Jian Maruvi Haadhisaa Hingee Faruvaa Kuda Kamun: Aailaa
image
ރައުޝަން ޖިއާންގެ އާއިލާ--
0 ކޮމެންޓް
 

ޖިއާން މަރުވި ހާދިސާ ހިނގީ ފަރުވާ ކުޑަކަމުން: އާއިލާ

ދަރިފުޅު މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަނުގެ ފަރުވާ ކުޑަކަމުން ކަމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު މަރުވި ރައުޝަން ޖިއާންގެ މަންމަ، ޑރ. ފަރުޒާނާ ހުސެއިން ބުނެފި އެވެ.
މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ ޖިއާން މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ޖިއާނުގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާގެ މަންމަ، ފަރުޒާނާ ބުނީ، އެ އާއިލާއިން އެނބުރި ރާއްޖެއަށް އައީ ދަރިފުޅަށް އިންސާފު ހޯދައިދޭން ކަމަށެވެ. އުމުރުން 8 އަހަރުގެ ޖިއާން މަރުވި ހާދިސާއިން ކޮންސްޓްރަކްޝަން ދާއިރާގެ ކަންކަން އިސްލާހު ކުރަން ޖެހޭކަން ދިވެހިންނަށް އެނގުން ކަމަށް އޭނާގެ މަންމަ ބުނެއެވެ.

މީގެއިތުރުން ފަރުޒާނާ ބުނީ، އެމައްސަލާގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާކަމީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ފ. ނިލަންދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ، ފަރުޒާނާ މާދަމާ ވަޒީފާއަށް ނިކުންނާއެވެ. އަދި އިންސާފު ލިބެން ދެން ރާއްޖޭގައި މަޑުކުރާނެ ކަމަށް އޭނާ ބުނެއެވެ.

ޖިއާންއާ ގުޅޭގޮތުން އިތުރަށް ހިއްސާކުރަމުން އޭނާގެ މަންމަ ބުނީ، އެއީ ކިޔެވުމަށް ލޯބިކުރާ ވަރަށް ހިތްވަރުގަދަ ކުއްޖެއް ކަމަށެވެ. އަދި ދުނިޔެ ބަލާލަން ދަތުރުކުރަން ބޭނުންވެފައި ހުރި ޖިއާން ބޮޑުވެގެން ވާން ބޭނުންވީ ޕައިލެޓަކަށް ކަމަށް އޭނާ މަންމަ ބުންޏެވެ.
ހިޔާލު