Raiyyithunge Majileehugai geveshi aniya ah thuhumathu kurevey meehun thibegen nuvaane!
image
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
ރާނިޔާ ސޯބިރު
6 ކޮމެންޓް
 

ރައްޔިތުންގެ މަޖިލީހުގައި ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހުން ތިބެވިގެންނުވާނެ!

މީގެ މަހެއްހައި ދުވަސް ކުރިން ނެޝަނަލް އާޓްގެލެރީގައި ބޭއްވި އެގްޒިބިޝަނެއްގައި ރާއްޖޭގެ ޒުވާނުން އެމީހުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ހަދާފައިވާ އެކި އާޓް އެކްސްޕްރެޝަންސްތަކެއް ދައްކުވައިދިނެއެވެ. އެތަނަށް ދިޔަ ރައްޓެއްސަކު އެތަނުގައި ހުރި އާޓްވާކްތަކުގެ ފޮޓޯ އަހަރެންނަށް ފޮނުވިއެވެ.
އެންމެ ފާހަގަވި އެކަތީގައި އޮތީ ތަޅުދަނޑި އެކެވެ. އެތަޅުދަނޑީގެ ތިރީގައި އޮތް ލިޔުން ކޮޅުގައި އެޒުވާނާ ލިޔެފައިވަނީ، އެ ތަޅުދަނޑިއަކީ އޭނާގެ ތިމާގެ މީހެއް އޭނާ ރޭޕް ކުރި ކޮޓަރީގެ ތަޅުދަނޑި ކަމަށެވެ. މިއީ ރާއްޖޭގައި އާއްމު ވާހަކައެކެއެވެ. މި ވާހަކަތައް ދައްކާތާ އެތައް އަހަރުތަކެއް ވީއިރުވެސް ހައްލެއް ނުފެނެއެވެ. މިފަދަ މައްސަލަތައް ހައްލުނުވާ އެއް ސަބަބެއްކަމަށް އަހަރެން ދެކެނީ މިފަދަ އަނިޔާ ކުރާމީހުން ނުވަތަ އަނިޔާ ކުރާކަމަށް ތުހުމަތު ކުރެވޭ މީހުން ސަރުކާރުގެ އިސް ވެރިންނަށާއި މަޖިލިސް މެމްބަރުން އަދި ކަންކަން ނިންމާ ފެންވަރުގެ މަގާމު ތަކުގައި ތިބުމެއެވެ. މިފަދަ މީހުންގެ ނުފޫޒާހެދި ހައްގު ލިބެންވާ ފަރާތްތަކަށް ހައްގު ހޯދައި ނުދެވޭތީއެވެ. އަނިޔާ ކުރާމީހުންނަށް އަދަބުގެ ބަދަލުގައި ބާރުވެރި މަގާމުތައް ލިބޭތީއެވެ.

މި ކަމުގައި ޒިންމާ ނަގަންޖެހޭ އެންމެ ބޮޑު އެއް ފަރާތަކީ އަހަރެން ދެކޭ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކެވެ. ސަރުކާރުގެ މަގާމު ތަކާއި އިންތިހާބީ ގޮނޑިތަކަށް މިފަދަ އަނިޔާތައް ކުރާ މީހުންނަށް ނުވަތަ މިފަދަ ތުހުމަތުތައް ރައްދުވާ މީހުންނަށް އެއްވެސް ބެލުމެއްނެތި މަގާމް ތައް ހަވާލު ކުރާތީއެވެ. މިގޮތުން ބަލާއިރު އެންމެ ފަހުން ރާއްޖޭގެ ބޮޑު ސިޔާސީ ޕާޓީއަކުން އަންނަ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރި މީހުންނަށް ބަލާއިރު، ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މީހުންނަށް އިންތިހާބުގެ ޓިކެޓު ލިބިފައިވެއެވެ.

އެތަނުން އެކަކީ އަހަރެން ވަރަށް ގާތުން އޭނާކުރި އަނިޔާތައް ދެކެފައިވާ މީހެކެއެވެ. އަދި އަނިޔާ ލިބުނު ފަރާތުންވަނީ ސޯޝަލް މީޑިއާގައި އޭނާގެ އަމަލުތައް ހިއްސާ ކޮށްފައެވެ. ނަމަވެސް އަނިޔާކުރި މީހާ ނިސްބަތްވާ ޕާޓީން މިކަން އެއްވެސް މިންވަރަކަށް ބެލުމަށް މަސައްކަތެއް ނުކުރެއެވެ. ނުރަސްމީކޮށް ޕާޓީގެ އެކި ފަރާތްތަކާއި އަހަރެމެންނާ ދެކެވުނު ވާހަކައިން ހާމަވީ ޕާޓީގެ ހަމަ އެކަނި އަމާޒަކީ ގޮނޑި ކާމިޔާބު ކުރުންކަމެވެ. ރާއްޖޭގެ ޑިމޮކްރަސީގެ އެންމެ އިސް އެއް ތަނބު ކަމުގައިވާ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލާ ފަރާތްތަކަކީ ފަސްބައިސާފު، ހަރުދަނާ ސިފަތަކެއް ހުރި ގާބިލު މީހުންނަށްވުމަކީ ޕާޓީއަށް މުހިއްމު ކަމަކަށް ނުވެއެވެ.

މަޖިލީހުގައި ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހުން ތިބެން ނުވާންވީ ސަބަބުތައް

މަޖިލިހުގައި ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހުން ތިބެން ނުވާ އެތައް ސަބަބެއް އެބަހުއްޓެއެވެ. ފުރަތަމަ ކަމަކަށް އެފަދަ މީހުންނަށް ފުރުސަތު ދިނުމުން ދައްކުވައިދެނީ ރާއްޖޭގައި ގާނޫނުތަކެއް ހެދިފައި އޮތަސް މިފަދަ ކުށްތައް ކުރާމީހުންނަށް ހައްގު އަދަބު ނުލިބޭކަމެވެ. އަދި އެފަދަ އަނިޔާކުރާ މީހުން ސިޔާސީ ދާއިރާގައި ބަލައިގަންނަކަމެވެ. ދެވަނަ ސަބަބަކީ މިފަދަ މީހުން މަޖިލިހުގައި ތިބެއްޖެނަމަ މިފަދަ ކަންކަން ހުއްޓުވަން ހެދޭ ގާނޫނުތަކަށް މިފަދަ މީހުންގެ އެއްބާރުލުން ނުލިބުމެވެ. އަދި މިހާރު ހުރި ގާނޫނުތައް ތަންފީޒުކުރޭތޯ މަޖިލިހުން ބަލައި ފާރަވެރި ވުމުގެ ޒިންމާ މަޖިލީހުން އަދާނުކުރުމެވެ.

އެކަންތައްތަކުގެ އިތުރުން މަޖިލީހުން ބަޖެޓު ފާސް ކުރާއިރު މިފަދަ ކަންކަން ހުއްޓުވުމަށް ބޭނުންވާ ފައިސާއާއި އެހެނިހެން ވަސީލަތްތައް ހަމަޖައްސައި ނުދިނުމެވެ. މީގެ އެއް މިސާލަކީ 2012ވަނަ އަހަރު ފާސްކޮށްފައިވާ "ގެވެށިއަނިޔާގެ ޤާނޫނު"ގެ މަންފާ ލިބިދިނުމަށް ބޭނުންވާ ވަސީލަތްތައް ހަމަނުޖެހި، ޤާނޫނަށް ހަ އަހަރު ވީއިރުވެސް ފުރިހަމައަށް ތަންފީޒުނުވުމެއެވެ. އަދި މީގެއިތުރުން، މަޖިލިސްފަދަ ބާރުވެރި ދައުލަތުގެ މުއައްސަސާތަކުގައި މިފަދަ އަނިޔާވެރިން ތިބުމުން އަނިޔާ ލިބޭ ފަރާތްތަކަށް މިދެވޭ މެސެޖަކީ އެފަރާތްތަކަށް ރާއްޖޭގައި އެއްވެސް އިންސާފެއް، ހިމާޔަތެއް ނުވަތަ ސަލާމަތްތެރިކަމެއް ނެތްކަމެވެ. އޭގެ ބަދަލުގައި އެފަދަ ފަރާތްތަކަށް މިދެވެނީ އިތުރު ނަފްސާނީ އަނިޔާ އާއި ހިތްނުތަނަވަސް ކަމެކެވެ. އަދި އަނިޔާ ލިބޭ ފަރާތައް އަނިޔާތަކުގެ ތަޖުރިބާއިން އަރައިގަނެ އެކަމުން މިންޖުވެވޭނެ ފުރުސަތު ކުޑަވެއެވެ.

ޕޮލިސް ރެކޯޑު ނެތަސް ނުވަތަ ކުށް ސާބިތު ނުވިޔަސް ތުހުމަތުތައް ބެލެންޖެހޭ

އޭގެ ބަދަލުގައި މިފެންނަނީ ސިޔާސީ ގޮތުން ކުރި ހޯދުން ނޫން އެއްވެސް ފިކުރެއް ޕާޓީތަކުގައި ނެތްކަމެވެ.އަހަރެން ކުރި ދިރާސާތަކުން އެނގުނީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން އެޕާޓީއަށް ނިސްބަތްވާ ފަރާތްތަކަށް ކުރެވޭ ތުހުމަތުތައް ނުބަލަނީ މިފަދަ ކަންކަމުގައި މާބޮޑު ހަގީގަތެއް އޮންނަ ކަމަށް ގަބޫލުނުކުރާތީއެވެ. އަދި ޕޮލިސް ރެކޯޑެއް ނުވަތަ ކޯޓަކުން ކުށް ސާބިތު ނުވާކަމަށްވާނަމަ މިފަދަ ތުހުމަތުތައް ފަސޭހައިން އެއް ފަރާތްކޮށްލައެވެ. އަދި މިތުހުމަތުތަކަކީ ސިޔާސީ ވާދަވެރި ކަމުގެގޮތުން ކުރާ ތުހުމަތުތަކެއް ކަމަށް ބަލައިގަނެއެވެ. ނަމަވެސް މިއީ އަހަރެން ދެކޭގޮތުގައި ސިޔާސީ ޕާޓީތަކުން ޒިންމާދާރުކަންކުޑަގޮތަކަށް ކަންކަން ކުރުމަށް ބޭނުން ކުރާ ހުއްޖަތެކެވެ.

ގެވެށި އަނިޔާ ފަދަ ކަންކަން ރާއްޖޭގައި ރިޕޯޓު ކުރާލެއް މަދުވުމުން ވަރަށް މަދުން ނޫނީ ޕޮލިސް ރެކޯޑެއް ނޯވެއެވެ. އަދި ކުށް ސާބިތު ވާލެއްވެސް އެހާމެ މަދެއެވެ. އެހެންކަމުން ކުށް ސާބިތުވެފައި ނެތީމަ އެއީ ހަގީގަތެއް ނެތް ކަމަކަށް ބަލައިގެން ނުވާނެއެވެ. އަދި އަހަރެން ދެކޭގޮތުގައި ކުޑަކުއްޖަކު ނުވަތަ އަންހެނަކުވެސް މިފަދަ މައުލޫމާތު ދޮގު ގޮތަކަށް އާއްމު ކުރުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމެކެވެ. މިގޮތަށް މިފަދަ ތުހުމަތު ތަކަކީ ހަގީގަތެއް ނެތް ކަންކަން ކަމަށް ޕާޓީތަކުން ދެކުމުން ދޭހަވަނީ ގެވެށި އަނިޔާ އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޕާޓީ ތަކުގައި އެއްވެސް ހަރުދަނާ ނިޔަތެއް ނެތްކަމެވެ. އޭގެ ބަދަލުގައި މިފެންނަނީ ސިޔާސީ ގޮތުން ކުރި ހޯދުން ނޫން އެއްވެސް ފިކުރެއް ޕާޓީތަކުގައި ނެތްކަމެވެ.

އެހެން ކަމުން ނިންމާލުމެގެ ކުރިން ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ސަރުކާރުގެ މަގާމު ތަކަށާއި އިންތިހާބީ ގޮނޑި ތަކަށް ކުރިމަތި ލެވޭ މިހުންގެ ގާބިލުކަމާއި އަމަލުތަކުގެ ހަގީގަތް ބެލުމަށް އަހަރެން ގޮވާލަމެވެ. އެގޮތުން ޕާޓީތަކުން ކުރަން މިޖެހެނީ ދެކަމެކެވެ. ފުރަތަމަ ކަމަކީ، މަޖިލީހަށާއި ސަރުކާރުގެ މަގާމުތަކަށް ކުރިމަތިލާ މީހުންނަށް “މިނިމަމް ކްރައިޓީރިއާ” ނުވަތަ އެންމެދަށް މިންގަނޑެއް ޕާޓީގެ އެތެރޭގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅުމެވެ. މި ކްރައިޓީރިއާގައި ތައުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން، ޕާޓީގެ ފަރާތުން ތާއީދު ލިބިގެން ދައުލަތުގެ މަގާމަކާ ހަވާލުވާ މީހެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ސިފަތަކާގުޅޭ މިންގަނޑުތަކެއް ނުވަތަ ސްޓެންޑަޑުތަކެއް ކަނޑަ އެޅެންވާނެއެވެ. ދެވަނަ ކަމަކީ މި މިންގަނޑުތަކަށް ކެންޑިޑޭޓުން ފެތޭތޯ ބަލައި ފާސްކުރުމަށް ސްކްރީނިންގެ ނުވަތަ ވެޓިން ޕްރޮސެސް އަކާއި މިކަން ކުރާނެ ކޮމިޓީއެއް ގާއިމު ކުރުމެވެ.

ގެވެށި އަނިޔާ އާ ދެކޮޅަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަން ޖެހޭ

ސިޔާސީ ޕާޓީތަކުގެ މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންނަށް އިސްކަން ދިނުމުގެ އެކަށީގެންވާ ސިޔާސަތުތަކެއް އެކަށައެޅުމާއި އަދި ހާއްސަކޮށް ގެވެށި އަނިޔާ ފަދަ މައްސަލަ ތަކާގުޅޭ ކޭސް ތަކުގައި ކުށް ސާބިތުނުވި ކަމުގައި ވިޔަސް ކެންޑިޑޭޓުންނާ މެދު ކުރެވޭ ތުހުމުމަތުތައް ޕާޓީގެ ފަރާތުން ބެލެވޭނެ ބައެއް ގޮތްތައް ތިރީގައި ހުށަހަޅާލާނަމެވެ.

- މީހާގެ ކިބައިގައި ހުންނަންޖެހޭ އަހްލާގީ ސިފަތަކާގުޅޭ ކަންކަން އަދި ގެވެށި އަނިޔާ ފަދަ ތުހުމަތުތައް ދެނެގަތުމަށް ކެންޑިޑޭޓުން އަމިއްލައަށް ނުވަތަ ސެލްފް ޑިކްލެއާ ކުރާނެ ފޯމެއް ނުވަތަ ސުވާލުކަރުދާހެއް ބޭނުން ކުރުން.
- އަނިޔާ ލިބޭ ފަރާތްތަކުގެ ސިއްރު ހިފެހެއްޓޭ ގޮތެއްގައި، ކެންޑިޑޭޓުންގެ މިންގަނޑު ބަލާ ކޮމިޓީއަށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް އޮތުން. އަދި އެފަދަ މީހުންނަށް ސަލާމަތްތެރި ކަމާއެކު މައުލޫމާތު ހިއްސާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހުން.
- ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ދެނެގަތުމަށް އިންޓަވިއު އެއް ތައާރަފް ކުރުން. އަދި އިންޓަވިއުކޮށް ރިޕޯޓު ކުރުމަށް ޕާޓީން ބޭރުން “އެކްސްޓާނަލް ޕެނަލް” އެއް ކަނޑައެޅުން. މި ޕެނަލްގައި މަދަނީ ޖަމިއްޔާތަކާއި، މިފަދަ ގެވެށި އަނިޔާގެ މައްސަލަތައް ދިރާސާ ކުރާ، ނުވަތަ މިފަދަ ކަންކަން ހުއްޓުވުމަށް އަޑު އުފުލާ އާއްމުންގެ މީހުން ހިމެނުން. އަދި އިންޓަވިއުގެ މައުލޫމާތުގެ ތެދުގޮގު ބެލުމަށް ކެންޑިޑޭޓުގެ ރަޙްމަތްތެރިންނާއި، ގާތް މީހުންނާއި، އޭނާ ނިސްބަތްވާ ރަށެއް ނުވަތަ އެކުގައި ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ މީހުންނާއި އިންޓަވިއު ޕެނަލްއިން ސުވާލުކުރުން.
- ގެވެށިއަނިޔާ ފަދަ މައްސަލަތަކާ ގުޅޭގޮތުން ޕާޓީގެ އިސްވެރިންނާއި މެންބަރުން ހޭލުންތެރި ކުރުމަށް ޕާޓީގެ ފަރާތުން މަދަނީ ޖަމިއްޔާ އާއި ޖެންޑަ މިނިސްޓްރީއާ ގުޅިގެން ޕްރޮގުރާމްތައް ބޭއްވުން.
- ސިޔާސީ ޕާޓީތަކުގެ މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންނަށް އިސްކަން ދިނުމުގެ އެކަށީގެންވާ ސިޔާސަތުތަކެއް އެކަށައެޅުން. މިގޮތަށް ކަންކުރުމުން ގެވެށިއަނިޔާ ފަދަ މައްސަލަތައް ބެލުމަށާއި އަދި އެކަން ހައްލު ކުރުމަށް މަގުފަހި ވެގެން ދާނެކަމަށް ދިރާސާ ތަކުން ދައްކައެވެ. މި ގޮތުން ސިޔާސީ ޕާޓީތަކުގެ އިންތިހާބީ ޓިކެޓުކަނޑައެޅޭ އުސޫލަކީ ޕާޓީތަކުގެ މެމްބަރުންގެ މިންތި ތަމްސީލުކުރާ ނިސްބަތަށް ހެދިދާނެއެވެ.

އެންމެ ފަހު ކަމަކަށް އަހަރެން ބޭނުން ވަނީ އާޓް އެގްޒިބިޝަންގައި އެ ޒުވާނާ ހުށަހަޅާފައިވާ ތަޅުދަނޑި ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގައި މަޖިލިސް މެމްބަރުންނަށް އާއްމުކޮށް ފެންނަ ތަނެއްގައި ބެހެއްޓުމެވެ. އަދި އެ ހާދިސާއިން ފިލާވަޅު ލިބިގެން އަހަރެމެންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިފަދަ އަމަލުތަކުން އެއްކިބާވެ ތިބި ބަޔަކަށް ހެދުމެވެ. އަދި އަހަރެމެންގެ ރައްޔިތުންގެ މަޖިލީހަކީ މި މައްސަލަ ހައްލު ކުރުމުގެ އަޒުމުގައި މަސައްކަތް ކުރާ ބަޔަކަށްވުމެވެ.

އެޑިޓަރުގެ ނޯޓް: ރާނިޔާ ސޯބިރު އަކީ އިކޮނޮމިކްސް އަދި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ދާއިރާއިން މަތީތައުލީމު ހާސިލުކޮށް، ދިވެހިރާއްޖޭގައި ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާހޯދާފައިވާ ބޭފުޅެކެވެ. ރާނިޔާ މިހާރު މަސައްކަތްކުރަނީ ބައިނަލްއަގަވާމީ ފެންވަރުގައި ފަންނީ ދިރާސާކުރާ ކުންފުންޏެއްގައެވެ. ރާނިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.
ހިޔާލު

ނަންބަރު

މޫސަ އަށް. ވަގުންނަށް ހިތްވަރު ދޭނީވެސް ހަމަ ވަގުން، ހަމަ އެގޮތަށް ދޮގު ހަދާ ނާޖާއިޒް ފައިދާ ނަގަން އުޅޭ މީހުންނަށް ހިތވަރު ދޭނީ ހަމައެވައްތަރުގެ މީހުން. ދުނިޔެއާއި އާޙިރަތް ލިބޭނީ އެންމެ ކުޑަ މިނުން "ދޮގު" ނުހަދާ މީހުންނަށް. މިއާޓިކަލް އަކީ ވަކި މީހަކު ބްލެކްމެއިލް ކުރަންވެގެން ފޭސްބުކްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންގޮސް ކާމިޔާބު ނުވުމުން ލިޔެފައިވާ އާޓިކަލްއެއް. ގެވެށި އަނިޔާ މޫސައަށް ނޭނގުނަސް މަށަށް ވަރަށް ރަނގަޅަށް އިނގޭ. ދިވެހިރާއްޖޭގައި ހިނގާފައިވާ މިފަދަ ހާދިޘާތަކުގައި ކަން ހިނގާފައިވާގޮތް ބަލާލެވޭ ކަހަލަ ވަޒީފާއެއްގައި އިން މީހަކު ކަމުގައިވާތީވެ އެވާހަކަވެސް ބުނެލަން. މޫސައާއި ދޭތެރޭ ބުރަ ހިތެއް ނެތް.

މޫސަ

ނަންބަރު ގެ ނަމުގައި ކޮމެންޓްކޮށްފައިވާ މީހާއަށް ބުނެލަން ބިރު ދައްކައިގެންވާނެ އެއްކަމެއް ނޯންނާނެ. ތަހުޒީބު އިންސާނުން ހިނގާމަގުން ހިނގައިގެން ދުނިޔެ އާއި އާހިރަށް ހޯދުމަށް މަސައްކަތް ކުރުމަށް ނަމްބަރުގެ ނަމުގައި ކޮމެންޓްކޮށްފައިވާ މީހާ އަށް ގޮވާލަން. ރާނިޔާ ލިޔެފައި މިވަނީ ވަރަށް ސީރިއަސް މައްސަލައަކާ ބެހޭ ގޮތުން ގެވެށިއަނިޔާ ކީއްކުރަންތޯ ކަރޮޕްޝަނާއި އެ ނޫން ވެސް މުޖުތަމައުގައި އަގު ވެއްޓިފައި ތިބި މީހުން މަޖިލީހަށް ހޮވުމަކީ ހަލާކެއް. މިކަމުގެ ހެކި މިހާރު ދިވެހިންވަނީ ތަޖުރިބާކޮށްފައި. ވަރަށް ސަލާން ނަމްބަރުގެ ނަމުގައި ކޮމެންޓްކޮށްފައިވާ މީހާއަށް

ގައުމު

މި ލިޔުމުގައި ވަނީ ރަނގަޅު މައްސަލައަކަށް އެޑްރެސްކޮށްފައި. މި ލިއުމުގައި ބުނާ މައްސަލަތަކަށް ރިޔާއަތްކޮށް ޕާޓީތަކުންނާއި ސަރުކާރުން އަމަލުކުރަންޖެހޭ. އަދި ތަހުޖީބު އިންސާނުންގެ ކެޓަގަރީގައި ދިވެހިން އުޅެން ބޭނުން ނަމަ ތިމާއާ މެދު ބޮޑެތި ހުތުރު ތުހުމަތުތައް މާ ބޮޑަށް އަމާޒުވުމުން އެކަންކަމުން ދިފާއު ވެވުނަސް ރައްޔިތުންގެ ވަޒީފާތަކަށް ނުނިކުމެ ތިބުމަކީ އެންމެ ތަހުޒީބު ސިފައެއްދޯ. މި ގޮތަށް އަމަލުކުރުމަށް ގޮވާލަން

ނަންބަރު

ހަހަހަހަ މިއީ އެއްކަލަ މޮޔަ އަންހެންމީހާގެ ކޭސް އަށް ލިޔެފައިވާ އާޓިކަލް އެއްކަން އެނގިއްޖެ. ގެވެށި އަނިޔާ ލިބުނީ އަސްލު ފިރިހެން މީހާއަށް. (ރޭޕް ކުރި ކޭސްގެ ވާހަކައެއް ނޫން) ޕާޓީ ޓިކެޓް ލިބުނު މީހާ ކުރިން އިނދެގެން އުޅުނު އަންހެން މީހާގެ ދޮގު ބަޔާންތަކަކަށް ލިޔެފައި އޮތް އާޓިކަލްއެއް މީ. ފިރިމީހާ މަރާލަންވެގެން ބާލީސް ދަށަށް ވަޅިއެއް ލައިގެން އުޅެނިކޮށް ފެނިގެން އަންހެން މީހާ ވަރިކުރީ. ގެއަށް ވަންނަ މެހެމާނުން ކުރިމަތީ ފިރިމީހާގެ ގަމީހުގެ ގޮށްތައް އިރާލާނެ، މިކަހަލަ ކިތަންމެ ކަމެއް ކުރާނެ. ތިޔަ އަންހެން މީހާ އަވަހަށް ގުރައިދޫގައި ހުންނަ މޮޔައިންގެ މަރުކަޒަށް ފަރުވާއަށް ފޮނުވާލާ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލީއްސުރެ ބޮޑެތި އަދަދުތަކުން ރުފިޔާ ދޭން ބުނީމަ އެކަމާ ދެކޮޅު ހެދުމުން ޖައްސައިގެން އުޅޭ ސްޓަންޓެއްތީ. އަހަރެން ވަރަށް ރަނގަޅަށް ދަންނަ ދެމީހުންގެ ވާހަކަ މިއޮތީ އާޓިކަލްގައި. އިންޝާ ﷲ އަހަރެންގެ ރަޙްމަތްތެރިޔާ މަޖިލިހަށް ހޮވޭނެ. (ކޮމެންޓް ނުޖެހިޔަސް ރާނިޔާ ސޯބިރަށް ހަޤީޤަތް ހާމަވެއްޖެ ކަމަށް އުއްމީދު ކުރަން. ކޮމެންޓް ޝާއިއު ނުކޮށްފިނަމަ ސްކްރީންޝޮޓް ނެގުމަށްފަހު އޮންނަ އުސޫލުން ދައުވާ ކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ވާހަކަ ވެސް ދަންނަވާލަން. ޝުކުރިއްޔާ.)

މުހައްމަދު

ކަރަޕްޝަންގެ އަމަލުތައް ހިންގަން ހުރަސްއެޅޭތީ މުވައްޒަފުންނަށް ޖެއްސުންކޮށް ރާވައިގެން ބޭރުކުރިމީހުންނަށް އެއްމެ ފުރަތަމަ ދުވަހު ސިޔާސީ އިސް މަގާމުތައް ލިބުނީ. ދެން ބައިވެރިވި މީހުންނަށް ވެސް ވަނީ ފަހުން އިސް މަގާމުތައް ލިބިފައި.

ޑޮން

ވަރަށް ފުރިހަމަ ލިޔުމެއް!! 👏👏