Faseyha Molhakaeku Liverpool Alun 1 Vana Ah
image
0 ކޮމެންޓް
 

ފަސޭހަ މޮޅާއެކު ލިވަޕޫލް އަލުން އެއް ވަނައަށް

މިރޭ ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބޯންމަތު ބައްދަލު ކުރި މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދާ، ލިވަޕޫލް ޕްރިމިއާ ލީގް ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.
ލިވަޕޫލުން މިރޭގެ މެޗު ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ފުރަތަމަ ލަނޑެއް ޖަހާ ލީޑު ހޯދައިދިނީ ސަޑިއޯ މާނޭ އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު އޭނާ ކާމިޔާބު ކުރި ލަނޑާއެކު ލިވަޕޫލުން ލީޑު ނެގިއިރު އޭގެ ދިހަ ވަރަކަށް މިނެޓު ފަހުން ލިވަޕޫލުގެ ވައިނަލްޑަމް ވަނީ ލަނޑެއް ޖަހާ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ލިވަޕޫލުން މެޗުގައި ކާމިޔާބު ކުރި ތިން ވަނަ ލަނޑު، މެޗުގެ ދެވަނަ ހާފުގެ ފެށިގެން މިނެޓު ކޮޅެއް ފަހުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އެވެ.

މިރޭ މެޗުން ހޯދި ތިން ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ އެއް ވަނަ ޓީމުގެ ގޮތުގައި އޮތީ 26 މެޗުން 65 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 26 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. މާދަމާ ރޭ ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ޗެލްސީއާ ދެކޮޅަށް މެޗެއް ކުޅެން ހަމަޖެހިފައިވާއިރު މި މެޗުން ސިޓީ މޮޅުވެއްޖެނަމަ އެޓީމަށް އަލުން ތާވަލުގެ އެއް ވަނައަށް ޖެހިލެވޭނެ އެވެ.
ހިޔާލު