ޓޯޓަލް ފިޓްނަސް ގްރޫޕް، ޓީއެފްޖީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީ ގުޅިގެން ބާއްވާ ކޮކާކޯލާ އަށް ވަނަ ލޯންގްރަން އަންނަ އޭޕްރީލް މަހު ބޭއްވުމަށް ނިންމައިފިއެވެ.
މިއަދު ހަވީރު މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮކާ ކޯލާ ލޯންގް ރަން އިފްތިތަހު ކުރުމުގެ އިތުރުން މި ދުވުން ބޭއްވުމަށް ޓީއެފްޖީއާއި އެމްއެމްޕީއާރުސީގެ ފަރާތުންވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވީ މިއަހަރުގެ ރަންއާއިގުޅޭ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނެ ކަމުގައެވެ. އަދި ރަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވޭނެ ގޮތްތައް ބަލައިގެންކަމަށް ޒިނާން ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުހައްމަދު ވިދާޅުވީ މިފަދަ ދުވުންތައް ރާއްޖޭގައި ބޭއްވުމަކީ ރާއްޖެ އިސްތިހާރުވާނެ ކަމެއްކަމަށެވެ. އަދި މުޅި ދުނިޔެއަށް ހުޅުވާލައިގެން މިފަދަ ދުވުންތައް ބޭއްވުން މުހިއްމުކަމަށް ޠައްޔިބް ވިދާޅުވިއެވެ.
މި ހަފްލާގައި ޓީއެފްޖީ އިން ވަނީ މި އަހަރަށް ބަހާލައިގެން އިތުރު ހަތް ދުވުމުމެއް އިފްތިތާހު ކޮށްފައެވެ. އަދި މި ދުވުން ތަކުގައި ގާތްގަނޑަކަށް 6000 މީހުން ބައިވެރިވާނެ ކަމަށް ޓިއެފްޖީ އިން ލަފާ ކުރެއެވެ.
ކޮކާކޯލާ ލޯންގް ރަން އަކީ ޓީއެފްޖީއިން ބާއްވާ އެންމެ ބޮޑު ދުވުން ކަމުގައި ވީއިރު މި އަހަރު އޭޕްރިލް 19 ވަނަ ދުވަހު ކޮކާކޯލާ ލޯންގްރަން 2019 ބާއްވަން ވަނީ ހަމަޖެހިފައެވެ. އަދި މި ދުވުން ދުވާނީ ސަރުކާރާއި އެކު މަސައްކަތް ކޮއްގެން އާ ރޫޓެއްގައި ކަމަށްވެސް ޓީއެފްޖީ އިން ބުނިއެވެ. މި ދުވުމުގައި ގާތްގަނޑަކަށް 1500 މީހުން ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޓީއެފްޖީ އިން ބުނިއެވެ.