Corruption index gai thin vana faharah Raajje dhashah
image
އެންޓި ކޮރަޕްޝަން ކޮމިޝަން: މިއީ ރާއްޖޭގެ ކޮރަޕްޝަނުގެ ހާލަތު ދަށަށް ދިޔަ ތިން ވަނަ އަހަރު.-- ފޮޓޯ: ސަން
0 ކޮމެންޓް
 

ކޮރަޕްޝަން އިންޑެކްސްގައި ތިން ވަނަ ފަހަރަށް ރާއްޖެ ދަށަށް

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ކޮންމެ އަހަރަކު ވެސް ނެރެމުން އަންނަ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް"ގައި ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރާއްޖެ ފަހަތައް ޖެހިއްޖެ އެވެ.
ކޮރަޕްޝަން މަދު ގައުމުތަކަށް އިތުރަށް މާކްސް ލިބޭއިރު ކޮރަޕްޝަނުގެ ވަމާގައި ޖެހިފައިވާ ގައުމުތައް ދަށް މާސްކްތައް ލިބޭގޮތަސް ގިންތިކުރާ ރިޕޯޓުގައި ރާއްޖެ އަށް މި އަހަރު ލިބިފައިވަނީ 31 އެވެ. އެގޮތުން މިއީ އެ ރިޕޯޓުގައި 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިން ބައި ކޮށްފަ ދެ ބައި ގައުމުތަކުގެ ގިންތީގައި ރާއްޖެ ހިމެނުނު ތިން ވަނަ އަހަރެވެ.

ދުނިޔޭގެ 180 ގައުމެއްގެ ކޮރަޕްޝަނުގެ ހާލަތު ގިންތި ކޮށްފައިވާ ރިޕޯޓުން ރާއްޖެ އަށް މި ފަހަރު 31 ޕޮއިންޓް ލިބުމުން އޮތީ 124 ވަނާގަ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނީ އެ ރިޕޯޓުގައި ރާއްޖެ ފަހަތަށް ދިއުމަކީ ޑިމޮކްރެޓިކް މުވައްސަސާތައް ރޫޅި، އަތްނުފޯރާ ވަރަށް ކޮރަޕްޝަނުގެ ވަބާ އަށަގެންފައިވާ ކަމުގެ ބިރުވެރި ނިޝާނެއް ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރަކީ ރާއްޖޭގެ އަސާސީ ހައްގުތައް ނިގުޅައިގަނެ، ބާރާއި ނުފޫޒުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން ކޮރަޕްޝަން އިންތިހާ އަށް މަތިވެގެންދިޔަ ފަސް އަހަރު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެ އެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން ނިގުޅައިގަނެ، މަޖިލީހާއި ޖުޑީޝަރީ ހިމެނޭގޮތަށް ދައުލަތުގެ މުހިންމު މިނިވަން މުއައްސަސާތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ނަތީޖާއަކީ އެއްވެސް ހުރަހަކާ ނުލާ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގެ ފުރުސަތު ލިބިގެން ދިއުން،" ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގި އިރު އެ މަޝްރޫއުތަކާ އެކު ބޮޑެތި ކޮރަޕްޝަންތައް ހިންގާ ކަމުގެ ތިހުމަތު އަމާޒުވެފައި އޮތް އިރު 2016 އިން ފެށިގެން ރާއްޖޭގެ ކޮރަޕްޝަނުގެ ހާލަތު ވަރަށް ބޮޑަށް ދައްވަމުން އަންނަ ކަމަށް ޓްރާންސްޕޭރެންސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އެގޮތުން 2016 ވަނަ އަހަރު ރާއްޖެ އަށް 36 ޕޮއިންޓް ލިބުނު އިރު 2017 ވަނަ އަހަރު ލިބުނީ 33 ޕޮއިންޓެވެ. އަދި މި އަހަރު 31 ޕޮއިންޓް ލިބުމުން، ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖެ އަށް ވަނީ އެ އިންޑެކްސް އިން ފަސް ޕޮއިންޓް ގެއްލިފަ އެވެ.

ރޭންކިން އަށް ބަލާނަމަ 2016 ވަނަ އަހަރު ރާއްޖެ އޮތީ 95 ވަނާގަ އެވެ. އަދި 2017 ވަނަ އަހަރު އޮތީ 112 ވަނާގަ އެވެ. މިދިޔަ އަހަރު 124 ވަނަ އަށް ވެއްޓުމުން، އެއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ރޭންކިން އަށް ބަލާނަމަ 29 ހަރުފަތުގެ ވެއްޓުމެކެވެ.
ހިޔާލު