Hiley mathee thauleemu ungenumuge vaudhu, aneh Husnuvaa Aasandhaah baa?
image
ގައުމީ ޔުނިވަސިޓީ: ހިލޭ މަތި ތައުލީމް ދިނުމުގެ ސިޔާސަތު ހަރުދަނާވާން ޖެހޭ--
އާއިޝަތު ހުސައިން
4 ކޮމެންޓް
 

ހިލޭ މަތީ ތަޢުލީމު އުނގެނުމުގެ ވަޢުދު ވެގެންދާނީ އަނެއް ހުސްނުވާ އާސަންދައަށް ބާ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅުއްވާފައިވާ މުހިއްމު ވަޢުދުތަކުގެ ތެރެއިން ޑިގްރީއާ ހަމައަށް ހިލޭ މަތީ ތަޢުލީމު ހާސިލްކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ އާއްމު ރައްޔިތުން، އަދި ވަކީން ހާއްސަކޮށް ކިޔަވާ އުމުރުފުރައިގެ ރައްޔިތުން އެކަމަކަށްޓަކައި ވަރަށް ބޮޑަށް އެދި އެދި ހުރި ކަމެކެވެ.
ގިނަ ބައެއްގެ ތުންތުންމަތިން މިއަދު ދެކެވޭ އެއް ވާހަކައަކީ މި ވައުދު އިއުލާނުކުރާނީ ކޮންއިރަކު ބާވައެވެ. މި ވައުދު ވާނީ ހުސްނުވާ އާސަންދަ ފަދަ ވަޢުދަކަށް ބާވައެވެ. ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ޖަނަވަރީ އިންޓޭކް ހުޅުވި ކިޔެވުން ފެށެންވީއިރަށްވެސް މި ވައުދު ނުފުދި އޮތުމަކީ ހިލޭ ކިޔެވުމުގެ ފުރުސަތަށް ބަލަބަލައި ތިބި އެތައް ބަޔަކަށް މާޔޫސްކަން ގެނުވާނެ ކަމެއްކަން ޔަގީނެވެ.

ގުޅިފައިވާ ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާގޮތުން "ދުރުންދޭ ތައުލީމުގެ ފުރުސަތު ފުޅާކޮށް، ކޮންމެ ރަށެއްގައި ހުރެގެންވެސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށާއި، ކިޔަވާން ބޭނުން ކޮންމެ ޢުމުރު ފުރައެއްގެ ކޮންމެ ދިވެހި ރައްޔިތަކަށް ފަހިކޮށްދެވޭނެއެވެ." މިސްޓޭޓްމަންޓުން ފާހަގަކުރެވޭ އެއްކަމަކީ އެއްވެސް ދިވެހި ރައްޔިތަކު ބާކީ ކުރުމުއް ނެތި ކޮންމެ ރަށެއްގައި ހުރެގެން ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭނެކަމެވެ. ވީމާ، މި ސިޔާސަތުގެ ދަށުން ހިލޭ ކިޔެވުމުގެ ފުރުސަތަށް ބަލަބަލައި ތިބި ފަރާތްތަކަށް މިއީ ލިބިގެންދާ ވަރަށް ބޮޑު އުއްމީދެކެވެ.

މިއާ ވިދިގެން މެނިފެސްޓޯގައި ބަޔާންކޮށްފައިވަނީ "ހުރިހާ ދިވެހީންނަށް މަތީ ތަޢުލީމު ލިބިދިނުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތެވެ. މިކަމަށްޓަކައި ފުދުންތެރިކަން ކުޑަ އާއިލާތަކުގެ ކުދިންނަށް ހިލޭ މަތީ ތަޢުލީމު ފޯރުވައިދެވޭނެއެވެ." މި ސްޓޭޓްމަންޓުން ފާހަގަކުރެވޭ ކަމަކީ ފުދުންތެރިކަން ކުޑަ އާއިލާތަކަށް ހާއްސަ އިސްކަމެއް މި ސިޔާސަތުގެ ދަށުން ލިބިގެން ދާނެކަމެކެވެ. އެޑިއުކޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އޯލެވެލް ނިންމާ އޭލެވެލްގައި ބައިވެރިވަނީ 31 އިންސައްތަ ދަރިވަރުންނެވެ. ވީމާ، 69 އިންސައްތަ ދަރިވަރުންނަކީ އޭލެވެލްގައި ބައިވެރިވެވޭނެ މިންވަރަށް ފާސްނުވާ ނުވަތަ އެހެނިހެން ސަބަބުތަކަށްޓަކައި ނަމަވެސް އޭލެވެލްގައި ބައިވެރިނުވާ ދަރިވަރުންނެވެ. މިއީ ހަމައެކަނި އޯލެވެލްގައި ބައިވެރިވާ މިންވަރުގެ ތެރެއިންނެވެ. އަދި މިއަށްވުރެ ދަށުގެ ލެވެލްތަކުން ކިޔެވުން ހުއްޓާލާ ދަރިވަރުން މީގެ ތެރޭގައި ނުހިމެނެއެވެ.

އޯލެވެލްގެ ފަސް މާއްދާއިން ފާސްވެގެން އޭލެވެލްގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންނަކީ ޕްރައިވެޓް ޓިއުޝަން ފަދަ ކިޔެވުމުގެ އިތުރު އެހީ ލިބިގެން ބައިވެރިވާ ކުދިންނެވެ. އެހެންކަމަށްވާނަމަ، މި ދަރިވަރުންނަކީ ކޮންމެވެސް މިންވަރަކަށް މާލީ ތަނަވަސްކަން ލިބިފައިވާ ދަރިވަރުންނަށްވުމަކީވެސް އެކަށީގެންވާކަމެކެވެ. ވީމާ، މި ސިޔާސަތުގެ ތެރެއިން އެއްމެ މުހިއްމު ސަމާލުކަމެއް ލިބިދޭންޖެހޭ އެއްބަޔަކީ އޯލެވެލް ނިންމާ އޭލެވެލްއަށް ކިޔެވޭނެ ފުރުސަތު ނެތި ނުވަތަ އެހެނިހެން ގޮތްގޮތުންވެސް މަތީ ތައުލީމު ހާސިލުކުރުމަށް ގޮންޖެހުންތައް ދިމާވެފައިވާ ފަރާތްތަކެވެ.

ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ އަނެއް ކަމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ބޭނުންވާ ގާނޫނީ ބާރުދޭނެ ގާނޫނެއް ޑްރާފްޓް ކުރުމެވެ. ހިލޭ މަތީ ތަޢުލީމުދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެއްމެ ސަމާލުކަން ދޭންޖެހޭ އެއް ކަމަކީ ހަމަ ޔަގީނުންވެސް މަތީ ތައުލީމުގެ ފެންވަރު އެކަށައެޅުންކަމުގައި ނޫނީ ނުވާނެއެވެ. އެކި ނަންނަމުގެ ސްޓަޑީ މޯޑްތަކާއި، މިންގަނޑެއް ނެތް ފުލްޓައިމް އަދި ޕާޓްޓްއިމް ކިޔެވުމަކީ މުޅި ރާއްޖޭގައިވެސް އެންމެން ދައްކާ އެއްވާހަކައެވެ. މިއާ ވިދިގެން ދެކެވޭ އަނެއް ވާހަކައަކީ ފެންވަރު ދަށް ކޯސްތަކުގެ ވާހަކައާއި، ވަޒީފާގެ ބާޒާރަށް ބޭނުމެއް ނުހިފޭ އެތައް ހާސް ކުދިންނެއް ގްރެޖުއޭޓް ކުރާ ވާހަކައެވެ.

މަތީ ތަޢުލީމުގެ ހިލޭ ފުރުސަތު ދިނުމުގައި މި ގޮންޖެހުންތަކަށް ވިސްނާ މިކަމާއި ގުޅުންހުރި މިންގަނޑުތަށް އެކަށައަޅާ މި މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ސިޔާސަތުތައް ތަންފީޒުކުރުމަކީ މުހިއްމުކަމެކެވެ. އަދި ވަކީން ހާއްސަކޮށް ގަޢުމަށް ބޭނުންތެރި ދާއިރާތަކުން ކިޔެވުމުގެ ފުރުސަތުތައް ފުޅާކޮށް، ކިޔަވާ ދަރިވަރުންގެ ކިބައިގައި ބޭނުންވާ ހުނަރާއި މައުލޫމާތު އެދާއިރާއަކުން ލިބިފައިވާކަން ކަށަވަރުކުރުމަކީ ހަމަ އެހާމެ މުހިއްމުކަމެކެވެ. ހުސްނުވާ އާސަންދައަށް ދިމާވީހެން އާސަންދައިގެ ބޭނުން އެއްމެބޮޑަށް ބޭނުންވާ ފަރާތްތަކާއި ބޭނުންވާ ހިނދު އޭގެ ބޭނުން ނުލިބި، ބޭނުންނުވާ ފަރާތްތަކާއި، ނާޖާއިޒު ފައިދާ ނަގާ ފަރާތްތަކަށް އޭގެ ބޭނުންހިފޭނޭހެން އޮތްއޮތުމަކީ ސިޔާސަތުގެ އެކުލަވާލުމާއި ތަންފީޒުކުރުމުގައި ހުރި ދޯހަޅިކަމެކެވެ. މިހެން ހިލޭ މަތީ ތައުލީމު ފޯރުކޮށްނުދެއްވައިފިއްޔާ ސަރުކާރަށް ސާބަހެވެ.
ހިޔާލު

މީހާ

ރަށުގައި އޯލެވެލްހަދައި 6 ޔޫ ލިބުނު މީހާ ވިލާއަށްވަދެ އޮނަރސް ޑިގްރީ ހިފައިގެން އައިސް ކިޔަވައިދޭން ތިބީމާ މި ސިސްޓަމްގެ ފެންވަރު އޮތްމިންވަރު ވަރަށް ސާފް. މިބުނާ ޓީޗަރު ކިޔަވައިދޭން ނުކުމެ އޯލެވެލްގައި ބައިވެރިކުރުވި ކުދިންތެރެއިން ފާސްވީ އެންމެ 15% ދެންމިތިބީ ރަށުގައި ތިބެގެން ކުރުނބާ ކޯސް ހަދައި ޔާމީން ސަރުކާރުން ޑިޕްލޮމާ ސެޓްފިކެޓް ބަހައިލީމާ ސެޓްފިކެޓް ލިބުން ބައެއް

ޗަބީ

ހިލޭ ޑިގްރީއާއިހަމައަށް ކިޔެވޭކަމަށް ބަޔާންކޮށް އެކި ވައުދުތައްވަމުންދާއިރު ވިސްނާލަންޖެހޭ ދެތިންކަމެއް ފާހަގަ ކޮށްލާނަމެވެ.
- ޕްރީ ސްކޫލް އެޑިއުކޭޝަނުން ފެށިގެން ސެކަންޑްރީ އެޑިއުކޭޝަނާއި ހަމައަށް ޕްރައިވެޓް ސްކޫލެއްގައި ކިޔަވާ ދަރިވަރަކަށް ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. މިގޮތުން ދިވެހި، އިސްލާމް އަދި އަރަބި ފޮތް ވެސް ވިއްކަމުންދަނީ ފޮތުގައި އަގުކަމަށް ލިޔެފައި އޮންނަ ޢަދަދަށްވުރެ އެތަށް ގުނައެއް ބޮޑުކޮށް ދަޢުލަތުން (ޓެކްސް ފައިސާއިން) ޚަރަދުކުރާ އިދާރާއެއްކަމަށްވާ ދިވެހި ބަހުގެ އެކަޑަމީންނެވެ. ނަމަވެސް، ހައިސެކަންޑަރީންއަށް މިހާރުވެސް ޕްރައިވެޓް ސްކޫލްތަކުގެ ދަރިވަރުންނަށް ފީދައްކަނީ ސަރުކާރުންނެވެ. މީގެއިތުރުން ފުރަތަމަ ޑިގްރީއާއި ހަމައަށް ހިލޭ ޕްރައިވެޓް ތަންތަނުން ކިޔެވޭގޮތް ހެދުމުން، ޕްރައިމަރީ އަދި ސެކަންޑަރީ އަށްވުރެ ހަޔަރ ސެކަންޑަރީއާއި މުހިންމުހެން ހީވެއެެވެ. ނަމަވެސް ހަގީގަތަކީ ސިޔާސަތު ބައްޓަން ކުރަން ތިބި ފަރާތްތަކަކީ ހަޔަރ ސެކަންޑަރީއާއި، އޭގެ މަތީ ލެވަލްގެ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތައް ހިންގާ ފަރާތްތަކެވެ.

ދަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން "ޚިޔާނަތް"ތެރިވުން ހުއްޓާލުމަށް ގޮވާލަމެވެ.

Haruge

ޢޯލެވެލް ނިންމާ ދަރިވަރުންނަށް ހިލޭ ވޮކޭޝަނަލް ތަޢުލީމު ދިނުން މާމުހިއްމު ޑިގްރީއަށް ޚަރަދުކުރުމަށްވުރެ. ބޭރުމީހުން ރާއްޖެ ގެންނަނީ މަސައްކަތުމީހުން ފިޔަވާ ކޮންވަޒީފާތަކަކަށްތޯބަލާ އެވަޒީފާތަކަށް ބޮޑުޚަރަދެއްކޮށްގެން ކިޔަވާދިނުން ޤައުމަށް ފައިދާއަށް ތިކަންކުރަންޏާ ކުރަންޖެހޭނީ. ބައެއްދާއިރާތަކުގެ ޑިގްރީވެސް މީގެ ތެރޭގައި ހިމެނޭނެ.

ޙުސައިން މޫސާ

މަތީ ތަޢުލީމު ލިބެންޖެހެނީ ވަކި ބަޔަކަށްތޯ. ނިކަމެތި މީހާ ނުކިޔަވަންވީތޯ. އާސަންދަވެސް ކަނޑަ އަޅާފައިވާ މިންވަރަށް ލިބޭ ނޫންތޯ. ދެރަ ނިކަމެއްޗަކަށް ރަނގަޅުގޮތެއްވުމަށް ނުއެދުނަސް މިސަރުކާރުން އެފުރުޞަތު ހޯދައިދޭނެ. ކޮންމެ އައި.ޑީ.ކާރޑް. އަކަށް އެއްލައްކަ ރުފިޔާ ނުދެވޭނެކަމަށްވެސް ބުނި. އެކަންވެސްކުރި. މިކަންވެސް ކުރާނެ. ކުރެވޭނެ.