Noonu Atolhah Haahsa Online Nooheh
image
ނޫނުއިންފޯ" އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން-- ފޮޓޯ: ނޫނުއިންފޯ
0 ކޮމެންޓް
 

ނޫނު އަތޮޅަށް ހާއްސަ އޮންލައިން ނޫހެއް

'ނޫނުއިންފޯ' ގެ ނަމުގައި ނ. އަތޮޅުގެ ހަބަރާއި މައުލޫމާތަށް ހާއްސަ އޮންލައިން ނޫހެއް އިފްތިތާހުކޮށްފި އެވެ.
އެކަމަށްޓަކައި އިއްޔެ ރާނބާ ރެސްޓޯރަންޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ނޫސް އިފްތިތާހުކޮށްދެއްވީ ނ. އަތޮޅު ކައުންސިލުގެ ރައީސް އަލީ ޒާފިރެވެ.

ނޫނުއިންފޯއަކީ ނ. އަތޮޅު ހަބަރާއި މައުލޫމާތާއި މުނިފޫހިފުލުވުމުގެ މައުލޫމާތަކާއި އަދި އިލްމީ މައުލޫމާތު ގެނެސްދިނުމަށް ހާއްސަކޮށްފައިވާ އޮންލައިން ނޫހެކެވެ.

އެ ނޫހުން ބުނީ، ނޫހުގެ އަމާޒަކީ ދުވަހުން ދުވަހަށް ހިނގާކަންކަން ގެނެސްދިނުމަށްވުރެ އަތޮޅުގެ ރައްޔިތުންނަށް މުހިންމު މައްސަލަތައް ދިރާސާކޮށް އިލްމީ މައުލޫމާތާއި ދިރާސާ ރިޕޯޓްތައް ގެނެސް ދިނުމާއި ރައްޔިތުންގެ ބޭނުންތަކާއި އެކިއެކި އިދާރާތަކުން ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމުގައި އެހީތެރިވެދިނުން ކަމަށެވެ.

އޭގެ އިތުރުން އެ ނޫހުން ބުނީ، އެރަށެއްގެ އިދާރާތަކުން ޖަވާބު ހޯދަން އެދޭ ކަންކަމަށް އަމާޒުކޮށް ރައްޔިތުންގެ ސުވާލުގެ ގޮތުގައި ކޮންމެ ހަފުތާއަކު ސުވާލު/ޖަވާބުގެ ބައެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ނޫހަކީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި ޒިންމާދާރު ކަމާއެކު ތެދު މައުލޫމާތު ގެނެސްދިނުމަށް ބާރުއަޅާނެ ނޫހެއް ކަމަށް އެ ނޫހުން ބުނެއެވެ.

އެ ނޫހުގައި މަސައްކަތް ކުރުމުގެ ފުރުސަތު، ނ. އަތޮޅުގެ ކޮންމެ ލިޔުންތެރިއަކަށް ވެސް ހުޅުވާލާފައިވާ ކަމަށް ނޫނުއިންފޯ އިން ބުނެއެވެ.
ހިޔާލު