2 Kidney Failve Aamir Ah Dhathi Hayaatheh Beynumee Kidney Eh
image
އާމިރު--
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

ދެ ކިޑްނީ ފެއިލްވެ އާމިރަށް ދަތި ހަޔާތެއް، ބޭނުމީ ކިޑްނީއެއް

މީގެ އަހަރެއްހާ ދުވަސް ކުރި އެވެ. ނ. ވެލިދޫ ތަރިވިދާގޭ، އަބްދުﷲ އާމިރު ދިރިއުޅެމުން އައީ ވަރަށް "ފިޓު" ދިރިއުޅުމެކެވެ. ދުފުމާއި ސިނގިރޭޓު ބުއިން އަދި އެނާޖީ ޑްރިންކްސްތައް ބޭނުން ކުރުމަކީ އޭނާ ދުވަހަކު ވެސް ކޮށް އުޅުން ކަމެއް ނޫނެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގައި އާމިރު މުޅި ހަޔާތް ބަނަކޮށްލީ އޭނާގެ ހެދި ޓެސްްޓްތަކުގެ ނަތީޖާއިން ދެއްކި މަންޒަަރުންނެވެ.
އާއިލާގެ ހަތަރު ބެއިންގެ ތެރެއިން އާމިރަކީ އެންމެ ދޮށީ ފިރިހެން ކުއްޖާއެވެ. އެންމެ ދޮށީ ފިރިހެން ކުއްޖާގެ ހައިސިއްޔަތުން މުޅި އާއިލާ ބެލެހެއްޓުމުގެ ޒިންމާ އުފުލަމުން ދިޔަ އާމިރު މިއަދު އޮތީ އެނދުމަތިވެފައެވެ. ދެ ކިޑްނީ ފެއިލްވެ، ކިޑްނީ މިހާރު މަސައްކަތް ކުރަނީ އެންމެ ފަސް އިންސައްތަ އެވެ.

އާމިރުގެ ބަލި ހާލަތާ ގުޅިގެން އޭނާގެ ކޮއްކޮ، އަހުމަދު މުރުޝިދު "ސީއެންއެމް" އަށް ބުނީ، ބޭބެ ދެ ކިޑްނީ ފެއިލްވެފައިވާ ކަން އެނގުނީ މިދިޔަ އަހަރުގެ ކުރީކޮޅު ކަމަށެވެ.

"އަނެއްހެން މާބޮޑު އަލާމާތްތަކެއް ނުފެނެ. ދެން ބީޕީ މަތިވާތީ އުޅުނު، އެހެންވެ ދުވަސްކޮޅެއްގަ ބީޕީ އެއްގޮތަކަށް ވެސް ކޮންޓްރޯލު ނުވެގެން ޑޮކްޓަރަށް ދައްކަން ދިޔައިމަ، ޓެސްޓުތަކެއް ހަދާފައި، އެނގުނީ ކިޑްނީ މައްސަލަ ޖެހިފަ ކަން. އެކަން އެނގުނުއިރު ކިޑްނީ އެންމެ 28 ޕަސެންޓު މަސައްކަތް ކުރަނީ. ދެން ބީޕީ މައްޗަށް ދާތީ އެނބުރުން އެރުން ފަދަ ކަންކަން ދިމާވި،" އާމިރުގެ ކޮއްކޮ ބުންޏެވެ.

ކުޑަ ވަގުތުކޮޅެއްގައި އާމިރު މުޅި ހަޔާތް ބަނަވީއެވެ. އަލާމާތެއް ނެތި ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވެސް ވީއެވެ. ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނުއިރު އާމިރު މަސައްކަތް ކުރަމުން ދިޔައީ އެއާޕޯޓުގައެވެ. އެކަމަކު، ބަލިހާލަތަކީ އޭނާގެ ކުރިމަގަށް އޮތް ހުރަކަށް ހަދާކަށް އާމިރު ބޭނުމެއް ނުވިއެވެ. ބަލި ހާލަތަށް ނުބަލައި އާމިރު ވަޒީފާއަށް ނުކުންނަން ފެށިއެވެ. އަތްފައި ސަލާމަތުން ހުރިހާއި ހިނދަކު ސަލާމް ޖެހުމަކީ އޭނާ ބަލައި ގަންނަ ކަމަކަށް ނުވާތީއެވެ. އެކަމަކު ފަހުން މާބޮޑަށް ބަލިވެ، ބުރަ މަސައްކަތް ކުރާނެ ވަރު އޭނާގެ ގައިގަ ނެތުމުން، ވަޒީފާއިން ވަކިވާން އޭނާއަށް މަޖުބޫރުވީ އެވެ.

އެމެޖެންސީ ޑައިލެސިސް ހެދުމަށް ލަފާދީފައިވާތީ މިމަހުގެ ކުރީކޮޅުން ފެށިގެން އާމިރު އޮތީ އައިޖީއެމްއެޗުގެ މެޑިކަލް ވޯޑުގައި އެޑްމިޓުކޮށްފައެވެ.

"ކޮންމެ ހަފްތާއަކު ތިން ފަހަރު ޑައިލަސިސް ހަދަން ޖެހޭ. ކޮންމެ ދުވަހަކު ވެސް އެކަމަށް ގާތްގަނޑަކަށް ފަސް ގަޑިއިރު ހޭދަވާނެ. ދޮންބެ އަށް ބަލާލީމަ އެނގޭ ވަރަަށް ބޮޑަށް މިހާ ވަރުބަލިވެފައި އޮންނަ ކަން ވެސް." އާމިރުގެ ކޮއްކޮ ބުންޏެވެ.

- އާމިރު

މުރުޝިދު ބުނީ، އާމިރު، އެމަޖެންސީކޮށް ޑައިލަސިސް ހަދަމުން އަންނަނީ ކަރަށް ހޮޅިއެއް ލައްވައިގެން ކަމަށެވެ. އަދި އެގޮތަށް ޑައިލަސިސް ހެދޭނީ އެންމެ ގިނަ ވެގެން ވެސް ދެ މަސް ދުވަސް ވަންދެން ކަމަށެވެ.

"ފިސްތޫލާއަކީ ލޯންގް ޓާމްކޮށް ޑައިލަސިސް ހެދުމަށް ބޭނުން ކުރާއެތި. އެއީ އަތުގެ އަރިމަތިން ކަފާލާފައި، ފުރަތަމަ ފިސްތޫލާ އޮޕްޝަން އިންސާނެއްގެ ހަށިގަނޑުގައި ނާރު ނަގައިގެން ހޮޅިކޮޅެއް ލައްވައިގެން ހަދާ އެއްޗެއް. އެ ނާރަށް ކަށި ޖަހާފައި ލޭ ބަދަލުކުރަން ފަސޭހައަކަށް، އޭރުން ނާރު އިންނާނީ ތަންކޮޅެއް ބޮޑަށް ފުއްޕާފައި." މުރުޝިދު އިތުރަށް ކިޔައިދިނެވެ.


މުރުޝިދު އިތުރަށް ބުނީ، ފިސްތޫލާ އަތަށް ލެއްވުމަށް އައިޖީއެމްއެޗުން ވަނީ އަތުގެ ކުޑަ ހުޅު ކައިރީން ތަނެއް ކަފާލާފައި ކަމަށެވެ. އެކަމަކު، އެއީ ނިއުރޯ ސާޖިނެއް ލައްވާ ކުރަން ޖެހޭ ކަމެއް ނަމަވެސް އައިޖީއެމްއެޗުގައި ނިއުރޯ ސާޖަނެއް ނެތުމުން، އެކަން ކޮށްފައި ވަނީ ޔޫރޮލިޖިސްޓެއް ކަމަށް މުރުޝިދު ބުންޏެވެ.

"އައިޖީއެމްއެޗުން ބުނަނީ، މިކޮޅުގަ ކުރާ ކަމެކޭ އެއީ، އެހެންވީމަ ބޭރަށް ގޮސްގެން އާސަންދައެއް ނުލިބޭނޭ. އެކަމަކު މި މީހުން ޔޫރޮލިޖިސްޓެއް ލައްވާ އެކަން މިކުރުވަނީ، މިމީހުން މިހާރު އެ އޮތީ އެއް ފިސްތޫލާ އޮޕްޝަން ކަފާލާފައި، އެކަމަކު ދޮންބެގެ އެ ފިސްތޫލާ އޮޕްޝަން ވޭސްޓުވީ، އެއީ މިތާނގެ (އައިޖީއެމްޗް) ގެ ޑޮކްޓަރުންގެ އެ އެކްސްޕީރިއަންސް ނެތީމަ،" ކަންބޮޑުވުމާ އެކު މުރުޝިދު ކިޔައިދިނެވެ.

މުރުޝިދު ބުނީ، އެކަން އައިޖީއެމްއެޗަށް ކާމިޔާބު ނުވުމުން އޭޑީކޭގައި ނިއުރޯ ސާޖިނެއް އިންނާނެކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ. އަދި ނިއުރޯ ސާޖިންއެއް ރާއްޖޭގައި ހުއްޓާ، އެކަން އައިޖީއެމްއެޗުގެ ޔޫރޮލިޖިސްޓެއް ލައްވާ ކުރުމުން މުރުޝިދު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

"އޭޑީކޭއަށް ރިކޮމެންޑުކޮށްފައި އޭޑީކޭއަށް ފޮނުވާލިނަމަ، ވޭސްޓެއް ނުވީހެއްނު. ދޮންބެގެ ވާއަތުގެ އެއް އޮޕްޝަން މިހާރު އޭނީ ފެއިލްވެފައި. ދެން އިންނާނީ އިތުރު އެއް އޮޕްޝަން އެއީ ކުޑަހުޅު ކައިރިން، އެ އޮޕްޝަން ދެން އަނެއްކާ އަޅުގަނޑުމެން ބޭނުމެއް ނުވާނެ ދޯ ފެއިލްކޮށްލާކަށް މިތާ އެއްފަހަރު ފެއިލްކުރި މީހަކު ލައްވާ ހަދައިގެން." އޭނާގެ ކަންބޮޑުވުންތައް އިތުރަށް ހިއްސާކުރި އެވެ.

މުރުޝިދު ބުނީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އިންޑިއާގެ ސްޕަ ސްޕަޝެލިސްޓު ޑޮކްޓަރުންތަކެއް އެ ހޮސްޕިޓަލަށް އަންނާނެ ކަމަށް އައިޖީއެމްއެޗުން ބުނާ ކަމަށެވެ. އެހެންކަމުން، އެ ސާޖަރީ އެމީހުން ލައްވާ ހެދުމަށް މަޑުކޮށްލައިގެން ތިބީ ކަމަށެވެ.

އުމުރުން 33 އަހަރުގެ އާމިރަށް އެހީ ހޯދުމަށް އާއިލާ އިން އަންނަނީ، "ހެލްޕް އަބްދުﷲ އާމިރު - މިރޫ" ގެ ނަމުގައި ފޭސްބުކް ޕޭޖެއް ވެސް ހިންގަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހިފައިވާ އާމިރަށް މިވަގުތު އެންމެ ބޭނުމީ "ބީ" ޕޮޒިޓިވް ކިޑްނީ އެކެވެ.

މީގެ ހަތަރު ވަރަކަށް އަހަރުކުރިން ޒަވާޖީ ހަޔާތެއް ފެށި އާމިރުގެ އަދި ދަރިއަކު ނެތެވެ. ގިނަ ހުވަފެންތަކެއް ދެކިފައިވާ އާމިރުގެ އެ ހުވަފެންތައް މިއަދު ހަގީގަތަކަށް ހެދެން އޮތީ އެންމެންގެ އެހީތެރިކަމާ އެކު އެވެ.

އާއިލާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރު: 7701149560102
ބީއެމްއެލް ޑޮލަރު އެކައުންޓު: 7713149560101
އިސްލާމިކް ބޭންކް އެކައުންޓު ނަމްބަރު: 99010310006110200
ފޯނު: 9889997 - އަހުމަދު މުރުޝިދު [އާމިރުގެ ކޮއްކޮ]

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

ާސޭމް ވޯޑް

ވަރަށް ކިޔަމަންތެރި ބަސް އަހާ ލޯބި ކުއްޖެއް. ޢެހާމެ ކެތްތެރި. އެވޯޑްގަ މަ އިނިން. އަވަސް ޝިފާއެއް ދެއްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި

ދދ

ޔާ ﷲ އާމިރަށް އަވަސް ޝިފާއެއް ލައްވައި ޢައިލާޔަށް ކެއްތެރިކަން ދެއްވާށި!

ދދ

ޔާ ﷲ އާމިރަށް އަވަސް ޝިފާއެއް ލައްވައި ޢައިލާޔަށް ކެއްތެރިކަން ދެއްވާށި!