Kuru Vaahaka: Hiniayas
image
ކުރު ވާހަކަ: ހިނިއަޔަސް--
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ކުރު ވާހަކަ: ހިނިއަޔަސް

ގަދަ ނޫ ކުލައިގެ މަހުމާ ފޮތި ޖަހައިފައިވާ ކުޑަކުޑަ ކަފޭރާއެކެވެ. އުސްމިނުގައި ދޮޅު ފޫޓު ހުންނާނެއެވެ. ކަފޭރާގައި ބަހައްޓާފައިވަނީ ދެ އެމްޕްލިފަރއެވެ. ކޮންމެ އެމްޕްލިފަޔަރ ވެސް ވަނީ މައިކުތަކާ ގުޅާލެވިފައެވެ. ކަފޭރާގެ ދެކުނު ފަރާތުގެ ބިތުގެ މެދުގައި ދެ ސުވިޗު ހުއްޓެވެ. ކަފޭރާގެ އިރުމަތީ ފަރާތު ބިތުގައި ބަހައްޓާފައި ވަނީ ތިން ހަރުފަތް ލާފައިވާ ސިޑިއެކެވެ. ކޮންމެ ސިޑިއެއް ވެސް ޖަރީކޮށްފައިވަނީ މުށިގަނޑުމަތީ ފަތުރާލައިފައިވާ ކާޕެޓުންނެވެ. ސިޑިތައް ވަށައިގެންވަނީ ލަކުޑިން ކަނޑާނަގައި އޮފުއަރުވާފައިވާ ތޭރިތަކެވެ. އެއީ މިންބަރެވެ. ޚުޠުބާ ކިޔަން އަރާ ތަނެވެ. ހައްތަހާ ވެސް އަހަރެން ގަޔާވާ ސާމާނެވެ. ބޭނުންވާ ކުލަތަކެވެ. ކުޅެލަން ފުރުޞަތު ނުލިބިވާ ތަކެއްޗެވެ. މިސްކިތަށް އަރައިފި ނަމަ އަހަރެންގެ ކަޅި ތަތްވާ ތަކެއްޗަކީ އެއީއެވެ. ހިތުގައި އެތަކެއް ސުވާލެއް އުފެދެއެވެ. ނަމަވެސް ބޭރުކޮށްލެވެނީ ދެ ތިން ސުވާލެވެ. ނޫނީ އަހަރެން ބޭނުންވާ ކަންކަން ނުކުރެވިދާނެއެވެ. ބޭޒާރު ވެދާނެއެވެ.
"ބަންގި ގޮވާ އަޑު އެހެން މީހުންނަށް އިވޭނީ މައިކު ޖައްސައިފަ ކައިރިއަށް ހުއްޓި ހުރެގެން ބަންގި ގޮވީމަ" ދޮންބެ އަހަންނަށް އޮޅުން ފިލުވައިދިނެވެ. އެ ދުވަހު ދޮންބެއާ އެކު މެންދުރު ނަމާދަށް މިސްކިތަށް ދިޔައީ އެ ސުވާލު ހިތަށް ލައިގެންނެވެ.

"އެ ސުވިޗު ޖެއްސީމަ އެ ރަތް ބޮކި ދިއްލޭނެ. ދިއްލުނީމަ ދެން މައިކުގަ އިންނަ ސުވިޗް ކުރިއަށް ޖައްސައިލީމަ އަޑު އިވޭނެ ބޭރަށް، ވަރަށް އަޑު ގަދަވާނެ" ޝައުޤުވެރިކަމާއެކު ކާފަ އަހަރެންގެ ސުވާލަށް ޖަވާބުދިނީ މަޣްރިބު ނަމާދުން ގެއަށް އާ މަގުމަތީގައެވެ.

ހުކުރު ދުވަހު ވަރަށް ގިނަ މައުލޫމާތު ލިބުނުކަން އެއީ ނަސީބެކޭ ހިތަށް އެރިއެވެ. އެ ދުވަހުން ފެށިގެން ފާއިތުވި ދެ ހަފުތާ ވަންދެން މިސްކިތަށް ދާން ޖެހުނީ ބައްޕައާއެކުއެވެ. ސުވާލެއް ކޮށްލަން ނުކެރުނީ އަހަރެންގެ ރޭވުން ބައްޕައަށް ވިސްނިދާނެތީއެވެ. އޭރުން ހުރިހާ ދުވަހު އަހަރެން ހޯދަމުން މިދާ މައުލޫމާތު އެއްފަހަރުން ބޭކާރުވީއެވެ. ދުވާލަކު ފަސް ފަހަރު، ދެ ހަފުތާގެ ސާދަ ދުވަހު އަހަރެންގެ ސިކުނޑީގައި ކުރެހުނީ މުދިމުގެ ހަރަކާތްތަކެވެ. ސުވިޗު ޖައްސާ ގޮތެވެ. މައިކުން އަޑު އަންނަ ގޮތެވެ. ނިމުނީމާ އަނެއްކާ ވެސް ސުވިޗަށް ހަދާގޮތެވެ. އެ ތަރުތީބެވެ. ކޮންމެ އިރަކުމެ ވިސްނެނީ އެ ހަރަކާތްތަކަށެވެ.

ޖެހިގެން އައީ ވަރަށް އުފާވެރި ހަފުތާ ބަންދެކެވެ. ހިތުން ފޮހެލަން އުނދަގޫ އުފާވެރި ކަމެއް ލިބުނު ދެ ދުވަހެވެ. މަންމައަކީ ސްކޫލު ޓީޗަރެކެވެ. ދޮންތަ އުޅެނީ ގުރޭޑް 1 ގައެވެ. ސްކޫލުގައި ހަފުތާ ބަންދު ޚާއްޞަކޮށްފައި އޮތީ ދިވެހި ދުވަހުގެ ހަރަކާތްތަކަށެވެ. ދިވެހި ދުވަހު ކިޔަން ދޮންތައަށް މަންމަ ދަސްކޮށްދިނީ މަދަހައެކެވެ. ދޮންތަ މަދަހަ ފަރިތަކުރަނީ އަހަރެންގެ ކޮޓަރީގައެވެ. ކިޔާންވީ ގޮތާއި ކުރާންވީ ހަރަކާތް މަންމަ ކިޔައިދެއެވެ. އަހަރެން އިންނަނީ މަންމަގެ ބަސްއަހައިގެންނެވެ. ދޮންތަގެ ހަރަކާތްތަކަށް ބެލުމުގައެވެ. ދޮންތަގެ އަޑުދަށުން އަހަރެން މަދަހަ ކިޔަމެވެ. ފަރިތަކުރުން އޮތް އެންމެ ފަހުރޭ ދޮންތަ މަދަހަ ކިޔަން ފެށުމުގެ ކުރީން އަހަރެން ހަރަކާތާއެކު މަދަހަ ކިޔައިލީމެވެ. މަންމަ އުފަލުން އަހަރެންގެ ގައިގައި ބައްދާލިއެވެ. ތަޢުރީފުގެ ބަސްތަކުން އަހަރެން ހިތް ފުރައިލަދިނެވެ. އަހަރެން ބޭނުންވާ ގޮތް މަންމަ ގާތު ބުނެދިނީމެވެ.

ޖެހިގެން އައީ ހުކުރު ދުވަހެވެ. ދިވެހިވަންތަ ރީތި ލިބާހެއް ލައްވާ ދޮންތަގެ މޫނުގައި ކުލަޖައްސަން މަންމަ އިނެވެ. ދޮންތަމެން ނަލަ ހެދި ރީތިވާން ފެށުމުން މަންމަގެ އުނގަށްވަދެ އަހަރެން ކުސްތަޅަން ފެށީމެވެ. މަންމަ ހިނިތުންވެލިއެވެ. އަހަރެންގެ ގައިގައި ބައްދައިލިއެވެ. އަހަރެންގެ ނަސީބު ރަނގަޅުތާއޭ ހިތަށް އެރިއެވެ. މަންމަ އޮތީ ދޮންތައާ އެއްކުލައިން އަހަންނަށް ވެސް ހެދުމެއް ތައްޔާރުކޮށްފައެވެ. އުފަލުން ދަތްތައް ސޭލު އަޅުވައިލައިގެން، މަންމަގެ އިނގިލީގައި ހިފައިގެން އަހަރެން ސްކޫލަށް ދިޔައީ ބަހެއް ވެސް ނުބުނެއެވެ.

އެންމެ ފަހުން މަދަހަ ކިޔަން އެރީ ދޮންތައެވެ. ދޮންތަ މަދަހަ ކިޔައި ނިމުމުން އަހަރެން ވެސް މަދަހަ ކިޔަން ބޭނުންވިއެވެ. ނަމެވެސް މަންމަ ހިފެއްހެޓީއެވެ. މަންޒަރު ފެނުނީ ޕްރިންސިޕަލް އަށެވެ. އޭރު ހޯލުން މީހުން ނިކުންނަނީއެވެ. ޕްރިންސިޕަލް އަހަރެން ގެންގޮސް ސްޓޭޖަށް އެރުވިއެވެ. މައިކު ރަނގަޅު ކޮށްދިނެވެ. އަހަރެން ހޯލަށް ނަޒަރު ހިންގައިލީމެވެ. އޭރު ހޯލުގައި ތިބީ މަންމައާއެކު އިތުރު ތިން މުދައްރިސުންނެވެ. މަންމަގެ ފޯނުގެ ކެމެރާ އަހަންނާ ދިމާއަށް ދިއްކޮށްލިއެވެ. ހަރަކާތްކުރަމުން އަހަރެން މަދަހަ ކިޔަން ފެށީމެވެ.

އިސާހިތަކު ހޯލުގެ ގޮނޑިތައް ފުރޭ މަންޒަރު އަހަންނަށް ފެނުނެވެ. މަދަހައިގެ ފުރަތަމަ ކަޑި ނިންމާލެމަށް ޝުކުރިއްޔާއޭ ބުނެލީމެވެ. އަތްތިލަބަޑީގެ އަޑުން މުޅި ހޯލުތެރެ ގުގުމަން ފެށިއެވެ. ޕްރިންސިލް އަހަންނާ ސަލާމްކޮށް ކޮލުގައި ހިފައިލިއެވެ. ތައުރީފުކުރިއެވެ. ހުރިހާ މުދައްރިސުން ވެސް އަހަންނަށް ސަނާކިޔެވެ. އެއީ ހަނދާނުން ފިލުވައިލަން އުނދަގޫ އިހުސާސްތަކެއް ކުރެވުނު ވަގުތުކޮޅެކެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. ގެއަށް އައުމުން ކާފައާއި މާމަ ވެސް އަހަންނަށް ތައުރީފުކުރިއެވެ. ބޮޑުދައިތައާއި ބޮޑުބޭބެ ވެސް ކުރީ އެއްކަމެކެވެ. ދޮންބެއާއި ތުއްތު ވެސް އަހަރެންގެ ވީޑިއޯ ބަލައިފައި ތައުރީފުގެ މާފަތިތަކުން ކަރު ފުރައިލަދިނެވެ.

އެހެން ދުވަހެކެވެ. އަނެއްކާ ވެސް ކާފައާއެކު ނަމާދަށް ދާނެ ފުރުޞަތު އަހަންނަށް ލިބުނެވެ. ސުވާލުގެ ޗޭނުން ބޮޅެއް ނައްޓައިލާނެ ފުރުޞަތު ފަހިވީއެވެ.

"ނަމާދަށް ހަރަމްބަނުމަށް ފަހު އިތުރު ކަންކަން ކުރުން މަނާވާނެ" އޯގާތެރިކަމާއެކު ކާފަ ބުނެދިނެވެ. "ނަމާދުކޮށް ނިމުމުން ނޫނީ އިތުރު އެއްވެސް ކަމެއް ނުކުރެވޭނެ. އެއްވެސް ތަނެއް ނުބެލޭނެ" "ބައްޕަ ނަމާދު ކުރާހެން ނަމާދުކުރާނީ. ފަހަތަށް އެނބުރި ތަންތަން ބަލައި މިސްކިތުގައި ދުވާކަށް ނުވާނެ" ބައްޕަ ހިތްހަމަ ނުޖެހިގެން އަހަންނާ ވާހަކަދެއްކީ ހުކުރަށް ގޮސް އަހަރެން އުޅުނު ގޮތުންނެވެ.

ފެށުނު ހަފުތާގެ ހޯމަ ދުވަހެވެ. އޮފީސް ނިންމާފައި ބައްޕައަށް އާދެވުނީ ދޭއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. އޭރު ނަމާދަށް ދާން އަހަރެން ހުރީ ކެތްމަދުވެފައެވެ. ފުރުޞަތު ލިބޭނެ ދުވަހަކަށް އެދުވަސް ވެދާނެތީއެވެ. "ބަސް އަހައިގެން ބައްޕަ ނަމާދު ކުރާ ގޮތަށް ނަމާދު ކުރާތި އިނގޭ" މިސްކިތަށް ވަނުމުގެ ކުރިން ބައްޕަގެ ބަދަލު ނުވާ ޖުމުލަ އަހަންނަށް އިއްވައިލަދިނެވެ.

މިސްކިތަށް ވަދެވުމާއެކު ކަޅި ހިންގައިލީމެވެ. ނަސީބު ވަރަށް ރަނގަޅެވެ. މިސްކިތުގައި ތިބީ އަހަންނާއި ބައްޕަ އެކަންޏެވެ. ބައްޕަގެ އިރުޝާދާއެކު އަލިފެއްހެން މިސްކިތަށް ވަނީމެވެ. ބައްޕައާއެކު ނަމާދު ކުރަން ފަށައިފީމެވެ. ފުރަތަމަ ސަޖިދައަށް ދެވުމާއެކު މޮޅު ޚިޔާލެއް ވެރިވިއެވެ. ބައްޕަ ތެދުވުމުގެ ކުރިން އަހަރެން ސަޖިދައިން ތެދުވީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އެއްކަލަ އެމްޕްލިފައަރއެވެ. އެ ސުވިޗެވެ. އެ ރީތި ސިޑިއެވެ. ބައްޕަ ދެވަނަ ރަކުއަތުގެ ރުކޫޢު ކުރިއިރު ވެސް އަހަންނަށް ހުރެވުނީ ހަރަމް ބަނދެގެންނެވެ. ބައްޕަ ސަޖިދައަށް ދިޔައިރަށް އަހަރެން ދުއްވައިގަތީމެވެ. ގޮސް އެއްކަލަ ސިޑިއަށް އެރީމެވެ. މަޑުމަޑުން ފަހަތް ބަލައިލީމެވެ. ބައްޕަ އޮތީ ސަޖިދާގައެވެ. އަހަރެން ގޯސް ކަމެއް ކުރާނަމަ ބައްޕަ ހުއްޓުވާނެކަން ޔަޤީންވިއެވެ. މި ކުރެވެނީ ރަނގަޅު ކަމެއްތާއޭ ހިތަށް އެރިއެވެ. ދެތިން ފަހަރު ބައްޕައާ ދިމާއަށް ބަލައިލުމުން ވެސް ބައްޕަ އަހަންނާ ދިމާއަށް ބަލައި ވެސް ނުލީ އެހެންވެ ތާއޭ ހިތް ބުނެލިއެވެ.

އިނގިރޭސިބަހުން ގުނަމުން ފަހަރަކު ސިޑިއަކަށް އަރަމުން ދިޔައީމެވެ. އެ ހަރަކާތް ދެތިން ފަހަރު ތަކުރާރުކޮށްލީމެވެ. މަޑުމަޑުން ސިޑިން ފޭބީމެވެ. ލޮލުގައި އަޅައިގަތީ އެއްކަލަ ސުވިޗެވެ. ބަލާކަށް ނުހުރެ ސުވިޗު ޖެއްސީމެވެ. ރަތްބޮކި ދިއްލުނެވެ. ފުރަތަމަ ހަރަކާތް ރަނގަޅުވީއޭ ހިތް ބުނެލިއެވެ. ނަމާދުކުރާއިރު ބޭނުންކުރާ މައިކު ކަފޭރާ މަތީގައި އޮތެވެ. މައިކު ނަގައި ސުވިޗެއް ފެނޭތޯ ބަލައިލީމެވެ. ނަސީބު ވަރަށް ރަނގަޅެވެ. ސުވިޗު ޖައްސައިލީމެވެ. އެއާއެކު އަނެއްކާ ރަތް ބޮތްކެއް ދިއްލުނެވެ. ދެވަނަ ހަރުފަތް ކާމިޔާބުވީ ކަމަށް ނިންމީމެވެ. އަނެއްކާ ވެސް ބައްޕައާ ދިމާއަށް ބަލައިލީމެވެ. އޭރު ބައްޕަ އޮތީ ރުކޫޢުގައެވެ.

މައިކު ނަގާ މަދަހަ ކިޔާން ފެށީމެވެ. ބާރުބާރަށެވެ. އަހަރެންގެ ރަސްމީ އަޑުންނެވެ. ދިވެހިބަހަށް ނުފަރިތަ އަކުރުތަކާއެކުގައެވެ. މަދަހައިގެ ފުރަތަމަ ކަޑި ނިމުނު އިރު ވެސް އަހަންނަށް އިވެނީ އަހަރެންގެ އަޑެވެ. ކުއްލިއަކަށް ހަނދާންވީ ދޮންބެ ބުނެދިން ވާހަކައެވެ. މުޅިން ރަށަށް އަޑުދާނެ ވާހަކައެވެ. އަޑުބާރު ވާނެ ވާހަކައެވެ. ނަމަވެސް އަހަންނަށް އިވެމުން ދިޔައީ އަހަރެންގެ އަޑު އެކަންޏެވެ. އެހާ ބާރަށް އަޑުދާހެން ހިޔެއް ނުވެއެވެ. ބައްޕައާ ދިމާއަށް ބަލައިލީމެވެ. އޭރު ބައްޕަ އިނީ އައްތަހިއްޔާތަށެވެ.

"ބައްޕާ މައިކު ހަރާކުވެފަ. އަޑެއް ނާދެ. ދެން ބައްޕާ ބަރާބަރަ" ރަސްމީ ރާގުގައި އަހަރެން ގޮވާލުމުން ވެސް ބައްޕަ ބަލައި ވެސް ނުލިއެވެ. އަހަރެން ހިތަށް އެރީ އެއީ މަދަހަ ކިޔާތީ ވާގޮތެއް ކަމަށެވެ. އެހެންވެ ދޮންތަ ކިޔާ 'އިންސިވިންސީ ސްޕައިޑަރ' ލަވަ ކިޔާން ފެށީމެވެ. އޭރު މިސްކިތް ދޮށަށް ބައެއް މީހުން އަންނަ މަންޒަރު، ކުޑަދޮރުން ބޭރުން އަހަންނަށް ފެނުނެވެ. ނަމަވެސް ބައްޕަ އިނީ ތުންތަޅުވާލަ ތަޅުވާލައެވެ.

އެ ލަވަ ކިޔާ ނިމުމުން އަނެއްކާ އަނެއް އިނގިރޭސި ލަވަ ކިޔާން ފެށީމެވެ. މި ފަހަރު ކިޔައިލީ މަންމައަށް އެންމެ ރީތި ލަވައެވެ. ކުއްލިއަކަށް މީހަކު މިސްކިތުގެ ދޮރު ހުޅުވާލިއެވެ. މީހަކު އެތެރެއަށް ވަނެވެ. އެމީހާ އަހަންނާ ދިމާއަށް އަންނަތަން ފެނުނެވެ. އަހަންނަށް ބަލައިލެވުނީ ބައްޕައާ ދިމާއަށެވެ. ބައްޕަ ވެސް ބާރުބާރަށް އަހަންނާ ދިމާއަށް އަންނާތީ ފެނުނެވެ. އަހަރެން ހީކުރީ ބައްޕަ އައިސް އަހަރެން އުރާލާނެ ކަމަށެވެ. އަދި އެމީހާ ވެސް އަހަރެންގެ ބޮލުގައި ފިރުމާލާނެ ކަމަށެވެ. އަހަންނަށް ބަލައިލެވުނީ އެމީހާގެ މޫނަށެވެ. ދެވަނަ ސިކުންތުގައި ބައްޕަގެ މޫނަށެވެ. ފެނުނީ އެއް މަންޒަރެކެވެ. ގޮށްޖެހި ކައިރިކޮށްލެވިފައިވާ ދެ ބުމައެވެ.

އަހަރެން ދުއްވައިގަތީ ބައްޕާ ދިމާއަށެވެ. މައިކު ވެސް ހިފައިގެންނެވެ. ކުއްލިއަކަށް މައިކުގެ ވާގަނޑަށް ބާރުވެ ބަނޑުވަތަށް ވެއްޓުނެވެ. ނަސީބަކުން ތަދެއް ނުވެއެވެ. ބައްޕަ އައިސް އަހަރެން ނަގައިގެން މިސްކިތުން ފައިބަން ހިނގައިގަތެވެ. އަހަންނަށް ބަލައިލެވުނީ ބޭރަށެވެ. މުޅި ސަރަހައްދު އޮތީ ފުރި ބާރުވެފައެވެ. އަންހެނުންނާއި ކުޑަކުދީންނެވެ. ވާނުވާ ބޯޑު މޫނުގައި އަޅުވައިގެން ތިބި މީހުންނެވެ. ބައްޕަ ލަދުން އިސްޖަހައިލި މަންޒަރު އަހަންނަށް ފެނުނެވެ.

އެއީ އަހަރެންގެ އުމުރުން ތިން އަހަރު ފުރި ހަތަރުވަނަ އަހަރަށް ގުނަންފެށި ދުވަސްވަރުގެ ހަނދާނެކެވެ. އެ ދުވަހު ކުރިމަތިވި ހާދިސާ ދެވަނަ ފަހަރު ތަކުރާރު ވެދާނެތީ މިސްކިތްތަކުގައިވާ ސާމާނު މިހާރު ހުންނާނީ ތަޅުލެވޭނެހެން ބަންދުކޮށްފައެވެ. އަހަރެން މިއަދު މި ހުރީ އެކަންކަމާ ހަވާލުވެ ހުރި މީހެއްގެ މަޤާމުގައެވެ. މިސްކިތްތަކާ ގުޅޭ މަތީ މަޖިލީހުގެ އެންމެ އިސްވެރިޔާގެ މަޤާމުގައެވެ. މިއީ ޅަ އިރުގެ ވާހަކައެވެ. އަހަރެންގެ ވާހަކައެވެ. ނުވިސްނޭއިރު ކުރެވުނު ކަމަކީ މޮޅުކަމަކަށްވީ އެކަމުން ވެސް ޢިބްރަތެއް ބަޔަކަށް ލިބުނީތީއެވެ. ކަމެއް އިސްލާޙްވީތީއެވެ. މައިންބަފައިން އެމީހުންގެ ވާޖިބުތައް ބަރާބަރަށް އަދާކުރި ނަމަވެސް، މުޖުތަމައުގެ ޒިންމާތަކާއި ވެށީގެ ތަރުތީބުކަން ފުރިހަމަވާން ޖެހޭކަމަށް ވިސްނައިދެވުނީތީ މިއަދު ހިނިއަޔަސް އުފާވެއެވެ.
ހިޔާލު

ުމުދިބެ

ޟި ހަޤީޤީ ވާހަކައެއްތަ؟ 3 އަހަރާއި 4 އަހަރުގެ ހަނދާންހުންނަ ކުއްޖަކާ އަދި ދިމަލެއްނުވޭ