Sala Ge Transfer Fee Massalagai Dhe Club Koalhumakah
image
0 ކޮމެންޓް
 

ސަލާގެ ޓްރާންސްފާ ފީގެ މައްސަލާގައި ކާޑިފް އާއި ނަންޓެސް ކޯޅުމަކަށް

މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ފްރާންސްގެ ނަންޓެސް ދޫކޮށް ކާޑިފް ސިޓީއާ ގުޅުނު އެމިލިއަނޯ ސަލާގެ ޓްރާންސްފާ ފީގެ މައްސަލާގައި އިނގިރޭސި ކްލަބު ކާޑިފް ސިޓީ އާއި ނަންޓެސް ދެބަސްވުމަކަށް ގޮސް މައްސަލަ ހޫނު ވެއްޖެއެވެ.
މިމަހު ކުރީކޮޅު ހިނގި ހާދިސާގައި ސަލާ ދަތުރުކުރި ފްލައިޓު ކަނޑަށްވެއްޓި، ސަލާ މަރުވެފައިވާކަން މިއަދު ޑޯސެޓް ފުލުހުން ކަށަވަރު ކޮށްދީފައިވާއިރު ކާޑިފް ސިޓީން ދަނީ ކުޅުންތެރިޔާ ގަތުމަށް ނަންޓެސްއާއެކު އެއްބަސްވި ފައިސާ އެކްލަބަށް ދެއްކުމަށް ދެކޮޅުހަދަމުންނެވެ. ފައިސާ ދެއްކުމަށް ދެކޮޅުހަދާ، ކާޑިފްއިން ބުނެފައިވަނީ ބުނެފައިވަނީ ކުޅުންތެރިޔާގެ މަރުގެ ސަބަބުން ކްލަބަށް ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ މި ދަނޑިވަޅުގައި ފައިސާ ހޯދުމަށް ނަންޓެސްއިން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ކާޑިފް ސިޓީން ސަލާގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި އެއްބަސްވި 15 މިލިއަން ޕައުންޑުގެ ފުރަތަމަ އިންސްޓޯލްމަންޓު ހޯދުމަށް އެކްލަބަށް ތަކުރާރުކޮށް އެނގުމަށްފަހު ވެސް އެކްލަބުގެ ފަރާތުން އެއްބާރުލުން ނުލިބުމުން ނަންޓެސްއިން ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. ދެ ކްލަބުގެ ދެމެދުގައި މި މައްސަލަ ހޫނުވުމާ ގުޅިގެން ފީފާއިން ވެސް ވަނީ މި މައްސަލަ ބަލާފައެވެ. މައްސަލަ ބެލުމަށްފަހު ފީފާއިން ވަނީ ސަލާގެ ޓްރާންސްފާ ފީ ވީ އެންމެ ވަހަކަށް ނަންޓެސްއަށް ދެއްކުމަށް ކާޑިފްއަށް އަންގާފައެވެ. އަދި މި އެންގުމާ ހިލާފުވެއްޖެނަމަ ޓްރާންސްފާ ކުރުމުން ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ވެސް އެކްލަބަށް ވަނީ ދީފައެވެ. ފީފާގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާގޮތުން ސަލާގެ ފަލައިޓް ގެއްލުމުގެ ކުރިން ފީފާއިން ވަނީ ނަންޓެސްއިން ކާޑިފްއަށް ސަލާގެ ޓްރާންސްފާ އެޕްރޫވްކޮށް، އޭނާ ކާޑިފްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީވެސް ކޮށްފައެވެ.

ކާޑިފް ސިޓީން ސަލާގެ ޓްރާންސްފާ ފީ ދެއްކުމަށް ދެކޮޅު ހަދަމުންދާއިރު ރިޕޯޓްތައް ބުނާ ގޮތުގައި ސަލާ އެކްލަބަށް ސޮއި ކުރުމާއެކު ކާޑިފް ސިޓީން ވަނީ އޭނާގެ އިންޝުއަރެންސް ހައްދާފައެވެ. މިހެންކަމުން އޭނާ މަރުވެފައިވާކަން މިއަދު ހެނދު ކަށަވަރުވުމާއެކު ކާޑިފް ސިޓީއަށް އިންޝުއަރެންސް ފައިސާ ވެސް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ފްރާންސްގެ ނަންޓެސްއިން 15 މިލިއަން ޕައުންޑުގެ ކްލަބުގެ ރެކޯޑު ޓްރާންސްފާއެއްގައި ކާޑިފް ސިޓީއަށް ބަދަލުވި ސަލާގެ އިތުރުން ފްލައިޓުގައި ދެން އިން އެ ފްލައިޓު ޕައިލެޓް ޑޭވިޑް އައިބޮޓްސަން އެވެ. މި ހާދިސާގައި އޭނާ ވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، މި ހާދިސާއާ ގުޅިގެން ކުރިއަށް ގެންދިއަ ހުރިހާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް މިހާރު ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ސަލާ ދަތުރު ކުރި ފްލައިޓް ވެއްޓުނު ސަރަހައްދަށް މޫސުން ގޯސްވުމާ ގުޅިގެން އޭނާ ދަތުރު ކުރި ފްލައިޓް ނެގުމަށް ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެ ހުއްޓާލަން ޖެހިފައެވެ. ޑައިވް ކުރެވޭ ވަރަށްވުރެ މޫސުން ގޯސްވުމާ ގުޅިގެން ފްލައިޓު ތެރެއިން ސަލާގެ ހަށިގަނޑު ނެގީ ރިމޯޓް އޮޕަރޭޓެޑް ވެހިކަލް ބޭނުންކޮށްގެންނެވެ.
ހިޔާލު