E Faivaanuge Hoonukan Hama gadhaeetha
image
ބްރިޖް ހައިވޭގައި ކުރިން ހިނގި އެކްސިޑެންޓެއް: ފައިލް ފޮޓޯ
ރުގިއްޔާ ހުސައިން
2 ކޮމެންޓް
 

އެ ފައިވާނުގެ ހޫނުކަން ހަމަ ގަދައީ؟

ދުނޔޭިގެ އެހެނިހެން ޤައުމުތަކުގެ މީހުންނާއި ބަލާއިރު ދިވެހިންނަކީ ވަރަށް ވިސްނުން ތޫނު ބައެއް ކަމަށް ބުނެއުޅެއެވެ. ސަބަބަކަށް ވަނީ ފެށުނީއްސުރެވެސް ދިވެހިންގެ މައިގަނޑު ކެއުމަކީ ކަނޑުމަސް ކަމަށް ވާތީ އެވެ. ކަނޑުމަސް ކެއުމަކީ ވިސްނުން ތޫނު ވާ ސަބަބެއް ކަމަށް ބައެއް ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކުރެއެވެ. ހަމައެހެންމެ ދިވެހިންނަކީ އަބަދުވެސް ކުރިއަރާ ދާން ބޭނުންވާ ބައެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އަނެއް މީހާ ޔަށް ވުރެ ކުރިއަރާ ދިއުމަށެވެ.
މިގޮތުން ދިވެހިންނަކީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވާން ވަރިހަމަ ވެގެން ތިބޭ ބައެއްނޫނެވެ. މުޖުތަމައުގެ ތެރޭގައި އެހެން ހުންނަ ކަންތައްތަކާ ފާޑުވެސް ކިޔާ ބައެކެވެ. ރަނގަޅު ގޮތުގައި ފާޑުކިއުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އޭގެ ސަބަބުން މުޖުތަމައުގެ ވަރަށް ގިނަ ކަންކަން އިސްލާހު ކޮށް ރަނގަޅު ކުރުމަށް ބާރު އެޅޭ ކަމަކަށް ވެގެން ދެއެވެ.

ނަމަވެސް ފާޑު ކިޔަން ވާނީ ފަހި ވިސްނުމަކުންނެވެ. އަދި ކޮންމެ މީހަކީ ފާޑު ކިޔާ މީހަކަށް ވުމަކުންވެސް ނުފުދެއެވެ. އަދި ކޮންމެ މީހަކީ ފާޑު ކިޔާ މީހަކަށް ވުމުން ކަންކަން އިސްލާޙު ވެގެނެއްވެސް ނުދާނެއެވެ. މީގެ ބަދަލުގައި ކޮންމެ މީހަކީވެސް މާނަވީ ގޮތުން ކަންކަން އިސްލާޙު ކޮށް ޒިންމާ އުފުލާ މީހަކަށް ވެގެންނޫނީ ކިތަންމެ ވަރަކަށް ކަންކަމަށް ޚިޔާލު ފާޅުކޮށް ފާޑު ކިޔަސް މުޖުތަމައު ގެ ކަންކަން ރަނގަޅެއް ނުވާނެއެވެ.

މިދުވަސް ވަރަކީ އަނެއްކާވެސް އާސަރުކާރެއް އައިސް ގެން އާ އަޒުމުތަކަކާ އާ ލަނޑު ދަނޑި ތަކެއް ކަނޑައަޅާއިގެން އާ ބޭފުޅުން ކޮޅެއް މަސައްކަތް ތަކެއް ފައްޓަވައިގެން އުޅުއްވާ ދުވަސް ކޮޅެކެވެ. މަގުމަތީގައި ދުއްވާ އެއްޗިއްސާއި ހިނގާ މީހުން މަގުމަތި ބޭނުން ކުރުމުގައި ދިމާވާ އުނދަގޫ ތަކާ އެކްސިޑެންތައް މަދު ކުރާނެ އާ ގޮތްތަކެއް ހޯދުމަށް ގިނަ ބޭފުޅުން ތަކެއް އެއްވެ ޚިޔާލު ފާޅުކުރުމުގެ މަންސަ އެއްވެސް ވަނީ ބާއްވާފައެވެ. ވަރަށް ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އެ މަންސައަށް ހުށަހެޅިއެވެ. ހުސް އެކަނި ކަންބޮޑުވުމެއް ނޫނެވެ. މައްސަލައެވެ. މައްސަލައިގެ ހައްލެވެ.

ނަމަވެސް ހިތާ މަޔަކީ މިވޭތުވި މަދު ދުވަސް ކޮޅުގައިވެސް އެކްސިޑެންޓްތައް ނިސްބަތުން މަދު ނޫންކަމެވެ. ބާޒާރު މަތިންނެވެ. ބްރިޖު މަތިންނެވެ. އައްޑޫ ލިންކު ރޯޑުންނެވެ. ގަންފޮނަދޫ ލިންކް ރޯޑުންނެވެ. މާލޭ ރިންގް ރޯޑުންނެވެ. މިއެކްސިޑެންޓް ތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި ދިއުމެވެ. އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް އެތައް ބަޔަކަށް ވެގެން ދިއުމެވެ. ފުރާނަޔާ މުދަލަށް ލިބިގެން ދާ ގެއްލުންތައް މިދަނީ ހަމަ ހައްލު ނުކުރެވިއެވެ. މިކަން ކަން ހައްލު ކުރެވޭނީ ހަމަ ފާޑު ކިޔައިގެންތޯއެވެ. ނޫނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އުފުލައިގެންތޯ އެވެ. އެކްސިޑެންޓެއް ހިނގައިގެން ބަލާއިރު ގިނަ ފަހަރަށް ލައިސަންސެއްނޯވެއެވެ.

ސައިކަލްގައި ހުންނަން ޖެހޭލޯގަނޑުވެސް ހުންނަނީ މަދު ސައިކަލެއްގައެވެ. ބައެއް ފަހަރު ތަންތަނުގެ ފާރުވެއްޓި ބިއްލޫރި ގަނޑު ވެއްޓި ދުއްވި އުޅަނދު ހަލާކުވެސް ދުއްވަން އިން މީހާ ސީރިއަސް ހާލަތަށް ގޮސް އެންމެ ފަހުން އިވެނީ އެމީހަކު މިދުނިޔެއާއި އަލުވަދާއު ކީ ހިތާމަވެރި ޚަބަރެވެ. ދެންވެސް ހަމަ ފާޑު ކިޔާލަ ކިޔާލަ ޚިޔާލު ފާޅު ކޮށްލަ ކޮށްލާ ތިބޭނީ ތޯ އެވެ.

ކަނޑުމަތީގެ ހާދިސާ ތައްވެސް ހަމަ މިފަދައެވެ. ކޮންމެ ހާދިސާ އަކަށް ބެލި ކަމުގައިވިއަސް އޮންނަނީ ބަލަން ވާ ވަރަށް ނުބެލި ފައެވެ. ކަންކަމުގައި ދިވެހިން މާ ފަރިތައީ ކަންނޭނގެއެވެ. ގިނަ ފަހަރަށް ކިތަންމެ ދިގުދަތުރެއް ކުރިޔަސް ދުއްވާ މީހާ ހަމަ ވަރު ބަލި ވެދާނެ ކަމަށް ގަބޫލު ކުރަނީ މަދު ބައެކެވެ. އުޅަނދުގެ ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަޔަށް ނެތިގެން ބަލާފާސް ކުރާ ފަހަރުތަކުގައި އެތައް އުޅަނދެއް ޖޫރިމަނާ ކުރެވި ފައި އެބަހުއްޓެވެ. މޫދުގައި ހިނގާ ހިތާމަވެރި ހާދިސަ ތަކަށް ބެލި ކަމުގައި ވިއަސް ހަމަ އަޖައިބެއް ފަދަ އެވެ.

ދިވެހިންނަކީ މޫދާ ކަނޑަށް އެހާ ފަރިތަ ބައެކެވެ. މޫދުގެ ފުންތަނާ އެކި ހިސާބުތަކުގެ އޮޔާއި ވައި އެއީ ދިވެހިން ނުހަނު ދިވެހިން ނުލާހިކު ފަރިތަ ކަންކަމެވެ. ވީ އިރު ކުޑަކުދިން ގޮވައިގެން ދަތުރު ގޮސް އުޅޭއިރު މިފަދަ ހިސާބު ތަކަށް ފަތަންނޭންގޭ ކުޑަކުދިން ގޮސް ފުރާނަ ގެއްލޭ ހިސާބަށް ދާ ދިއުމުގެ ހައްލު ދިވެހިންނަށް ހަމަ ނޭންގެނީތޯ ނުވަތަ އެކުދިންނަށް ބަލަން ވާ ވަރަށް ނުބެލެނީ ތޯ މީ ސުވާލު ކޮށްލަން ޖެހޭ ކަމެއް ނޫންތޯއެވެ.

ދިވެހިރާއްޖެ އަކީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށް ދުނިޔޭގެ ދޫތަކުން ސިފަ ކުރާ ހިތްގައިމު ރީތި ހުދު ދޮންވެލީގެ ގޮނޑުތަކުގެ ރާއްޖެ އެކެވެ. ރީތި ސާފު މަޑު ނޫކުލައިގެ ވިލުތަކުގެ ރާއްޖެ އެކެވެ. ހިތްގައިމު ރީތި މުރަކަތަކާ މަސްމަހާ މެއްސާ ކަނޑު ގެ އެކި ދިރުންތަކުން ދިރި ފައިވާ ކަނޑުގެ ރީތި ރީތި ބަގީޗާގެ އެއްގެ މުންސަނދި ކަން ލިބިފައިވާ ރީތި ރާއްޖެއެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެއަށް އަންނަނީ ހިމުން ސާފު ހުދު ދޮންވެލި ގޮނޑުގެ ހިތްގައިމުކަމުން ހިތްހަމަޖެހުމާއި ހިތް ފަސޭހަކަން ލިބިގަންނާށެވެ. ފިނިހޫނު މިން އެއްވަރެއްގައި ހުންނަ ނޫވިލުތަކުން ފެންވަރާ ލުމުގެ ހިތްގައިމުކަން ލިބިގަންނާށެވެ. ކަނޑު އަޑީގެ ބަގީޗާ ތަކަށް ފީނާ އެތަންތަނުގެ ރީތި ކަން ދެކެލާ ތަޖުރިބާ ކޮށްލުމުގެ ބޭނުމުގައެވެ . އެބައިމީހުންގެ އަވަދިނެތި ދިރި ދިރި އުޅުމުން އެއްކިބާވެ ދިވެހިރާއްޖެ އަށް ލިބިފައިވާ އެންމެ ފުރިހަމަ ގުދުރަތީ ރީތިކަން ބޭނުން ކޮށްގެން ހަދާފައިވާ ފަތުރުވެރިންގެ މަންޒިލުތަކުން ހިމޭން ކަމެއް ލިބިގަންނާށެވެ.

ނަމަވެސް ކަންވެގެން މިދާ ގޮތާއި މެދު އަދިވެސް ވިސްނާ ކަށް ނުޖެހޭ ތޯއެވެ. ފަތުރުވެރިންނަށް ފަހަކަށް އައިސް މޫދަށް އެރި އުޅުމުގެތެރޭގައި ދިމާވި މަރުގެ ހާދިސާ ތަކުގެ ޒިންމާ އުފުލަނީ ކޮން ބައެއްތޯ އެވެ. ރިސޯޓް ތަކުގެވެރިންތޯ އެވެ. ސަރުކާރުގެ ކަމާ ގުޅޭ ދާއިރާ ދާއިރާ ތަކުން ތޯ އެވެ. ފަތުރު ވެރިކަމުގެ ސިނާއަތުގެ އެންމެ ހާ ފަރާތްތަކުންތޯ އެވެ. ކޮންމެ ރިސޯޓެއްގެ މުއައްޒަފުން ތޯއެވެ. ފަތުރުވެރިނަށް މޫދަށް އެރި އުޅުމަށް ހެދިފައި ހުރި ގަވާއިދުތައް ތޯއެއެވެ.

ކޮންމެ އަކަސް މިކަމަށްވެސް ފާޑު ކިޔަން އަޅުގަނޑުމެން ދިވެހިން ވަރަށް ކުޅަދާނަ ވާނެއެވެ. ހެދިފައި ހުންނަ ގަވާއިދަކަށް ނުބެލެއެވެ. އެމީހަކާއި ހަވާލުވެފައިވާ ޒިންމާ ގެ ބަދަލުގައި ކޮންމެ ކަމަކީވެސް އެހެންމީހެއްގެ މައްސަލައެއް ކަމަށް ދެއްކުން މީ ދިވެހިންނަށް މިހާރު ހެދޭ އެންމެ ބޮޑު ގޯސް ކަމަށް ހީވެއެވެ. މިހެން މިވަނި އަޅުގަނޑުމެންގެ ކިބައިގައި ކަންކަމުގެ ޒިންމާ އުފުލުގެ ގަބިލުކަން ނެތިމަތޯއެވެ. ޒިންމާ އާއި ހަވާލުވިޔަކަސް އަދި ނިމުނީކީ ނޫނެނެވެ. އޮތީ ހަވާލުވެފައިވާ ޒިންމާ އުފުލުމެވެ. ތެދުވެރި ވުމެވެ. އިޚްލާސް ތެރި ވުމެވެ. ކަންކަމަށް ފާޑު ކިޔަކަސް އަދި ނިމުނީ ކީ ނޫނެވެ. ދުރުގައި ހުންނަ އިރު ތިމާ ޔާ އެޒިންމާ ހަވާލުވެއްޖެ ނަމަ ކަންކަން ހައްލު ކޮށްލާނެ ގޮތުގެ ވަރަށް މޮޅު ޚިޔާލުތައް ފާޅު ކުރާނެއެވެ. އެކަމަކު ޒިންމާ އުފުލަން ޖެހުމުން މިޒަމާނުގެ ދިވެހިންނަށް މިވެރިވަނީ ކޮންފަދަ ބަލިމަޑު ކަމެއްތޯ އެވެ. މިހެން ދިމާވަނީ ހަމަ އެފައިވާން ހެއުވަރު ނުވެގެން ތޯ އެވެ. ނުވަތަ ހަމަ އޭގެ ހޫނުކަން އެއަށް އަރާލުމުން އިހްސާސް ކުރެވުނީމަތޯއެވެ.
ހިޔާލު

ހަޒޭލް

ދިވެހީންނަކީ ވިސްނުންތޫނު ބަޔެކޭ.. ތޫނީ ވިސްނުމެއްވެސް ނޫން..

ޝާހިދް

ސީ.އެން.އެމް ހީވަނީ ދެން ތިޔަށްވުރެ ތަރްއްގީ ވާންވެއްޖެހެން. ސުރުހީ އަކާ އާރޓިކަލް އަކާ ނެތް އެއްވެސް ގުޅުމެއް... ސުރުހީއެއް އެޅިއްޖިއްޔާ އެނިމުނީ އެގަހުކޭލޭ މިގަހުކޭލޭ ކިޔާފަ އާރޓިކަލް ނިންމާލީމަ ނިމުނީ.. ވަރިހަމަ ސުރުހީއާ އާރޓިކަލްއާ ގުޅުމެއް ދުވަހަކު ނެތަސް...😡😡😡