Karantu massala boduvefai oiy Hulhudhuffaaruga 400 kilovote generator eh bahattanee
image
ހުޅުދުއްފާރަށް ފޮނުވި 400 ކިލޯވޯޓްގެ ޖަނަރޭޓަރު...
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

ކަރަންޓް މައްސަލަ ބޮޑުވެފައި އޮތް ހުޅުދުއްފާރުގައި 400 ކިލޯވޯޓްގެ ޖަނަރޭޓަރެއް ބަހައްޓަނީ

ކަރަންޓްގެ މައްސަލަ ބޮޑުވެފައިވާ ރ. ހުޅުދުއްފާރަށް 400 ކިލޯވޯޓްގެ ޖަނަރޭޓަރެއް ފެނަކަ ކޯޕަރޭޝަނުން ފޮނުވި ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުދުއްފާރުގެ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްޓަކައި 400 ކިލޯވޯޓްގެ ޖަނަރޭޓަރެއް ފޮނުވާފައިވާ ކަމަށާއި މިހާރު އެ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ފެނަކައިން ބުނީ 24 ގަޑިއިރުގެ ތެރޭގައި އާ ޖަނަރޭޓަރުން ކަރަންޓް ފޯރުކޮށްދޭން ފަށައި އާންމު ހާލަތަށް އެ ރަށުގެ ކަރަންޓުގެ ހިދުމަތް އަނބުރާ ގެނެވިގެންދާނެ ކަމަށެވެ.

ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހީމް ސީއެންއެމްއަށް ވިދާޅުވީ، 400 ކިލޯވޯޓްގެ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ހައްލެއް ލިިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގާތްގަނޑަކަށް ފަނަރަ ސަތޭކަ މީހުން ދިރިއުޅޭ ހުޅުދުއްފާރުގައި ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ރަށުގައި ކަރަންޓްގެ ހިދުމަތް ދެމުން އައީ 150 ކިލޯވޯޓް އަދި 250 ކިލޯވޯޓްގެ ދެ ޖަނަރޭޓަރު ބަހައްޓާގެން ކަމަށެވެ. އަދި ބައެއް ފަހަރު ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ކަރަންޓް ކެނޑޭ ކަމަށާއި ގިނަ އިރުތަކެއް ވަންދެން ރައްޔިތުންނަށް އެކަމުގެ ދަތީގައި ތިބެން ޖެހޭ ކަމަށެވެ.

"އިއްޔެ ވެސް ހެނދުނު އަށަކުން ފެށިގެން މެންދުރުފަހު ދޭއް ޖަހަން ދެން ކަރަންޓް ކެނޑިފައި ހުރި. ހުކުރު ދުވަހުގެ ރޭ ވެސް ދަންވަރު 12 އިން ފަތިހު ހަތަރެއް ޖަހާލަންދެން ކަރަންޓް ނެތް. ރައްޔިތުންނަށް ވަރަށް ދަތިތަކާ ކުރިމަތިވާނެ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 400 ކިލޯވޯޓްގެ ޖަނަރޭޓަރެއް ފޯރު ކޮށްދިނީތީ ފެނަކަ އަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ހިޔާލު