Hiyaanaaiy falhaa aruvaali Qasim ge Hukum anburaa gendhan Transparency anekkaaves govaalaifi
image
ގާސިމް--
0 ކޮމެންޓް
 

ހިޔާނާތް ފަޅާއަރުވާލި ގާސިމުގެ ހުކުމް އަނބުރާ ގެންދަން ޓްރާންސްޕޭރެންސީ އަނެއްކާވެސް ގޮވާލައިފި

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކަރޮޕްޝަން އެމްއެމްއާރުޕީސީގެ މައްސަލަ ފަޅާއަރުވާލި ބޭންކް އޮފް މޯލްޑިވްސް ގެ ކުރީގެ މުވައްޒަފު ގާސިމް އަބްދުލްކަރީމުގެ މައްޗަށް ކޮށްފައިވާ ހުކުމް އަނބުރާ ގެންދިއުމަށް އަނެއްކާވެސް ޓްރާންސްޕޭރަންސީން ގޮވާލައިފިއެވެ.
ޓްރާންސްޕޭރަންސީ ވަނީ މީގެ ކުރިންވެސް މި ހުކުމް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. އަދި ގާސިމް ހައްޔަރުކޮށް، މައްސަލަ ތަހްގީގު ކުރަން ފެށުމުންވެސް ޓްރާންސްޕޭރަންސީން ވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ. އެހެން ނަމަވެސް އޭރު ދައުލަތުގެ އެއްވެސް އިދާރާއަކުން އެކަމާ އަޅާލާފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ހަގީގަތާއި ހަމައަށް ވާސިލުވެވޭނީ ކޮރަޕްޝަނުގެ ފައިސާ ލިބުނު 155 އެކައުންޓުގެ ތަފްސީލް އާންމު ކުރުމުން ކަމަށް ބުނެ ޓްރާންސްޕޭރަންސީން މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ޖަރީމާ ހިންގި ހުރިހާ ފަރާތްތައް ގާނޫނުގެ ކުރި މައްޗަށް ގެނައުމަށް ގޮވާލާފައެވެ.

އެކޮރަޕްޝަން ފަޅާއަރުވާލި ގާސިމްގެ ވިސްލްބްލޯކުރުމުގެ ހިތްވަރަށް ތައުރީފު ކުރައްވާ ޓްރާންސްޕޭރަންސީން ވަނީ ގާސިމުގެ އެ އަމަލަކީ ކޮރަޕްޝަންގެ އަމަލެއް ފަޅާއަރުވާލުމަށްކުރި ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ދައުލަތުން ބަލައިގަނެ، މިހާރުން މިހާރަށް އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް އަނބުރާގެނެސް އޭނާގެ ކުށުގެ ރެކޯޑް ފުހެލުމަށް ވެސް ގޮވާލާފައެވެ.

ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ އެސިސްޓަންޓް މެނޭޖަރު ގާސިމްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށާއި އެމައުލޫމާތު އާންމުކުރުމުގެ ކުށް ސާބިތުވެ، އަށް މަހާއި 12 ދުވަހަށް ޖަލަށްލީ 2016 ވަނަ އަހަރެވެ. އޭނާގެ މައްޗަށް އެހުކުމް އިއްވިއިރު އެދައުވާ އަނބުރާ ގެންދިޔުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން އޭރު ވެސް ގޮވާލާފައިވެއެވެ.

ކޮރަޕްޝަން ނައްތާލެވޭނީ އެކަންކަން ފަޅާއަރުވާލާ މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި ކޮރަޕްޝަން އަމަލު ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅިގެން ކަމަށާއި މައްސަލަތައް ތަހުގީގުކުރުމުގައްޔާއި، ޝަރީއަތުގެ މަރުހަލާގައި އިންސާފުވެރިކަމާ، ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރެވިގެން ކަމަށް ޓްރާންސްޕޭރަންސީން ބުނެއެވެ.
ހިޔާލު