Kuru Vaahaka: Nubunevunas
image
ކުރު ވާހަކަ: ނުބުނެވުނަސް--
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ކުރު ވާހަކަ: ނުބުނެވުނަސް

"ހުރިހާ ދަރިވަރުންނަށް ވެސް ކާމިޔާބު ސެމިސްޓަރަކަށް އެދެން. މިހައި ހިސާބުން ތަޢާރަފުގެ މި ބައްދަލުވުން ނިމުނީ" އޮޑިޓޯރިއަމްގެ ދޮރު ހުޅުވާލެވެނު އިރު، އިވުނު ޖުމުލައިގެ ސަބަބުން އަވަހަށް ދޮރުގެ އަތްގަނޑުން އަތްދޫކޮށްލެވުނެވެ. މަޑުމަޑުން ފަހަތަށް ޖެހިލެވުނެވެ. ދެ ފިކުރެއްގައި ހުރެއެވެ. ދާންވީ ދިމާއެއް ނުވިސްނިފައެވެ. ކުރަންވީ ކަމެއް ސިކުނޑިއަކަށް ނައުމުންނެވެ. ވަށައިގެން ބަލައިލެވުނެވެ. ފުރަތަމަ ބައްދަލުވުމަށް ގަޑި ޖެހުނީއޭ ހިތްބުނެލިއެވެ. އަނެއްކާ މި ފަހަރު ކިހައިވަރަކުން ދާނެބާއޭ ހިތަށް އެރިއެވެ. ވަށައިގެންވާ މާހައުލަށް ބަލައިލެވުނެވެ.
ފެހިކަން ގަދަ މާހައުލެކެވެ. ދެ އިމާރާތް މެދުގައިވާ ހުސްޖާގައިވަނީ ބިޔަ ގަސްތަކެވެ. ހިނގަންވީ މަގުއޮތީ ގައު އަތުރާ ވަކިކޮށްފައެވެ. އިމާރާތުގެ ފާރު ކައިރީގައި ވަނީ މާމެލާމެލީގެ ބަގީޗާއެވެ. ކުލަކުލައިގެ އޯކިޑުމަލެވެ. ގުލޭނޫރަންމަލެވެ. ސަނދުބަރަކައެވެ. ހުސްނުހީނާމަލާއި ފިނިފެންމަލެވެ. އަސުރުމަލާއި ސައިމަލެވެ. ކޮންމެ ވައްތަރަކަށް ޚާއްޞަކޮށްފައިވަނީ ވަކި ޖަގަހައެކެވެ. މާބަގީޗާގެ ކުރިމަތީ ވަނީ އިށީނދެވޭހެން ހުންނަ މޭޒުގޮނޑިއެވެ. ކޮންމެ ބަގީޗާއަކަށް މޭޒުގޮނޑިއެކެވެ. މޭޒުގޮނޑިތަކުގެ އިންތިޒާރުގައި ކޮޅަށް ތިބި ކުދީން ވެސް މަދެއް ނޫނެވެ. ދަބަސްތަކާއި ފޮތްތައް ކިހިލި ޖަހައިގެން އަތުން ބާޒާރު ކޮތަޅުތައް ހިފައިގެން ތިބި ކުދީން ވެސް ތިއްބެވެ. އިށީނދެލާނެ ތަނެއް ފެނޭތޯ ކަޅި އުކަމުން އިމާރާތުގެ ސަރައްކާލިން ލަސް ފިޔަވަޅުތަކެއް އަޅަމުން ދިޔައީމެވެ. މާހައުލުން ދޭހަކޮށްދޭ މާނަތަކަށް ވިސްނަމުންނެވެ. މާމެލާމެލީގެ ކުރިމަތީ ގޮނޑިމޭޒު އަތުރާފައި ހުންނާތީއެވެ. އެއް ވައްތަރުގެ މާމެލާމެލި އެއް ތަނެއްގައި އިންދާފައި ހުންނާތީއެވެ. އެއީ މަޤްޞަދެއް އޮވެގެން ކޮށްފައި ހުންނަ ތަރުތީބޭ ހިތްބުނެއެވެ.

މުޅި މާހައުލުގައި ވަނީ އުފާވެރިކަމެވެ. ފެކަލްޓީގެ ގޯތިތެރެއަށް ވަނުމުން ވެސް މާޒީ ހަނދާންވެއެވެ. ހިތްހަމަ ޖެހުން ލިބެއެވެ. ހިތު ވިންދު އަވަސްވެއެވެ. ނޭގޭ ތުރުތުރެއް ފައިން ފެށިގެން ބޮލަށް ދުވެލަދުވެލާ ހުރެއެވެ. "ހުދާ" ފިރިހެނަކު އަހަރެންގެ ނަމުން ގޮވާލިއެވެ. ބީރައްޓެހި އަޑެކެވެ. ފަސް އެނބުރި ބަލައިލީމެވެ. މީހަކު ފެންނާކަށް ނެތެވެ. "ހުދާ މިކޮޅޭ" އަނެއްކާ ވެސް އެމީހާ އަހަންނަށް ގޮވައިލިއެވެ.

އަޑު އައީ ގޯތިތެރޭގައިވާ ސަނދުބަރަކަ ގަސްތަކާ ދިމާއިންނެވެ. އަހަރެން އެދިމާއަށް ބަލައިލީމެވެ. ތިން ފިރިހެނުންނާއި އަންހެން ކުއްޖަކު އެދިމާގައި ތިއްބެވެ. އަހަރެން ދަންނަ މީހަކު ނެތެވެ. އަހަންނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ސަނދުބަރަކަ ގަސްތަކަށެވެ. އެއީ ހަނދާނެއްގެ ފެށުން އެ މަލާ ގުޅިފައިވާތީއެވެ. ދަތްދޮޅީގައި ސުވާލު މާކެއް އެލުވައިގެން މާތަކަށް ބަލަން ހުރެވުނީއެވެ. "ހުދާއަށޭ މި ގޮވަނީ. އާދެބަލަ" މެދުގައި އިން ފިރިހެން މީހާ އަހަންނަށް ހަނާއަޅައިލަމުން ގޮވައިލިއެވެ. އެމީހާ ލޮލުގައިވާ އަވިއައިނު ނެގިއެވެ.

ދާންވީ ބާއޭ ހިތަށް އެރިއެވެ. އެ އިޝާރާތަކަށް ޖަވާބު ނުދީފި ނަމަ އަހަންނަކީ ވަރަށް ފޮނި މީހެކޭ އެމީހުން ބުނާނެއޭ ހިތަށް އެރިއެވެ. ދެފިކުރެއް ކަށްޓާއަށްލައި ކިރަމުން އެ ދިމާއަށް ހިނގައިގަތީމެވެ. އަހަންނަށް އެ ގޮވާލި އަޑުގައި ދަންނަ ކަހަލަ ގޮތެއް ހުރެއޭ ހިތް ބުނެލިއެވެ. މަޑުމަޑުން އެ މީހާއާ ދިމާއަށް ބަލައިލީމެވެ.

މާދޮނެއް ނޫނެވެ. ކަޅެއް ވެސް ނޫނެވެ. މުޅީން މުށިކުލައަކަށް ވެސް ނުދެއެވެ. ބޮލުގެ ދެ ފަރާތުގައިވާ ގުންޑޮޅިން ތަލައިން ބައެއް ފެނެއެވެ. ދެ ލޯކައިރިވަނީ ހިކިފައެވެ. ދެ ލޯ ވަނީ އަޑިވަދެފައެވެ. ކަޅު ޖަންގައްޔެއްފަދަ ތުނބުޅިއެކެވެ.
"ހަމަ ނޭނގުނުތަ؟ ބަލަ މި އަޔާ އޭ" އެ މީހާ އަމިއްލައަށް ތަޢާރަފުވިއެވެ. "ހުދާމެނާއެކު ކޯހުގަ އުޅުނު"
"އޯހް" އަހަރެން ހައިރާންކަމާއެކު އަޔާޒަށް ބަލައިލީމެވެ. "އެކަމަކުވާ" އަޔާޒު ކޮޅަށް ތެދުވިއެވެ. އެއާއެކު އޭނާއާއެކު ތިބި މީހުން ކޮޅަށް ތެދުވިއެވެ.

"އަޔާ އަހަރުމެން ދެން ގޮސްލީ. ކުރިއަށް ގެންދޭ" އަޔާޒު ގާތުގައި އިން ފިރިހެން ކުއްޖާ އަހަންނާ ދިމާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. "އަޔާ ވަރަށް ދައްކާނެ ހުދާގެ ވާހަކަ. ތި ކޯހުގަ އުޅުނު އިރުގެ މަޖާ ވާހަކަ"
"އިށީނދޭ" އަޔާޒު އަހަންނަށް ޖާގަ ދެއްކިއެވެ. "ހުދާއަށް މާބޮޑު ބަދަލެއް ނާދެ. ކޮލުގައި ކުޑަކޮށް މަސް ޖަހައިލައިފަ ކުރިއަށްވުރެ ތާޒާކަމަށް ފެނޭ"

"ސާބަސް" އަހަންނަށް ހީލެވުނެވެ. "އެކަމުވާ އަޔާއަށް ކޮން ބަދަލެއް. މަށަށް ހަމަ ރަނގަޅަށް ވެސް ނޭނގުނު"
"މީ މިހާރު ކުރީގެ އަޔާޒެއް ނޫން އިނގޭ" އަޔާޒު އިސްޖަހައިލިއެވެ.

"މިތާ ކީއްކުރަނީ؟" މައުޟޫއުގައި އިތުރަށް ކުރިއަށްދާން ބޭނުން ނުވާހެން ހީވުމުން އަހަރެން ބަދަލުކޮށްލީމެވެ.
"ހުދާ ވެސް. ބަލަ ޔުނިވަރސިޓީތަކަށް ކުދިން އަންނަނީ ކީއްކުރަންތަ؟" އަޔާޒު ހިނިތުންވެލިއެވެ. "ޔަޤީނުން ވެސް އަހަރެން އައީ ކިޔަވަން" އަހަރެން ބޭނުންވީ ނުސީދާކޮށް ނަމަވެސް މައުޟޫއަށް ވަންނާށެވެ. "ނޭނގެ އަޔާ އައީ ކީއްކުރަން ކަމެއް؟"

"އެއްޗެކޭދޯ ތިބުނީ؟" އަޔާޒު އަހަންނާ ހަތަރުކަޅި ހަމަކޮށްލިއެވެ. އަޔާޒުގެ ދެ ލޮލުން އަހަންނަށް ވާހަކަތަކެއް ދޭހަވަމުން ދިޔައެވެ. ހިތާމައާއި ވޭނެވެ. ކެކުޅުމާއި އުދާހެވެ. "ބައެއް ވާހަތަކަކީ ތިމާ ނުބުންޏަސް އަނެއްކާއަށް ދޭހަވާނެ ވާހަކަތައް. ކިޔައި ނުދިނަސް ފަހުމުވާނެ ވާހަކަތައް. ތިމާގެ މޫނުގައި ދިރިއުޅުމުގެ ތަސްވީރު ކުރެހިފައިވާނެ" އަޔާޒުގެ ޖުމުލަތައް ގަސްތުގައި އަހަރެން ބޭނުންކޮށްލީމެވެ. "އާނ. އެކަމަކު އެކަން ދަންނަ މީހަކަށް އެ މަންޒަރު ބަލަން އެނގޭނީ" އަޔާޒު ހިނިތުންވެލިއެވެ. "ހުދާގެ މޫނުން ފެންނަނީ އުފާވެރިކަން. ކާމިޔާބު ދިރިއުޅުމެއް ލިބިފައިވާކަން. އެކަމަކު؟"
"އެކަމަކު ކިހިނެއްވީ؟"

"ކޮންމެ ވެސް ކަމެއް ތިޔަ މޫނުން މަދުވޭ. ކޮންމެ ވެސް ކަމެއް ފޮރުވަން މަސައްކަތް ކުރޭ. އެކަމުގެ ސަބަބުން ތިމާއަށް ފުރިހަމަ އުފާ މަދުވާކަމަށް ތިޔަ ދެ ލޮލުން ހެކިދޭ" އަޔާޒު ބަލަމުން ދިޔައީ ސީދާ އަހަރެންގެ ދެ ލޮލަށެވެ. "ހިއްސާކޮށްލައިފި ނަމަ ވަރަށް އުފާވާނެ. ކިތައްމެ ދުރު އުޅުނަސް، އެއްވެސް ވަރަކަށް ޚަބަރެއް ނުވިޔަސް އަހަރެންގެ ހިތުގައި ދިއްލުނު ހުޅުކޮޅު އަދި ނުނިވޭ"

"މާނައަކީ؟" އަހަރެން ބޭނުންވީ ސީދާ އަޔާޒުގެ އަނގައިން ބަސް ނެރޭށެވެ. އެ ވާހަކަ އަޑުއަހައިލަން ބޭނުންވާތީއެވެ. އެވަރަށް ހިތްވަރު ލިބިފައިވާތީއެވެ.

"އާނ ހުދާ އަހަރެން ވަރަށް މަސައްކަތްކުރިން. މި ވާހަކަ ނުބުނެވުން އެއީ އަހަރެންގެ ކުށެއް. އަހަރެން ހީކުރީ ހުދާ ބޭނުން ނުވީކަމަށް. އެހެންވެ ސީދާ ފޮޅުވަތުގައި އަހަރެން ސުރުޚީ ނޭޅީ" ފުންނޭވާއެއް ދޫކޮށްލަމުން އަޔާޒު އިސްޖަހައިލިއެވެ. "މި ހުރިހާ ދުވަހު އަހަރެން އުޅެމުން މި ދިޔައީ އެ ހަނދާންތަކުގައި. އޭރު ކުރެވުނު މަޖާތަކާއި އެކުގައި ހޭދަކުރެވުނު ވަގުތުތައް ހަނދާންކުރުމުގައި. އަހަރެންގެ ދިރިއުޅުމަކީ އަރަތެއް. އަހަރެން ދެކެ ލޯބިވާ އަނތްބެއް އިން. ނަސީބަކުން ދަރިއަކު ނެތް. އާއިލާގައި ހަމަނުޖެހުމެއް ނުތަވަސްކަމެއް ނެތް. މާލެއަށް އަހަރެން އަނެއްކާ ވެސް ކިޔަވަން މި އައީ އަނބިމީހާ އެކަމަށް ބޭނުން ވުމުން. މާލެ އާ ދުވަހު އަހަރެންގެ އަނބިމީހާ ވަރިވަން ކޯޓަށް ހިނގައްޖެ. އެކަމަކު އަދި ގޮތެއް ނުނިންމަން. މި ހުންނަނީ އެ ސުވާލު ބޮލަށް މަހައިގެން" އަޔާޒު ފުން ނޭވާއެއް ލަމުން އަހަންނަށް ބަލައިލިއެވެ. ސިކުންތު ކޮޅަކަށް މަންޒަރު ހުއްޓި ހިމޭންވިކަހަލައެވެ. އަހަންނަށް ބެލުނީ އަޔާޒުގެ މޫނަށެވެ. އަޔާޒު ވެސް އިނީ އަހަރެންގެ މޫނަށް ބަލައިގެންނެވެ.

"އެކިތަނުން އެކި ވާހަކަ މި ކިޔައިދިނީ. ޚުލާޞާކޮށް ބުނެދިނަސް މި ވަރަށް ވާހަކަ" އަނެއްކާ ވެސް އަޔާޒު ފެށިއެވެ. "އޭރު ވެސް މިހާރު ވެސް އަބަދުވެސް އަހަރެންގެ ހިތުގައިވަނީ ހުދާ. ހުދާގެ ތަސްވީރު. ހުދާގެ ހަރަކާތްތައް. އަހަރެން ހުދާ ދެކެ ވަރަށް، ވަރަށް ލޯބިވޭ. އެނގޭ މިހާރު ވަގުތު ފާއިތުވެއްޖެ ކަން ވެސް. މި ވާހަކަދެއްކުމުގެ މާނައެއް ނެތްކަން ވެސް. ނަމަވެސް އަހަރެންގެ ހިތްހަމަ ޖެހުމަށް ޓަކައި އަހަރެންގެ ދިރިއުޅުން އާރާސްތުކުރެވެން އޮތީ މި ވާހަކަތަކުގެ ހައްގުވެރި ފަރާތަށް މި ވާހަކަތައް އިއްވައިގެން ކަމަށްވާތީ މި ބުނެލީ"

އަހަންނަށް ކެތެއް ނުކުރެވުނެވެ. އަޔާޒުގެ ލަފުޒުތައް ހިތުގެ އެކި ދިމަދިމާއިން އެކި ގޮތްގޮތަށް ހެރެމުން، ހެރެމުން ދިޔައެވެ. ތޫނު ވަކިތަކެއް ފަދައިން ހިތުގެ ހިމަ ނާރުތަކަށް އެ އިބާރާތްތަކުން ހަމަލާ ދެމުންދިޔައެވެ. ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގެން ދިޔައެވެ. ހިތު ވިންދު އަވަސްވެ ނޭވާ ކުރުވަމުން ދިޔައެވެ. ބޮލުގެ އެއްފަޅިއަށް ބަރުވަމުންދާހެން ހީވިއެވެ. ހިންދިރުވަން އުނދަގޫވާން ފެށިއެވެ. ތުންފަތް ހިކި، ނޭވާކުރުވަމުންނެވެ. ކުރިމަތީ އިން އަޔާޒުގެ މޫނަށް ބަލައިލީމެވެ. އަޔާޒު ސޫރަ ފަނޑުވަމުން ފަނޑުވަމުން ގޮސްގެއްލުނެވެ.

ލޯ ހުޅުވާލެވޭތޯ ލައްކަ މަސައްކަތް ކުރީމެވެ. އެސްފިޔަތަކުގައި ތެރަސްލާ ތަތްކޮށްފައި ހުރި ކަހަލައެވެ. އަވަސްވެފައިވާ ނޭވާތައް ލަސްކުރަމުން ލަސްކުރަމުން ދިޔައީމެވެ. އެސްފިޔަ ގުޑުވާލެވޭ ވަރުވީ ހިނދުކޮޅެއް ފަހުންނެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލެވޭތޯ ބެލީމެވެ. މަންޒަރު މުޅީން ސާފެއް ނޫނެވެ. މުޅިން ވެސް ފެންނަމުން ދިޔައީ ހުދުކުލައެވެ. ހިޔަނިތަކެއް ފަދައިން އެއްޗެއް އުޅޭހެން ހީވެއެވެ. ކަންފަތަށް އުނދަގޫ ވާކަހަލަ ހިމުން އަޑުތަކެއް ވެސް އިވިއިވި ހުއްޓެވެ. ތޫނު އެއްޗެއް ހަށިގަނޑަށް ހަރައިލިހެން ހީވިއެވެ. ދެން ވީނުވީއެއް ނޭނގުނެވެ.

އިރުކޮޅެއް ފަހުން ލޯ ހުޅުވޭތޯ މަސައްކަތް ފެށީމެވެ. އެސްފިޔަ ޖަހައިލީމެވެ. ކުރިއަށްވުރެ ލުއިހެން ހީވިއެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލެވުނެވެ. އެހެނަސް ތަންތަން ސާފުވާ ގޮތެއް ނުވެއެވެ. މަންޒަރު ހުންނަނީ ފެވިފައެވެ. ލޮލަށް ފެންނަ މަންޒަރާއި ސިކުނޑީގައި އެނބުރޭ މަންޒަރު ދިމައެއް ނުވެއެވެ. ލޮލަށް ކުރާ ބާރަށްވުރެ ހިތުގައި އަޅާ ވޭން އިތުރެވެ. ކިތައްމެ ކުރަން ބޭނުން ނުވިޔަސް އެހަނދާންތައް އާވަނީއެވެ. އެ އިހުސާސްތައް ހިތުގައި ފެވެނީއެވެ. އެ މަންޒަރުތައް ސިފަވަނީއެވެ. އެހެންވެ މަޑުމަޑުން ދެ ލޯ މަރައިލީމެވެ. އެހަނދާންތަކުން ނިކުމެވޭތޯއެވެ.

މަންޒަރު ބަދަލުވަނީ އަހަރެންގެ އަލަތު ކައިވެނީގެ ރެޔަށް ފަހުގައެވެ. ކައިވެނީގެ ކަންކަން ނިމިގެން ދިޔައީ މަންމަގެ ތަރުތީބުންނެވެ. އެއީ އަހަރެން ބޭނުންވާ ގޮތެވެ. ޅަ ދުވަހުން ފެށިގެން އަހަރެން ލައި އުޅުނީ މަންމަ ހެޔޮވަރުކޮށްދޭ ހެދުމެވެ. ކައި އުޅުނީ މަންމަ ކައްކާ ކާނާއެވެ. އުޅެ ބޮޑުވީ މަންމަގެ މުއްފަތުގައެވެ. ބައްޕަ، އެ ލަފުޒަކީ އަހަންނަށް ބީރައްޓެހި ލަފުޒެކެވެ.

"އެކި ކުދީންނަށް ލިބޭނީ އެކި ނަސީބު. ދަރިފުޅު އުރައިލުމުގެ ނަސީބު ބައްޕައަށް މި ދުނިޔެއިން ނުލިބުނީ" މަންމަގެ ބަސްމަގު އަހަރެން ހިތުން ފިލައިގެން ނުދެއެވެ. "މަންމަ ދެއްކި މަގުން ހިނގައިގެން ދަރިފުޅަށް ޖަންގައްޔަކަށް ވަންނާކަށް ނުޖެހޭނެ. އެކަމަކު ދަރިފުޅު ވެސް ވާނެ ދިރިއުޅުމުގެ ހަނގުރާމައާ ކުރިމަތިލާން. އެއީ ފަސޭހަ ކަމެއް ނޫން. ދަތި އުނދަގޫ ކަމެއް. އިމްތިހާނު ކަރުދާސް އެކި މީހުންނަށް ލިބެނީ އެކި ވަގުތު. އެކި ހާލަތުގަ. މަންމަގެ އިމްތިހާނު ކަރުދާސް އަތަށް އެރީ ދަރިފުޅަށް ބަލިވެ އިންކަން އެނގުނު ދުވަހު. އޭރު ބަނޑަށް އެއްމަސް. އެދުވަހު ހިތްވަރު ލިބުނީ މަންމަގެ ހަށީގައި ޖަހަމުން ދިޔަ ދަރިފުޅުގެ ވިންދުން"

މަންޒަރުގެ ތެރެއަށް ސިޔާދު ގެނެސްދިނީ މަންމައެވެ. އެއީ މަންމަގެ ހޮވުމެކެވެ. އަހަންނަށް ޖެހުނީ މަންމަ ފަހައިދިން ހެދުން ގަޔަށް ހެޔޮވަރު ކުރާށެވެ. ހިތުގައި ވިންދެއް ޖެހިކަން އަހަންނަށް ވިސްނުނީ ކުޅެން ދަނޑަށް ނިކުތް ފަހުންނެވެ. އެއީ އަހަރެން ހަދަމުން ދިޔަ ކޯހުގެ ފަހު އަހަރެވެ. ކޯހުގެ މަސައްކަތްތައް ކުރުމަށާއި ކުލާހަށް ދިޔުމަށް އޮތް މިނިވަންކަން މަޑުމަޑުން ހަނިވާން ފެށިއެވެ. ގުޅައިލާ އިރަށް ގެއަށް އަންނަން މަޖުބޫރުވާން ފެށިއެވެ. ގަޑި ނުނިމެނީސް ކުލާހުން ނުކުންނަށް ޖެހޭ މިންވަރު އިތުރުވީއެވެ.

"ހުދާއަށް ތިޔަ އަންނަނީ ރަނގަޅު ބަދަލެއް ނޫން" އަޔާޒު އަހަންނަށް ބަލައިލަމުން ވާހަކަ ފެށިއެވެ. "މީހަކާ އިނުމުގެ މާނައަކީ ރަހުމަތްތެރިކަން ކެނޑުންތަ؟ އެކުގައި އުޅޭ ރަހުމަތްތެރިންނަށް ކަންކަން ސިއްރު ކުރުންތަ؟ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ސިޔާދަކީ ހުދާގެ ފިރިމީހާ. އޭނާ ހުދާގެ ދިރިއުޅުމަށް އައީ އިހަށް ދުވަހު. އަހަރުމެން އެކުގައި އުޅޭތާ ދެ އަހަރު ނިމި ތިންވަނަ އަހަރަށް ފެށުނީ"

"ހުދާ! ކީއްވެތަ އެއްޗެއް ނުބުނެ ތި އިންނަނީ؟" ނިއުމާފެށީ އަހަރެން އަނގައިން ނުބުނުމުންނެވެ. "މޫނުމަތީގެ ކުލަވަރާ ނިތްމަތީގެ އަޅައިފައިވާ މަލަން ގަނޑުން ވަރަށް ގިނަކަންކަން ދޭހަކުރެވިދާނެ" "ބަލަ ހިއްސާނުކުރެވޭހާ ބޮޑު ކަންތައް ގަނޑެއް ވެސް ހިނގަނީތަ؟" ފަރީޝާ ވެސް މައިލޯ ޕެކެޓުން ތުނބުން ނައްޓައިލަމުން އަޔާޒުމެންނާ ބައިވެރިވިއެވެ. "އަހަންނަށް މިހާރު އެހެން އެއްޗެއް ހީވާން ފަށައިފި. އަނެއްކާ ސިޔާދު ހުދާއަށް އަނިޔާ.."

"އެންމެން ހުދާއަށް ދިމާ ނުކޮށްބަލަ" އަޒުރާ ބިސްކޯދެއް ދިއްކޮށްލަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. އަހަންނަށް އިނދެވުނީ އެކި ކޮޅުކޮޅަށް ހިނގަމުން ދިޔަ ކުދީންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އެމީހުން ދެއްކި ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީއެވެ. "ބަލަ ހުދާ އަނގައިން ބުނެބަލ.." ނިއުމާ އަހަރެންގެ އަތުގައި ހިފިއެވެ.

ސިއްސައިގެން ގޮސް އަހަންނަށް ބަލައިލެވުނެވެ. ފަހަރަކު މީހަކު މޫނަށެވެ. ހައިރާންކަމާ އެކުގައެވެ. "ތިހިރަ އަންނަނީ ހުދާގެ ފިރި...؟" ނިއުމާގެ ޖުމުލަ ނުނިމެނީސް އަހަންނަށް ފަހަތް ބަލައިލެވުނެވެ. ގޯތިތެރެއަށް ވަދެގެން ސިޔާދު އަންނާތީ އަހަންނަށް ފެނުނެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ތެދުވެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ސިޔާދުއާ ދިމާއަށް އަހަރެން ދިޔައީމެވެ.

ސިޔާދުގެ ދެ އަތް ހުރީ ގަޔާ ދުރުކޮށްލެވިފައެވެ. މޭ ހުރީ ފުއްޕާލައިފައެވެ. ސިޔާދުގެ މޫނަށް އަހަރެން ބަލައިލީމެވެ. ދެ ބުމަ ވަނީ ވާންކޮށްލާފައެވެ. ތުންފަތްވަނީ ނުފެންނާނެހެން އެތެރެއަށް ގޮނިކޮށްލާފައެވެ.

'ނޫން ނޫން ސިޔާދު... އޭނާއަށް ކަމެއް ނުކުރާތި ގޮތެއް ނުހަދާތި. ކުރާކަމެއް އަހަންނަށް ކުރޭ" އަހަރެން ސިޔާދު މޭގައި ލައްވެލީމެވެ. އާދޭސްކުރަމުން އޭނާގެ ޓީޝަރޓުގައި ހިފައި ރޮމުންނެވެ.

ނަމަވެސް އެ އަޑު ސިޔާދަށް އިވުނު ކަމަކަށް ނުވިއެވެ. އަހަރެން ފޮޅުވާލުމަށްފަހު އޭނާ ދިޔައީއެވެ. ސިޔާދު ގޮސް ކުރިމަތިލީ ސީދާ އަޔާޒަށެވެ.

"ކަލޭ ހިމޭނުން ނޫޅެވެންޏާ ސައިޒުކުރަން ޖެހިދާނެ. މީގެ ފަހުން ހުދާއާ ކަލޭ ވާހަކަ ދައްކައިފިނަމަ ހުދާގެ ދޫ ކަލޭގެ އަތްމައްޗަށް ލާން ޖެހިދާނެ. ހުދާ ކަލެއާ ވާހަކަދައްކާނަމަ ކަލޭގެ ދޫ ހުދާގެ އަތްމައްޗަށް ލާން ޖެހިދާނެ" އަޔާޒުގެ ގިރުވާނުގައި ހިފާ ނަގަމުން ސިޔާދުގެ ޝަހާދަތް އިނގިލި އަޔާޒަށް އަމާޒުކުރިއެވެ. "މާ ހުދާ ވެގެން ނޫޅޭތި؟"
އަހަރެން ސިޔާދުގެ އަތުގައި ހިފީމެވެ. ރޮމުން ގިސްލަމުން އާދޭސް ކުރީމެވެ. އަޔާޒަށް ގޮތެއް ނުހެދުމަށް އެދިއެވެ. ނިއުމާމެން ތިބީ ބިރުން ރޫރޫއަޅައެވެ. ކުރަންވީކަމެއް ހަދަންވީ ގޮތެއް ނޭނގިފައެވެ.

މަންޒަރު ނިމިގެން ދިޔައީ ކޯހުގެ ފަހު ދުވަހަށް އެދުވަސް ވެގެންނެވެ. މައްސަލައަކަށްވީ އަހަރެން ކުލާހުގައި އަޔާޒު ކިޔެވުމެވެ. އަހަންނަށް ޖެހުނީ ގޮތެއް ނިންމާށެވެ. ހިތުގެ އެދުން ފާޅުނުކޮށް ހިންދާލާށެވެ. އެދުވަހަށްފަހު އަހަރެންގެ އެކުވެރިންނަކީ ކޮޓަރީގެ ހަތަރުފާރެވެ. އުފަލަކަށްވީ ރުއިމާއި ގިސްލުމެވެ. އެއީ ކުރާހިތުން ކުރާ ކަމަކަށް ބަދަލުވިއެވެ. ބަދަލުވަމުން ދިޔަ އަހަރެންގެ މިޒާޖާއި ހަށިގަނޑު ފެނުމުން މަންމަގެ ސުވާލުތައް އިތުރުވިއެވެ. ސަބަބެއް ނެތި ކިޔެވުން ހުއްޓާލުމާއި ބަސްމަދުވުމުންނެވެ.

"މައްސަލައަކީ މަންމައަށް ބަލަންވީ ވަރަށް ނުބެލުން. ސިޔާދަކީ ގޯސް މީހެކޭ މަންމަ ނުބުނާނަން. ސިޔާދު ހުދާ ދެކެ ވަރަށް ލޯބިވި އެކަން މަންމައަށް އެނގޭ" އަހަރެންގެ ހާލާމެދު ކަންބޮޑުވުން ފާޅުކޮށް މަންމަ ވާހަކަދެއްކިއެވެ. "ސިޔާދުގެ ކުއްލި ބަދަލު މަންމައަށް ޤަބޫލެއް ނުކުރެވޭ"

"މަންމާ ދިރިއުޅުމަކީ ހަނގުރާމައެކޭ މަންމަ ބުނީމެއްނު. އަހަރެންގެ ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރަން އަހަންނަށް އެނގެންވާނެ. މި ދޭތެރެއަށް މަންމަ ވަނީމަ ރަނގަޅެއް ނުވާނެ" އަހަރެން ބޭނުންވާ ގޮތް މަންމަ ގާތު ބުނެދިނީމެވެ.

"ހުދާއަށް އެނގޭނީ ޝަކުވާ ކުރަން. މައްސަލަ ހައްލުކުރާކަށް ހުދާ ބޭނުންމެއް ނުވޭ" ސިޔާދު ހިތްހަމަ ނުޖެހުނީ މަންމަ އޭނައާ ވާހަކަދެއްކުމުންނެވެ. "ދެމަފިރިން ދޭތެރެއަށް މަންމަ ވައްދާކަށް ނުޖެހޭނެ"
"ދެމިފިރިނަށް ބަދަލު ކުރީ ކާކު؟" އަހަރެން ގޮތް ދޫކުރަން ބޭނުން ނުވިއެވެ. ކޮޓަރީގެ ދޮރު ލައްޕާލުމަށް ފަހު ސިޔާދަށް ފުރަގަސްދެމުން އެނދުގައި އިށީނީމެވެ.

"ތިޔޭ ހުދާގެ މައްސަލައަކީ؟ ހުދާ ހިތުން އެ އަޔާޒު ހުދާ ދެކެ އަދިވެސް ލޯބިވޭ. ލޯބިވާ މީހަކަށް އެއްމެ ސިކުންތަކަށް ވެސް އެމީހަކާ ދުރުގައި ނުހުރެވޭނެ. ހުދާއަށް ލޯތްބަކީ ކޮން އެއްޗެއްކަން އަދި ނުވިސްނެނީ" ސިޔާދުގެ ރާގު ބަދަލުވަމުން ދިޔައެވެ. "އަހަރެން ހުދާ ދެކެ މިވަރަށް ލޯބިވާ އިރު ވެސް އަހަރެންހާ ނުބައި މީހަކު ނެތް"

"ރަނގަޅު މީހުންނެއް އެހެން މީހުން ކުރިމަތީ ތިމާގެ އަނބިމީހާ ފަޟީހަތް ނުކުރާނެ" އިންތިޒާރު ކުރަމުން ދިޔަ ދުވަސް އައުމުން ފުރުޞަތުގެ ބޭނުން އަހަރެން ހިފީމެވެ. "ސިޔާދާ އިނދެގެން އަހަންނަށް ލިބުނީ ކޮން އުފަލެއް؟ ކޮން ހިތްހަމަ ޖެހުމެއް؟ އަހަރެން އުޅެން މި ޖެހެނީ ހުރަ ގެއެއްގަ؟ ލޯބިވާ މީހެއްނަމަ އެމީހެއްގެ ކުރިއެރުމަށް ހުރަހެއް ނާޅާނެ. ކުރިއަށްދާންވީ މަގު ދައްކާނެ. ލޯބިވާ މީހުން އެ މީހާގެ އަމިއްލަ ނަފުސަށް ވުރެ ލޯބިވާ މީހާއަށް އިތުބާރުކުރާނެ. ސިޔާދު އަހަންނަށް ކުރަނީ ކޮން އިތުބާރެއް. އަހަރެން ފޯނުގެ ހަރަކާތްތައް ސިޔާދުބަލާ"

"އޭނ ހުދާ އަދިވެސް ބޭނުންވަނީ އެ އަޔާޒުގެ އުނގަށް ވަންނަން ދާންތަ؟" ސިޔާދު ކޮޅަށް ތެދުވިއެވެ. "ބުނެބަލަ ސީދާކޮށް ހުދާ ލޯބިވަނީ އަޔާޒު ދެކެއޭ"

"އަހަރެން ދުވަހަކު ވެސް އެހެން ބުނިންތަ؟" އަހަރެން ބޭނުންވީ ސިޔާދާ ކުރިމަތިލާށެވެ. މައްސަލަ ހައްލުވާން ޖެހޭތީއެވެ.

"ބުނެބަލަ ނިކަން ބުނެބަލަ؟" ސިޔާދު އަހަރެންގެ ކޮލުގައި ހިފައި ބާރުކޮށްލިއެވެ. "އެ އަޔާޒުގެ ނަން ބުނެފިނަމަ މި ކަތުރުން ދޫ ބުރިކޮށްލާނަން"

ސިޔާދު އަހަރެނާ ދިމާއަށް ކަތުރު ދިއްކޮށްލިއެވެ. އަހަރެން ތެޅި ގަތީމެވެ. ބާރުބާރަށް ބޯ ހޫރުވަމުންނެވެ. ސަލާމަތަށް އެދި އާދާސްކުރަމުންނެވެ.

"ދޫކުރޭ! އަހަރެން ދޫކުރޭ! އަހަންނަށް ތިހެން ނުހަދާ. އާދެސްކޮށްފަ" އަހަންނަށް ބާރުބާރަށް ހަޅެއްލައިވާ ގަނެވުނެވެ.
ކޮންމެވެސް މީހަކު އަހަރެންގެ ދެ އަތުގައި ހިފެހެއްޓިކަން އެނގެއެވެ. މަޑުމަޑުން ދެ ލޯ ހުޅުވާލީމެވެ. މުޅި މަންޒަރު ސާފެވެ. މައްޗަށް ބަލައިލީމެވެ. އަހަންނަށް ފެނުނީ ވަރުބަލިކަމެއްނެތި އެނބުރެމުން ދިޔަ ފަންކާއެވެ. މަޑުމަޑުން ކަނާއަތް ފަރާތަށް މޫނު އަރިކޮށްލީމެވެ. ހިނިތުންވެލައިގެން އަޔާޒު ހުއްޓެވެ. ސިހިފައި އަހަންނަށް ތެދުވެވުނެވެ.

"ހާސް ނުވޭ. ދެރަ ނުވޭ" އަޔާޒު އަހަންނާ ދިމާއަށް ބަލައިލިއެވެ. "ހުދާ އެނބުރުނީމަ ހޮސްޕިޓަލަށް ގެނައީ އަހަރެން. މަންމަ ހުރިހާ ވާހަކައެއް ކިޔައިދީފި. އެރޭ ހުދާއަށް އަނިޔާ ކުރަނިކޮށް ފުލުހުން ވަދެ ސިޔާދު ގެންދިޔަ ވާހަކަ ބުނެދިން" އެނދުގެ އަނެއް ފަރާތަށް ބަލައިލީމެވެ. މަންމަ ހިނިތުންވެލައިގެން ހުއްޓެވެ. "ދަރިފުޅާ ދެން ތިޔަ ފިކުރުތަކާ ދުރުވޭ. އެ ހަނދާންތަކުން ނުކުންނަށް މަސައްކަތްކުރޭ. މިހާރު އެކަން ނިމި ދިޔަތާ ކޮން ޒަމާނެއް. އަޔާޒު ވެސް އެ ހުރީ ދަރިފުޅުގެ ގާތުގަ" އޯގާތެރިކަމާއެކު މަންމަ ބުނެލިއެވެ. "މީގައި ގޯސް ހެދުނީ މަންމައަށް"

"ނޫނޭ މަންމާ ތިޔަހެން ނުބުނޭ" އަޔާޒު މަންމަގެ މޫނަށް ބަލައިލިއެވެ. "އަހަރެންގެ ހިތުގައި ހުދާގެ ތަސްވީރު ކުރެހުނުކަން ޚުދު އަހަންނަށް ވެސް ނުވިސްނޭ. އެހެން ނަމަތާ އެވާހަކަ ބުނާނީ. އަހަންނަށް ވެސް އެކަން އެނގުނީ ހުދާ އަހަރުމެންނާ ވަކިވާން ޖެހުނު ދުވަހު. އޭގެ ފަހުން އަހަންނަށް ވިސްނުނީ އަހަންނަށް ހުދާ ދެކެ ލޯބިވެވުނުކަން"
އަހަންނަށް ބަލައިލެވުނީ އަޔާޒުގެ މޫނަށެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ތާޒާކަމެވެ. ހިތްހަމަ ޖެހުމެވެ.

"އަހަރެންގެ ދިރިއުޅުން ބޮއްސުންލީ ވެސް ހުދާގެ ހަނދާތަކާ ހަނގުރާމަކުރުމުގެ ތެރެއިން" އަޔާޒު އަހަންނާ ހަތަރުކަޅި ހަމަކޮށްލިއެވެ. "އަހަރެން ގަބޫލުކުރާ ހަގީގަތަކީ ދުލުން ބުނުނެވުސް ބައެއް ވާހަކަތަކަކީ ހިތުން ހިތަށް ދައްކާ ވާހަކަތަކެއް ކަން. ހިތުން ބުނެދީފަ ހުންނަ ވާހަކަތަކަކީ ދާއިމީ ވާހަކަތަކެއްކަން. އެ ވާހަކަތައް ތަރުޖަމާ ނުކުރެވިއްޖެ ނަމަ ކިތައްމެ ޒަމާނެއް ވިޔަސް އެ ވޭނުގައި އުޅެން ޖެހިދާނެކަން. މީހަކާ އިނަސް އަހަންނަށް އުފަލެއް ހިތްހަމަ ޖެހުމެއް ނުލިބުނު. އަނބިމީހާ ކިތައްމެ ރަނގަޅަސް އަހަންނަށް އޭނާއަށް އޯގާތެރި ނުވެވުނު. އަހަންނަށް އޭނާއާ ގާތެއް ނުވެވުނު. ލޯތްބެއް ނުދެވުނު. އެހެންވެ އޭނާ އަހަންނާ ވަކިވާން އެ ނިންމީ"

"ކޮންމެ ކޮންމެ ވާހަކައަކީ ބުނަން ޖެހޭ ވާހަކައެއް ނޫން. ކޮންމެ ކޮންމެ ވާހަކައަކީ ބުނަން ފަސޭހަ ވާހަކައެއް ވެސް ނޫން" މަންމަ ވެސް އަޔާޒުގެ ފޮޅުވަތް މަތީ އަކުރުއަޅައިލިއެވެ.

"އާނ! ދުލުން ނުބުނެ ދެއްކޭ ވާހަކަތައް ތަރުޖަމާ ކުރަން ޖެހޭނީ ހިތުން" އަޔާޒު އަހަރެންގެ އަތުގައި ހިފައިލިއެވެ. "ދެން އަހަރެން ހުދާ ދޫކޮށެއް ނުލާނަން. ހުދާގެ ތިޔަ ފިކުރުތައް ބުނެނުދިނަސް އެއަށް ފަރުވާދޭނަން. އާނ ކުރިން ނުބުނެވުނަސް މިހާރު ބުނެވިއްޖެ. މިހާރު ދަސްވެއްޖެ"
ހިޔާލު

އަމީރާ

ތި މަގޭ ވާހަކަ