Congo riyaasee inthihaabuge natheejaa courtun dhamahahtaifi
image
ކޮންގޯގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ފީލިކްސް.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

ކޮންގޯ ރިޔާސީ އިންތިހާބުގެ ނަތީޖާ ކޯޓުން ދަމަހައްޓައިފި

ދެ އަހަރުގެ ލަސްވުމަކަށް ފަހު އެފްރިކާގެ ދެ ވަނަ އަށް އެންމެ ބޮޑު ގައުމު، ޑީއާރު ކޮންގޯގައި ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ދަމަހައްޓަން އެ ގައުމުގެ އެންމެ މަތީ ކޯޓުން ހުކުމް ކޮށްފި އެވެ.
ކޮންސްޓިޓިއުޝަނަލް ކޯޓުން އެ ގޮތަށް ކަނޑައެޅީ، އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވި އިދިކޮޅު ލީޑަރެއް ކަމަށްވާ މާޓިން ފަޔޫލޫ، އިންތިހާބުގެ ނަތީޖާ ބާތިލް ކުރަން ކޯޓަށް ހުށަހެޅި މައްސަލާގަ އެވެ.

ފަޔޫލޫ އެ މައްސަލަ ކޯޓަށް ހުށަހެޅި އިރު، އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީން ވާދަކުރި ފީލިކްސް ޓީޝިކާޑީ އެވެ. ފަޔޫލޫ ތުހުމަތު ކުރާގޮތުގައި ފީލިކްސް ވަނީ ވެރިކަން ދޫކޮށްލައްވާ ޖޯސެފް ކަބީލީ އާ އެކު ވެރިކަމުގެ ބާރުތައް ހިއްސާ ކުރުމަށް އެއްބަސްވެފަ އެވެ. ނަމަވެސް ރައީސް ކަމަށް ހަވާލުވާން ތައްޔާރުވެފައިވާ ފީލިކްސް ވަނީ އެކަން ދޮގުކުރައްވާފަ އެވެ.

ފަޔޫލޫ ވިދާޅުވީ ކޯޓުން އިންތިހާބުގެ ނަތީޖާ ބާތިލް ނުކުރާން ނިންމި ނަމަވެސް ގާނޫނީ ގޮތުން އެ ގައުމުގެ ވެރިކަން ލިބޭނީ އޭނާ އަށް ކަމަށެވެ. އަދި ފީލިކްސްގެ ސަރުކާރު ބަލައި ނުގަތުމަށް އިންޓަނޭޝަނަލް ކޮމިއުނިޓީ އަށް ވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

އެފްރިކާގެ ގައުމުތައް އެކުވެގެން ހަދާފައިވާ އެފްރިކަން ޔޫނިއަނުން ހުކުރު ދުވަހު ވަނީ އިންތިހާބުގެ ނަތީޖާ އާ ގުޅޭގޮތުން ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ކޯޓުން ބުނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަން ފަޔޫލޫ އަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ފީލިކްސް އަކީ އެ ގައުމުގެ އާ ރައީސް ކަމަށް ވެސް ކޯޓު ހުކުމުގައި ބުނެފައި ވެއެވެ.

ކޯޓު ހުކުމާ އެކު ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފީލިކްސް އެ ގައުމުގެ ރައީސް ކަމުގެ މަގާމުގެ ހުވާ ކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހިޔާލު