Siyaasee Isverinnaa hedhi Dhivehinnah hahguminvaru nulibeyne!
image
މަޖިލީހުގެ ޖަލްސާއެއް: ދިވެހިންނަށް ހައްގު މިންވަރު ހޯދައިދިނުމުގައި މަޖިލީހުގެ ދައުރު ބޮޑު-- ފޮޓޯ: މަޖިލިސް
10 ކޮމެންޓް
 

ސިޔާސީ އިސްވެރިންނާ ހެދި ދިވެހިންނަށް ހައްގު މިންވަރު ނުލިބޭނެ!

ދުނިޔެ ތަރައްގީވަމުން އަންނަތާ އެތަކެއ އަހަރުވެއްޖެއެވެ. އެ ތަރައްގީއަށް ދަހިވެތިވެގެން ތިބޭތާ ދިވެހިން ތިބޭތާ އެތައް ޒަމާނެއްވެއްޖެއެވެ. އިހަށް ދުވަހެކޭ އެއްގޮތަށް އިއްޔެ ވެސް އަދި މިއަދު ވެސް އަނެއްކާ މާދަމައަށް ވެސް އިންތިޒާރުކުރަނީ އެ ތަހުޒީބު ތަރައްގީއަށެވެ.
ދިވެހިން އިންތިޒާރު ކުރަނީ މާލީ މިނިވަންކަން ލިބިފައިވާ ދިވެެއްސަކަށްވުމަށާއި ހަލާލު މަސައްކަތުން ލިބޭ އާމްދަނީއަކުން އަނބިދަރިން ބަލައިގެން އުޅެވޭނެ ދުވަހަކަށެވެ. ޖަލެއްގައި އުޅެން ޖެހިފައިވާ ދިރިއުޅުން ޖަޒީރާ ރަށެއްގައި އިންސާނާއަށް ހައްގުވާ އަދި ދިވެހި މީހާއަށް ލިބެންވާ ތަނަވަސް ގެދޮރުގައި އުޅުމަށެވެ. ބާރަފޫޓުބާރަފޫޓުގެ ކޮޓަރިއެއްގައި ދެކުދިންނާއި އަންހެނުންނާއެކު މި އުޅެމުންދާ ހިތްދަތި ދިރިއުޅުން އުފާވެރި ދިރިއުޅުމަކަށް ބަދަލުވާނެ ދުވަހެއްގެ އުއްމީދުގައެވެ. ދަރިން ބަލަން އަންހެނުން ގޭގައި މަޑުކުރުވުމަށް ފަހު ފިރިމީހާގެ މަސައްކަތުން ލިބޭ އާމްދަނީން ދެ ދަރިންނާއި އަންހެނުން އަދި ފިރިމީހާއަށް އުޅެވޭވަރުގެ އާމްދަނީއެއް ލިބޭނެ ދުވަހަކަށެވެ. މިހެން ކިޔާނެކަމެއް ނެތެވެ. މިއަށްވުރެ ގިނަ އުއްމީދުތައް އެބަހުއްޓެވެ. ނަމަވެސް ސުވާލަކީ ދިވެހިން އުއްމީދުކުރާ ތަރައްގީއާއި ތަނަވަސްކަން ލިބިފައިވާ ދިވެހި މުޖުތަމައެއް ބިނާ ކުރެވޭނެތޯ އެވެ.

ރާއްޖެއާއެކު މިނިވަންކަން ލިބުނު ގައުމުތަައް ތަރައްގީގެ މަގުގައި މެދު އުޑުގައި ފިޔަ ޖަހަމުންދާއިރު ރައްޖެ އޮންނަން މި ޖެހެނީ އަދިވެސް ފިރުކިލާ ފިރުކިލާ އެވެ. ކޮންމެ ތަނެއްގައި މަސައްކަތް ކުރި ނަމަވެސް އަނބިދަރިން ކައިރީގައި ނިދާލަން ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވިޔަސް އަދި އެއީ ހައްގު މިންވަރެއްކަމުގައި ވިޔަސް ފިރުކިލާ ފިރުކިލާ އޮންނަ ތުއްތު ކުއްޖެއްގެ ހާލަތުގައި ގައުމު ދުވާ ނަމަ ދިވެހިން އުއްމީދުކުރާ ރާއްޖެ ލިބޭނެތޯ އެވެ.

ތިރީސް އަހަރުގެ ވެރިކަމުން ދިވެހިންނަށް ހައްގު މިންވަރު ނުލިބުމުގެ ސަބަބުން ދިވެހިން މިއަދުވަނީ އިގުތިސާދީ އަޅުވެތިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މާލީ މިނިވަންކަން ނުލިބޭ އިންސާނެއް ނަމަ އޭނާގެ ދިރިއުޅުން ވެގެންދާނީ އަޅުވެތިކަމުގެ ދިރިއުޅުމަކަށެވެ. ދިވެހިންގެ ތެރޭގައި ވަރަށް ބޮޑުތަނުން ގިނަ ބަޔަކުދިރިއުޅެނީ އަޅުވެތި ދިރިއުޅުމެކެވެ. މިނިވަންކަން ލިބިފައިނުވާ ދިވެއްސެއްގެގޮތުގައެވެ. ހަގީގީ މިނިވަންކަމަކީ އިގުތިސާދީ މިނިވަންކަމެވެ.

އެ މިނިވަންކަން ދިވެހިންނަށް ލިބިދާނެ ފަދަ ސިޔާސަތެއް ރާއްޖޭގެ ވެރިކަން ކުރި މީހުން ހިންގި ނަމަ މިއަދު މިހާލުގައި އުޅެން ޖެހެންވި ސަބަބެއް ނުފެނެއެވެ. ނަމަވެސް ހިތާމައަކީ ވެރިކަން ކުރި އެންމެވެސް ގައުމީ ނަވުގެ މިސްރާބު ޖަހައިގެން ދުއްވާފައިވަނީ މާލީ މިނިވަންކަން ލިބިފައިވާ ދިވެއްސަކު ބިނާކުރެވޭނެ މިސްރާބަަކަށް ނޫންކަން އެންމެ ބޮޑަށް ސާފުވާނީވެރިކަން ކުރި މީހުންނާއި މިކަމުގެ އިލުމު ލިބިފައިވާ ތަޖުރިބާކާރުންނަށެވެ.

ތިރީސް އަހަރުގެ ވެރިކަން ނިމިގެން ރާއްޖެ ހޭލީ ޒަމާނީ ޑީމޮކްރެސީއަކަށޭ ބުނާ ބުނުމަށް އަދިވެސް ފަޑުކަމެއް ނާދެ އެވެ. ނަމަވެސް ހިތާމައަކީ އެ ބުނާ ޒަމާނީ ޑިމޮކްރަސީއަށް އަލިވިލިފައިވާ ރާއްޖެއެއްގައި ދިވެހިން އުޅޭކަމަށް ބުނާތާ މިހާރު 10 އަހަރުވީ އެވެ. އެ މުއްދަތުގައި ދިވެހިންނަށް ހައްގުވާ މިންވަރުން ލިބުނީ ކޮން އެއްޗެއްތޯ ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަންޖެހެއެވެ. އިންސާނަކަށްވީތީވެސް ލިބެންޖެހޭ އެންމެ ބޮޑު ޔަގީންކަމަކީ އިންސާފު ލިބުމުގެ ޔަގީންކަމެވެ. ނަމަވެސް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އިންސާފު ލިބުމުގެ ހިތްހަމަަޖެހުން ލިބިފައިވާ އާދައިގެ ދިވެއްސަކު އުޅޭނެކަމަކަން ނުބެލެވެއެވެ. ނަމަވެސް އަތުގެ އިނގިލިން ގުނާލެވޭ ބަޔަކަށް އިންސާފު ލިބިފައިވުމަކީ ވެދާނެކަމެކެވެ. އެ ހަކަލަ އިންސާފަށް " ކަނޑައަޅާފައިވާ ބަޔަކަށް އިންސާފު" ލިބެޔޭ ބުނެވިދާނެއެވެ.

ރާއްޖެއަކީ ކުޑަގައުމަކަށް ވިޔަސް ރާއްޖޭއަށް ލިބިފައިވާ ވަސީލަތްތަކަކީ މިގައުމުގައި އުޅޭ ހަތަރު ލައްކައެއްހާ ދިވެހިންނަށް އަދި އަންނަން އޮތް ޖީލުތަކަށް ތަނަވަސްކަމާއެކުއުޅެވޭނެ މަގު ލިބޭނެ ތަނަވަސްކަމެކެވެ. ނަމަވެސް އެ ތަނަވަސްކަން ލިބޭނީ ގައުމުގެ ކަންކަމާ ހަވާލުވާ ސިޔާސީ އިސްވެރިންގެ ހެޔޮނިޔަތެއް އޮވެގެންނެވެ. އެވެރިންގެ ނިޔަތް ނެތް ނަމަ ދިވެހިން އަބަދުވެސް ތިބެންޖެހޭނީ އަމިއްލަ ވަޒަނުގައި ޖަލުގެ "ގައިދީން"ގެ ގޮތުގައެވެ. އެހެންކަމުން މިހާރު އޮތް އެންމެބޮޑު ސުވާލަކީ މާލީމިނިވަންކަން ލިބިފައިވާ ދިވެއްސަކު ބިނާކުރާނެތޯ އުފެދޭ ސުވާލެއެވެ. ހަމަހަމަކަމާއެކު އަދުލުއިންސާފު ލިބޭނެތޯ އުފެދޭ ސުވާލެއެވެ. އެކަކު ކުރާ މަސައްކަތުން އާއިލާގޮވައިގެން ދިރިއުޅެވޭތޯ ކުރާ އުއްމީދު ހަގީގަތަކަށް ހަދައިދޭނެތޯ އުފެދޭ ސުވާލެއެވެ.

އަމިއްަލަ ގައުމުގައި ޖަލެއްގެ ތެރޭގައި ދިރިއުޅެން ޖެހިފައިވާ ދިރިއުޅުން ބަދަލުވެ ތަނަވަސްކަން ލިބިފައިވާ ބޯހިޔާވަހިކަމުގައި އަމިއްލަ ވަޒަނުގައި ދިރިއުޅުމަށް ކުރާ އުއްމީދު ހަގީގަތަކަށްވާނެތޯ އުފައްދާ ސުވާލެއެވެ. ދުވާލު މަސައްކަތްކޮށްފައި އަނބިދަރިން ކައިރީގައި ނިދާލުމަށް ކުރާ އިންތިޒާރަށް ނިމުން އަންނާނެތޯ ކުރެވޭ ސުވާލެއެވެ. މިހެން ގޮސް ވަރަށް ގިނަ ސުވާލުއެބަ ހުއްޓެއެވެ. އެ ސުވާލުތައް ހުރީ ސިޔާސީ އިސްވެރިން ކަންތައްތައް ކުރާގޮތުންނެވެ. އެމީހުންގެ ވިސްނުމަށް ގައުމު ބައްޓަންކޮށް ގައުމު ގެންދާއިރު އާދައިގެ ދިވެހި މީހާ ކުރާ އުއްމީދު ހަގީގަތަކަށް ވެގެންދާ މަންޒަރު ރައްޔިތު މީހާއަށް ނުފެންނާތީ އެވެ. ރައްޔިތު މީހާގެ އަބަދުވެސް ދެކޭނީ އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމަކަށެވެ. ކޮންކްރީޓް ޖަންގައްޔެއްގައި ދިރިއުޅެމުން މިދާ ދިރިއުޅުމުގެ ބަދަލުގައި ދިވެިހި ގައުމުގެ ހަގީގީ ސިފަ ލިބިފައިވާ ދިރިއުޅުމެއް ލިބޭނެ ދުވަހަކަށެވެ. ނަމަވެސް އެއިން އެއްވެސް މިސްރާބަކަށް މި ގައުމު ނުގެންދާކަމުގެ އިހްސާސް ރައްޔިތުން ދަނީ ވަރަށް ރަނގަޅަށް ކުރަމުންނެވެ.

ދައުލަތުގެ ބަޖެޓު ބިލިއަނުން ގުނި ނަމަވެސް އެބަޖެޓުގެ ފޮނިމީރުކަން ލިބި މާލީ މިނިވަންކަން ލިބިފައިވާ ދިވެއްސަކު ބިނާވެގެންދާތަން ފެންނަނީ ވަރަށް މަދު ފަހަރަކު އެވެ. އަދި ބައެއް ސިޔާސަތުތައް ހުރީ ވެސް އެމަގަށް ފަހިވާގޮތަކަށް ނޫނެވެ. ސިޔާސަތުތައް ރާވާ ހިންގާ މީހުންނަކީ ސިޔާސީ އިސްމީހުންނަށް ވެފައި އެމީހުންގެ ބޮލަށް ކޮންމެވެސް ސިފައެއްގައި މަހުޖަނުން ވަދެފައިވުމާއެކު އާދައިގެ ދިވެހި މީހާއަށް ލިބޭ މަންފާކުޑަވަނީ އެވެ. މިކަމުގެ އެއް މިސާލަކީ މިހާރު ހަރުއަޑުން ލިޔާ އެންމެ ކުޑަ މުސާރައެއް ކަނޑައެޅުމާ މެދު ދައްކާ ވާހަކަތަކެވެ. އެންމެ ކުޑަ މުސާރައެއް ކަނޑައަޅަންޖެހޭނީ އެ މުސާރަ ލިބިގެން ސަލާން ނުޖަހާ ވައްކަންނުކޮށް، ކްރޮޕްޝަނަށް އަރައި ނުގަނެ ސިޔާސީ މީހާ ގާތަށް ގޮސް އާދޭސްކުރަން ނުޖެހި ދިރިއުޅެވޭވަރުގެ އާމްދަނީއެއް ލިބޭނެ ގޮތަކަށެވެ. ނަމަވެސް މިހާރުވެސް އިވޭ އަޑުތަކަށް ބަލާއިރު އެކަން ހިނގަނީ އެމަގަކުން ނޫނެވެ.

އަނބިދަރިން ގޮވައިގެން އުޅެވޭވަރުގެ މުސާރައެއް ނުލިބޭ ނަމަ ދެން ކަންކަން ހިނގާނެގޮތް ތަސައްވަރުކޮށްލުން މުހިންމެވެ. އެ މަގަށް ނުވިސްނާ އެންމެ ކުޑަ މުސާރައިގެ މިންވަރު ކަނޑައެޅި ނަމަވެސް މާލީ މިނިވަންކަން ލިބިފައިވާ ދިވެއްސަކު ބިނާނުކުރެވޭނެއެވެ. އެކަން ކުރުމަށް ޓަކައި މުޅި ނިޒާމު ބަދަލުކުރަންޖެހިއްޖެ ނަމަ އެކަން ވެސް ކުރަން ފަސް ޖެހިގެން ނުވާނެއެވެ. ނަމަވެސް ހިތާމައަކީ ވެރިކަމަށް އަންނަ މީހުންނާއިސިޔާސީ އިސްވެރިން އެކަންކަމަށް ފަސް ޖެހޭތީ އެވެ.

ވެރިންނާއި ސިޔާސީ މީހުންނަށް ވެސް ރާއްޖެއަށް ޖެހިފައިވާ ބަލި ވަރަށް ރަނގަޅަށް އެނގުނު ނަމަވެސް އެ ބަލިން ސަލާމަތްވާން ދޭން ޖެހޭ ބޭސް އެނގުނު ނަމަވެސް އެ ބޭސް ރައްޔިތުންނަށް ނުދޭނަމަ ދުވަހަކުވެސް މާލީ މިނިވަންކަން ލިބިފައިވާ އަދި ދިވެހިން ޒަމާނުންސުރެ ކުރަމުން އަންނަ އުއްމީދު ހަގީގަތަކަށް ވެގެން ނުދާނެއެވެ. އެކަމުގެ ހުރަކަކަށް އަބަދުވެސް ވެގެން ގޮސްފައިވަނީ ގައުމު ހިންގަން ތިބި މީޙުންނާއި ސިޔާސީ އިސްވެރިންނާއި މަހުޖަނުންެވެ. އެހެންކަމުން އެ މީހުންގެ ކިބައިން މި ގައުމު ސަލާމަތް ކުރުން ނޫން ގޮތެއް އޮންނާނެ ބާއްވައެވެ.
ހިޔާލު

ކާލި

އެއީކީ ސިޔާސީ މީހުނެއްނޫން އެއީ ވަފާތެރި ކެހިވެރި ޗޯރުން އެމީހުންގެ ކަމަކީ ޓައި އަޅާ ނަލަހެދިގެން ގޮސް ބައިތުލް މާލު ލޫޓުވާ އެމީހުންގެ ޖީބު މުއްސަދިކުރުން ނުންތޯ ؟

ސަމީރު

ރައްޔިތުންނަށް އޯކޭވާނެ ފުޓު ބޯޅަމުބާރާތް ބާއްވާފައި ދަރުސްދޭން މީހަކު ފޮނުވީމެވެ. އޭރުން ވޯޓުދޭނެ.

ސުމޭދާ

ދާދިފަހުން ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ހިޖުރަކޮށްފިއެވެ. ނޫސްވެރިންނަށް ނޭނގުނަސް މިކަން ހިނގާފައިވަނީ ނިމިދިޔަ އޯލެވެލް ނަތީޖާ އައުމާއެކު އޭލެވެލް ކިޔެވުން ފެށުމުގެ ކުރިންނެވެ. އޭލެވެލް ކިޔަވަންތިބީ 5 ނުވަތަ 6 ކުދިން ކަަމަށް ވުމެވެ. މިކަމާ ގުޅޭގޮތުން އެކިރަށްރަށު މީހުންނާ ވާހަކަ ދެއްކީމެވެ. ހުރިހާ ރަށެއް އެކެއްޗެއް ކިޔާލާގެން އަތޮޅުގެ ކޮންމެވެސް އެއްރަށެއްގައި ދަނާލަކާ ވަރުގަދަ ސުކޫލެއް ހަދަންވީނުން ހެއްޔެވެ. ނަމަވެސް އެއްބަހެއް ނުވިއެވެ. 300 މީހުން އުޅުނަސް 200 މީހުން އުޅުނަސް ކޮންމެ މީހަކުވެސް ބޭނުންވަނީ އެންމެ މަތީ ފެންވަރުގެ ސްކޫލު އެރަށުގައި ހުންނާށެވެ. 5 ކުދީންނަށް ކިޔަވާދޭން 12 ޓީޗަރުން ބަހައްޓަން ޖެހުނަސް ސްކޫލު ކޮންމެ ރަށެއްގައި ހުންނަން ޖެހެއެވެ. މިއީ ތޯ ތިބުނާ ހައްޤު މިންވަރު ހޯދައިދޭންވީ ގޮތަކީ؟

ކާލި

ބައްލަވާ ކޮންމެ ސަރުކާރެއްގައި ތިބޭ ބޮޑުންގެ ކަމަކީ ބައިތުލް މާލު ލޫޓުވާ ވައްކަން ކުރުން ނުންތޯ ދެން ކޯޗެއްތޯ އާދައިގެ ނިކަމެތިންނަށް ލިބޭނީ އެންމެ ކުޑަމިނުން ރައްޔިތުން އަތުން ނަގާ ޓެކުސް ފައިސާއިންވެސް ވައްކަން ކުރަނީ ހަމަ ބޮޑުން !

ނިކަމެތި މީހާ

ސިޔާސީ މީހުން އުޅެނީ މީހުން ދޮވެލަން. 😌😌

އޯވާލޯޑު

ރައްޔިތުންނަށް ހައްގުމިންވަރު ލިބިއްޖެޔާ، ސިޔާސީ މީހުން ފަހަތުން ދިޔުން ހުއްޓޭނެ. އޭރަ ކަޑައެއްނު! ސިޔާސީ މީހުންނަށް ބާރު ލިބެނީ ރައްޔިތުން އެމީހުން ބުނާ ގޮތް ހަދާތީ.

މޫސަ

ރައްޔިތުންނަކީ މާލީ މިިނިވަންކަން ލިބިފައިވާ ބަޔަކަށް ނުހަދާނެ. އަދި ޖަލެއްގައި ނޫނީ ނުގެންގުޅޭނެ. ކިއްކުރަނީ. އެކަމަކު ރައީސް މީހާ ބުނާ ޝަރަފްވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ހަދައިދޭނެކަމަށް. ނަމަވެސް އެޑްރެސް ކުރަނީ ނުބައި ދިމަދިމާލަން މިއީ މައްސަލައަކީ

ގައުމު

މިއީ ރަނގަޅު ލިޔުމެއް. ނަމަވެސް ބައެއް ތަފްސީލް ދިން ނަމަ ވަރަށް ރަނގަޅުވީސް. އެކަމަކު މުޅި ލިއުމުގެ ތަސައްވަރު ރަނގަޅު. ސީޔާސީ މީހުންނަކީ އެ މީހުންގެ އައްބޮނޑި ބޮޑުކުރަން އުޅޭ ބައެއް. އެ މީހުން އުޅޭނީ ވެރިކަމުގައި ގިނަ ދުވަހު އުޅެވޭގޮތަށް ކަންކަން ކުރަން.

މޫނިސް

އަސްލުވެސް މިއީ ރަނގަޅު ވާހަކައެއް. ސިޔާސީ މީހުން އުޅެނީ ރައްޔިތުން ހައްދައިގެން ވެރިކަން ކުރަން.

ޙުސައިން ކަލެެގެފާނު

ވަރަށް ބޮޑު ތެދެއް! މިވެރިންގެ އަމިއްލަ އެދުމުގައި ގޮސް ރައްޔިތުން ހަނާވެ ނިމިއްޖެ.