Veli Araa Thilavefai Oiy Nellaidhoo Bandharu Funkuran Fashaifi
image
ހދ. ނެއްލައިދޫ ބަނދަރު-- ފޮޓޯ: އާދަމް ރަފީޤު
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ވޮޑުނު ނެއްލައިދޫ ބަނދަރު ފުންކުރަން ފަށައިފި

ވެލި އަރައި ވޮޑިފައި އޮތް ހދ.ނެއްލައިދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް އިބްރާހީމް ނާޒިމް ވިދާޅުވީ، ވޮޑުމުގެ ސަބަބުން އެރަށު ބަނދަރުގެ ދެކުނު ފަރާތް އޮތީ އެއްކޮށް ހިކިފައެވެ. އަދި ބަނދަރުގެ އެހެން ހިސާބުތަކަށް ވެސް ވެލި އަރައި ވަރަށް ބޮޑަށް އޮތީ ތިލަވެފައެވެ.

ބަނދަރު ފުން ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވީ ނަމަވެސް އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދާ ކަމަށް ނާޒިމު ވިދާޅުވި އެވެ. އެގޮތުން ބަނދަރުން ނަގާ ވެލިތައް ގެންދަން ނިންމާފައިވަނީ ރަށުގެ އަތިރިމައްޗަށް ކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ، ވެލިތައް ގެންދިއުމަށް ގެންނެސްފައިވާ ދެ ލޮރީގެ ތެރެއިން އެއް ލޮރީ ހަލާކުވެފައިވާ ކަމަށެވެ.

"މިއަދު ވެސް ހައިމާކުން ވެލި ނަގާފަ ލޮރީއަށް އަޅާފަ އެ ވެލިތައް އަތިރިމައްޗަށް ގެންދިޔައީ ހައިމާކުގަ ޖަހައިގެން ދަމާފަ.. މިގޮތަށް މަސައްކަތް ކުރިއަށްދާނަމަ ބަނދަރު ފުންކޮށް ނިމޭނީ ކޮންދުވަހަކު ކަމެއް ބުނާކަށް ނޭނގެ،" ނާޒިމް ވިދާޅުވި އެވެ.

ރަށުގެ އިރުމަތި ފަރާތުގައި ބަނދަރު ހަދާފައި އޮތްއިރު އެރަށު ބަނދަރަށް ވެލި ޖަމާވާން ފެށީ މިދިޔަ އަހަރެވެ. އެގޮތުން މިދިޔަ އަހަރުވެސް ބަނދަރަށް ޖަމާވި ވެލިތައް ނެގި ނަމަވެސް 15 ވަރަކަށް ދުވާހުގެ ތެރޭގައި އަނެއްކާވެސް ވެލި ޖަމާވާން ފެށި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ބަނދަރަށް ޖަމާވާ ވެލިތަކަކީ ރަށުގެ އަތިރިމަތީން ވޮޑިގެން އަންނަ ވެލިކަމުން ރަށުން ބޮޑު ބަޔެއް ވަނީ ގިރާފައެވެ.

ނާޒިމް ވިދާޅުވީ، ބަނދަރަށް ވެލި ޖަމާވާން ދިމާވާ މައިގަނޑު ސަބަބަކީ ބަނދަރުގެ ތޮށިގަނޑުގެ ޑިޒައިން މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން، ބަނދަރަށް ވެލި ޖަމާވުން ހައްލުވާނީ ބަނދަރުގެ ފައިކައްޓެއް ('ގްރޮއިން'އެއް) ލައި ތޮށި ބޭރަށް ދަމާލުމުން ކަމަށް ނާޒިމް ވިދާޅުވެއެވެ.

ބަނދަރު ހަދަމުން އައި ގޮތާއި މެދު އެރަށުގެ ރައްޔިތުން މީގެކުރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ. ބަނދަރަށް ވެލި ޖަމާވާތީ އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކުން އެތައް ތަކުލީފެއް އުފުލަން ޖެހެއެވެ.

2011 ވަނަ އަހަރު ހެވީ ފޯސްއާ ހަވާލުކޮށްގެން ހެދި އެބަނދަރުގެ ދިގު މިނުގައި 400 ފޫޓު އަދި ފުޅާ މިނުގައި 200 ފޫޓު ހުރެއެވެ. ބަނދަރު ރަސްމީކޮށް ހުޅުވާފައި ވަނީ 2016 ވަނަ އަހަރެވެ.
ހިޔާލު