Dhivehinnah Reethi nuvi, Dhivehihinge Reethi Dhiriulhun!?
image
ދިވެހި އަންހެނަކު ކަސަބު ގަތަނީ: ދިވެހިންގެ ރީތިގޮތްތައް ދަނީ އުވެމުން-- ފޮޓޯ: ނައުޝަމް ވަހީދު ސޯޝަލް މީޑިއާ
ރުގިއްޔާ ހުސައިން
2 ކޮމެންޓް
 

ދިވެހިންނަށް ރީތިނުވި، ދިވެހިހިންގެ ރީތި ދިރިއުޅުން!؟

އިންސާނާ އަބަދުވެސް ލޯބިކުރަނީ އެހެންމީހުންގެ ވަކި ތަކުން ސަލާމަތްވެ އަމިއްލަ ހަށި ފުރާ ނޭވާއެއް ލުމަށެވެ. އަމިއްލަ މިނިވަންކަމަށެވެ. މިނިވަން މީހަކަށް ވުމަށެވެ. މިޒަމާނަށް ބަލާއިރު އަނބިމީހާ ފިރިމީހާގެ ކިބައިންވެސް މެއެވެ. ދަރިން މައިންބަފައިންގެ ފުށުންވެސް މެއެވެ. ތިޔަ ހީފުޅު ކުރެއްވީ ރަނގަޅަށެވެ. އިސްލާމް ދީނުގައި އޮންނަނީ ދީނާއި ޚިލާފު ނުވާގޮތަށް ފިރިމީހާ ކުރާ ހުރިހާ އަމުރަކަށް ކިޔަމަންތެރި ވުމަށެވެ. ނަމަވެސް މިކިޔަމަންތެރި ކަމަކީ ފަހަރެއްގައިވެސް މިނިވަން ކަން ގެއްލުމެއް ނޫނެވެ. އަދި ފިރިމީހާވެސް އަނބިމީހާ އަށް އެއްވެސް މިނިވަން ކަމެއް ނުދިނުމަކަށް އިސްލާމްދީނަކު އަންގަވާފައެއް ނޯވެއެވެ. އަދި ކިއެއްތަ ފިރިމީހާގެ އަމުރަށް ކިޔަމަންތެރިވެ ފިރިމީހާގެ އޯގާތެރިކަމާ ލޯތްބާ ހިމާޔަަތުގަ އިނުމަކީ ހާދަހާވާ ހިތްގައިމު ކަމެކެވެ.
ދަރިންނަށް ބެލިއަސް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދަރިން ތަރުބިއްޔަތު ކުރަން މައިން ބަފައިން ލޯތްބާއި އޯގާތެރިކަމާއި ކުލުނު ވެރިކަމާއެކު ދޭ ނަސޭހަތްތަކަކީ ދަރިންގެ މިނިވަންކަން ހިފެހެއްޓުމެއް ނޫނެވެ. ވީމާ ހުރިހާވެސް މައްސަލައެއް ދިމަވަނީ އަޅުގަނޑުމެންގެ ވިސްނުމުގެ ކޮށިކަމުންނެވެ. ވިސްނުން ކޮށިވަނީ ހޭލުންތެރިކަން ނެތީމައެވެ. ހޭލުންތެރި ނުވެވެނީ މައުލޫމާތު ނެތީމައެވެ. މައުލޫމާތު ނުހުންނަނީ ފޮތް ކިޔާ ނެހެދޭތީ އެވެ. ޓީ ވީ ތަކުންނާއި، ރޭޑިޔޯ ތަކުން މިޒަމާނުގައި ރަނގަޅު ބައިވަރު މައުލޫމާތު ލިބެން ހުރެއެވެ. ހަމައެހެންމެ މިޒަމާނަކީ އިނގިލި ކުރީގައި މައުލޫމާތު ހުރި ޒަމާނެކެވެެ. މީގެ މާނަޔަކީ އަބަދު ފޯނު އަތްމައްޗަށް ލައިގެން ފޯނު ކޮށްޓާލަ ކޮށްޓާލާ މުހިންމު ބައިވަރު ވަގުތު ތައް ބޭކާރު ކޮށްލުމެއް ނޫނެވެ. މިވެސް ބުނެދެން ޖެހިފައި އޮތް ވާހަކައެކެވެ. ކޮންމެ އަކަސް އަޅުގަނޑުގެ މައުލޫއާއިގެން ކުރިޔަށް ދާނަމެވެ. އިންސާނާގެ އަމިއްލަވަންތަކަމަށް ލޯބިކުރުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންނަނީ އެކި ސަގާފަތްތަކެވެ. އެކި އާދަކާދަ ތަކެވެ.

ދިވެހިންނަކީވެސް އެވޭލައިން ފެށިގެންވެސް އަމިއްލަ ގޮތްތަކަކާއި އަމިއްލަ ފޮތްތަކެއް ގެންގުޅެމުން އައި ބައެކެވެ. ދިރިއުޅުމުގެ ވަކިކަމެއް ގައެއް ނޫނެވެ. ހުރިހާ ކަމެއްގައިވެސް މެއެވެ. ކައްކާ ކެއުމުގައެވެ. ހެދުން އަޅާ ޒީނަތްތެރި ވުމުގައެވެ. ގެދޮރު އިމާރާތް ކުރުމުގައެވެ. ހިފަގެންގުޅޭ އެކި އެކި އާލާތްތައް އުފެއްދުމުގައެވެ. އެކި އެކި މުނާސަބަތުތައް ފާހަގަ ކުރުމުގައިވެސް މެއެވެ.

އަޅުގަނޑުގެ ހަނދާނަށް އަންނަނީ ކުޑައިރު ކިޔަން ގެންގުޅޭ ދޮންކުކުޅު ވާހަކަ އެވެ. ޖަމީލް ދީދީ ލިއުއްވާފައި ހުންނަ ވާހަކަތަކެވެ. އަލިރަސްގެފާނު ޒިޔާރަތް ބަލާލަން ދާ ވަހާކައެވެ. އަރައިރުން ވުމުގެ ނަތީޖާ، ދެބުޅަލުގެ އަރައިރުން ފަދަ ވާހަކަ ތަކެވެ. ދީނީ ކަންތައް އުނގަންނައިދޭން އެޒަމާނުގެ އިލުމުވެރިންވެސް ލިއްވާފައިވާ ދީނީ ފޮތްތަކެވެ. މިހާރުވެސް އެންމެންގެ ހިތުދަސް ތައުލީމު ދިޔާނާ ފޮތްތަތެކެ. ދުރޫސުލް އަޚުލާޤެވެ. އަދި ހަމަ ކުޑަކުދިންގެ ބަގީޗާ ، ދަރިވަރުންގެ އެކީތެރިޔާ ފަދަ ފޮތްތަކެވެ.

މިފޮތްތަކުން އެއިރުގެ ދިވެހިންނަށް ވަރަށް ކަމުދެއެވެ. ފާޑު ފާޑުގެ އިނިގިރޭސި ވާހަކަތަކާ ކޮމޮކުތަކާ ކާޓުން ތަން އެއިރަކު އާންމެއް ނޫނެނެ. ނަތީއްޖާ އެއްގެ ގޮތުން އާންމު ގިނަ ދިވެހިން އުޅެމުން އަންނަނީ ވަރަށް ސާދާ ދިރި އުޅުމެކެވެ. އެހާ އަގުބޮޑު ދިރިއުޅުމެއް ނޫނެވެ. އެކަމަކު ދަތި ދިރިއުޅުމެއް ނޫނެނެވެ. މިހާރު މިކުރާހާ ބޮޑެތި ޚަރަދުތައް ނުކޮށްވެސް އެއިރު ގެ ދިވެހިންވެސް ތިބެނީ ބަނޑު ފުރާ ކައިގެންނެވެ. ގޯތި ތެރޭގައި ހުންނަ ލުނބޯގަހުން ލުނބޯ ބިނެދެގެން މިރުސްގަހުން މިރުސް ބިނދެލައިގެން ކާލެވެއެވެ. ދަރިއަކު ނޫނީ ގޭ އެހެން މީހަކު ބަލިވިޔަސް ގޯތި ތެރޭ ހުންނަ ދަނބުރުކަކުން ނޫނީ ޖައުފާނަ ރުކަކުން ކުރުނބާ އެއް އަޅައިގެން ބޯލުމަކީ ދާދި ފަހަކާއި ޖެހެންދެންވެސް މާއުނދަގޫ ކަމެއް ނޫނެނެވެ.

ދިވެހިންގެ ކެއުމުގެ ރަހަތަކަށް ބެލިއަސް ދިވެހިންނަކީ އަމިއްލަ ވަންތަން ގޮތްތަކެއް ގެންގުޅޭ ބައެކެވެ. ލޮނުރަހަޔާ، ހުތްރަހަ، ކުޅި ރަހަ ހެއު ވަރު ވާނެއެވެ. ގަރުދިޔަޔާ ބަތާކެއަސް އޭގެ މާނަޔަކީ ހުސްފެންގަރުދިޔަ ކޮޅެއް ކާވާހަކަ އެއް ނޫނެވެ. މިރުހާ ލުނބޮޔާ ހުންނާނެއެވެ. ނުވިތާކަށް މުރަނގަފަތްކޮޅެއް ނަމަވެސް ހުންނާނެއެވެ. އީދު ރޯދަ އިގެ ކެއުންތައް ޚާއްސަ ވާނެއެވެ. އެންމެ ކުރީގައިވެސް އެންމެ އާދައިގެ މީހުންވެސް ރޯދަމަހު ހަވީރަށް ދެވައްތަރުގެ ބޯކިބާ ތައްޔާރުކުރާނެއެވެ. މަސްކުރޮޅި އާއި ބަތްޕެން ތައްޔާރު ކުރާނެއެވެ. ހިތްތަލަ ފުށުފަނި ސާގު ފަނި ފަދަ ވައްތަރު ވައްތަރުގެ ފަނިތައް ތައްޔާރުކޮށް ސުފުރާ މަތި ފަޅުފިލުވާނެއެވެ. ތަރާވީސް ދަމަށް ފެންފޮޅިއާއި ބަނބުކޭލު ރިހަ ތައްޔާރު ކުރާނެއެވެ. ހާރުދަމަށް ކޮންމެހެންވެސް މަސްފިހާނެއެވެ. ކިރާ ހަކުރާ ދޮންކޭލާ ފިހުނު މަސް ރޯދަމަހުގެ ހާރުދަމަށް ތައްޔާރު ކުރުމަކީ ދިވެހިންގެ ކެއުމުގެ އަމިއްލަ ވަންތަ ކަމުގެ މިސާލެކެވެ.

އޮޑިދޯނި ފަހަރު ބަނުމުގައިވެސް އެޒަމާނުގެ ދިވެހިންގެ ހުނަރުވެރިކަމަކީ މިއަދުގެ ދިވެހިން އެކަމާ ވިސްނާ ފިކުރު ކޮށްފިނަމަ ހައިރާންވެ ލަދުގަންނަން ޖެހޭހާވެސް މުރާލި ކަމާ ފާޑު ވެރިކަން ފެނިގެން ދާ ކަމެކެވެ. ހިތުގަ ބިންވަޅުނެގިފައިވާ މިންގަނޑުތަކަށް ކިއްސަރަށް ދޯނި ބަނދެލައެވެ. މޭޒާ އަލަމާރިއާއި ގޮނޑި ފަދަ ތަކެތިވެސް އެޒަމާނުގެ ދިވެހިންނަށް ލިބިފައިވާ މަދު ވަސީލަތްތަކުންވެސް ތައްޔާރު ކޮށްފައިވާ ފުރިހަމަ ކަމަކީ ދިވެހިންގެ އަމިއްލަ ވަންތަކަމާ އަމިއްލަ ގޮތްކެއް ހުރި ކަމުގެ ސާދާ ހެކިތަކެވެ. މިޒަމާނުގައި މިގެންގުޅޭ މެޝިނަރީގެ އެއްވެސް އާލާތަކާ ނުލާ ދިވެހިން ދައްކައިދީފައިވާ މުރާލިކަމަށް މިއަދުގެ ދިވެހިން ސާބަސް ދޭންޖެހެއެވެ. މިމުރާލި ކަމާ ހިތްވަރު ދައްކައި ދީފައިވަނީ ދިވެހިން ކުރިއަރާ ދާ ހިތްވާލެއް ބޮޑު ކަމުންނެވެ. އަމިއްލަ ޤައުމު ދެކެލޯބިވާލެއް ބޮޑުކަމުނެވެ. އަމިއްލަ ޤައުމު ވަންތަކަން ދަމަހައްޓާ ހިތްވާލެއް ބޮޑު ކަމުންނެވެ.

ހެދުން އެޅުމުގައިވެސް ދިވެހިންނަކީ ވަރަށް ބޮޑަށް އަމިއްލަ ވަންތަކަމަށް ލޯބި ކުރި ބައެކެވެ. މީލާދީން 1153، ހިޖުރައިން 548ގައި ދިވެހި ރާއްޖެ އިސްލާމް ވީއްސުރެ ދިވެހިން ހެދުން އަޅަމުން އައިސްފައިވަނީ ދިވެހިންގެ އަމިއްލަ ވަންތަ ގޮތަކަށެވެ. އާންމު ކޮށް ބޮޑެތި އަންހެނުން ލައި އުޅެނީ އަތްދިގު ދިވެހި ލިބާހެވެ. ދިގުހެދުމެވެ. ފޮތި ބޯވަޅު އެޅި ލިބާހާއި ކަސަބު ބޯވަޅު އެޅި ލިބާހެވެ. މިަކަސަބު ބޯވަޅަކީވެސް ދިވެހި އަންހެނުން އެމީހުންގެ ގަތާފައިތަކުން ހިރު ގަތައިގެން އަތުން ފަހައިގެން ތައްޔާރު ކުރާ ކަސަބު ބޯވަޅެކެވެ. މިހާ ކަވި މަސައްކަތްތައް އެޒަމާނުގެ އަންހެނުންވެސް ވަނީ ވަރަށް މުރާލި ކަމާ އެކު ކޮށްފައެވެ. ފަހަކަށް އައިސް ރާއްޖޭގެ ގިނަ އަންހެނުން މިވަނީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގެ އަލީގައި އެބައިމީހުންގެ އިސްތަށި ގަނޑު ނިވާކޮށް ފައެވެ. މިހާރު ގިނަ އަންހެނުންނަކީ ބުރުގާ އަޅާ މީހުންނެވެ. މީވެސް ދިވެހިންގެ އަމިއްލަވަންތަކަމުގެ ފަޚުރެކެވެ. ޝަރަފެކެވެ. ދިވެހިންނަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބިފައިވާ ނަސީބު ވެރި ބައެކެވެ.

މިނަސީބަށް އަޅުގަނޑުމެން ފަޚުރުވެރިވަމެވެ. އަޅުގަނޑުމެން ގެ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ކުޑަޤައުމެކެވެ. މީސް ކޮޅު މަދު ޤައުމެކެވެ. ގުދުރަތީ ވަސީލަތްތައްވެސް މަދު ޤައުމެކެވެ. ދުނިޔޭގެ ގިނަ ޤައުމު ތަކާ އަޅާ ބަލައެވެ. ނަމަވެސް އިސްވެ ދެންނެވި ކިތަންމެ ކަންތައްތަކަކީ ދިވެހިން ފަޚުރުވެރިވާންޖެހޭ ކަންތައްތައް ނޫންތޯ އެވެ. އަޅުގަނޑުމެން ގެ އަމިއްލަ ވަންތަކަމުގެ އެންމެ ބޮޑު ރަމުޒަކީ އަޅުގަނޑުމެންގެ އަމިއްލަ ބަހެވެ. ނަމަވެސް މިކަމަށް ފަޚުރުވެރިވަނީ ކިތައް ދިވެހިން ތޯއެވެ. ދައްކާ ކޮންމެ ވާހަކަ އެއްގެ ދެބަހެއް ދޭތެރެއަށް އިނިގިރޭސި ބަހެއް ލައިގެން ވާހަކަ ދެއްކުން މީ މިހާރު އާދައެކެވެ. ބައެއް މީހުންނަށް ހީވާ ގޮތުގައި އެއީ ދެން މާ މޮޅުކަމެކެވެ. އަދި ބޭރު ބަޔަކާ ބަޔަކާ ވާހަކަ ދައްކަން ޖެހިއްޖިއްޔާ ދެން އެނިމުނީ އެވެ. ބޭރު ކަރަކަރައިގެ މީހުންނަށް ވުރެ ދިވެހިންގެ އިނިގިރޭސިކަން މާގަދަ ވާނެއެވެ.

ދިވެހިންނަކީ އަމިއްލަ އަކުރަކާ އަމިއްލަ ބަހަކާ ލިބިފައިވާ ބައެކެވެ. ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ނިސްބަތްވާ ބައެކެވެ. ވަރަށް މުންސަނދި ސަގާފަތަކާ އާދަކާދަ ތަކެއް ގެންގުޅޭ ސާދާ ހިތްހެޔޮ ބައެކެވެ. ނަަމަވެސް އަޅުގަނޑުމެން ދިވެހިން ބޭރު ޤައުމުތަކަށް ގޮސް އުޅޭ އިރު މިކަންކަމަށް ވިސްނާ ބާވައޭ ހިތައް އަރާ އެތައް ފަހަރު ތަކެއް ދިމާވެއްޖެއެވެ. އެކަރަކަރައިގެ މީހުންނަށް ވުރެ އަޅުގަނޑުމެން '' ބައެއް'' އާދެ ހަމަ ''ބައެއް'' ދިވެހިންގެ ކަރަކަރަ ވަންތަ ހަމަ ބޮޑު ކަމުން ހިތްދަތިވީއެވެ. ދިވެހި ވިންދު ހިތުގައި ޖަހާތީ އެވެ. ދިވެހި ލޭ ހިނގާތީއެވެ. މިފަދަ ފަހަރު ތަކުގައި ހިތައް އަރަނީ އެވެރިން އެވެރިންގެ ގޮތް ދަމަހައްޓާއިރު އަހަރުމެން އަހަރުމެންގެ ގޮތް ދޫކޮށް އެވެރިންގެ ގޮތާ ފޮތަށް ތަބާވަނީ ކީއްވެގެން ބާވައޭ. މީފަހަރެއްގާވެސް ކުޑަކަމެއް ނޫނެވެ. އަހަރުމެން ދިވެހިން އަހަރުމެން ސާދާ ގޮތްތައް ދޫކޮށްލާނަމަ އެބައިމީހުންނަށް އެދެވެނީ ވަރަށް ގޯސް މެސެޖަކަށް ވުމަކީ ވަރަށް ގާތް ކަމެކެވެ. ހަމަޔަގީނުންވެސް ދިވެހިންނަށް އެންމެ ރީތިވާނީ ދިވެހިރާއްޖެއެވެ. އެންމެ ކަމުދާނީ ދިވެހި ގޮތެވެ. ދިވެހިންގެ ސާދާ ގޮތެވެ. ދިވެހިންނަށްވެސް ދިވެހިންގެ ގޮތުގައި ތިބެ ކުރިއަރާ ދެވޭނެކަން ޔަގީނެވެ.
ހިޔާލު

މާޝް

ފޮޓޯ ތަންތަނުން ނަގާއިރު ކްރެޑިޓް ނުދިނީމަ ތީތި ވޯކް އެއް ނުކުރާނެ. މީސް މީހުން އެހާ ހާލުން ނަގާފަ ހުންނަ ފޮޓޯ ތީ .

މައި އޮޕީނިއަން ☝

ނައުޝަމް ވަޙީދް

ފޮޓޯ ކްރެޑިޓްސް ދޭން ދަސްކޮށްބަ ދޯ!