކުން ވައްކަން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް އެ ގައުމުން ތިން ބިލިޔަން ޑޮލަރުގެ ތެޔޮ ވަގަށް ނެގި ކަމަށް ސަރުކާރުން ބުނެ އެވެ.

ޑްރަގް ގޭންގުތަކުގެ ބާރު ގަދަވެފައިވާ ގައުމުގެ ވެރިކަމާ މިދިޔަ ޑިސެންބަރު މަހު ހަވާލުވެވަޑައިގެންނެވި މަނުއަލް ވަނީ ތެލުގެ ވައްކަން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ފައްޓާވާފަ އެވެ. އެގޮތުން ޚާއްސަ ޕޮލިސް އޮޕަރޭޝަންތައް ހިންގައި، ކަޅު ބާޒާރުގައި ތެޔޮ ވިއްކުން ހުއްޓުވުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ހިޔާލު