Fathimath ge 2 Kidney failve ehee ah beynun vefai
image
ފާތިމަތު މޫސާ--
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ފާތިމަތުގެ ދެ ކިޑްނީ ފެއިލްވެ، އެހީއަށް ބޭނުންވެފައި

ރ. މީދޫއަށް އުފަން އެރަށު ރޯޒްމީޑު، އުމުރުން 56 އަހަރުގެ ފާތިމަތު މޫސާއަކީ ދެ ކިޑްނީ ފެއިލްވެ މަރާ ހަނގުރާމަ ކުރަމުންދާ އަންހެނެކެވެ. ފަސް ދަރިންގެ އެ މަންމަގެ ދެ ކިޑްނީ ވެސް މިހާރު މަސައްކަތް ކުރަނީ އެންމެ ދެ އިންސައްތައަށް ކަމުން ފާތުމަތުގެ ބައްޔަށް ފަރުވާ ހޯދުމަށް އާއިލާއިން މިވަނީ އާންމުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. muni
މީގެ ހަތަރު އަހަރު ކުރިން ފާތިމަތު އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ ފައި ދުޅަވެގެންނެވެ. އެއީ ވިހައިގެ ސަބަބުން ވީކަމެއްކަމަށް އޭރު ފާތިމަތަށް ހީކުރެވި އޭނާ ވަނީ އެކަމަށް ދިވެހި ބޭސް ކޮށްފައެވެ. އެކަމަކު، ދިވެހި ބޭސް ކޮށްގެންވެސް ދުޅަ ތިރިނުކުރެވުމުން އޭނާ ވަނީ ރަށު ޑޮކްޓަރަށް ދައްކާފައެވެ. އަދި އެއީ ކިޑްނީ މައްސަލައެއްކަމަށް ލަފާކޮށް އެރު ޑޮކްޓަރުން ވަނީ ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމަށް ލަފާދީފައެވެ.

"ސީއެންއެމް"އާ ވާހަކަ ދައްކަވަމުން ފާތިމަތުގެ އެންމެ ހަގު އަންހެން ދަރިފުޅު އަސްރާ އަސްލަމް ބުނީ، އަތޮޅު ހޮސްޕިޓަލުގައި އިން އެތެރެ ހަށީގެ ޑޮކްޓަރަކަށް ދެއްކުމުން އެޑޮކްޓަރު ވެސް ވަނީ މާލެ ދިއުމަށް ލަފާދީފައި ކަމަށެވެ. އެގޮތުން މާލެ އައިސް ކިޑްނީގެ ސްޕެޝަލިސްޓަކަށް ދެއްކުމުން ކިޑްނީގެ މައްސަލަ ހުރި ކަން ޔަގީންވި ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު، އިތުރު ފަރުވާ ހޯދުމަށް އިންޑިއާއަށް ދިޔަ ކަމަށް އަސްރާ ބުނެއެވެ. އެގޮތުން އޭރު ޓެސްޓުތަކެއް ހެދުމަށް ފަހު ބޭސް ކައިގެން ރަނގަޅުވާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ދިން ކަމަށް އަސްރާ ބުންޏެވެ.

"އޭރު ނުބުނެ އެހާ ބޮޑަށް ސަކަރާތް ވާހަކައެއް. ދެން މިކޮޅަށް އައިސްފަ ކޮންމެ ހަ މަހަކުން ބޭސް ހުސްވީމަ ދާނެ ބޭރަށް. އެގޮތަށް ދިޔަމަ ވެސް ނުބުނެ މަންމަ އެހާ ސަކަރާތް ވާހަކައެއް." މަންމަގެ ބަލި ހާލަތާ ގުޅޭގޮތުން އަސްރާ ބުންޏެވެ.

އަސްރާ ބުނީ، މަންމައަށް ޑައިލަސިސް ހެދުމަށް ހޮޅި ލެއްވުމަށް ޑޮކްޓަރުން ލަފާދިނީ މިދިޔަ އަހަރުގެ ފަހުކޮޅު އިންޑިއާއަށް ދިއުމުން ކަމަށެވެ. އެކަމަކު، ހޮޅި ނުލައްވާ އެވަގުތު ފަރުވާ ދެވެން ނެތްކަމަށް ބުނެ މަންމަ އަނބުރާ ރަށަށް އައިކަން ފާހަގަކޮށް އަސްރާ ބުނީ، މިއަހަރުގެ ތެރޭގައި މަންމަގެ ހާލު ވަރަށް ބޮޑަށް ދެރަވި ކަމަށެވެ.

"ލޭ މަދުވެގެން ހިނގާލާ އިރަށް މިހާރު ހުންނަނީ ވަރުބަލިވެފައި. ނުވެސް ކެވޭ މޭނުބައި ކުރާތީ. އެހެންވެ ރަށުން ލޭ އަޅާފައި ބުނީ ދާށޭ އުނގޫފާރަށް ޓެސްޓުތަކެއް ހަދަން. އުނގޫފާރަށް ދިޔައިމަ ބުނީ ދާށޭ އިތުރު ޓެސްޓުތަކެއް ހަދަން މާލެ. ދެން މިފަހަރު ދިޔައިމަ މި އެނގުނީ މަންމަގެ ކިޑްނީ ދެ އިންސައްތައަށް ވެސް މަސައްކަތް ނުކުރާކަން،" އަސްރާ ކިޔައިދިނެވެ.

އެމަޖެންސީގައި ޑައިލަސިސް ހެދުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް މިހާތަށް ޑައިލަސިސް ހެދުމަށް ހޮޅި ލެއްވިފައެއް ނުވެއެވެ.

"އަދި ވެސް ހޮޅި ލެއްވިފައެއް ނުވެ. ދެން މާދަމާ ހޮޅި ލެއްވޭނެ ކަމަށް ބުނަނީ. އެކަމަކު މިހާރު މާ ލަސްވާތީ ހޯމަ ދުވަހު އިންޑިއާއަށް ދެވޭތޯ މިއުޅެނީ." އަސްރާ ބުންޏެވެ.

އެކަމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމުން، އެއާއިލާއިން މިވަނީ ތި އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

އާއިލާއަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:
ރުފިޔާ އެކައުންޓު: 7717332696001 - އަސްލަމް އާދަމް، ފިރިމީހަ
ޑޮލަރު އެކައުންޓު: 7730000171426 - މުހައްމަދު އާސިފް، ދަރިފުޅު
ފޯނު ނަމްބަރު: 7645376 - އަސްރާ އަސްލަމް

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

ސސ

ޔާ ﷲ ފާތިމަތަށް އަވަސް ޝިފާއެއް ލައްވައި ސިއްހަތާއި ޢަފިޔަތުގެ ނިއުމަތް މިންވަރު ކުރައްވާށި! އާމީން