Judiciary islaahu kurun, Bilaahakah!
image
ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
މުހައްމަދު ފަތުހުﷲ
3 ކޮމެންޓް
 

ޖުޑިޝަރީ އިސްލާހު ކުރުން، ބިލާހަކަށް!

ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ރާއްޖޭގެ އަދުލްއިންސާފުގެ ނިޒާމު އިސްލާހުކޮށް، ހަރުދަނާ ކުރުމެވެ. އަދުލްއިންސާފު ގާއިމު ވާތަން ފެނުމެވެ. dhi2
މިއީ ރާއްޖޭގެ ވިރާސީ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ރާއްޖެ ޑިމޮކްރެސީގެ މަގަށް އެނބުރެން ފެށީއްސުރެން ދިވެހިން ދައްކަމުން ދިޔަ ވާހަކަތަކެކެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކަތައް އެންމެބޮޑަށް ދެކެވެމުންއައީ މިހާރު އަމަލު ކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތްކުރި ދުވަސްވަރު އެވެ. ގާނޫނުއަސާސީ އެކުލަވާލުމުގައި ހާއްސަ މަޖިލީހުން އެންމެބޮޑު އަހުމިއްޔަތުކަމެއް ދީގެން ކުރި އެއް މަސައްކަތަކީވެސް އެއީއެވެ.

މިހާރު އަމަލު ކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިފަހުން 10 އަހަރު ފާއިތުވެ ދިޔައިރުވެސް އަދުލްއިންސާފުގެ ދާއިރާއަށް މާ އެދެވޭ ބަދަލެއް ނުވަތަ ފަނޑިޔާރުގެތައް އިސްލާހުވާތަނެއް ނުފެނެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިންމުމަށް އޭރުގެ އިދިކޮޅު ފަރާތްތައް އެންމެ ގަދަޔަށްކީ އަންބާއަކީ ވެސް "އަދުލްއިންސާފު ގާއިމު ކުރޭ" މިއެވެ. ނަމަވެސް އާ ގާނޫނުއަސާސީއާއެކު ރައީސް މައުމޫންގެ ވެރިކަން ބަދަލުވެ، ރާއްޖެ ޑިމޮކްރެސީގެ މަގަށް ދީލާލިއިރުވެސް އަދުލްއިންސާފުގެ ނިޒާމު އޮތީ އޮތްތާނގައެވެ. ބަދަލުވީ ރައީސުލްޖުމްހޫރިއްޔާގެ ނަމަވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކުރެވިގެންދިޔައިރު، ދިވެހި ރައްޔިތުން ފޮނި އުއްމީދު ތަކެއް ކުރި އެވެ. އަދި އެ އުންމީދުތަކުގައި ކުލަ ޖެހި މަންޒަރު ސާފުވާންފެށި ހިސާބުން މުޅި މަންޒަރު ބަދަލުކޮށްލީ ވެސް އަދުލްއިންސާފުގެ ދާއިރާއިންއައި އިންގިލާބަކުންނެވެ. އޭރުވެސް ބަދަލު ނުކުރެވި އޮތީ އަދުލްއިންސާފުގެ ދާއިރާއެވެ. އިސްލާހު ނުކުރެވި އޮތީ ކޯޓުތަކެވެ. އަދުލްއިންސާފުގެ ނިޒާމު ބަދަލުކޮށް، ފަނޑިޔާރުން އުމުރު ދުވަހު މަގާމުގައި ދެމިތިބެވޭނެގޮތް ހަދައިފި އެވެ. ނަތީޖާއަކަށްވީ އަދުލްއިންސާފުގެ ދާއިރާ އިސްލާހު ކުރަން ނިކުތް ވެރިޔާ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އެންމެ ތިން އަހަރުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތު މެވެ.

ރައީސް މައުމޫންގެ ވެރިކަން ނިންމަން ދިވެހި ބޭނުންކުރި "އަދުލްއިންސާފުގެ ނިޒާމު އިސްލާހު ކުރުން" މިއަދުވެސް އޮތީ ހަމަ އެގޮތުގަ އެވެ. ރިޔާސީ އިންތިހާބު ކުރިމަތި ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިމަތި ވިޔަސް އަދި ކައުންސިލްތަކުގެ އިންތިހާބު ކުރިމަތި ވިޔަސް، ކޮންމެ އިންތިހާބަކާ ދިމާކޮށް އަދުލްއިންސާފު ގާއިމު ކުރާވާހަކަ ދައްކައެވެ. ނަމަވެސް މިވީހާތަނަށް ނަތީޖާއެއް ފެންނަވަރެއް ނުވެއެވެ.

ރައީސް ނަޝީދުގެ ވެރިކަމަށްފަހު ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި އަދުލްއިންސާފު ދިޔައީ ގޯހުން ގޯހަށެވެ. އަދި ރައީސް ވަހީދުގެ ވެރިކަމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމްގެ ވެރިކަން ވެގެންދިޔައީ މުޅި ދައުލަތުގެ ނިޒާމު ފުނޑުފުނޑު ކޮށްލި ވެރިކަމެއްގެ ގޮތުގަ އެވެ. ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވި ގިނަ ބޭފުޅުންތަކެއް ޖަލަށްލި އެވެ. ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލިއިރު، ޖަލުގައި ދައުލަތެއް ހިންގޭ ވަރަށް ދައުލަތުގެ އިސްމަގާމުތައް ފުރުއްވި ބޭފުޅުން ތިއްބެވި އެވެ. މުޅި އަދުލްއިންސާފުގެ ނިޒާމުއޮތީ ބޮއްސުންލާފަ އެވެ.

ކޯޓުތަކުން ކުރި ހުކުމްތަކާއި ގުޅިގެން ގިނަ ބަޔަކު ޖަލަށްލިއިރު، އެ ފަރާތްތައް މިނިވަންވެ، މިހާރު އެތިބީ އަނބުރާ ދައުލަތުގެ އިސްމަގާމުތަކުގަ އެވެ. އެކަން އެގޮތަށްވާން މެދުވެރިވީ ރައްޔިތުން ރައީސް ޔާމީންއަށް ނޫނެކޭ ބުނެ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރި ހިސާބުންނެވެ. ދިވެހި ރައްޔިތުންގެ އެނިންމުމާއެކު ކޯޓުތަށް ވެސް އެނބުރި، ޖަލުގައި ތިބި ސިޔާސީ ބޭފުޅުންނާއި ދައުލަތުގެ އިސްމަގާމުތައް ފުރުއްވި ބޭފުޅުން މިނިވަން ކުރީ އެވެ.

މިއަދުވެސް ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ އަދުލްއިންސާފުގެ ދާއިރާ އިސްލާހު ކުރުމުގެ މަސައްލަ އެވެ. ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން އެންމެ އިސްކަމެއް ދޭން މިފަހަރުވެސް ނިންމާފައިވަނީ އަދުލްއިންސާފުގެ ދާއިރާ އިސްލާހު ކުރުމެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް، މިހުވަފެން ރައްޔިތުންނަށް ދައްކަމުންދާއިރު، އެކަން ކުރުމަކީ މިއަދު ސިޔާސީ މައިދާނުގައި އިސްކޮށް އުޅޭ ފަރާތްތަކަށް ކެރި ކުޅަދާނަ ކަމެއް ކަމަކަށްވާނެ ކަމަށް ނުފެނެއެވެ. ނަމަވެސް އިހުލާސްތެރިކަމާއެކު އަދުލްއިންސާފުގެ ދާއިރާގެ އިސްލާހު ކުރަން ގަދަ އަޅާ މަސައްކަތް ކުރައްވާ ސިޔާސީ ލީޑަރުން ވެސް އެބަތިއްބެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީ ރައީސް މުހައްމަދު ނަޝީދަކީ ޖުޑިޝަރީ އިސްލާހުކުރުމަށް މަސައްކަތް ކުރައްވާ ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ އަޑެއް ނީވުމަކީ އެކަމުގެ ހެއްކެއް ކަމަށް ގަބޫލު ކުރެވެ އެވެ.

ޖުޑިޝަރީ އިސްލާހުކުރަން ފައިނަގާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށާއި އެމްޑީޕީއަށް ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ. އެއީ މި ސަރުކާރަކީ ގިނަ ސިޔާސީ ޕާޓީތަކެއް ކޯލިޝަން ހަދައިގެން އައިސްފައިވާ ސަރުކާރަކަށްވާތީ އެވެ. އަދި ބައެއް ސިޔާސީ ލީޑަރުން ތިއްބެވީ އިސް ބައެއް ފަނޑިޔާރުންނާ 'ޑީލް' ހަދައިގެން ކަމަށް ވާހަކަ ދެކެވޭތީ އެވެ.

ބައެއް ފަނޑިޔާރުންގެ މަގާމު ދިފާއުކޮށް ދެއްވާނެ ކަމަށް ވިދާޅުވެ، ހަތް ފަހަރު ﷲ ގަންދީ ހުވާކޮށްފައިވާ ސިޔާސީ ލީޑަރުން ސަރުކާރުގެ ކޯލިޝަންގައި އުޅޭނަމަ އަދުލްއިންސާފު ގާއިމު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް ހުރަސް އެޅޭނެ ކަމަށް ގަބޫލު ކުރެވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބައެއް އިސްވެރިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ވާހަކަތަކައް އިވެމުންދާތީ ކަންބޮޑު ވަމެވެ.

އަދުލްއިންސާފު ގާއިމު ކުރަންވީ އިހުލާސްތެރި ކަމާއެކުގަ އެވެ. ކޮންމެހެން ކޮންމެ އިންތިހާބަކާ ދިމާކޮށް ތި ވާހަކަ ދެއްކުމުގެ ބަދަލުގައި އެކަންކުރަން އިހުލާސްތެރި ނިޔަތެއް އޮންނަން ޖެހެއެވެ. ޒާތީ ތައައްސުބުންނާއި ސިޔާސީ ނުފޫޒުން އަދި އެއްވެސް ނުފޫޒެއް ފަނޑިޔާރުންނާއި ފަނޑިޔާރުގެތައް ފޯރުމަކީ އަދުލްއިންސާފު ގާއިމު ކުރަން ނިކުންނަ މީހުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އަދި ފަނޑިޔާރުންވެސް މިނިވަންކަމާއެކު ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތަށް ހުކުމް ނުކުރެވޭނެނަމަ މަގާމުގައި ދެމިހުރުމުގެ ބޭނުމެއް ނެތެވެ.

އިންސާފަކީ އިންސާނަކަށް ވީތީވެސް ލިބެންޖެހޭ އަސާސީ ހައްގެކެވެ. އިންސާފު ގާއިމު ނުކޮށް މިރާއްޖޭގައި ދެން ކުރަންޖެހޭ އިތުރުކަމެއް އޮތްކަމަކަށް ނުދެކެވެ. އިންސާފު ގާއިމު ނުކޮށް، ހައްގުތައް ރައްކާތެރި ނުކުރެވޭނެ އެވެ. ހައްގުތައް ރައްކާތެރި ނުކޮށް ގައުމަށް ހަމަޖެހުން އަންނާނެ ކަމަށް ނުދެކެމެވެ.
ހިޔާލު

ހަޖާމު ބޭބެ

ޖުޑިޝަރީ އިސްލާޙް ކުރާ ވާހަކަ އަކީ އަބަދުވެސް ދައްކާނެ ވާހަކައެއް. އެއީ އަބަދުވެސް ޖުޑިޝަރީ ކަމުނުދާ ގިނަ ބަޔަކު ތިބޭނެ. އެމީހުންނަށް އަބަދުވެސް ޖުޑިޝަރީ ވަރަށް އަވަހަށް ރަނގަޅު ކުރަން ޖެހޭކަމަށް ފެނިގެން އެވާހަކަ ދައްކާނެ. މިކަން ދާނީ މިގޮތަށް.

އުމަރުބެ

ޖުޓިސަރީ ކަމުނުދަނީ އެމީހަކާ ދެކޮޅަށް މައްސަލައެއް ނިމޭފަހަރު އެއްކޮޅަށް ނިމޭއިރަށް ކޯޓްތަކާ ޖުޑިސަރީ އޯކޭވޭ.... އެހެންވީމައި ވާގޮތް

ބަކަރި

މާލޭގެ ބޮޑެތި އާއިލާތަކުގެ މީހުން އެތިބީ ޖަލުން ސަލާމަތްވެފަ. ޖުޑީޝަރީއޭ ޑިމޮކްރަސީއޭ ކިޔާފަ ވީދެނީ ހަމައެކަނި އެބޭނުމުގަ. މިސާލަކަށް ޕީޖީއަކަށްހުރި ކަލޭގެ އަދިވެސް އެހެރީ އޭނަ ކުރަމުން އައި މަސައްކަތުގަ. ކޮންކަމެއް ބަދަލުވީ.