Kuru Vaahaka: Hathiyaaru
image
ކުރު ވާހަކަ: ހަތިޔާރު
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ކުރު ވާހަކަ: ހަތިޔާރު

ދެ ފަހަރަކު ބަލައިލެވުނެވެ. ހިތަށް ލިބެމުން ދިޔަ ފިނިކަން ބަޔާންކުރަން ދަތިވިއެވެ. އަނެއްކާ ވެސް އަހަރެން ބަލައިލީމެވެ. ނަދާގެ ލޮލުން އަހަންނަށް އިޝާރަތްކޮށްލިއެވެ. ޖަވާބުގައި އަހަރެން ހިނިތުންވެލީމެވެ. ނަދާއާ ދިމާއަށް ބަލައިގެން ހުރެއެވެ. ނަދާގެ ތުންފަތް ހަރަކާތްކޮށްލިއެވެ. އަހަރެން ކަނާއަތް ނަގައި ކިހިނެއްވީހޭ ބުނާ ފަދައަކުން ހަރަކާތްކޮށްލީމެވެ. ވައިގެ ތެރޭގައި އަކުރުތަކެއް އަޅަމުން ނަދާ ހަރަކާތް ކޮށްލިއެވެ. އެއީ ނުވައެއް ކަން އަހަންނަށް އެނގުނެވެ. އަހަރެން ބޭނުންވީ ނޭނގޭ ކަމަށް ހަދާށެވެ. އެހެންވެ ދެ ކޮނޑު އަރުވައިލަމުން ނޭނގޭކަން މޫނުގެ ހަރަކާތުން ހާމަކޮށްލީމެވެ. leaward
ސަރައްކާއްޔަށް ހުޅުވާލާފައިވާ ދޮރުން އެތެރެއަށް ނަދާ ވަނެވެ. މަންޒަރު ބަލަން އަހަރެން އިނީ އެއްލައިގެން އުޅޭ ނަނުގެ އެންކޮޅުގައި ކޮށަމުން ދިޔަ މަސް އިތުރަށް ދަހިކޮށްލުމުގެ ބޭނުމުގައެވެ. އަހަރެން ބޭނުންވަނީ ރަނގަޅަށް ދަހިކޮށްލާ އެންކޮޅު ދިރުވާލުމުން ނަނަށް ވާންކޮށްލާށެވެ. މަޤުޞަދު ހާސިލުވާނީ އޭރުންނެވެ. އެހެންނޫނީ އަހަރެންގެ މުރާދު ހާސިލެއް ނުވާނެއެވެ.

އަހަރެންގެ ދުރުމީގެ ލެންސަށް ނަދާ އެރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ނަދާއާ ގުޅޭ ލައްކަ މައުލޫމާތު ހޯދިއްޖެއެވެ. އޭނާގެ ދުރުމީގައި އަހަރެންގެ ތަސްވީރު ހަރުލެއްވުމަށް ލައްކަ މަސައްކަތް ކުރެވިއްޖެއެވެ. އެތަކެއް ދިރާސާއެއް ހެދި އެތައް ޤުރުބާނެއް ވެވިއްޖެއެވެ. ކާމިޔާބުގެ ކޮޅުމަތި ފެންނަން މިފެށީ އަދި ކިރިޔާއެވެ. ސަރައްކާއްޔަށް ނަދާ ނުކުތެވެ. އަހަރެން ހިނިތުންވެލައިގެން ބަލަން އިނީމެވެ. ނަދާގެ އަތުގައި އާދައިގެ މޮނިޓަރު ފޮތަކާއި މާކަރެއް އޮތެވެ. ފޮތް ހުޅުވާލުމަށްފަހު ހިސާބު އަދަދުން ނުވައެއް ލިޔުނެވެ. އެއަށްފަހު އިނގިރޭސިބަހުން އަހަރެން މި ހުރި އެޑްރެސް ލިޔެލިއެވެ. އަދި ސުވާލު މާކެއް ކުރަހައިލިއެވެ. އަހަރެން ހައިރާންވެ ބަލަން އިންނަ ބީދައިން ނަދާގެ ހަރަކާތްތަކަށް ބަލަން އިނީމެވެ. އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައި ނަދާ ހުއްޓެވެ.

އަހަރެން ވެސް ސަރައްކާއްޔަށް ހުޅުވިފައިވާ ދޮރުން ކޮޓަރިއަށް ވަނީމެވެ. ނަދާގެ ހަރަކާތްތަކަށް ޖަވާބެއް ދިނުމަށް ބޭނުންވާނެ ސާމާނުތައް ހޯދައިގެން ބޭރަށް ނިކުތީމެވެ. ބަލައިލި އިރު ނަދާ ފެންނާކަށް ނެތެވެ. އިރުކޮޅަކުން ފެނުނީ ފިރިހެނެކެވެ. އެއީ ޖަނާއެވެ. ޖަނާގެ އިސްތަށިގަނޑު ވަނީ ކަނދުރާއާ ހަމައަށް ދިގުކޮށްފައެވެ. ގަޔަށްދޫ ގޮޅިޖެހި ރަތްކުލައިގެ ގަމީހުގައި ފެންނަ އިރު ޖަނާ ސިފަވަނީ ވައުފެއްސިއަކާއެވެ. ޖަނާ ހުރީ އަހަރެން ހުރި އިމާރާތަށް ފުރަގަސްދީގެންނެވެ. މި ދެ އިމާރާތުގެ ދުރުމިނުގައި ހުންނާނީ ތިރީހަކަށް ފޫޓެވެ. ނަދާ ކޮބައިތޯ ދެ ފަހަރަކު އަހަރެން ބަލައިލީމެވެ. ފެންނާކަށް ނެތެވެ. ޖަނާގެ ފުރަގަހުން ގަމީހުގެ ފަހަތުން އަތެއް ފެންނަހެން ހީވުމުން އަނެއްކާ ވެސް އަހަރެން ބަލައިލީމެވެ. މަޑުމަޑު ހަރަކާތަކާއެކު އެ އަތްތިލަ ޖަނާގެ އިސްތަށިގަނޑާ ހަމައަށް ވާސިލުވިއެވެ. ހަރަކާތްތަކުގެ ފަހަތުގައިވަނީ ކޮން ކަމެއްކަން އަހަންނަށް ވިސްނުނެވެ.

އަހަރެންގެ ކޮޓަރިއަށް ވަންނަމުން ފަހު ފަހަރަށް ބަލައިލުމުގެ ނިޔަތުގައި ނަދާމެން ތިބި އިމާރާތުގެ ސަރައްކާއްޔަށް ކަޅިއެއް އެއްލީމެވެ. އަހަންނަށް ހީވީ ރަނގަޅަށެވެ. ޖަނާއާއެކު އުޅުނީ ނަދާއެވެ. ނަދާހުރީ އެމީހުންގެ އާއްމު ހަރަކާތުގައެވެ. އަހަރެން ބަލަން ހުރިކަން ނަދާއަށް އެނގުނެވެ. ޖަނާއަށް ނުފެންނާނެހެން ނަދާގެ އަތުން އަހަންނަށް އިޝާރާތްކުރިއެވެ. މަޑުކޮށްލާށޭ ބުނާ ފަދަ ގޮތަކަށެވެ. އެއީ އަހަންނަށް އާ މަންޒަރެއް ނޫނެވެ. ނަދާ ގަސްދުގައި އެ މަންޒަރު އަހަންނަށް ދައްކަން ބޭނުންވަނީއެވެ. އަހަންނާމެދު ނަދާގެ ހިތް އޮތް ކުލައެއް އަހަންނަކަށް ނޭނގެއެވެ. ސަރައްކާލީގައި އަހަރެން މަޑުކޮށްލީމެވެ.

ނަދާ ތުންފަތް ފޮހެލަމުން ސަރައްކާލީގެ ދަގަނޑުތަކުގެ މަތީގައި އަތްބާވާލިއެވެ. ތިރިއަށް ބަލައިލިއެވެ. ފަސްބުރީގެ އެ އިމާރާތާ އިންވެ އޮތް ހަނި ދިގު މަގަށެވެ. ޖަނާ މަޑުމަޑުން ނަދާގެ ފަހަތުން އޭނާގެ ގައިގައި ބައްދައިލިއެވެ. މަންޒަރު ނުބަލަން އަހަރެން ކޮޓަރިއަށް ވަނީއެވެ. ކޮޓަރިން ސަރައްކާއްޔަށް ހުޅުވާފައިވާ ދޮރު ވެސް ލައްޕައިލީމެވެ. އެއަށްފަހު ދޮރުފޮތިގަނޑު ކަހައިލީމެވެ. މަޑުމަޑުން ކުޑަދޮރުގެ ފޮތިގަނޑު ހިއްލައިލަމުން ނަދާމެން ތިބި އިމާރާތަށް ބަލައިލީމެވެ. ނަދާއާ ދިމާއަށް ޖަނާގެ ޝަހާދަތް އިނގިލި އަމާޒުކުރަމުން ވާހަކައެއް ދެއްކި މަންޒަރު ފެނުނެވެ. ވައިބަދަލުވާ އުޞޫލުން މަންޒަރު ބަދަލުވީތީ ހައިރާންވިއެވެ. ނަދާއަކީ އަރަތެއް ކަހަލަ ކުއްޖެކޭ ހިތްބުނެލިއެވެ. އޭނާގެ މަޤްޞަދާ މެދު ސުވާލު އުފެދެމުން ދިޔައެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކާއެކު ފާޚާނާގެ ޒިންމާތަކަށް އިޖާބަ ދިނީމެވެ.

ފެންވަރަށް ހުރި އިރު ވެސް އަހަންނަށް ވިސްނުނީ ނަދާއާ މެދުގައެވެ. އަހަރެންގެ މަޤްޞަދާ މެދުގައެވެ. މިކަން ވާނެބާއޭ ހިތަށް އަރަނީއެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެންގެ ކާމިޔާބީއާއި ނާކާމިޔާބީ މިނާނެ މިންގަނޑަކީ ނަދާއެވެ. ކޮންމެ ގޮތެއް ވިޔަސް މިކަން ކުރާން އެބަޖެހެއެވެ.

ފެންމާގަނޑު ދޫކޮށްލާ ރަނގަޅަށް ތާޒާވެލަން އަޒުމު ކަނޑައެޅީމެވެ. ފާޚާނާއިން ނުކުމެ އަހަންނަށް ބަލައިލެވުނީ އެނދުމައްޗަށެވެ. އެނދުގައި ދެ މީހަކު ތިބިހެން ހީވިއެވެ. ސިފަވަމުން ދިޔައީ ރީމާގެ ހަރަކާތްތަކެވެ. ރީމާގެ ހިނިތުންވުމެވެ. އޭނާގެ ގިސްލުމެވެ. ރީމާގެ މޫނުފެނުމުން ހިތުވިންދު އަވަސްވިއެވެ. ހިތް ތޮރުފެންފެށިއެވެ. އެހަނދާންތައް އާވާން ފެށިއެވެ. އެ އިހްސާސްތައް ކުރެވެން ފެށުނެވެ. އަހަރެންގެ މޫނުގައި ފިރުމަމުން ރީމާ ދެއްކި ވާހަކަތަކެވެ. ރީމާ ދޫކޮށްފައި މާލެއާ ދުވަހު ރީމާ ދެއްކި ވާހަކަތަކެވެ. އެ މަންޒަރު އެނދުމަތީ ސިފަވަމުން ދިޔައެވެ. އަހަންނަށް ހުރެވުނީ ބަލާށެވެ.

"ރާއީ އަހަރެން، އަހަރެން ވަރަށް، ވަރަށް ލޯބިވޭ. ވަރަށް ހަނދާންވާނެ. ވަރަށް އުނދަގޫވާނެ" ގިސްލަމުން ރޮމުން ރީމާ އަހަރެންގެ މޫނުގައި ފިރުމިއެވެ. "ހަމަސް ދުވަސް. ހަ ޤަރުނަށް ވުރެ ދިގުވާނެ. ރާއީ އާ ނުލައި އެންމެ ސިކުންތެއް ވެސް އަހަނަށްވާނީ ޤަރުނަކަށް"

"ރީ.. ދެރަނުވޭ. ކިތައްމެ ދުވަހެއް ވިޔަސް އަހަންނަށް ބަދަލެއް ނާންނާނެ. އަހަރެން މި ފިޔަވަޅު މި އަޅަނީ އަހަރުމެން ދެމީހުންނަށް ޓަކައި. މުސްތަގުބަލަށް ޓަކައި. އަހަރުމެންގެ ލޯބީގެ ޙައްޤުގައި" ރީމާގެ މޫނުގައި ބޮސްދެމުން އަހަރެން ވިސްނައިދެވޭތޯ އުޅުނީމެވެ. "މިކަން އަހަންނަށް ކާމިޔާބު ވެއްޖެ ނަމަ އަހަރުމެންނަށް ހިތްހަމަ ޖެހުމާ އުފާ މިލްކުވާނެ"
"ރާއީ. ކުޑަމިނުން ރާއީ އުޅޭ ނޫޅޭ ގޮތް އަހަންނަށް އެނގޭނެ ގޮތެއްވާނަމަ ވެސް އަހަރެން ހިތް ހަމަ ޖެހުނީސް. މާލެއަކީ މިހާރު އަމާންތަނެއް ނޫން. ހިތް ނުތަނަވަސް ވަނީ... ބިރުގަންނަނީ އެހެންވެ"

ބޭއިޚްތިޔާރުގައި އަހަންނަށް އެނދު ކައިރީ އިށީނދެވުނެވެ. ރީމާގެ މޫނުގައި ފިރުމައިލުމަށް ޓަކައި އަތް ހިއްލައިލީމެވެ. ނަމަވެސް އަހަރެން އަތް ޖެހުނީ ބާލީހުގައެވެ. އަނެއްކާ ވެސް އަތް ހިއްލައިލީމެވެ. ހައިރާންކަމާއެކު އަހަންނަށް ބަލައިލެވުނެވެ. އެނދުމަތީގައި ރީމާ އިނެވެ. އޭނާ ބަލަނީ އަހަންނާ ދިމާއަށެވެ. ރޮއިރޮއި އޭނާގެ ދެ ލޯ ވަނީ ރަތްވެފައެވެ. މޫނު މައްޗަށްވަނީ ޖަންބު ކުލައަރާފައެވެ. އަހަންނާ ދިމާއަށް ރީމާ އަތްދިއްކޮށްލިއެވެ.

ރީމާގެ އަތުގައި ހިފައިލުމަށް އަހަރެން އަތް ހިއްލައިލީމެވެ. ރީމާގެ ހަށިގަނޑުގެ ތެރެއަށް އަތްވަދެގެން ދިޔައެވެ. ހިފެހެއްޓުމެއް އަޅައިގަތުމެއް ނެތިއެވެ. މި ފަހަރު ވެސް އަތް ޖެހުނީ ބާލީހުގައެވެ. އަހަންނަށް ބޯހޫރައިލެވުނެވެ. ދެ ލޯ މަރައިލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މާބޮޑަށް ރީމާގެ މަތިން ހަނދާންވީއެވެ. ހޭލާ ހުއްޓާ އަހަންނަށް ހުވަފެން ފެންނަން ފެށީއެވެ. ރީމާއާ ދުރުގައި ތިން މަސް ހޭދަވީއެވެ. ރީމާގެ ހާލެއް ނޭނގިއެވެ. އަހަރެންގެ ހާލު ރީމާއަށް ނޭނގިއެވެ. ކުރާނެ ކަމެއް ނެތެވެ. މިއީ އެއްބަސް ވުމެއްގެ ދަށުން ކުރެވޭ މަސައްކަތެކެވެ. އަހުދުނާމާއެއްގައި ސޮއި ކުރަހައިގެން ފެށި މަސައްކަތެކެވެ.

އިހްސާސްތަކުގައި ޖެހޭނީ އޮބި އަޅާށެވެ. ހިތް ޖެހޭނީ ސިކުނޑީގެ ބަސް ޤަބޫލުކުރާށެވެ. އަހަރެން ތަމުރީނުވީ ބޭނުމެއްގައެވެ. ފަލަ ހަށިގަނޑުން މަސްތައް ވިރުވާ ތިރީސްކިލޯ އުނިކޮށްލީ ލައްކަ ވަރުންނެވެ. ކަށިން ހިތްވަރު ނެރެގެންނެވެ. މިއަދު މި ވަނީ ކާމިޔާބުގެ ކޮޅުމަތި ފެންނަން ފަށައިފައެވެ. މޭޒުމަތީގައި ހުރި ކަލަންޑަރަށް ބަލައިލީމެވެ. މާރިޗު މަހުގެ އެއް ފަނަރަ ނިމުނީއެވެ. އަހަންނަށް ބާކީ އޮތީ ފަނަރަ ދުވަހެވެ.

ޚިޔާލުތަކުގެ ތެރޭގައި ފީނަމުން ޓީޝަރޓް ބޮލުން ވައްޓައިލީމެވެ. މަޑުމަޑުން ކުޑަ ދޮރާ ދިމާއަށް ދިޔައީމެވެ. އަތުން ދޮރުފޮތިގަނޑު ގޮނިކޮށްލަމުން ހިއްލައިލާ ބޭރު ބަލައިލީމެވެ. ނަދާމެންގޭ ސަރައްކާލި އޮތީ ހުހަށެވެ. އަހަރެން ބޭރަށް ނިކުތީމެވެ. ގަޑިއަށް ބަލައިލަމުންނެވެ. އޭރު ހަތެއް ޖަހަނީއެވެ. ނަދާ ބުނި ވަގުތު ޖެހެން ދެ ގަޑިއިރު އެބަ އޮތޭ ހިތަށް އެރިއެވެ. ސަރައްކާއްޔަށް ނިކުމެ ތިރިއަށް ބަލައިލީމެވެ. ހޭލަމޭލައަށް އުޅޭ މީހުން ގިނައެވެ. ދުއްވާއެއްޗެހީގެ އަޑު އިވިއިވި ހުއްޓެވެ. ނަދާމެން ގެއާ ސީދާ ވާގޮތަށް އަހަރެންގެ ކޮޓަރި ހުރުން އެއީ އަހަރެންގެ ނަސީބުކަމަށް ވިސްނުނެވެ.
އަނެއްކާ ވެސް އަހަންނަށް ބަލައިލެވުނީ ނަދާމެން ގެއާ ދިމާއަށެވެ. ނަދާ ހިނިތުންވެލައިގެން އަހަންނާ ދިމާ ބަލަން ހުއްޓެވެ. އަހަރެން ބަލައިލުމުން އަތުން އިޝާރާތްކޮށްލިއެވެ. ޖަވާބު ކޮބައިހޭ ބުނާފަދައިންނެވެ. އަހަރެން ވެސް މަޑުކޮށްލާށޭ ބުނެ ކޮޓަރިއަށް ވަނީމެވެ. ގަނޑަކާއި މާކަރެއް ހިފައިގެން ނުކުމެ އަހަރެން ފޯނު ނަންބަރު ލިޔެ ދައްކައިލީމެވެ. ނަދާ ފޯނު ނަގައި އަހަންނަށް އިޝާރާތްކޮށްލިއެވެ.

ފޯނު ރަނގަބީލުވިއެވެ. ފޯނު ނަގައި ކަންފަތުގައި ޖެއްސީމެވެ. އެއީ ނަދާއެވެ. ނަދާގެ ހިމަ އަޑު ޖެހުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ސާފު ރީތި އެ އަޑުގައި ވަނީ ރިހުމެވެ. ކޮންމެ ލަފުޒެއްގައިވަނީ ވޭނީ ބަރުކަމެކެވެ. ނަދާގެ ފަރިތަކަމާއި ހުޝިޔާރުކަން ފުރަތަމަ ޖުމުލައިން ވެސް އަހަންނަށް ވިސްނުނެވެ.

"މައްސަލައެއް ނޫނޭ އެ ބިދޭސީއަކަސް. ތީނަ އަހަންނަށް ވަރަށް ކަމުދޭ. ހީވެސް ނުވޭ ތީ ބޭރު މީހެއް ހެން" އަހަންނާ ދިމާ ބަލައިގެން ހުރެ ނަދާ ފޯނުން ވާހަކަދެއްކިއެވެ. "އަހަންނަށް ކިޔަނީ ނަދާ. ތީނައަށް ކިޔަނީ؟" "ރާއީ" ކޮށި ދިވެހިބަހުން ވާހަކަދެއްކޭތީ ޖެހިލުންވާ ގޮތަށް އަހަރެން ބުނެލީމެވެ. "މައްސަލައެއް ނޫނޭ. ދުވަސްކޮޅަކުން ރަނގަޅުވާނެ. ރާއީއަށް ދިވެހިން ވާހަކަދެއްކޭނެ" އަހަރެންގެ ހިތް ނަދާ ކިޔަމުން ދިޔައެވެ. "ނުވައެއް ޖަހާއިރު އަހަރެން ތި އެޕާޓުމަންޓަށް ދާނަން. ތީ ކިތައް ވަނަ ރޫމް؟" "މައްސަލަ ޖެހެނީ؟" އަހަރެން ގޮތް ދައްކާލަން ބޭނުންވިއެވެ. "ކަމުނުދާ ހުންނަނީނު" "މައްސަލަ ނުޖެހެނީ. ޖަނާ ނޫޅެނީ. އޭނަ ބޭރަށް ދަނީ" ނަދާ ވެސް އަހަރެންގެ ބަހުރުވައިން ވާހަކަ ބައްޓަން ކުރިއެވެ.
"ނަދާ އޯކެވަނީ އަހަރެން މައްސަލަ ނެތީ"

ފޯނު ބޭއްވުމަށް ފަހު ކޮޓަރިއަށް ވަދެ ކޮޓަރި ތެރެ ތަރުތީބުކޮށްލީމެވެ. ކޮޓަރީގެ ވަސްމީރުކޮށްލާ ފިނިމިން ހެޔޮވަރުކޮށްލީމެވެ. އައިސް އަލަމާރީގެ ދޮރު ހުޅުވާލީމެވެ. ނަދާއަންނާނެ ކަން އަހަންނަށް އެނގޭތީ ކުރިން ތައްޔާރުކުރި ތަކެތި ތަރުތީބުކޮށްލީމެވެ. ކޮންމެ އެއްޗެއްގައި އިނގިލި ޖައްސައިލީމެވެ. އެކި ޒާތުގެ ޖޫސް ޕެކެޓުތަކުގައެވެ. މެގުނަމުތަކުގައެވެ. ޗޮކުލެޓުތަކުގައެވެ. އައިސް އަލަމާރީގެ ދޮރު ލައްޕައިލީމެވެ. ކޮޓަރީގެ ކަނުގައި ހުރި ތިޖޫރީމަތީގައި ބަހައްޓާފައިވާ ހުރި ރަތް މާތަކުގައި އިނގިލި ޖައްސައިލީމެވެ. އަހަރެން ގާތަށް ހިނި ވެސް އަޔެވެ.

ލެޕްޓޮޕް ނަގައި ސޯފާގެ މޭޒުމަތީގައި ބަހައްޓައިލީމެވެ. އޭރު ގަޑިން ނުވައެއް ޖަހަން އުޅެނީއެވެ. ގަޑިއަށް ބަލައިލެވޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގެ ހިނގުން އިތުރުވެއެވެ. ކުއްލިއަކަށް ދޮރުގައި ޓަކި ދިނެވެ. އަހަންނަށް ޔަޤީންވިއެވެ. އެއީ ނަދާ ކަމެވެ. ރީތިވާ މޭޒު ކައިރިއަށް ގޮސް މޫނު ބަލައިލީމެވެ. ބޮލުގެ އިސްތަށިގަނޑު ތަރުތީބު ރަނގަޅުކޮށްލީމެވެ. ސެންޓުފުޅި ނަގައި ގަޔަށް ބުރުވައިލީމެވެ. އޭރު ދެ ފަހަރަކު ދޮރުގައި ޓަކި ޖަހައިފިއެވެ.

މަޑުމަޑުން ދޮރު ހުޅުވައިލީމެވެ. ނަދާގެ ނަޒަރު އަމާޒުވީ ސީދާ އަހަންނަށެވެ. ހަތަރުކަޅި ހަމަވިއެވެ. އަހަރެންގެ އަތްފައި ފިނިވާން ފެށިއެވެ. ހަރަކާތްތައް ހިމޭންވިއެވެ. ނަދާގެ ފުން ދެ ލޮލުގެ ޖާދޫގައި ރަނގަޅަށް ވެސް އަހަރެން ހައްޔަރުވަނީބާއޭ ހިތަށް އެރިއެވެ. ނަދާ ވެސްވީ އެވަރެވެ. ކޮޓަރި ތެރެއަށް ވަދެ ފަރުވާތެރިކަމާއެކު ނަދާ ބަލައިލިއެވެ. ކޮޓަރީގެ އެތަން މިތަނަށެވެ. އެންމެ ފަހުން އޭނާ އަހަންނާ ދިމާއަށް ބަލައިލިއެވެ. ސުވާލުގެ ނަޒަރުންނެވެ.

"އަހަރެން މަސައްކަތްކުރާ ތަނުން އަހަންނަށް ހަމަޖައްސަދިން ކޮޓަރިއެއް" އަޅައިގަންމުން އަޅައިގަންނަމުން އަހަންނަށް ބުނެވުނެވެ. "ކަމުދޭތަ މި ރޫމް؟""ވަރަށް ރީތި! ފަސްތަރިއެއްނު" ނަދާ ހައިރާންވެ ހުރެ އަހަންނާ ދިމާއަށް ބަލައިލިއެވެ. "ރާއީ ތި ކީއްކުރާ މީހެއް؟ މި ބުނީ ރާއީ ކުރަނީ ކޮން މަސައްކަތެއް؟""އެކައުންޓެންޓެއް" އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ހީލީމެވެ."އެހެންތަ؟ ލާރި ގެންގުޅުންދޯ" ނަދާ ސޯފާގައި އިށީންނަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. "ހޫމް. އަހަރެން އަތުގައި ނުޖެހި ކުންފުނީގެ އެއްވެސް ޗެކެއް، ފައިސާއެއް ބޭރެއް ވެސް އެތެރެއެއް ވެސް ނުވާނެ" ސާފު ދިވެހިބަހުން ވާހަކަދައްކާ ރާގުގައި އަހަރެން ބުނެލީމެވެ. "އެ ހުރީނު ތިޖޫރީ"

ސުވާލުގެ ނަޒަރުން ނަދާ އަހަންނާ ދިމާ ބަލައިލިއެވެ. ނަމަވެސް އަހަރެން އެކަން އެނގޭ ކަމަކަށް ނުހަދަމެވެ. ނަދާގެ ބޭނުމަކީ ކޮބައިކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. ނަދާއަށް ޓަކައި ތައްޔާރުކުރި ގުލްދަސްތާއާއި ހަދިޔާ ނަދާއަށް ހަވާލުކުރީމެވެ. އެއަށްފަހު ސީދާ ނަދާ ބޭނުންވާ މިސްރާބަށް އަހަރެންގެ ވާހަކަ އަމާޒުކުރީމެވެ.

ނަދާ އަހަންނާ ދުރަށް ޖައްސައިލަމުން ގަޑިއަށް ބަލައިލީމެވެ. އޭރު އެގާރަ ޖަހަނީއެވެ. އެވަރަށް ވާހަކަދެއްކި އިރު ވެސް ނަދާގެ ވާހަކަ ނިމޭކަށް ނޫޅުނެވެ. އެންމެ ފަހު އަހަރެން ގޮތެއް ނިންމީއެވެ. ވޮލެޓު ނަގައި ސަތޭކަ ޑޮލަރު ނަދާއަށް ދިއްކޮށްލީމެވެ. ދަންތުރަ މައްޗަށް ކިރު ހުނި އެޅިކަން އެނގޭނީ އަހަންނަށްތާއޭ ހިތްބުނެލިއެވެ. ނުހިފަން ހިފަން އުޅެމުން ނަދާ ޑޮލަރުގައި ހިފިއެވެ. މާ ބޮޑިއާއި ޕާރުސަލް ހިފައިގެން ދޮރާހަމައަށް ގޮސް ނަދާ އަހަރެންގެ ގައިގައި އޮޅުލައި ގަތެވެ.

"އަސްލު ހީކުރާ ގޮތަށް ނޫނަސް ކަންތައް ވެދާނެ. ހީކުރިން ރާއީ ވެސް އެހެން މީހުން ގޮތަށް ފުރުޞަތުގެ ބޭނުން ކުރާނެ ކަމަށް. ވަރަށް ލޯބިވޭ ތިޔަ ސިފައަށް. ވަރަށް ކަމުދޭ ތިޔަ މިޒާޖު" "މިލްކު ނުވަނީސް މިލްކު ކުރާކަށް ނުވާނެ. ދެން ފަހުން... މިލްކުވީމަ ދޯ" އިނގިރޭސިބަހުން އަހަރެން ވާހަކަ ބައްޓަން ކުރީމެވެ. ގަދަކަމުން ނަދާ އަހަންނާ ދުރަށް ޖެއްސީމެވެ.

ނަދާ ގެއަށް ދިޔުމަށް ފަހު އަހަންނަށް ގުޅިއެވެ. ޕާރުސަލް ކެނޑުމުގެ ކުރިން ގުޅަން ބުނީތީ ގުޅީއެވެ. އަހަރެންގެ ވާހަކަ ބައްޓަން ކުރީ ނަދާ ބޭނުންވާ ގޮތަށެވެ. އޭނާގެ ހިތް ތޮރުފަމުން އަހަރެން ބޭނުންވާ ގޮތަށް ކަންކަން ފަހިކުރަމުން ދިޔައީމެވެ. ޖެހިގެން އައި ރެޔަށް ދައުވަތު ދެމުން ކުރުކޮށްލީމެވެ. އަނެއް ދުވަހުގެ ހެނދުނެވެ. އަހަންނަށް ހޭލެވުނީ ނަދާ ގުޅާތީއެވެ. "ކީއްކުރާ މުސްހަފެއް. އަހަރެން ހީކުރީ ރާއީ ދޭނީ އަގުބޮޑު ހަދިޔާއެއްކަމަށް. އަހަރެން ނޫޅެން މުސްހަފެއް ނުލިބިގެން" ނަދާ ހިތްހަމަ ނުޖެހިފައި ވާހަކަދެއްކިއެވެ.

"އެންމެ ފައިދާވާނީ އެއިން" ދެމާނަ ދޭހަވާ ގޮތަށް އަހަރެން ވާހަކަ ބައްޓަންކުރީމެވެ. "އަހަރެން ހީކުރީ ނަދާއަށް ކަމުދާނެ ކަމަށް"

"އަހަރެންމީ ކަޅު ހެދުން ލައިފަ ބުރުގާ އަޅާ މީހެއްތަ؟" ނަދާގެ ހިތްހަމަ ނުޖެހުނެވެ.
"ސޮރީ؟ އަހަރެން ހީ ކުރީ ކަމުދާނެ ކަމަށް"

"މުޅި މޫޑު ވެސް ހަރާބު ވެއްޖެ. ސޮރީއަކުން ނުފުދޭނެ" ނަދާގެ ރާގު ބަދަލުވަމުން ދިޔައެވެ. "އެބަދަން ތި ރޫމަށް"
އިމްތިހާނުގެ ފަހު ކަރުދާސް ކުރިމަތިވީކަން އަހަންނަށް ވިސްނުނެވެ. އަވަހަށް އެނދުން ތެދުވެ ކޮޓަރިތެރެ އަލިކޮށްލާ ތަރުތީބުކޮށްލީމެވެ. ފާޚާނާއަށް ވަންނަން ތަޅުގައި ހިފައިލި އިރަށް ބޭރު ދޮރުގައި ޓަކި ދިނެވެ. ހުދުކުލައިގެ ކުރު ސޯޓު ހެޔޮވަރުކޮށްލަމުން އަހަރެން ދޮރާ ދިމާއަށް މިސްރާބު ޖެހީމެވެ.

ދޮރު ހުޅުވާލިއިރު ނަދާ ދޮރުމަތީގައި ހުއްޓެވެ. އަވަސް އަވަހަށް ކޮޓަރި ތެރެއަށް ނަދާ ދެމިގަތެވެ. ދޮރު ލައްޕާ ނުލަނީސް ނަދާ އަހަރެން ދުރަށް ޖައްސައިލިއެވެ. އަހަރެންގެ މޭގަތް އަތް އަޅައިލަމުންނެވެ. އަހަރެން ވެސް ނަދާގެ ހަރަކާތްތަކަށް މަރުހަބާ ކިޔާކަން ދައްކައިލީމެވެ.

ނަދާ ލާނެތް ފާޑަކަށް އަހަންނާ ދިމާއަށް ބަލައިލިއެވެ. ނަދާ އަމިއްލައަށް އޭނާގެ ތިރީ ތުންފަތުގައި ދަތް އެޅިއެވެ. އަދި މަޑުމަޑުން އަހަރެންގެ މޭ މަތީގައި އޭނާގެ ކަނާއަތުގެ ޝަހާދަތް އިނގިލި ޖައްސައިލިއެވެ. ބަނޑުގައިވާ އަޑިގުޑަންތަކުގައި އިނގިލި ޖައްސަމުން ތިރިކުރަމުން ކުރަމުން ގޮސް އަހަރެންގެ ފޫޅާ ހަމައަށް ތިރިކޮށްލިއެވެ. ނަދާގެ ޝަހާދަތް އިނގިލީގައި އަހަރެން ހިފީމެވެ.

"އެބައަންނަށް ފާޚާނާއަށް ވަދެފަ" އަހަރެން ބޭނުންވީ ނަދާއަށް ފުރުޞަތު ފަހިކޮށްދޭށެވެ. ފާޚާނާއަށް ވަނުމަށްފަހު ހަމަ ޖެހިލީމެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ފާޚާނާގެ ބިލިގާ ކައިރިއަށް ޖެހިލީމެވެ. ބިލިގާ ވަށައިގެން ދަމާފައިވާ ފަރުދާ ހިއްލައިލީމެވެ. ކޮޓަރީގައިވާ ކެމެރާތަކުގެ މަންޒަރުތައް ސާފުކޮށް ފެންނާނެހެން ތައްޔާރުކޮށްފައިވާ ސާމާނަށް ނަޒަރު ހިންގައިލީމެވެ. ޔަޤީންކޮށްލާށެވެ. ވަގުތުގެ މުހިއްމުކަމުންނެވެ.

ނަދާގެ ހަރަކާތްތައް ބަލަން އަހަންނަށް ހުރެވުނީއެވެ. ޖަނާއާ އިތުރު ދެ މީހުން ކޮޓަރި ތެރެއަށް ވަން މަންޒަރު ފެނުނެވެ. އެ ތިން މީހުން އެތަންމިތަން ހާވަމުން ކޮޓަރީގައިވާ ތަކެތި އުކަމުން ދިޔައެވެ. މޭޒުމަތީގައި އޮތް އަހަރެންގެ ވޮލެޓުގައި ހުރި ޑޮލަރާއި ދިވެހި ރުފިޔާތައް ޖަނާގެ ޖީބަށްލީ މަންޒަރު ފެނުނެވެ. ނަދާ ފާރުކައިރީގައި ހުރިގޮތަށް ހުރީއެވެ. ޖަނާ ނަދާގެ މޫނާ ދިމާއަށް ޝަހާދަތް އިނގިލިން އިޝާރާތްކޮށް ވާހަކަތަކެއް ދެއްކިއެވެ. ނަދާ މަޑުމަޑުން ފާޚާނާގެ ދޮރުގައި ޓަކި ދިނެވެ. ސިހިފައި އަހަންނަށް ބަލައިލެވުނެވެ. އޭރު ޖަނާއާއެކު އުޅުނު ދެ މީހުން ވަޅި ހިފައިގެން ފާޚާނާގެ ދޮރު ދެ ފަރާތުގައި ތިބި މަންޒަރު ފެނުނެވެ.

ބިލިގާގެ ފަރުދާ އަތުން ދޫވިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ދޮރާ ދިމާއަށް ދިޔައީމެވެ. ނުރައްކާތެރި ވަގުތު ޖެހުނުކަން ކަށަވަރު ކުރަމުންނެވެ. ހިތުން ދުޢާކުރަމުންނެވެ. ސަލާމަތްވުމުގެ ޢަޒުމު އާކުރަމުންނެވެ.

މަޑުމަޑުން ދޮރު ހުޅުވާލީމެވެ. ނަދާ އަހަރެންގެ މޭގައި ލައްވިއެވެ. އޭނާގެ ދެ އަތް އަހަރެންގެ އުނަގަނޑުގައި އަޅުވައިލިއެވެ. މަޑުމަޑުން ނަދާ އަހަންނާ ކައިރިވަމުން ދިޔައެވެ. އަހަންނަށް ހުރެވުނީއެވެ. ކުރަންވީ ހަރަކާތެއް ނޭނގިފައެވެ. ނަދާގެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވޭ ވަރުވިއެވެ. އޭނާގެ ހޫނު ނޭވާ އަހަރެންގެ ނޭފަތުގައި ޖެހުނެވެ. ކުއްލިއަކަށް އަހަރެން މޭގައި އަތް އަޅާ ނަދާ ކޮށްޕާލިއެވެ. ނުވިސްނާ ހުރުމުން އަހަރެން ގޮސް ޖެހުނީ ސޯފާ ކައިރީ ހުރި ކުޑަ މޭޒުގައެވެ. ނިތްމަތީ އަތް އަޅައިލަމުން އަހަރެން ތެދުވީމެވެ. އޭރު ޖަނާއާ އެކު ވަން ދެމީހުން އައިސް އަހަންނާ ދިމާކޮށްލިއެވެ.

"ގަދަ ދައްކާނަމަ މި ވަޅީގެ ތޫނުކަން ކަލޭގެ ކަރަށް..." ޖަނާ ރުޅިވެރި ރާގެއްގައި ބުނެލިއެވެ.

ޖަނާއާ އެކު ތިބި ދެމީހުން އަހަރެންގެ އަތް ފުރަގަހަށް ލައި ހިފެހެއްޓިއެވެ. "ކަލޭ ހީކުރީތަ ނަދާ އުޅުނީ ކަލޭ ދެކެ ލޯބި ވެގެންނޭ. ކަލޭކަހަލަ ބަންގާޅީއަކު ނަދާ ކަހަލަ ރީތި ކުއްޖަކު ލޯބިވާނެތަ؟" ޖަނާ އަތުގައި އޮތް ވަޅި އަހަރެންގެ ލަގޮނޑިވަޅުގައި ޖައްސައިލިއެވެ. "އަހަރުމެން ބޭނުންވޭ މި ކޮޓަރީގައި ހުރި ތިޖޫރީ ހުޅުވަން. ހަމަ މިހާރު ހުޅުވާ"

އަހަރެން ދެ ކޮޅު ހެދީމެވެ. ނަމަވެސް ސަލާމަތެއް ނުވިއެވެ. ކުއްލިއަކަށް އަހަރެންގެ މުލައްދަނޑިއަށް ޖަނާ ވަޅި ޖައްސައިލިއެވެ. އަހަރެންގެ އަތުގައި ވަޅީގެ މިޔަ ދަމައިލިއެވެ. "ކަލޭއަށް ބޭނުންގޮތެއް ހެދުމަކީ އަހަރުމެންނަށް މާ އުނދަގޫ ކަމެއް ނޫން" ޖަނާ ފަޚްރުވެރިވެލިއެވެ. "ދެކޮޅު ހަދާ ކޮންމެ މީހަކަށް އޮތީ ވަޅީގެ ތޫނުކަން"

އަހަންނަށް ހިންދިރުވާލެވުނެވެ. އަތްފޮޅުވާލަން އަތަށް ބާރުކޮށްލީމެވެ. ނަމަވެސް ގުޑާލާ ގޮތެއް ނުވިއެވެ.
"އަހަރުމެން ކޮންމެ ކަމެއް ކަލޭއަށް ކުރިޔަސް އެނގޭނެ އެކަކު ވެސް ނުހުންނާނެ" ޖަނާ އަހަރެންނާ ކުރިމަތިލިއެވެ. "ގޮތް ނުދައްކާ އެ ތިޖޫރީ ހުޅުވާ"

ދަމަމުން ކަހަލަ ގޮތަކަށް ތިޖޫރީއާ ހަމައަށް އަހަރެން ގެންދިޔައެވެ. އޭރު މުލައްދަނޑިން ފައިބަމުން ދިޔަ ލޭތަކުން އަހަރެން ލައިގެން ހުރި ސޯޓު ރަތްވަމުން ދިޔައެވެ.

"ހުޅުވާނީތަ ނޫނީ ނުހުޅުވާނީތަ؟" ކުއްލިއަކަށް ޖަނާ އަހަރެން ބުރަކަށީގައި ފައިން ޖެހިއެވެ. އަހަރެން މޫނު ވަތަށް ވެއްޓި ތުންފަތަށް ދަތްވަނެވެ. ތުންފަތުން ލޭ ހީލުނެވެ. އަހަންނަށް މަޑުމަޑުން ބަލައިލެވުނެވެ. ނަދާއާ ދިމާއަށެވެ. ޖަނާ ރުޅި އައިސްގެން އަހަރެންގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ހިއްލައިލިއެވެ.

މަޑުމަޑުން ތިޖޫރިއާ ދިމާއަށް އަހަރެން އަތް ދިއްކޮށްލީމެވެ. އަހަރެން ހިފަހައްޓަން ތިބި ދެމީހުން އަހަރެން ދެ އަތުގައި ހިފާ ދަމަދަމުން ތިޖޫރީ ކައިރިކޮށްދިނެވެ. ތިޖޫރީގެ ކޯޑު ޖެހޭތޯ އަހަރެން މަސައްކަތް ފެށީމެވެ. ފުރަތަމަ ފަހަރު ނާކާމިޔާބުވިއެވެ.

"ކަލޭ ގޮތް ދައްކަން ނޫޅޭ" ޖަނާ އަހަރެންގެ ބުރަކަށީގައި ދެވަނަ ފަހަރަށް ފައިން ޖެހިއެވެ. ވީތަދުން އަހަންނަށް ރޮއި ގަނެވުނެވެ. ހިރިލަން ވެސް ނޭނގި އޮވެވުނީއެވެ.

އަނެއްކާ ވެސް ތި ޖޫރީގެ ކޯޑު ޖެހޭތޯ މަސައްކަތް ފެށީމެވެ. ތުންފަތުންނާއި އަތުން އޮހެމުން ދިޔަ ލޭތަކާއެކު ތުރުތުރު އަޅާ ހާލު މަސައްކަތްކުރީމެވެ. އެންމެ ފަހު ފަހަރު ކޯޑު ޖަހައިލެވުނެވެ. އެއާއެކު ތިޖޫރީގެ ދޮރު ހުޅުވުނެވެ. ޖަނާ އަހަރެން އިދިފުށަށް ކޮށްޕައިލިއެވެ. އަވަސް ހަރަކާތްތަކާއެކު އޭނާ ތިޖޫރީގެ ދޮރު ހުޅުވާލިއެވެ. އަހަންނަށް ހީނލެވުނެވެ. ޖަނާ ބަލައިލީ އަހަރެންގެ މޫނަށެވެ. ދެވަނަ ފަހަރު ތިޖޫރިއަށް ބަލައިލިއެވެ. އޭގައި ފުރާ ހުރީ މުސްހަފެވެ. އެކި ސައިޒުގެ މުސްހަފެވެ. ކުއްލިއަކަށް މުޅިތަން އަނދިރިވިއެވެ.

"ބުންޔާދު މި ސިލްސިލާގެ ދެވަނަ ބައި ވެސް މި ނިމުނީ" ޔާސިރުގެ އަޑުން މުޅި މާހައުލު ގުގުމައިލިއެވެ. އެއާއެކު ސްޓޭޖުމަތިން ޔާސިރު ފާޅުވިއެވެ. މަތިން އަޅުވާފައިވާ އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނެތެވެ. މުޅިމަންޒަރުން ފެންނަނީ ޔާސިރު އެކަންޏެވެ. އިތުރު އަލި ކަމެއް އިތުރު އަޑެއް ނީވެއެވެ.

"މި ސިލްސިލާގެ ބައިތަކުން މި ދައްކުވައިދޭ ޙަޤީޤީ މަންޒަރުތަކުން، އެނގިގެންދަނީ ދިވެހި މި މުޖުތަމައުގައި ކުށަށް އަރައިގަތުމަށް ޓަކައި ހަތިޔާރެއްގެ ގޮތުގައި ތަފާތު ވަސީލަތްތައް ބޭނުންކުރާކަން. މިރޭ ފެނިގެން މިދިޔަ މަންޒަރުތަކުން އެކަން ހާމަވޭ" ޔާސިރުގެ އަޑުގައި ރިހުން އެކުވަމުން ދިޔައެވެ. "މިރޭ ފެނިގެން ދިޔަ ނަދާ އެއީ ޖަނާމެންގެ މަސައްކަތްތަކަށް މަގުފަހި ކުރުމަށް ބޭނުންކުރި ހަތިޔާރެއް. ބިރުދައްކައިގެން ނަދާ އެމީހުން ބޭނުން ކުރަމުން ދިޔައީ އެމީހުންގެ މަޤްޞަދު ހާސިލުކުރުމަށް މަގުކޮށުމަށް"

"މައުސޫމު އަންހެނުން ހަތީޔާރެއްގެ ގޮތުގައި ބޭނުންކުރުން މި މުޖުތަމައުގައި މަދުން ނަމަވެސް މި ދަނީ އާއްމުވަމުން. މިއީ މިއަދު ވިސްނާލަން ޖެހޭ ކަމެއް. އިންސާނީ ކަރާމަތަށް ޓަކައި މިފަދަ ޢަމަލުތައް ހިންގާ ކުށްވެރީން އިންސާފުގެ ކުރިމައްޗަށް ގެނެވެން އެބަޖެހޭ" ޔާސިރުގެ ފަހަތުން ފައުޒިއްޔާ މަންޒަރުގެ ތެރެއަށް ތަޢާރަފުވިއެވެ. "ފައިސާގެ ދަހިވެތި ކަމުގައި ނިކަމެތި ކުޑަކުދިންނާއި ގޮތް ހުސްވެފައިވާ އަންހެނުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން މިއީ ބައިނަލް އަޤްވާމީ މުއާހަދާތަކުން މަނާކުރާކަމެއް. މިއީ އިންސާނީ ކަރާމަތަށް ކުރެވޭ މަލާމަތެއް. މިކަމުގެ ސަބަބުން ފޫނުބެދޭ ފަދަ އެތައް ކަމެއް ކުރިމަތިވުމަކީ ވެދާނެކަމެއް. މިއީ ސަމާލުކަން ދޭން ޖެހޭކަމެއް"

"މި ބުންޔާދުގެ މި އެޕިސޯޑުގެ ބަޠަލް، ބިދޭސީ މީހެއްގެ ރޯލުން ފެނިގެން ދިޔަ ރާއިފު ޒާހިދުވީ ޤުރުބާނުގެ އަގެއްގެ ގޮތުގައި އޭނާއަށް އޮތް ހަދިޔާ ސްޕޮސަރ ކޮށްފައިވާ ފަރާތުން ނަން ހާމަކުރުމަށް ބޭނުންފުޅެއް ނުވޭ" ޔާސިރު ޖޯޝުގައި ވާހަކަ ކުރިއަށް ގެންދިޔައެވެ. "ރާއިފުވީ ޤުރުބާނުގެ އަގެއްގެ ގޮތުން ދެވޭ ހަދިޔާއަކީ ހުޅުމާލެއިން ތިން ކޮޓަރީގެ އެޕާޓުމަންޓެއް. މި އެޕާޓުމަންޓުގެ ތަޅުދަނޑި ރާއިފު ޒާހިދަށް ހަވާލުކޮށްދެއްވާނީ އޭނާގެ ލޮބުވެތި އަނބިކަނބަލުން، ރީމާ ރަމީޒް"

އަހަރެން ސްޓޭޖަށް އެރި އިރު ރީމާ ސްޓޭޖުގައި ހުއްޓެވެ. ހަމަސް ފަހުން ރީމާ ފެނުމުން އަހަންނަށް ބޭއިޚްތިޔާރުގައި ރީމާގެ ގައިގައި އޮޅުލައިގަނެވުނެވެ. އުފަލުން ރޮވުނެވެ. މުޅި މާހައުލު އަތްތިލަބަޑީގެ އަޑާއެކު ގުގުމައިލިއެވެ.
ހިޔާލު

މަތީން

ވަރަށް ސަޅިމި ޝޯވ ވެސް