Shakeeb Magaamuge Nufoozu Beynun Kuraa kamah Bunaa Mahsala Belumah Civil Service Commission Ah Hushahalhaifi
image
ޑީޕީއީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަކީބް--
0 ކޮމެންޓް
 

ޝަކީބު ނުފޫޒު ބޭނުންކުރާ ކަމަށް ބުނާ މައްސަލަ ބެލެމަށް ސީއެސްސީއަށް

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަކީބާއި ގުޅޭގޮތުން އެ އޮފީހުގެ މުވައްޒަފުންތަކެއް ސަރުކާރުގެ އެކި މުވައްސަސާތަކަށް ފޮނުވި މައްސަލަ ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅައިފި އެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު، އެޑިއުކޭޝަން މިނިސްޓްރީ އާއި ރައީސް އޮފީހާއި އަދި ސިވިލް ސާވިސް ކޮމިޝަނާއި ލޭބާ ރިލޭޝަން އޮތޯރިޓީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުންގެ މެދުގައި ތަފާތު ކުރުވުންތައް ގެންގުޅޭ ކަމަށާއި އެކަމުގެ ސަބަބުން މުވައްޒަފުންނަށް "ނަފްސާނީ އަނިޔާ" ކުރިމަތިވެފައިވާކަން ހާމަކޮށްފައެވެ.

އޭސީސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަ ބެލުމަށް ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައިވަނީ މިއަދު ކަމަށެވެ.

އެ ސިޓީގައި މައިގަނޑު ގޮތެއްގައި ކޮށްފައިވާ ޝަކުވާއަކީ ޝަކީބުގެ އަނބިކަނބަލުން އުމްނިއާ މުސްތަފާ، މުވައްޒަފުންނަށް ކުރާ "އުނދަގޫ" ތަކުގެ ވާހަކައެވެ. އެގޮތުން އުމްނިޔާގެ ފަރާތުން ކަމެއް ގޯސްކޮށް ކުރެވުނު ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާއި އެހެން މުވައްޒަފަކަށް ގޯސްކޮށް ކަމެއް ކުރެވުމުން އެކަމާއި ނުބައްދަލު ބޮޑު އަދަބެއް ދޭ ވާހަކައެވެ.

ސިޔާސީ ގޮތުންވެސް ބައެއް މުއައްޒަފުންނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ވެސް އިސްވެރިޔާ މަސައްކަތްކޮށްފައިވާކަން ފާހަގަކޮށް ސިޓީގައި ބުނީ ހެދިފައިހުރި ގާނޫނޫތަކާއި ގަވާއިދުތަކާ ހިލާފަށް، އޮފީހުގެ އިސްވެރިޔާގެ މަގާމުގެ ނުފޫޒު ބޭނުންކޮށް ތިމާއަށާއި ތިމާގެ ގާތްމީހުންނަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކުރާ ވަރަށް ޒިންމާދާރުކަން ކުޑަ އެ އަމަލަށް ފިޔަވަޅު އަޅައިދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެ އާދޭސްތަކަށް މީގެކުރިން ދީފައިވަނީ "ބީރު" ކަންފަތެއް ކަމަށާއި ހެކި ނައްތާލުންފަދަ ކަންކަން ނުކުރެވޭނެފަދަ މާހައުލެއް އުފައްދައިދެއްވުމަށް އުއްމީދު ކުރާ ކަމަށެވެ.

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމަށް ހިންގާފައިވާ "ޖަރީމާ" ތަކާއި، ކޯޑް އޮފް ކޮންޑަކްޓް އަދި ބެސްޓް ޕްރެކްޓިސް އާއި ހިލާފަށް ހުރި ކަންތައްތައް މިނިވަންކަމާއެކު ތަހުޤީގުކޮށް، އިހުމާލުވާ ފަރާތްތަކާއި، ކުށްވެރިވާ ފަރާތްތަކަށް ހައްގުވާ އަދަބު ދެއްވައި، އަދުލުން އެއްކިބާވެފައިވާ ފަރާތްތަކަށް ހައްގުވާ އިންސާފު ހޯދައިދިނުމަށް މުއްވަޒަފުން އެދެއެވެ.

އެމައްސަލައާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުގެ ބަހެއް ވެސް އަދި ނުލިބެއެވެ.

ޑީޕީއީގެ ވެރިޔަކަށް ޝަކީބު ހުންނަވާތާ މިހާރު 11 ވަރަކަށް އަހަރު ވެއްޖެ އެވެ. އަދި އެ އޮފީހުގައި އުމްނިޔާ އުޅުއްވާތާ ވެސް ގިނަ އަހަރުތަކެއް ވެފައިވާއިރު އެމީހުން ކައިވެނި ކުރީ މީގެ ތިން އަހަރު ކުރިން ކަމަށް ވެއެވެ.

އެކަމާއި ގުޅިގެން ޝަކީބު ފޯނު ނުނަންގަވާތީ ޝަކީބުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ހިޔާލު