Majileehuge Jalsaaeh nubavvaa, misraabu badhaluvanee!
image
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް އިދާރާ
0 ކޮމެންޓް
 

މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ، މިސްރާބު ބަދަލުވަނީ!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ބާއްވަންޖެހޭ އަދި ރައްޔިތުންނަށްޓަކައި ކަންކަން ނިންމުމަށް އުފައްދާފައިވާ އެންމެ މުހިއްމު އެއް މުއައްސަސާ އެވެ.
މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައިވެސް އެންމެ ކަޅު އަނދިރި، އެންމެ ހުދު މުހުތާރުކޮށް މަޖިލިސް ހިންގަމުންއައި ދުވަސްވަރެވެ. ނަމަވެސް އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނަށް މަޖިލީހުގެ ސާފު މެޖޯރިޓީ އޮތް ދުވަސްވަރެވެ.

މިހާރު އެ ދުވަސްވަރާ ހުރި ތަފާތަކީ ވެރިކަން ބަދަލުވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަތުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަނިޔާވެރި، ހުދުމުހުތާރު ގޮތްގަނޑު ގެންގުޅުއްވި މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދުގެ ބަދަލުގައި ސަރުކާރު ކޯލިޝަންގެ ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސްގެ ހޮނޑިކޮޅުގައި އިންނެވުމެވެ. މަޖިލީހުގެ މެޖޯރިޓީ އޮތީވެސް ސަރުކާރު ކޯލިޝަނުގަ އެވެ.

މިހާރު ވެސް ހަމަ ހިނގަމުންދަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހެވެ. ނަމަވެސް މިއީ މި މަޖިލީހުގެ ފަހު ދައުރެވެ. މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެކަށީގެން ގޮތެއްގައި މަސައްކަތް ކުރެވިފައި ނުވާއިރު، މިހާރު މަޖިލީހަށް އައިސްފައިވާ ބަދަލާއެކުވެސް ހެޔޮ ބަދަލެއް ނުފެންނާތީ ހިތާމަ ކުރަމެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ފުރަތަމަ ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބާއްވާފަ އެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހިނގަމުންދާނީ ރަސްމީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. މިއަދު މިއީ މިހަފްތާގެ ހޯމަ ދުވަހެވެ. މަޖިލީހުގެ ޖަލްސާއެއް ނުބާއްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިސް އޮފިޝަލަކު ސީއެންއެމަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނެ ވަކި ދުވަހެއް ދަންނަވަން ދަތި ކަމަށެވެ. އަދި މަޖިލީހުގެ އިދާރާގެ ބައެއް ތަންތަން މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މިދުވަސްވަރު މަޖލީހުގެ އިދާރާގެ ބައެއް މަރާމާތުތައް ކުރަމުންދާތަން ފެނެއެވެެ. ނަމަވެސް އެމަސައްކަތް ކުރިނަމަވެސް އެއީ ޖަލްސާތައް ނުބާއްވަންވީ ސަބަބެއް ނޫނެވެ. އަދި އެމަސައްކަތްތައް ކުރުމަށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ޗުއްޓީއަށްދާ ދުވަސްވަރުވެސް އެ މަސައްކަތްތައް ކުރެވިދާނެ އެވެ.

ޑިސެމްބަރު މަހާއި ޖެނުއަރީ މަހަކީ މަޖިލީހުގެ ޗުއްޓީ ދެ މަހެވެ، އަދި ކޮންމެ ތިން މަހަކުން ނުވަތަ ކޮންމެ ދައުރެއް ނިމުމުން އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބި އެވެ. އެހެންކަމުން މަޖިލީހުގެ އިދާރާ މަރާމާތު ކުރުމަށް މަޖިލިސް ޗުއްޓީއަށްދާ މަސްތަކުގައި ރާވާލުމަކީ ކުރެވިދާނެ ކަމެކެވެ.

ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަންކަން ކުރުމަކީ މަޖިލީހުގެ ޒިންމާއެކެވެ. މަޖިލީހުގައި ކުރާނެ މަސައްކަތް ނެތީކީ ވެސް ނޫނެވެ.
ހިޔާލު