ރާއްޖޭގައި ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު، ހަތަރު އިންތިހާބަކާއި ކުރިމަތިލާން ޖެހެއެވެ. އެއީ ރިޔާސީ އިންތިހާބަކާއި، އާންމު އިންތިހާބަކާއި، ކައުންސިލްގެ ދެ ދައުރުގެ ދެ އިންތިހާބެވެ. މިއިން ކޮންމެ އިންތިހާބެއްގައިވެސް ގޮންޖެހުންތައް ގިނަ އެވެ. އޭގެ ތެރެއިން ބޮޑު އެއް ގޮންޖެހުމަކަށް ވަނީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަ ބަޔަކު ބޭނުންކުރާ މަސްތުވާތަކެއްޗާއި އިންތިހާބާއި އޮންނަ ގުޅުމެވެ.
މި ހަތަރު އިންތިހާބުގެ ތެރެއިންވެސް އެންމެ ފޯރި ގަދައީ ރައްޔިތުންގެ މަޖިލިސް އިންތިހާބެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަކީވެސް ފޯރި ގަދަ އަދި މަސްތުވާތަކެއްޗާވެސް ދޯޅަ އިންތިހާބަކަށް ވެގެންދާނެއެވެ.
ކޮންމެ އިންތިހާބަކީވެސް އެކި ގޮތްގޮތަށް ކެމްޮޕޭން ކުރެވި، ވޯޓް ގަނެ ސިއްރު އެތައް ކަމެއް ހިނގާ ކެމްޕޭނެކެވެ. ބައެއް މީހުންނަށް ވޯޓް ގަތުމާއި ވިއްކުމުގެ ވާހަކަ، އެއީ ދައްކައިގެން ވާނެ ވާހަކައެއް ނޫނެވެ. އެކަމަކު ހަގީގަތަކީ ރާއްޖޭގައި އަށަގެންފައިވާ މި ނުބައި އާދައިގެ ސަބަބުން ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކަށްވެސް ވޯޓް ގަތުމަށް މަޖުބޫރުވެއެވެ.
ވޯޓް ގަތުމުގެ އެއް ހަރަކާތުގެ ތެރޭގައި ކޮންމެ ރަށެއްގައިވެސް މި އުޅޭ މުޖުތަމައުގެ އެހީތެރިކަމަށް ބޭނުންވާ ކުދިން (މަސްތުވާތަކެތި ބޭނުންކުރާ ކުދިން)ގެ ވޯޓަކީ އިންތިހާބެއް ކާމިޔާބު ކުރުމަށް ވަރަށް މުހިއްމު ވޯޓަކަށް ވެގެންދާކަމަށް ވެއެވެ. އެހެން ކަމުން މި ކުދިން ހައްދާލުމަކީ ކޮންމެ ކެންޑިޑޭޓެއްގެ އަމާޒަކަށް ވެއެވެ.
ކެންޑިޑޭޓުން މި ކުދިންނަށް ވާންޖެހޭ ވައުދު އިންތިހާބުގެ ކުރިން ފުއްދަން ޖެހެއެވެ. އެހެން ނޫން ނަމަ މި ކުދިން ވޯޓްލާ ފޮއްޓާ ހިސާބަށްވެސް ނުގެންދެވޭނެއެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބު ތަކުގައި ދެކުނުގެ އަތޮޅުތަކުގައި ހީވާގި ކަމާއެކު ހަރަކާތްތެރިވި މީހަކާއި އަޅުގަނޑައި ދިމާވިއެވެ.
ހުސެންފުޅާއި ދިމާވެ ދެއްކި ވާހަކަތަކުން އެކަމުގެ ހުރި ފޯރި އާއި، މަޖާ އަދި ނުރައްކާ އަޅުގަނޑަށްވެސް އިހްސާސް ކުރެވުނީ ބިރުވެރި ފިލްމެއްގެ މަންޒަރެއްގެ ގޮތުގައެވެ. ހުސެންފުޅު ބުނަނީ އިންތިހާބުގެ ތިން ދުވަސްކުރިން އެހީއަށް ބޭނުންވާ ކުދިން ވަކި ތަނަކަށް ޖަމާކޮށް، ގެރި ބަކަރި ބަލަހައްޓާ އުސޫލުން އެކުދިން ބަލަހައްޓަން ޖެހޭ ކަމަށެވެ.
"މި ކުދިން ބަލަހައްޓާއިރު، އަނެއް ކެންޑިޑޭޓުންގެ ފަރާތުން އަންނަ އޮފާތައް ވެސް ބްކޮލް ކުރަން ޖެހޭ. އަހަންނަން ފާހަގަވި އެންމެ މުހިއްމު ކަމަކީ އެކުދިން ގެންގުޅޭ މީހުންގެ ކުޅަދާނަކަން،" ހުސެންފުޅު ބުންޏެވެ.
ހުސެންފުޅު ބުނާގޮތުގައި މި ކުދިން ލައްވާ ވޯޓް ހޯދުމަށް ސަރުދާރު އެކުދިންނަށް ކާންދީ ބޯންދީ ހަދާ ވާހަކައަކީ އެރަށު ތެރޭގައި އެންމެނަށް އިނގޭ ބޮޑު ސިއްރެކެވެ. އެކުދިންނަށް ކުރާ ހަރަދު ކުޑައެއް ނުވާނެ ކަމަށާއި، އަންދާޒާވެސް ކޮށްނުލެވޭނެ ކަމަށް ހުސެންފުޅު ވަނީ ބުނެފައެވެ.
"އަހަންނަށް އިނގޭ ކަމަކީ އެކުދިންނަށް ދޭން ޖެހޭ ތެލާއި، ހަކުރާއި ހަނޑުލާ ނުދޭހާ ހިނދަކު ތިބިތަނުން ތެދުވެސް ނުވާނެ ކަން،" ހުސެންފުޅު މަޒާޖީ ގޮތަކަށް ބުންޏެވެ.
ކޮންމެ އިންތިހާބެއްގައިވެސް ބައެއް ކެންޑިޑޭޓުންގެ ފަރާތުން މަސްތުވާތަކެތި ބަހާ ވާހަކައަކީ އާންމު ވާހަކައެކެވެ. އެހެން ނަމަވެސް މިކަމާމެދު ދައުލަތުން އަދި މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި އިންތިހާބު ތަކާއި ދިމާކޮށް މަސްތުވާތަކެތީގެ މުއާމަލާތްތައް އިތުރުވަމުންދާއިރު ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ނިދާފައިވާ މަންޒަރު ބޮޑުކޮށް ފެނިގެންދެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. އަދި އިންތިހާބުތަކާއި ފައިސާއާއި ނުފޫޒު ވަކި ނުކުރެވޭ ގޮތަށް އިންތިހާބު ތަކާއި މަސްތުވާ ތަކެއްޗާވެސް ވައްކެއް ނުކުރެވެއެވެ.