Kuru Vaahaka: Vagufaari
image
ކުރު ވާހަކަ: ވަގުފާރި
ފަތުހުﷲ އަހުމަދު
3 ކޮމެންޓް
 

ކުރު ވާހަކަ: ވަގުފާރި

"ދިވެހިރާއްޖޭގައި މިހައިތަނަށް ބޭއްވޭ އެންމެ އަގުބޮޑު ޙަޤީޤީ ޝޯވ ބުންޔާދުގެ ފުރަތަމަ ޝޯވ، ބައްލަވަމުން ގެންދަވާ އެންމެހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު މަރުޙަބާ ދަންނަވަން" ޝޯވ ހުށަޅަމުންދިޔަ ޒުވާން ހުނަރުވެރިޔާ ޔާސިރުގެ ހިތްގައިމު އަޑާއެކު މުޅި މާހައުލު ހިމޭންވެގެން ދިޔައެވެ.
"ބުންޔާދުގައި ތިން މާނައެއް އޮވޭ، އަސްލު، ތަރަހަ އަދި ބިންގާ. މި ޝޯވއަށް މި ނަންދެވުނީ މި ކަންތައްތަކަށް އަމާޒުކުރެވޭ ޝޯވ އަކަށް މި ޝޯވ ވާތީ. މި ޝޯވ އިން މުޅިން ވެސް ފެނިގެންދާނީ ޙަޤީޤަތް. މި ޝޯވ އިން ފެނިގެންދާނީ އަސްލު މާހައުލުގައި ނަގައިފައިވާ މަންޒަރުތައް. މިއީ އަސްލު މީހުން ހިމަނައިގެން ބައިނަލްއަޤްވާމީ ހަމަތަކަށް ފައްތައިގެން މި ގޮތަށް ގެނެސްދެވޭ ފުރަތަމަ ޝޯވ" ޔާސިރާއެކު ޝޯވ ހުށަހަޅަމުން ދިޔަ ފައުޒިއްޔާ ބަލައިލީ ޔާސިރުގެ މޫނަށެވެ. "ޙަޤީޤީ ޝޯވއެއް އޭގެ އަސްލާ އެއްގޮތަށް އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ޓަކައި އަޅުގަނޑުމެންގެ ކުރޫއިންވަނީ ވަރަށް ބުރަބޮޑު މަސައްކަތްތަކެއް ކޮށްފައި. އެހެންމެ ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން މިކަމުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިފައިވާކަން އުފަލާއެކު ފާހަގަކުރަން"

"މި ފަދަ ޝޯވއެއް ޓީވީ މެދުވެރިކޮށް އާންމުންނާ ހަމައަށް ގެނައުމުގެ މަޤްޞަދަކީ އިޖުތިމާއީ ތަރަހައިގައި އަޅަމުންދާ ރެނދުތައް އާންމުނަން ތިލަކޮށްދިނުން. މުޖުތަމައުގައި ހުރި ނޭއްގާނީ ޢަމަލުތައް ހުއްޓުވުމާއި މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ދިވެހި މުޖުތަމައަކީ ކުށްމަދު ވެށްޓަކަށް ހެދުން" ޔާސިރު ހިނިތުންވެލިއެވެ. "މި ޝޯވއަށް އައްތައިން ހޮވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކަމަށް ޤާބިލު މީހުން ހޯދުމަށް ކުރިއަށް ގެންދެވުނު ޚާއްޞާ ހޮވެލިތަކުން. މިގޮތުން، މި ޝޯވއަށް ހޮވުނު އައްތައިން ވާނީ އަދާކުރަން ޖެހޭ ރޯލާ ގުޅޭގޮތުން ބަރާބަރު ހަ މަސް ދުވަހުގެ ތަމުރީނުތައް، ދިވެހިރާއްޖޭގެ ކަމާ ގުޅުން ހުރި އެކިއެކި މުއައްސަސާތަކުން ފުރިހަމަކޮށްފަ. އަދި އެ އައްތައަކު އަދާކުރަން ޖެހޭ ރޯލަށް އަހުލުވެރި ކުރުވުމަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތަފާތު ތަމުރީނުތައް ފުރިހަމަކޮށްފައި""މިރޭ މި ފެށެނީ ސިލްސިލާއެއް. އަޅުގަނޑުމެން އިންތިޒާރު ކުރަމުން މިދަނީ ޝޯވގެ ފުރަތަމަ ބާބަށް. ބައްލަވާ ލައްވާ" ފައުޒިއްޔާ ނިތް އަރުވައިލަމުން ހިނިތުންވެލިއެވެ. އެއާއެކު މުޅި މާހައުލު އެކުގައި އަނދިރިވިއެވެ.

***
"ނަތާ ކަލޭ މަ ބުނާ ހުރިހާ ކަމަކަށް ރުހެންޏާ މަށާއެކު ދާނީ" ހާލިދު ރުންކުރު ރާގެއްގައި ނަތާޝާއާ ދިމާއަށް ބަލައިލިއެވެ. "ކަލޭ ބޭނުން ވަރަކަށް އަހަރެން ލާރިދެނީ""އަހަރެން ކުޑަ ދިވެހި ތިބެނީ" ނަތާޝާ ކޮށި ދިވެހިބަހުން ވާހަކަދައްކަމުން، ހާލިދުގެ މޫނަށް ބަލައިލިއެވެ. "އަހަރެން ރާއްޖެ ހުންނަނީ އަދި އޭކު މަސް ހުންނަނީ"

"އަހަރެން މައްސަލަނެތީ. އެކަމަކު އަހަރެން ހަވާލުކުރާ މަސައްކަތް ކަލޭ ބަރާބަރު ކުރާ ހުންނަނީ. ބޮޑު ފައިސާ ލިބެނީ. އޭރުން ކަލޭ އަވަހަށް ޤައުމަށް ދެވެނީ" ހާލިދު ވައި އަޑުން ނަތާޝާގެ ކަންފަތް ބުޑުގައި ބުނެލިއެވެ. އެއާއެކު އަނގައާއި ނޭފަތާއެކު ދުންތަކެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. މަޑުމަޑުން ދަބަސް ކޮނޑުގައި އަޅުވައިލަމުން ބޯޓުން އެއްގަމު ތޮށިމައްޗަށް އޭނާ ފުންމާލިއެވެ.

"އާދޭ އަހަންނާއެކު" ނަތާޝާއަށް ބަލައިމުން ހާލިދު ހިނގައިގަތެވެ. "މީ ނަތާ އުޅެންޖެހޭ ކޮޓަރި. މި ހުރީ ނިދަންވީ އެނދު. އަހަރުމެން އުޅޭނީ ކުރިމަތީ މިހުރި ގޭގަ" ފަނުން ހިޔާކޮށް އޮށިން ބިއްގަތާފައިވާ ޖިފުޓިގަނޑެއް ދައްކައިލަމުން ހާލިދު ބުނެލިއެވެ. "މި ގޭގައި އުޅޭނީ އަހަރުމެން ދެމަފިރިން. މާދަމާ އަންހެނުން ކިޔައިދޭނެ ނަތާ ކަންކުރަންވީ ގޮތް"

ނަތާޝާ މަޑުމަޑުން އެ ޖިފުޓި ތެރެއަށް ވަނެވެ. އެއާއެކު އޭނާ ފަރުވާތެރިކަމާއެކު އެތަނަށް ބަލައިލިއެވެ. އެއް ބިތުގައި ދިއްލާފައިވާ ފުޅި ބައްތިއަކުން ފޯރުކޮށްދޭ އަލިކަން ނޫން އިތުރު އަލިކަމެއް ނުވެއެވެ. ބައްތި ހުރި ބިތުގެ ތިރިން ކުކިން އޮއިލް ހުސްކުރި ރީނދޫކުލައިގެ ހަތަރު ހަމުގެ މަތީގައި، ތިން ފޫޓު ފަސްފޫޓުގެ ފިލާ ބުރިއެއް ބާއްވާފައި އޮތެވެ. ފިލާގެ ހަތަރުކަން އޮތީ ކުރިއަށް ލެނބި މެދަށް އަޑިވެފައެވެ. ފިލާގެ މެދުގައި ސަޓާގަނޑެއް އެލެން އޮތެވެ. ނަތާޝާގެ ބޮލަށް ތެތް އެއްޗެއް ވެއްޓުމުން އޭނާ ބަލައިލީ މައްޗަށެވެ. ތޮށަލި ޖަހައި ނިވާކޮށްފައިވާ އެ ފުރާޅުން ދޭތެރެ ދޭތެރެއިން ހާ އަޅައެވެ. ބައެއް ދޭތެރެ ދޭތެރެއިން ތަރިތައް ފެންނަމުން ދިޔައެވެ.

ނަތާޝާ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. ކުއްލިއަކަށް ސިހުނީ ފަޔަށް ދިރޭއެއްޗެއް އެރުމުންނެވެ. އޭނާ ހަޅެއްލަވައި ގަތް ނަމަވެސް އަޑު ބޭރެއް ނުވިއެވެ. ކޮންމެ ވެސް މީހަކު އޭނާގެ އަނގަމަތީ އަތްއެޅީއެވެ. ސިހިފައި ނަތާޝާ ބަލައިލީ ފަހަތަށެވެ. އެއީ ހާލިދެވެ.

"މާ ގޮތްދައްކަން ނޫޅޭތި. އަޑުގަދަކޮށް ހަލޭއް ލަވަންޏާ މުސާރައިން ކެނޑޭނެ، މިއީ ކަލޭއަށް ޚާއްޞަ ތަނަކީ. މިތަނުގައި އުޅޭނީ ކަލޭއާ އެއް ފެންވަރެއްގެ އެއްޗެހި" ވައި އަޑުން ހާލިދު ބުނެލިއެވެ. "މާ ގިނަ ކަންކަމަށް، މާ ބޮޑެތި ކަންކަމަށް އުންމީދު ނުކުރާތި. އަދި ކަންކަން ހިނގާ ނުހިނގާ ގޮތުގެ ވާހަކަދައްކާ ބޭރު ތެރެއަށް ނުކުމެ ނޫޅޭތި. އަނގަތެރޭގައި ދޫ ބާއްވާތި"

ނަތާޝާ އަނގައިން ވެސް ނުބުނެ ފިލާގަނޑު މަތީގައި އިށީނެވެ. ކޮނޑުގައި އޮތް ބަރު ދަބަސް ފިލާގަނޑުގެ އެއް ފަރާތުގައި ބާއްވާލިއެވެ. އެއާއެކު އޭނާ މަޑުމަޑުން އިސްޖައިލިއެވެ. އިރުކޮޅަކު ހުރުމަށްފަހު ހާލިދު ބޭރަށް ނުކުތެވެ. އަވަސް އަވަހަށް ނަތާޝާ ތެދުވިއެވެ. މަޑުމަޑުން ޖިފުޓީގެ ދޮރާ ދިމާއަށް ޖެހިލިއެވެ. ހާލިދުގެ ފިޔަވަޅުތަކަށް ބަލަން އޭނާ ހުއްޓެވެ. ނަތާޝާ ދެ ތުންފަތް ބާރުކޮށްލަމުން، ގަދަކަމުން ހިންދިރުވައިލިއެވެ. ހާލިދު ގޮސް ގެއަށް ވަންނަންދެން އެ މަންޒަރަށް ގެއްލިފައި ނަތާޝާއަށް އިނދެވުނީއެވެ.

ފަތިހަށް ގޮވާލި ހާލާއެކު ނަތާޝާ ގޭދޮށް ކެހުމުގައި އަވަދި ނެތި އުޅެމުން ދިޔައެވެ. ބިންމަތީ ފިޔޮޅެއް ނުފެންނާނެހާ ސާފުކޮށް އޭނާ ގޭދޮށުގައި އިލޮށިފަތިން ފިރުމިއެވެ. އޭރުވެސް ހާލިދުމެންގެ ބައިގެ ދޮރު ހުޅުވާ ގޮތެއް ނުވެއެވެ. ޖައްވުތެރެ ދޮންކުރަމުން އިރުގެ އަލިކަން ފަޒާގެ ތެރެއަށް ވިދުވައިލިއެވެ. ކާޅާއި ކޮވެލީގެ އަޑާއެކު މުޅި މާހައުލު ހޭލަމޭލަވަމުން ދިޔައެވެ. ނަތާޝާ ވަރުބަލި ފިލުވައިލުމަށް ޖޯލިފަތީގައި އޮށޯވެލިއެވެ. އިލޮށިފަތި އުނގަށް ލައިގެންނެވެ. ދެއަތުން އިލޮށިފަތީގައި ބައްދައިލަމުންނެވެ. ނިތްމަތީ ހުރި ދާ ތިކިތައް ޝަހާދަތް އިނގިލިން ފޮހެލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ކުރިމަތީގައިވާ އިމްތިހާނުން އޭނާއަށް ކާމިޔާބު ވެދާނެތޯ ހިތައިހިތައި ސުވާލުކުރާ ހާލުގައެވެ.

ނަތާޝާގެ ސިކުނޑީގައި ތޮރުފެމުން ދިޔައީ ފުން ހަނދާންތަކެކެވެ. އާއިލާއާ ދުރަށް އެކަނިމާ އެކަނި އަންނަން ޖެހުނު ހަނދާންތަކެވެ. އެ ދުވަހު އާއިލާގެ އެންމެން އޭނާއަށް ދިން ހިތްވަރެވެ. އެއަށްފަހު އެންމެ ފުރަތަމަ ކުރިމަތިލާން ޖެހުނު ކަންކަމެވެ. އޭނާގެ ދިގު އިސްތަށިގަނޑު އޭނާގެ މިލްކުވެރިކަމުން ބިކަވި ހަނދާންތަކެވެ. ދިހުން ކުލައަރާ ދޮން އެ ހަންގަނޑު އަވިން އަނދިރިވި ދުވަސްތަކެވެ. އެއް ތަނުން އަނެއް ތަނުން ފުރިހަމަ ކުރި ތަމުރީނުތަކެވެ. އެކިހާލުގައި އެކަނިމާ އެކަނި ހޭދަކުރި ދުވަސްތަކެވެ. ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވީ ހާދިސާތަކާ އޭނާ ކުރިމަތިލީ ގޮތްތަކެވެ. އެންމެފަހުން، ހުރިހާ ކަމަކުން އޭނާ ފާސްވެގެން މި މަސައްކަތަށް ތައްޔާރުވެ، އިންޑިޔާގެ ސަގާފީ ހެދުމުގައި ރާއްޖެއާ ހަނދާންތަކެވެ.

"އޭތް މީނަ އަންހެނާއަށޭ މި ގޮވަނީ. ކަލޭ ކޮންހާ ޚިޔާލީ ފޮލައެއް ކައްކަން" ރުޅިއައިސް ރަތްވެ ދެ ލޯ ނިތްކުރިމަތީ ހަރުކޮށްގެން އައިސް އަންހެނަކު ހަޅެއްލަވަން ފެށުމުން ނަތާޝާ ސިހިފައި ތެދުވިއެވެ. އެއާއެކު ފުން ނަޒަރަކުން އެމީހާގެ ފައިން ފެށިގެން ބޮލާހަމައަށް ބަލައިލިއެވެ. ދޮންދޮން އޮމާން ދެ ފަޔެވެ. ކުރުކުރު ސޯޓަކާއެކު ކިރިޔާ ނިވާވާރުގެ ކޮނޑުކެނޑިއެއް ލައިގެން ހުރި މީހެކެވެ. ތަރުތީބެއް ނެތް އިސްތަށިގަނޑު އޮތީ ގަދަ މުށިކުލައިގައެވެ. ކަންފަތު ފޫޅުގަނޑުން ފެށިގެން މައްޗަށް އެކި ބައްޓަމުގެ ކުލަތަކުން ވިދަމުން ދިޔައެވެ. ނޭފަތުން ދެ ތަނަނަކުން އެ ވިދުން ފެންނަން ހުއްޓެވެ.

ދައްތަ؟ ދައްތަ؟" ނަތާޝާއަށް ބުނަންވީ އެއްޗެއް ދުލާ ހަމައަށް ނައި ކަހަލައެވެ. "އައްޗީޑި. ކަލޭ މަށާ ދިމާއަށް ދައްތަ ކިޔަން. ބަލަ މަށަށް ދައްތަ ނުކިޔާތި، ކަލޭ މަށަށް ކިޔަންވާނީ މަގޭ ނަމުން، މަ މީ ޝައޫ، އާން ޝައުނާ" ޝައުނާ ދެ ތުންފަތް ފިއްތައިލަމުން ލޯ އަޅައިލިއެވެ. "ބަލަ ހާލި ކަލެއަށް ކިޔައެއް ނުދޭތަ މިގޭގަ ކުރަންވީ ކަމެއް؟" ނަތާޝާ ދެ ފަރަތާތަށް ބޯ ހަލުވައިލިއެވެ.

"ދެން ކީއްވެފަ، ޖޯލީގައި ވެޑުވިފައި ތިއޮތީ؟" ޝައުނާ ރުޅިގަދަވިއެވެ. "އިންޑިޔާ މީހުން އާއެކޭ ބުނުމަށް ބޯ ހަލުވައިލާނެ. ނޫނެކޭ ބުނުމަށް ބޯ ޖަހައިލާނެ" ފަހަތުން ހާލިދުގެ އަޑު އިވުނެވެ. "ޝައުނާ ވެސް ނަތާ މިގޭގައި އުޅެންޏާ ވާނެ އެމީހުންގެ އާދަކާދަ ވެސް ދެނެގަންނަން. އެހެންނޫނީ އަބަދު ހުންނަން ޖެހޭނީ ތިޔަ ދެ ބުމަ ގޮށްޖަހައިގެން"

ކުރުކުރު ސޯޓަކާއެކު ހުސްގަޔާ ހުރެ ހާލިދު އައިގޮތަށް އައިސް، ފަހަތުން ޝައުނާގެ ގައިގައި އޮޅުލައިގަތެވެ. މަޑުމަޑުން މޫނާއި މޫނު ކައިރިކޮށްލަމުން ޝައުނާގެ މަތީ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ. ނަތާޝާއަށް ހުރެވުނީއެވެ. ހަދަންވީގޮތެއް، ކުރަންވީ ކަމެއް ނޭނގިފައެވެ."ބަލާބަލަ ކަލޭ ލަދެއް ވެސް ނުގަނޭތަ؟ އަހަރުމެންގެ ޕްރައިވަސީ ވެސް މި ގެއްލުނީ ދެން" ޝައުނާ ރުޅި ގަދަވިއެވެ. "ދާން އުޅޭ މިތަނުން"

"މަޑުކުރޭ ނަތާ! ނަތާ ކުރަންވީ ކަންކަން އަދި ކިޔައި ނުދެވޭ" ހާލިދު މަޑުމައިތިރި ކަމާއެކު ނަތާޝާއާ ދިމާއަށް އެނބުރިލިއެވެ. އޭނާ ކުރަންޖެހޭ ކަންކަން އަލިފުން ޔާއަށް ކިޔައިދިނެވެ. ނަތާޝާ އިސްޖަހައިގެން ހުރެ ހާލިދު ދެއްކި ހުރިހާ ވާހަކަތަކެއް އަޑުއަހަމުން ދިޔައެވެ.

"ދެން ދޭ! އަހަރުމެން ފެންނަން ތިބިއްޔާ އެތަނަކަށް ނާންނާތި. އަހަރުމެން އުޅޭ ނޫޅޭ ގޮތް ނުބަލާތި. އަހަރުމެންގެ ވާހަކަ މަގުމައްޗަށް ނުނެރޭތި!" ޝައުނާ ތުންފަތް އަނބުރައިލިއެވެ. "އަދި ބުނަން ކަލޭއަށް ވާހަކައެއް އިވުނަސް އެ ތެދެއްތޯ ބަލަން ނޫޅޭތި އަހަރުމެނަށް ފާރަނުލާތި. ހަނދާން ބަހައްޓާތި. މީ ދާއިމީ ވަޒީފާއެއް. މި ވަޒީފާއިން ކަނޑައިލުމެއް އަމިއްލައަށް ކެނޑުމެއް ވެސް ނޯންނާނެ"

"އަން މީ ކަލޭގެ މުސާރަ. މި ދިޔަ މަހަށް ވުރެ ދިހަ ޑޮލަރު އިތުރުވާނެ. ހާލި ބުނީ ކަލޭ ބަރާބަރު ނަމަ ކަލޭއަށް ސަތޭކަ ޑޮލަރު ދޭނަމޭ ދޯ. ކަލޭގެ ކެއުމާއި ފެންވެރުމާއި ގޭގެ ކުލި ހިލެއެއްނު. އެހެންވީމަ ފަންސާސް ޑޮލަރު. މި ކަލޭއަށް މިގޭގައި ހުރެދޭތީ ދޭ ހަދިޔާއެއް. މިހާރު ތިޔަ މަސައްކަތް ކުރާ ގޮތަށް މަސައްކަތް ކުރަންޏާ ތިންވަނަ މަހު މުސާރަ ފުލްކޮށް ދޭނަން" ޝައުނާ ފަންސާސް ޑޮލަރު ނަތާޝާއާ ދިމާއަށް އެއްލިއެވެ. ނަތާޝާ މަޑުމަޑުން ތިރިވެ ފަންސާސް ޑޮލަރު ނެގިއެވެ. މެއާ ލައި އެ ބޮނޑިކޮށްލިއެވެ. އެއާއެކު އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. ޝައުނާއަށް އެ މަންޒަރު ފެނުނެވެ. އެހެންނަމަވެސް، އޭނާ އެކަން ނުފެންނަ ކަމަށް ހެދީއެވެ. ޝައުނާ ގޮސް ކޮޓަރިއަށް ވަދެ ބާރުބާރަށް ދޮރުލެއްޕިއެވެ. ނަތާޝާ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. ޝައުނާގެ ކޮޓަރިން އަޑުތަކެއް އިވޭތީއެވެ. ނަތާޝާ ޝައުނާގެ ކޮޓަރީގެ ދޮރުގައި ކަންފަތް ޖައްސައިލިއެވެ. ކޮންމެވެސް ވަރަކަށް އެތެރޭގައި ދައްކާ ވާހަކަތައް ފުރޭނެމުން އިވެމުން ދިޔައެވެ.

"ޝައު އެހެން ހަދާކަށް ނުވާނެ، އެވެސް ހަމަ އިންސާނެއްނު، އަހަރުމެންނަށް ނުލިބެނީކީ ނޫނެއްނު. އެމީހާ ފަކީރު އެހައި ބުރަކޮށް މިގޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރީމަ އެ ކަމުގެ އުޖޫރަ ދޭންވާނެ" ހާލިދު ހިތްހަމަ ނުޖެހި ވާހަކަދައްކަމުން ދިޔައެވެ. "ތިގޮތަށް ކަންތައް ކުރީމަ އެމީހާގެ ބަދު ދުޢާ ވެސް އޮންނާނެ" "ހާލިއަކަށް ނޭނގޭނެ އިންޑިޔާ މީހުންނަކީ ވަރަށް ދަހި ބައެއް. އެއްވެސް އަދަބެއް އިޙުތިރާމެއް ނެތްބައެއް" ޝައުނާ ވެސް ބާރަށް ވާހަކަދައްކަމުން ދިޔައެވެ. "ރާއްޖެއަށް އައިސް އަހަރުމެންގެ އަތުން ޑޮލަރު ބޮނޑި ހިފައިގެން ގޮސް އެމީހުން ޤައުމުގަ ބޮޑެތި މަހުޖަނުންނަށް ވެފަ ތިބި މީހުން މަދެއްނޫން" "ތި ދެން ކޮންވާހަކައެއް. ބޯޓު ދަތުރުކުރަން ގޮސް ޑޮލަރު ބޮނޑި ހިފައިގެން އައިސް ރާއްޖޭގަ ބޮޑެތި މަހުޖަނުންނަށް ވެފައި ތިބި މީހުން ވެސް މަދެއްނޫން" ހާލިދުގެ އަޑު މަޑުވަމުން ދިޔައެވެ. "ޝައުނާގެ ބައްޕައަކީ މި ކަމުގެ ލާމަސީލު މިސާލެއް" "ތިޔަ އުޅެނީ ބައްޕަގެ ވާހަކަ ދައްކައިގެން އަނެއްކާ އަހަރެން ރޮއްވަންތަ؟ ނޫނީ ރުޅި އަރުވަންތަ؟" ޝައުނާ ވެސް ހިމޭންވިއެވެ.

"އެބަ އަންނަން ބޭރަށް ޖެހިލައިފައި" ހާލިދު ހިނގައިގަތެވެ. ނަތާޝާ އަވަސްއަވަހަށް ބޭރަށް ނުކުންނަށް ހިނގައިގަތެވެ. ބަލައިނުލައި ހިނގައި ގަންނަން އުޅުމުގެ ތެރޭގައި ސޯފާ ކައިރީހުރި މޭޒުގައި ފައިން ޖެހުނެވެ. އެއާއެކު މޭ×ޒުމަތީގައި ހުރި މާ ޖަހާ ޓުކުރި ވެއްޓި ތެޅުނެވެ. އެއަޑަށް ޝައުނާ ވެސް ބޭރަށް ނުކުތެވެ.

"ހާލިދު ބުނާނެ ފުލްކޮށް މުސާރަ ދޭށޭ. އެހެރީ އޭނާ ކުރާކަންތައް. އަހަރެން އެވަރު އަގުބޮޑުކޮށް ގެނައި ވަރސް އެތަޅައިލީ" ޝައުނާގެ އަޑު މުޅި މައިގެ ތެރޭގައި ގުގުމައިލިއެވެ. "ފެން ފޮދެއް. މީހެކޭ ފެން ފޮދެއް" ކެނޑިކެނޑިގެން އަންނަ ގޮތަށް ބަލިއަޑެއް އެކަހެރިކޮށް ހުރި ކޮޓަރިއާ ދިމާއިން އިވެމުން ދިޔައެވެ.

"އަދިވެސް އިނީތަ؟" ހާލިދު ލޯއަޅައިލީ ނަތާޝާއަށެވެ. ނަތާޝާ އަވަސްއަވަސް ކޮށްލައިގެން މުށިގަނޑު ސާފުކޮށްލުމަށް ފަހު ބޭރަށް ނުކުތެވެ. ޝައުނާ ބާރުބާރަށް ހޭންފެށި އަޑު އިވުނެވެ. މަލާމާތުގެ ރާގުގައި ހާލިދު ވެސް ހޭންފެށި އަޑު އިވުނެވެ. ނަތާޝާ އެނބުރި ބަލައިލިއެވެ. އޭރުވެސް ދެ މީހުން ބިނދިބިނދިފައި ހެނީއެވެ.

"ކޮއިފުޅާ. އެކޮއި ކަހަލަ ދަރިއަކު އަހަންނަށް ލިބުނު ނަމަ ކޮންފަދަ ރަޙުމަތެއް" ނަތާޝާ ކާންދީ ނިންމުމަށް ފަހު ބަލިބަލި އެ އަންހެން މީހާގެ ތުން ފުހެލަދިނެވެ. "އަހަރެން ހިތަށް އަރާ އަހަރެންގެ ދަރި ކޮން ދުވަހަކުން ބާއޭ އަހަންނަށް ރުހުމުގެ ލޮލަކުން ބަލައިލާނީ"

"އަދި ރަނގަޅުވާނެ. ދައްތަ ދެން މާބޮޑަށް ފިކުރު ނުކުރޭ" ނަތާޝާ އޯގާތެރިކަމާއެކު ބުނެލިއެވެ. "ޒަރިންތަގެ ތިޔަ އުންމީދުގައި ޙަޤީޤީ ކުލަ ޖެހޭނެ އަދި"

"އެކޮއި ނަތާޝާ އެކޮއި ތަށިތައް ދޮވެލައިފަ އަންނާތި މިރޭ އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ކިޔައިދޭން"
ނަތާޝާގެ އަތުގައި މަޑުމަޑުން ފިރުމައިލަމުން ޒަރީނާ ލޯބިން ފުރިގެންވާ ފަދަ ގޮތަކަށް ބަލައިލިއެވެ. އެ ބެލުމުން މައިވަންތަކަމުގެ ކުލުނު އުދަވަމުން ދިޔައެވެ.

"ޒަރިންތާ! ޝައުނާ އޮންނަނީ މި ކޮޓަރިއަށް މާގިނައިން ވަދެ އުޅުން މަނާކޮށްފަ. ޒަރިންތައަށް މާގިނައިން ވާހަކަ ދެއްކުން ވެސް މަނާކޮށްފަ" ނަތާޝާ ޒަރީނާގެ ބޮލުގައި ފިރުމައިލަ ދިނެވެ. "ކުރިން ރޭ ކިޔަން ފެށި ވާހަކަ ކިޔައިދޭންވީނު މިރޭ"

"އެރޭ ނިމުނީ ކިހައި ހިސާބަކަށް؟" ޒަރީނާ ހީނލަމުން ބުނެލިއެވެ."އެރޭ ކިޔައިދިނީ އިންޑިޔާއަށް ގޮސް ހުއްޓާ ތިން ބުރީ އިމާރާތެއްގެ ސިޑިން ކޮށްޕައިލީ ހާލިދުއޭ. އެ ވެއްޓުނު ގޮތަށް ސޮހިގެން ގޮސް އުނަގަނޑުގައި މައްސަލަ ޖެހި ހިނގަން އުނދަގޫވީއޭ. އަދި އެކަން ރޭވީ ޝިއުއާ ދެމީހުންނޭ" ނަތާޝާ ޚުލާޞާކޮށްލިއެވެ. "އަދި ބުނި ޝައުނާ ދައްތަ ދެކެ ރުޅި އައީ ހާލިދަށް ވިޔަފާރީގެ ހިއްސާއެއް ދޭން އެއްބަސް ނުވީމައޭ"

"އާނ ކޮއްކޮއަށް އެނގޭތަ؟ އެ ޝައުނާ އެހުންނަނީ ހާލިދުގެ ބަހަށް ހެއްލި ނިމިފަ. އޭނާއަށް އޭނާގެ މައިމީހާއަށް ވުރެ އެ ހާލިދެއް މުހިންމު ވެއްޖެ" ޒަރީނާއަށް ގިސްލެވެން ފެށުނެވެ. "އަހަރެން ކޮން ހާލެއްގައި އުޅެމުން އޭނާ ބަލައި ބޮޑުކުރީ. މީހުން ހިތަށް އަރާނެ ޝައުނާގެ ބައްޕަ ބޯޓު ދަތުރުކުރަން ގޮސް ލިބުނު ޑޮލަރުންނޭ މި ތަނަވަސްކަން ފެށުނީ"

"ޝައުނާ ވެސް ޤަބޫލުކުރަނީ އެހެން" ނަތާޝާ ޒަރީނާގެ މޫނަށް ބަލައިލިއެވެ. "މީ އޭނާގެ ބައްޕަގެ މުދަލެއް ނޫންތަ؟"
"މިރަށު އެންމެން ވެސް ހީކުރަނީ އެހެން. އެކަމަކު ޙަޤީޤަތަކީ އެއެއް ނޫން. އޭނާ ބޯޓު ދަތުރުކުރަން ގޮސް ފޮނުވަނީ މަހަކު ސަތޭކަ ޑޮލަރު. އެ ފައިސާއިން މަދު މިންވަރެއް ބޭނުންކޮށް، ބާކީބައި އަހަރެން ރައްކާކޮށްގެން ފަސް އަހަރު ވަންވީ އިރަށް ކުޑަކުޑަ ފިހާރައެއް ހުޅުވީ. ނަސީރަށް ލިބުނު ފައިސާ އޭނާ އަޗާތަޅާ ހުސްކުރީ" ޒަރީނާ ހުއްޓަމުން ހުއްޓަމުން ކިޔައިދިނެވެ. "އެންމެ ފަހުން ނަސީރު ދަތުރުކުރަން އުޅުނު ބޯޓު ތޫފާނެއްގައި ޖެހި ކަނޑަށް ފެތި ޣަރަގުވީ. އަހަރެން ހިތްވަރާއެކު ކުރި ބުރަ މަސައްކަތުން އަމިއްލަ ވިޔަފާރިއެއް ފަށައި އަމިއްލަ މަސްދޯންޏެއް ބަނީ. އެއް ދޯނިން ދެ ދޯނި އުފެދުނީ. އެކަމަކު މިހާރު ދެ ދޯނި ވެސް އެ ދިޔައީ އަހަންނަށް މިހާލު ޖެހުމުން. މިހާރު އެ ފޮތި ފިހާރަ ވެސް އެ ހިންގެނީ އެ އާދަނުގެ އިޚްލާސްތެރިކަމުން. ޝައުނާއާއި ހާލިދުގެ ކަމަކީ ލާރިތައް ބުރުއްސުން"
"ޝައު ހާދަ ގޯހޭ ދޯ" "އެކޮއި މާދަމާ ރެއަކީ ބޮޑު ރެއެއް. އެކޮއި މާދަމާރޭ އަހަރެން ބުނާ ގޮތަށް ކަންކަން ކުރަންވާނެ" ޒަރީނާ ބަލައިލީ ނަތާޝާގެ މޫނަށެވެ.

ޖެހިގެން އައި ދުވަހުގެ ރެއެވެ. ނަތާޝާ އިނީ ޒަރީނާގެ ފައި މޮޑެދޭށެވެ. އޭނާ ދެފަހަރަކު ގަޑިއަށް ބަލައިލިއެވެ. މަޑުމަޑުން އާނ ފުރިލުމަށްފަހު ދެ ފަހަރަކު އަނގަމަތީގައި އަތްއެޅިއެވެ. އެއަށްފަހު ޒަރީނާގެ މޫނަށް ބަލައިލިއެވެ. ޒަރީނާއަށް ނިދިފައި އޮތްތަން ފެނުމުން ނަތާޝާ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަނެއްކާ ވެސް ނަތާޝާގެ އާނ ފުރިލިއެވެ. ދެ ފަހަރަކު ލޯ އުނގުޅައި ލުމަށްފަހު ޒަރީނާގެ ފައިކޮޅުގައި އެނދުމަތީގައި ބޯޖައްސައިލިއެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވުނެވެ. ހާލިދާއި ޝައުނާ ކޮޓަރި ތެރެއަށް ވަނެވެ. ސިއްރުސިއްރުން އެމީހުން ޒަރީނާއަށް ގޮވިއެވެ.

"އަހަރުމެން މިއައީ ލިޔުމުގައި ސޮއިކުރަން" ހާލިދު ވައި އަޑުން ބުންޏެވެ. "ސޮއި ނުކޮށްފި ނަމަ ފަހު ނޭވާ ދޫކޮށްލަން ތައްޔާރުވެގެން އޮވޭ"

"އިންކާރު ކުރާނީތަ ނޫނީ ރުހުމުގައި ސޮއި ކުރާނީތަ؟" ޝައުނާ ނަތާޝާއާ ދިމާއަށް ބަލައިލަމުން ވައި އަޑުން ބުނެލިއެވެ. "އަހަރެންނަށް މުހިއްމީ ނުކުޅެދޭ ތިޔަ ޒަރީނާއެއް ނޫން. ކަލޭ އެދުވަހު މަރުވަން ވެސް ނޫޅުނެއްނު. ބުނަން ވާހަކައެއް ތިހާލުގައި ވެސް ކަލޭ އޮންނަން ބޭނުން ނަމަ، މީގައި ސޮއިކުރޭ. އަދި މި ނަތާޝާ މި ކޮޓަރިއަށް ލައިގެން މި އޮތީ ކަލޭގެ ހިމާޔަތަށްތަ؟" ޒަރީނާ ލުއި ގޮތަކަށް ހީނލިއެވެ. އަދި މަލާމާތުން ފުރިގެންވާ ގޮތަކަށް ހާލިދަށް ބަލައިލިއެވެ. "އަހަރެން ސޮއި ކުރަން ޖެހޭ ހުރިހާ ލިޔުމެއްގައި އޮންނާނީ ސޮއިކޮށްފަ؟ އަހަރެން ނެތް ދުވަހަކުން އެކަން ކޯޓުން ހާމަކޮށްދޭނެ. މިއީ އަހަރެން އަމިއްލަ މަސައްކަތުން ހޯދި ތަނަވަސްކަމެއް. އެހެންވީމަ އަހަރެން ދޭން ބޭނުން މީހަކަށް މި ތަނަވަސްކަން ދެވޭނެ. ކަލޭމެންނަށް އަހަރެން މަރައި ވެސް ލެވިދާނެ. އަނިޔާ ވެސް ދެވިދާނެ"

"އޭނ ކީކޭ؟ މުދާތައް ކަލޭ މީހަކަށް ދިނީއޭ؟" ޝައުނާ ރުޅި ގަދަވިއެވެ. މަޑުމަޑުން އޭނާ ޒަރީނާގެ މޫނާދިމާއަށް ގުދުވިއެވެ. އަތުގައި އޮތް ރަބަރު ކޮތަޅު ނަގައި ބޮލަށް މަހައިލިއެވެ. ހާލިދު ވެސް ޝައުނާއާ އެއްބައިވިއެވެ. ޒަރީނާއަށް ދެ ލޯ ބޮޑުވެ ނޭވާލާން އުނދަގޫވަމުން ދިޔައެވެ. މުޅި މީހާ ތުރުތުރުއަޅަމުން ދިޔައެވެ.

ޒަރީނާގެ ފައިން ޖެހިފައި ނަތާޝާއަށް ހޭލެވުނެވެ. ނަތާޝާ މަޑުމަޑުން ބަލައިލީ ޝައުނާއާއި ހާލިދާ ދިމާއަށެވެ. އޭރު ޒަރީނާ ހާސްވެގެން ތެޅެމުން ދިޔައެވެ. ކުއްލި ހަރަކާތަކާއެކު އިށީނދެ އިން ގޮނޑި ނަގައި ހާލިދާ ދިމާއަށް ނަތާޝާ ހޫރައިލިއެވެ. ގޮނޑިން ޖެހި ހާލިދާއި ޝައުނާ ބިންމައްޗަށް ވެއްޓުނެވެ. ނަތާޝާ އަވަސް އަވަހަށް ޒަރީނާގެ ބޮލުން ކޮތަޅު ދަމައިގަތެވެ.

ކުއްލިއަކަށް މުޅިތަން އަނދިރިވިއެވެ. މަޑުމަޑުން އަލިކަމެއްގެ ތެރެއިން ފައުޒިއްޔާއާއި ޔާސިރު ފެނުނެވެ.
"އެންމެހާ ބެލުންތެރިން، މިހައި ހިސާބުން ކުރިއަށް މިއޮތީ މި ބާބުގެ ހިތްވަރުގަދަ ބަޠަލާ، މަރިޔަމް ނަތާޝާއަށް އޮތް ޚާއްޞަ ސަޕްރައިޒެއް" ޖަޒުބާތީ ރާގެއްގައި ޔާސިރު ބުނެލިއެވެ.

"މި ޚާއްޞަ ނަންބަރު ފުރިހަމަކޮށް ދެއްވުމަށް މި ދަންނަވާލަނީ ބުންޔާދު ޝޯވގެ ފުރަތަމަ އެޕިސޯޑުގެ ހާދިސާ މެދުވެރިވި ވިޔަފާރިވެރިޔާ އަލްފާޟިލާ ޒަރީނާ ހާރޫން" ފައުޒިއްޔާ ހިނިތުންވެލަމުން ޔާސިރަށް ބަލައިލިއެވެ.

"އާދެ، އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ނުހިތުމާއި އިންސާނީ އަޅުވެތިކަމާއި، އިންސާނީ ވަގުފާރީގެ ސަބަބުން މުޖުތަމައަށް ލިބެމުންދަނީ ހީނަރުކަން. ބިދޭސީ މަސައްކަތު މީހުން ވެސް އެ ކުރަނީ މަސައްކަތް. އެމީހުން ވެސް ދުނިޔޭގައި ދިރިއުޅުމަށް ޓަކައި އެވަނީ ޤުރުބާނެއް. އަނބިދަރިން، މައިންބަފައިން އާއިލާގެ ޙައްޤުގައި. ފައިސާ ހޯދުމަށް ޤައުމު ދޫކޮށް އައިސް އެމީހުން އެ ފުރިހަމަ ކޮށްދެނީ އަހަރުމެން ދިވެހިންގެ މުހުތާދުތައް. މަސައްކަތްކުރުވާފައި ޙައްޤުވާ އުޖޫރަ ނުދޭ ނަމަ އެއީ ވެސް ވަގުފާރިއެއް. އެހެންމެ އަޅުވެތިކަމުގެ ދަށުގައި ގެންގުޅުމަކީ ވެސް ވަގުފާރި. މިއީ އިސްލާމްދީނުގައި ވެސް ނަހީކޮށްފައިވާ ކަންކަން." ޒަރީނާ ފުންނޭވާއެއް ދޫކޮށްލިއެވެ. "ކުނިއުކިޔަސް، އިމާރާތްކުރިޔަސް، ބާނދީއަކަށް، ނޯކަރަކަށް އުޅުނަސް އެމީހުންގެ މަސައްކަތަށް އިޚްތިރާމުކުރަން ޖެހޭނެ. މަލާމަތްކޮށް ފުރައްސާރަ ކޮށްގެން ނުވާނެ. ޙަޤީޤަތުގައި އެމީހުން އެކުރަނީ އަހަރުމެން އަމިއްލައަށް ކުރަން ޖެހޭ މަސައްކަތް ތަކެއް. އަނެއްކޮޅުން ފައިސާއަކީ ހުރިހާ އެއްޗެއް ނޫން. ފުރާނައިގެ އަގު ފައިސާއިން އަދައެއް ނުކުރެވޭނެ. ތިމާގެ މައިމީހާއަށް ވުރެ ފައިސާ އިސް ވެއްޖެނަމަ..."

އަނދިރިކޮށްލެވިގައިވާ މާހައުލުން ޒަރީނާ ފިޔަވައި އެހެން އެއްވެސް މީހަކުގެ އަޑެއްބަޑެއް ނީވެއެވެ. ޒަރީނާގެ ނޭވާގެ އަޑާއި އޭނާގެ އިޙްސާސްތައް ސާފުކޮށް ފެންނަ ވަރަށް ވަނީ ކެމެރާތައް އަމާޒުކޮށް ހުއްޓައިލެވިފައެވެ. ޒަރީނާއަށް ގިސްލެވެން ފެށުނެވެ. ސިކުންތުކޮޅަކަށް އެ ވޭނީ ގިސްލުމުގެ އަޑު ދެމިގެން ދިޔައެވެ.

"މި ޝޯވއިން ފެނިގެން ދިޔަ މަންޒަތަކަކީ ޙަޤީޤީ މަންޒަރުތަކެއް، ކުށްވެރިން އިންސާފުކުރިމަތީ ކުޑަކަކޫ ޖަހަށް ޖެހޭނެ. ނޯކަރެއްގެ ގޮތުގައި ނަތާޝާ އެވީ ޤުރުބާނީއަކީ ލާމަސީލު ޤުރުބާނީއެއް، އަހަންނަށް ހިތްވަރާއި ކެރުންތެރިކަން މިއަދު ލިބިގެން މިދިޔައީ ނަތާޝާގެ ސަބަބުން. މި ޝޯވގެ ސަބަބުން. އިންދިރާސްވަމުން ދިޔަ އަހަރެންގެ ވިޔަފާރި ކުރިލާ މިއަދު ހެދެން މިފެށުނީ ނަތާޝާގެ ސަބަބުން. އަހަރެންގެ ވިޔަފާރީގެ ބުންޔާދަކީ މިއަދު ނަތާޝާ. ނަތާޝާއަކީ މިއަދު އަހަރެންގެ ދަރިއެއް" ޒަރީނާ ހިންދިރުވައިލިއެވެ. "އެހެންކަމުން، އަހަރެންގެ ކުންފުނީގެ ހަތްދިހަ އިންސައްތަ ނަތާޝާއަށް ދިނުމަށް އަހަރެން މިރޭ ނިންމައިފިން"

ޒަރީނާގެ ގައިގައި ނަތާޝާ އޮޅުލައިގަތެވެ. ފުރޮޅީ ގޮނޑީގައި އިން ޒަރީނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް އޮހިގަތެވެ. އެއާއެކު މުޅި މާހައުލުން އަތްތިލަ ބަޑީގެ އަޑު ގުގުމަމުން ދިޔައެވެ. ސްޓޭޖް މަތީގައި ހުރި ސްކުރީނުން ޝައުނާއާއި ހާލިދު ޖަލުގެ ތޭރިތަކުގެ ބިށްދޮށުގައި ތިބި މަންޒަރު ފުސްކޮށް ފެންނަމުން ދިޔައެވެ.
ހިޔާލު

ދޮން

ވަގުފާރި

މޫސަ

ކިތައް އެޕިސޯޑުގެ ފިލްމެއްތަ މި

ނަތާޝާ

ހީވީ ޓީވީ ޝޯވ އެއް... ޑުރާމާއެއް ބަލައިލެވުނުހެން... ވ ވ ވ ސަޅި... ކީޕް ގޮއިން ފަތޫ