Adhaalath party ah gondithah dheyn ebbas vaanetha!
image
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: އެމްޑީޕީ
މުހައްމަދު ފަތުހުﷲ
1 ކޮމެންޓް
 

އަދާލަތު ޕާޓީއަށް ގޮނޑިތައް ދޭން އެއްބަސްވާނެތަ!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީއަށް ފަސް ދާއިރާއެއްގެ ގޮނޑި ދިނުމަށް އެންޑީޕީ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނާއެކު މަސައްކަތްކުރި ފަރާތްތައް އެއްބަސް ވާނެ ކަމަށް ނުބެލެވެ އެވެ.
ހޯމަ ދުވަހު އަދާލަތު ޕާޓީން ވަނީ އެމްޑީޕީއާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިއަށް ދިއުމަށް ނިންމާފަ އެވެ. އަދި އަދާލަތު ޕާޓީއަށް ވެސް ފަސް ދާއިރާއެއްގެ ގޮނޑި ދިނުމަށްވެސް ވާހަކަތައް ދެކެވިފައި ވެއެވެ.

އަދާލަތު ޕާޓީން އެދުނު ގޮތަށް އެމްޑީޕީން ވަނީ އަދާލަތު ޕާޓީއަށް ފަސް ދާއިރާއެއްގެ ގޮނޑި ދިނުމަށް އެއްބަސް ވުމަކަށް ގާތްގަނޑަކަށްއައެވެ.

ދެ ޕާޓީގެ އިސް ލީޑަރުންގެ މެދުގައި އެއްބަސްވުމަށް އާދެވިފައިވީ ނަމަވެސް، އެމްޑީޕީން ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި އެއްވެސް ކެންޑިޑޭޓެއް އެފަރާތަށް ލިބިފައިވާ އެމްޑީޕީގެ ޓިކެޓް ދޫކޮށްލުމަށް މިހާތަނަށް އެއްބަސް ވެފައިވާކަން އެނގިފައެއް ނުވެއެވެ. އަދި މިހާތަނަށް ބެލިބެލުމުންވެސް އެނގުނީ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރި އެއްވެސް ކެންޑިޑޭޓެއް އެފަރާތަށް ލިބިފައިވާ ޓިކެޓް ދޫކޮށްލަން އެއްބަސް ނުވާނެ ކަމަށެވެ.

ސަބަބުތައްވެސް ބައިވަރެވެ. އޭގެ ތެރެއިން އެއް ސަބަބަކީ އެމްޑީޕީ ޕްރައިމަރީއަކީ ރާއްޖޭގައި ބާއްވާ އާއްމު އިންތިހާބުތަކާއި ދާދި އެއްފަދަ ގޮތަކަށް ވަރަށް ވާދަވެރިކޮށް ބޭއްވޭ އިންތިހާބެއް ކަމަށްވާތީ އެވެ. އަދި ވަރަށް ގިނަ ވަގުތުތަކާއި ހަރަދުތަކެއް ކޮށްގެން އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރި ފަރާތްތައް އެ ފަރާތައް ލިބިފައިވާ ޓިކެޓް ދޫކޮށްލަފާނެ ކަމަށް ގަބޫލެއް ނުކުރެވޭނެތީ އެވެ.

އަނެއް ސަބަބަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއްޕާޓީއަކަށް އެންމެ ބޮޑު ސަޕޯޓެއް އޮންނަ ޕާޓީއަކީ އެމްޑީޕީއަށް ކަމަށްވާތީ އެވެ. އަދި ރާއްޖޭގެ ދެތިން ދާއިރާއެއް ފިޔަވާ ވަރަށް ގިނަ ދާއިރާތަކުގެ މެޖޯރިޓީއަކީ މެމްބަރުންނާއި ސަޕޯޓަރުން ނިސްބަތްވާ ދާއިރާތަކެވެ.

އަނެއް ސަބަބަކީ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށްފައިވާ ގިނަ ކެންޑިޑޭޓުންނަކީ ވަރަށް ގިނަ ދުވަހު އެޕާޓީއަށް ހިދުމަތްކޮށް އެކިއެކި ހަރަކާތްތަކުގައި އަވަދިނެތި ފެށުނީއްސުރެން އުޅެމުންދިޔަ ކެންޑިޑޭޓުން ނެވެ.

މިސާލަކަށް، ފޭދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ނިހާދު (ފޭދޫ މީހާ) އާއި އިނގުރައިދޫ ދާއިރާގެ ހަސަން އަހުމަދު (ހަސަންޓޭ)އަކީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ނާކާމިޔާބާއެކު، އާ ހިތްވަރަކާއެކު ފެށުނީއްސުރެން މަސައްކަތް ކުރަމުން އައި ބޭފުޅުން ނެވެ. މާލޭގައި ނުވަތަ ދާއިރާގައި އެމްޑީޕީގެ ހަރަކާތައް ހިންގިޔަސް އެބޭފުޅުން އެންމެ ކުރީ ސަފުން ފެންނަ ބޭފުޅުން ނެވެ. އިސްލާހީ ހަރަކާތުގެ ތެރެއިން އެތައް ފަހަރަކު ފުލުހުން އަނިޔާކޮށް ޖަލަށްލައިފައިވާ ބޭފުޅުން ނެވެ. ޖާނާއި މާލުން އެތައް ހަރަދެއް އަދި ގިނަ ވަގުތުތަކެއް ޕާޓީއަށާއި އިސްލާހީ ހަރަކާތުގައި ހޭދަކޮށްފައެވެ. އަދި އެންމެފަހުން އެމްޑީޕީން ބޭއްވި ޕްރައިމަރީވެސް ކާމިޔާކުކޮށްފި އެވެ. ދެން އެ ޓިކެޓް ފިނިކޮޓަރީގައި އިންނެވި ބޭފުޅަކަށް 'ތަބަކަކަށް'ލާފަ ވެދުން ކުރަންޖެހޭ ހަމަ އެއްވެސް ސަބަބެއް ނުވިސްނެ އެވެ.

އަނެއް ކަމަކީ އެމްޑީޕީގެ ޕްރައިމަރީއަކީ "ތޯތޯ" ޕްރައިމަރީއެއް ނޫނެވެ. ކެންޑިޑޭޓުން ޕްރައިމަރީ ކާމިޔާބުކުރަން ނުކުރާ ހަމަ އެއްކަމެއްވެސް ނެތެވެ. އެހެންކަމުން ޕްރައިމަރީ ނިމޭއިރު ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނާއިއެކު މަސައްކަތްކުރި ފަރާތް ގިނަ ފަހަރު ތިބެނީވެސް ގާތްނުވެވޭވަރަށް ނުރުހުންވެފަ އެވެ. ނަމަވެސް އެމްޑީޕީއަކީ އެހެން ހުރިހާ ޕާޓީތަކަކަށްވުރެ ތަފާތު އަދި އިންތިހާބުތަކާއި ކެމްޕެއިންތަކަށް ނުހަނު ފަރިތަ ޕާޓީއަކަށްވާތީ ނުރުހުންތައް އެއްފަރާތްކޮށް ކެންޑިޑޭޓާއެކު ކުރިއަށް ދިއުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ފެންނާނެ މަންޒަރެއް ކަމަށް ބެލެވެއެވެ.

އެމްޑިޕީއަކީ ދުނިޔޭގެ ބޮޑެތި ޑިމަކްރަސީތަކުން، މިސާލަކަށް އިނގިރޭސި ވިލާތުގެ 'ކަންޒަވޭޓިވް ޕާޓީ'އާއެކު އިންތިހާބުތަކާއި ކެމްޕޭން ހަރަކާތްތައް ބާއްވާނެ ތަމްރީނު ހޯދުން ފަދަ، ކަމުގެ މާހިރުންގެ ކިބައިން ދަސްވެނިވި ތިބައެކެވެ. އެހެންކަމުން، މިހެން ޖެހޭ މައްސަލަތައް ހައްލުކުރުމަކީ އެމްޑީޕީއަށް ފެންތައްޓެއް ބޯލުންފަދަ ފަސޭހަކަމެކެވެ.

އެމްޑީޕީގެ ކެންޑިޑޭޓުން ޓިކެޓް ދޫކޮށްލަން ބޭނުންނުވާއިރު، އެފަރާތްތައް ބުނަމުންދަނީ މިއީ ޓިކެޓް އަތުލަންޖެހޭ މަރުހަލާ ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަދާލަތާއެކު ނިކުންނަނަމަ، އެކަން އޮންނަންޖެހޭނީ ޕްރައިމަރީގެ ކުރިން ނިމިފަ ކަމަށްވެސް ކެންޑިޑޭޓުން ގަބޫލު ކުރެއެވެ.
ހިޔާލު

މަރުމޯލު

ކޯލިޝަނަށް ލިބޭ ހުރިހާ ގެއްލުމެއްގެ ޒިންމާ ބޮޑުވަޒީރު ނަގަންޖެހޭނެއެވެ.