Siyaasee party thah hinganee mahujanun, budgetun faisaa dheyn jeheytha!
image
7 ކޮމެންޓް
 

ޕާޓީތައް ހިންގަނީ މަހުޖަނުންގެ ބޭނުމަށް، ބަޖެޓުން ފައިސާ ދޭން ޖެހޭތަ!

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ޑިމޮކްރެޓިކް އުސޫލަށް ވެރިކަމުގެ ނިޒާމު ބައްޓަން ކުރެވިގެންދިޔައީ މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީ 2008 ވަނަ އަހަރު ވުޖޫދުވުމާއެކުގަ އެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތަށް އުފެއްދުމުގެ ހުއްދަ އޭރުގެ ސަރުކާރުން ދިނުމާއެކު އެންމެ ފުރަތަމަ ބޭއްވި ވެސް ގިނަ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުން ނެރެ ރިޔާސީ އިންތިހާބުގައި ވާދަކޮށްފައި ވެއެވެ. އޭރު އެދުވަސް ވަރު ރާއްޖޭގައި 13 ވަރަކަށް ސިޔާސީ ޕާޓީ އުފައްދާފައިވެ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަށީގެންވާ ގޮތެއްގައި ސިޔާސީ ހަރަކާތްތައް ހިންގާ އުޅެނީ ހަމަ އެއްއަތުން ގުނާލެވޭވަރުގެ އަދަދެކެވެ. ބައެއް ސިޔާސީ ޕާޓީތަކުގައި ފެންނަން ހުންނަނީ އެންމެ މީހެކެވެ. މިސާލަކަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ން އެޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ފިޔަވާ އިތުރު ބޭފުޅަކު އުޅޭހެންވެސް ހީނުވެއެވެ. ނަމަވެސް މިއަދުވެސް އެޕާޓީއަކީ އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އޮތް އެންމެ ގިނަ ދުވަސްވީ އެއް ޕާޓީ އެވެ.

މިވަގުތު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހަތް ސިޔާސީ ޕާޓީ އޮތްއިރު، އެކަށީގެންވާ ގޮތެއްގައި ސިޔާސީ ހަރަކާތް ހިންގަމުން ދަނީ އެމްޑީޕީ އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

1. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
2. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)
3. އަދާލަތު ޕާޓީ (އަދާލަތު)
4. ޖުމްހޫރީ ޕާޓީ (ޖޭޕީ)
5. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)
6. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)
7. މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)

މި ހަތް ޕާޓީގެ ތެރެއިން ޕާޓީގެ ގުނަވަންތައް ހުރެ، އެ ގުނަވަންތައް މަސައްކަތް ކުރާ އަދި ޑިމޮކްރެޓިކް އުސޫލުން ކަންކަން ހިންގަމުން ދަނީ އެމްޑީޕީގައި އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވަ އެވެ. އެ އިންތިހާބުތަކުން ޕާޓީގެ ހިންގުމުގެ ނިޒާމު ވަރުގަދަ ކުރެ އެވެ. ރިޔާސީ ޓިކެޓާއި، ރައްޔިތުންގެ މަޖިލީހުގެ ޓިކެޓަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޕްރައިމަރީތައް ބާއްވަ އެވެ. ޕާޓީގައި އެކިއެކި ކޮމެޓީތައް އުފައްދާފައި އޮންނައިރު، ހުރިހާ ކޮމެޓީތަކެއްވެސް ހަރަކާތްތެރިވާތަން ފެނެއެވެ. ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތް ކުރާތަން ފެނެއެވެ. ނަމަވެސް އެހެން ސިޔާސީ ޕާޓީތަށް މަސައްކަތް ކުރަނީ ވަރަށް ތަފާތު ކޮށެވެ. ބާއްވަނީ ހަމައެކަނި ކައުންސިލް ބައްދަލުވުމެވެ. ރިޔާސީ ޓިކެޓާއި މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުން ފަދަ ކަންކަން ނިންމަމުންދަނީ އެޕާޓީތަކުގެ ކައުންސިލުން ނުވަތަ އެޕާޓީތަކުގެ ލީޑަރެވެ.

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ހާލަތެވެ. ދެން މިބަލާލަނީ އަސްލު މައުލޫއު އަށެވެ. ބުނަން މިއުޅެނީ ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ސިޔާސީ ޕާޓީތަކަށް ކުރަމުންދާއިރު، އެ ޕާޓީތައް ހިންގުމުގައިވެސް "ދޯހަޅި" ކަމުގެ ވާހަކަ އެވެ. ރައްޔިތުންގެ ފައިސާއިން ސިޔާސީ ޕާޓީތަކަށް ހަރަދު ކުރަމުންދާއިރު، ރައްޔިތުންނަށް އޭގެންވާ އެއްވެސް ފައިދާއެއް އެބައޮތްތޯ ރައްޔިތުން ސުވާލު އުފައްދައެވެ.

ރާއްޖޭގައި ހިންގާ ގިނަ ސިޔާސީ ޕާޓީތަކަކީ ރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުން އުފައްދައި، އެޕާޓީތަކުގެ ލީޑަރޝިޕްގައި ހިމެނޭ ޕާޓީތަކެވެ. އެމްޑީޕީ އާއި އަދާލަތު ޕާތީއަކީވެސް ރާއްޖޭގެ ގިނަ ވިޔަފާރިވެރިން ހަރަދު ކުރަމުންދާ ސިޔާސީ ދެ ޕާޓީއެވެ. ޑީއާރުޕީގެ ލީޑަރަކީވެސް މުއްސަންޖެއްކަމަށް ބެލެވެނީ ވިޔަފާރިވެރިޔަކަށްވެ، އިނގިރޭސި ވިލާތުން އަގުބޮޑު ގެ ފަދަ މުދާ ބައްލަވައިގަނެފައިވާތީ އެވެ. ޕީޕީއެމްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ އެވެ. "ފާޅުގައި" ވިޔަފާރީގެ މުއާލާތް ނުހިންގެވި ނަމަވެސް އަމިއްލަފުޅު އެކައުންޓަށް މިލިއަނުން ޑޮލަރު ޖަމާވެފައި އެބަ ހުއްޓެވެ.

އަމިއްލަފުޅު ގެ 17 ބުރިއަށް ހިއްލާލުމާއި އެމަނިކުފާނުގެ ސަރުކާރަކީ ރާއްޖެ ދުށް އެންމެ ބޮޑެތި ހިޔާނާތް ހިންގާފައިވާ ސަރުކާރު ކަމަށްވާއިރު، އެކައުންޓްތަކުގައި ފައިސާ ހުރިވަރެއް މިހެންހުރެފައި އަންދާޒާކޮށްލަން ވެސް ނޭނގެއެވެ. އެއީ މީގެ އެތައް އަހަރެއްކުރިން ތުހުމަތު ކުރެވުނު 800 މިލިއަން ޑޮލަރުގެ "ވަގު" ތެލުގެ ވިޔަފާރި އާއި އެކިއެކި މީސްމީހުންނާ ގުޅިގެން ހިންގާފައިވާ ގޮތް ނޭނގޭ ވިޔަފާރިތަކާއި 1.5 މިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގގެ ތުހުމަތުތަކެއް ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާތީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރަށް އެންމެފަހުން އެރި އެމްޓީޑީއަކީ ރައީސް ޔާމީންގެ ސަރުކާރުގެ ކުރީގެ އިސްވެރިން އުފައްދައިގެން އުޅޭ ޕާޓީ އެކެވެ. އިސްކޮށް އުޅުއްވަނީ ރައީސް ޔާމީންއެކޭ އެއްފަދައިން އެތައް ތުހުމަތުތަކެއް ކުރެވިފައިވާ އަދި ރައީސް ޔާމީންގެ އޭރުގެ ޕާޓްނަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެވެ. އެހެންކަމުން އެޕާޓީ ހިންގަނީ ކޮންބައެއްކަމާއި ފައިސާ ހޯދަނީ ކިހިނެއްކަން ދިވެހި ރައްޔިތުން މާބޮޑު ސުވާލެއް ނުއުފައްދަ އެވެ.

ދެން އޮތީ ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އެވެ. އެދެ ޕާޓީއަކީ ވެސް ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުން ހިންގާ ދެ ޕާޓީ އެވެ. އެހެންކަމުން އެ ދެ ޕާޓީ ހިންގަނީ ކިހިނެއްކަމާމެދު ވެސް ދިވެހި ރައްޔިތުން މާބޮޑު ސުވާލެއް ނުއުފައްދަ އެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގަނީ ރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުން ކަމަށްވާއިރު، ރާއްޖޭގެ ސިޔާސީ ކަންކަމާ މުޅި ދައުލަތުގެ ނިޒާމު ހިންގުމުގައި މިއުޅެނީ ވެސް ހަމަ އެމަހުޖަނުން ނެވެ. މިހާ ދުވަސްވީއިރުވެސް ރާއްޖެ ސިޔާސީ ގޮތުންނާއި އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ހަމަ ނުޖެހިގެން މިއުޅެނީ ކީއްވެގެންތޯ އެވެ. މުޅި ދައުލަތް މަހުޖަނުންގެ މުށުތެރެއަށް ލައިގެން ނިކަމެތި ދިވެހި ރައްޔިތުންނަށް ލިބުނީ ކޮންފައިދާއެއް ތޯ އެވެ. މަހުޖަނުންގެ އިހުލާސްތެރިކަން ހުރިނަމަ އަމިއްލައަށް ފާސްކުރާ ގާނޫނުތައް ވެސް ރައްޔިތުންނަށް ފައިދާވާ ގޮތަށް ފާސްކޮށް، ރައްޔިތުންނަށް ހިދްމަތްތައް ލިބުމުގައި ލުއި ފަސޭހަ ގޮތްތައް ހަދަންވީ ނޫންތޯ އެވެ.

މަހުޖަނުންގެ ސިޔާސީ ޕާޓީތައް ހިންގަން ފައިސާ ދޭންވެސް މިޖެހެނީ ދިވެހި ނިކަމެތި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ނެވެ. ނުވިތާކަށް އެ މަހުޖަނު ބޭނުމީ މަޖިލީހުންގެ މެމްބަރުކަމޭ ބުނީމަ، މަހު މުސާރައައެއްގެ ގޮތުގައި 82،000 ރުފިޔާ ދީފައި މަޖިލީހަށްވެސް ވައްދަނީ އެވެ. ދެން އެމަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުފޫޒު ބޭނުންކޮށް ވިޔަފާރި އިތުރަށް ފުޅާކޮށްލާއިރު، ހިންގާ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭންޖެހޭ ސާވިސް ޗާޖްކޮޅު ވެސް ނުދީ ހިފަހައްޓާ މަހުޖަނުން މަދެއް ނޫނެވެ. ދެން އެ މަހުޖަނުގެ އިހުލާސްތެރިކަން ހުންނާނެ މިންވަރު ނިކަން ދެކިބަލާށެވެ. މިއުޅެނީ ގުދާރު ބިންދައިގެންދާވަރަށް މަސައްކަތްކޮށް ދިނުމުންވެސް މުސާރަކޮޅާއި ސަރވިސް ޗާރޖު ކޮޅު ވެސް ނުދީގެންނެވެ.
ހިޔާލު

ސައީދުތުރީ

ސިޔާސީ ހަރަކާތް ހިންގަން ރައްޔިތުންގެ ޓެކުސް ފައިސާއިން އެއްވެސް ފައިސާއެއް ދީގެން ނުވާނެ، ޓެކުސް ފައިސާ ހަރަދު ކުރަންވާނީ ރައްޔިތުންގެ އަސާސީ ޒުރޫރީ ބޭނުންތަކަށް ސިޔާސީ ޕާޓީތަކަށް ފައިސާދުންޏާ ޕާޓީތަކަށްނުވަދެ ތިބިމީހެންނަށްވެސް ސިޔާސީ ޕާތީތަކުގެބޮލަކަށް ޖެހޭވަރަށް ދޭންޖެހޭނެ ވެރިކަމަށް ވަޑައިގެންނެވީ އިންސާފުގާއިމް ކޮށްދޭން ވައުދުވެވަޑައިގެން ވީމާ ސިޔާސީ ޕާތީތަކަށް ދޫކުރަށްވާއުސޫލުން ޕާތީތަކުގައި ނޫލޭމީހުންނަށްވެސް ދެއްވަން ޖެހޭނެ އެހެންނޫނިއްޔާ އެކަކަށްވެސް ދީގެންނުވާނެ އެއީރަށްޔަތުންގެ ތެކްސް ފައިސާ ހަމައެކަނި ޕާޓީތަކުގެ ހަށްގެއްނޫން ގިޔާމަތް ދުވަހުންވެސް ދައުވާކުރާނަން އެދުވަހުން ޔަގީނުންވެސް އެމަސްއަލަ ﷲ ތައާލާބަތްލަވާނެ ޔަގީނުން އިންސާފް ލިބޭނެ

ދަމާކަޑާ

ދެންމިގައު މުގައި އެމްޑީޕީ ނޫން އެހެން ޕާޓީ ތައް އުވާލަން ވީ ނުން.

ލލ

ސިޔާސީ ހަރަކާތް ހިންގަން ރައްޔިތުންގެ ޓެކުސް ފައިސާއިން އެއްވެސް ފައިސާއެއް ދީގެން ނުވާނެ، ޓެކުސް ފައިސާ ހަރަދު ކުރަންވާނީ ރައްޔިތުންގެ އަސާސީ ޒުރޫރީ ބޭނުންތަކަށް އެކަނި ސިޔާސީ ޕާޜޓީ އެއީ ހަޅޭލަވަން މަގުމަތީގައި ތިބޭބަޔެއް !

ހިލަބެ

އަހަރެންގެ ހިތުގައިވެސް އުފެދޭސުވާލެއްތީ ކީއްކުރަންބާއޭ ސަރުކާރުން ޕާޓީ ތަކަށް އެހާވަރުގެ ބޮޑު ޚަރަދުއެކުރަނީ ކިބައިބާއޭ އެކަމުން ލިބޭފައިދާއަކީ ؟
އަހަރެންގެ ނަޒަރުގައި ހަމަ އެއްވެސް ޕާޓީއަކަށް ސަރުކާރުން ފައިސާދޭކަށް ނުޖެހޭ
އެއަށްވުރެ މާރަނގަޅުވާނެ ގެދޮރުގެ ދަތިކަން ތަހައްމަލް ކުރަމުންދާ ރާއްޖޭގެ އެކިހިސާބުގެ ނިކަމެތި ރައްޔިތުންނަށް މިފައިސާ ބަހައިލިއްޔާ.

މެކް

އެއްވެސް ޙާލެއްގައި އެއްވެސް ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭ! ޕާޓީތަށް ހެދީވެސް ރައްޔިތުންގެ ބަހެއް ނޮހީދާ އެޕާޓީތަކަށް އެބޮވެނީ ރައްޔިތުންގެ ލޭ

ސައްޕޭ

ސޭޓު ބޭނުންވަނީ ރިސޯޓުތަކުގެ ބޮޑެތި 6 މީހުންނަށް ނުކަތާވަރުގެ ބޮޑު މުސާރަ ދީފައި އެމީހުންލައްވާ އާދައިގެ މުވައްޒަފުން އަޅުވެތިކުރަން، އެބީލައި ދިވެހި ޤައުމު ހިންގަން ސޭޓުއާއި ޙަވާލުކޮށްފިނަމަ ވާނެގޮތް ވިސްނަވާ...

ހުވަދޫ ބެއްޔާ!

އެއްވެސް ޙާލެއްގައި އެއްވެސް ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭ! ޕާޓީ އުފައްދާ މީހުން ޕާޓީ ހިންގާނެ ފައިސާ ހޯދާނެގޮތެއް ހޯދާ! ޕާޓީގައި ރެޖިސްޓްރީވާ މީހުންގެ އަތުން ޗަންދާ ނެގިޔަސް ނުވަތަ ވިޔަފާރިވެރންގެ އަތުން ހޯދުންވެސް