Gina Dhuvasthakakahfahu Man Utd Alun Top 4 Ah
image
0 ކޮމެންޓް
 

ގިނަ ދުވަސްތަކަކަށްފަހު މެންޗެސްޓާ ޔުނައިޓެޑު އަލުން ގަދަ ހަތަރަކަށް

މިރޭ ޕްރިމިއާ ލީގުގައި ފުލަމްއާ ބައްދަލު ކުރި މެޗުން ހޯދި ތިން ޕޮއިންޓާއެކު، މެންޗެސްޓާ ޔުނައިޓެޑު ތާވަލުގެ 4 ވަނަ މަގާމަށް ޖެހިލައިފި އެވެ.
މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ތާވަލުގެ ގަދަ ހަތަރަކުން ފުރުސަތު ގެއްލުމަށްފަހު ޔުނައިޓެޑަށް ގަދަ ހަތަރަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މެންޗެސްޓާ ޔުނައިޓެޑުން މިރޭ، ތާވަލުގެ ފުލުގައި އޮތް ފުލަމްގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. އެޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ފްރާންސްގެ ދެ ކުޅުންތެރިން ކަމުގައިވާ އެންތޮނީ މާޝިއާލް އާއި ޕޯލް ޕޮގްބާ އެވެ. މި މެޗުގައި ޕޮގްބާ ވަކީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން ފަހު ލަނޑު އޭނާ ކާމިޔާބު ކުރީ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އަކުންނެވެ.

މި މޮޅާއެކު މެންޗެސްޓާ ޔުނައިޓެޑުން ވަނީ ތާވަލުގެ 4 ވަނާގައި އޮތް ޗެލްސީ ފަހަތަށް ޖައްސާލުމަށްފަހު އެ މަގާމު އަތުލާފައެވެ. 25 މެޗު ކުޅެގެން ލިބުނު 51 ޕޮއިންޓާއެކު ޔުނައިޓެޑު ތާވަލުގެ 4 ވަނައަށް ޖެހިލާފައިވާއިރު 5 ވަނާގައި އޮތް ޗެލްސީން ވަނީ ކުޅުނު 24 މެޗުން 50 ޕޮއިންޓު ހޯދާފައެވެ. މާދަމާ ރޭ ޗެލްސީއާ ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީ ބައްދަލު ކުރާ މެޗުން ޗެލްސީ ކުރި ހޯދައިފިނަމަ އެޓީމަށް އަލުން ތާވަލުގެ 4 ވަނަ މަގާމު ލިބޭނެ އެވެ.

މި ސީޒަނުގެ ކުރީކޮޅު ކޯޗު ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުގެ ފަރާތުން ދަށްކުޅުމެއް ފެނިގެންދިޔަ ކަމުގައި ވިޔަސް، ޓީމުގައި ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވި އޮލީ ގުނާ ސޮލްޝެއާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ޓީމުގެ ކޯޗު ކަމާއި ހަވާލުވިފަހުން އަދި މިހާތަނަށް އެޓީމު މެޗަކުން ބަލިވެފައެއް ނުވާކަން ފާހަނގަކޮށްލެވެއެވެ.
ހިޔާލު