Cycle ah gellundhinun: Hamaekani parking ge massalaeh nun!
image
ހަނި ދޭތެރެއަށް ޕާކު ކުރުމުގެ ސަބަބުން ސައިކަލެއްގެ ކުލަ ކެހިފައި-- ފޮޓޯ: ސޯޝަލް މީޑިއާ
2 ކޮމެންޓް
 

ސައިކަލަށް ގެއްލުން ދިނުން: ހަމައެކަނި ޕާކިންގެ މައްސަލައެއް ނޫން!

ހޭލާ ގޮތަށް ސޯޝަލް މީޑިއާގައި ކަންކަން ހުރި ނެތް ގޮތް ބެލުމަކީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އެހެންކަމުން، އެ ޒިންމާ އަދާކޮށްލުމަށް ފޭސްބުކަށް ވަދެލީމެވެ. ތަފާތު އެކި މީމްސްތަކަށް ފަހު އަހަރެންގެ ލޮލުގައި އަޅައިގަތީ ރައްޓެއްސަކު ޝެއާކޮށްފައި އިން ޕޯސްޓެކެވެ. އޭގައި ވަނީ ޖެހުނު ތާކަށް ހިތައް އެރިހާ ގޮތަކަށް ޕާކު ކުރާތީ އެކަމާއި ހިތްހަމަ ނުޖެހި އޭނާ ކޮށްފައިވާ ޝަކުވާތަކެވެ. ރުޅި ނާންނަންވީ ސަބަބެއް ވެސް ނެތެވެ. ނިކަން ލޯބިން ގެންގުޅޭ ސައިކަލުގެ ކަވަރުގަނޑުން ކުލަ ކެހިފައި އޮތް ފޮޓޯއެއް ވެސް ހިއްސާކޮށްފައި ވެއެވެ. އަދި އެއީ ޒޯނުގައި ޕާކުކޮށްފައި އިންދާ ހަނި ދޭތެރެއަކަށް އެހެން މީހަކު ސައިކަލު ޖަހަން އުޅުމުގެ ތެރޭގައި ދިމާވި ކަމެއް ކަމަށް އެނާ ބުންޏެވެ.
އެ ޕޯސްޓު ފެނި ކޮމެންޓުތައް ކިޔާލަން އަހަރެން ވެސް ބޭނުންވި އެވެ. އެއީ އެންމެންގެ ވެސް ހާލު ކަމަށާއި އެކަމަށް މި ރާއްޖޭގައި ހައްލެއް ނެތް ކަމަށް ކޮމެންޓު ކޮށްފައި އޮތް އެކަކު، ބުންޏެވެ. "ތަނެއް ދޮރެއް" ބަލާ ނުލާ މީހުން ޕާކު ކުރާތީ އެކަމާއި ގިނަ މީހުން ރުޅިގަދަވެ އެމީހުންގެ އުދާސްތައް ވެސް ބޭރުކޮށްފައި ހުއްޓެވެ. އަދި ޒޯނުން ބޭރުގައި ޕާކުކުރިޔަސް ޕާކު ކުރާނެ ތަނެއް ނުދައްކާ ޓޯ ކުރުމަކީވެސް ގޮތެއް ނޫން ކަމަށް ބައެއް މީހުން ބުންޏެވެ.

މާލެ ކަހަލަ ސިޓީ އަކަށް ނުކަތާ ވަރަށް ދުއްވާ އުޅަނދު ފަހަރު މާލޭގައި ހުރި ކަމަކީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެކެވެ. އެކަމުގެ ސަބަބުން ޕާކު ކުރާނެ ތަނެއް ހޯދަން އެތައް އިރަކު ދުއްވަން ޖެހޭ ފަހަރު ވެސް ކުރިމަތިވެއެވެ. އެހެންކަމުން، ޕާކު ކުރާނެ ކިރިޔާވެސް ތަންކޮޅެއް ފެނިއްޖެއްޔާ އެތަނަކަށް އެމީހަކު ސައިކަލު ވައްދައެވެ. އެއީ އެހެން މީހެއްގެ ސައިކަލުގައި އެޅިދާނެ ކޫރަކަށް ނުވަތަ ކަވަރުން ކުލަ ކެހުމަކަށް ބެލުމެއް ނެތިއެވެ. މިއީ ކަން ހިނގާ ގޮތެވެ. އެއީ ކުރަން ރަނގަޅު ކަމެއް ނޫން ނަމަވެސް މިވަގުތު މާލޭގެ މަގުތަކުގެ ޕާކިން މައްސަލަ ހުރި ގޮތުން ޕާކު ކުރާނެ ބޮޑު ޖާގައެއް ހޯދަން މީހުން ވަގުތު ބޭކާރު ކުރަން ވެސް ބޭނުން ނުވަނީއެވެ.

ދެން އޮތީ މިއީ ހައްލު ހޯދި ދާނެ މައްސަލައެއްތޯ ކުރަންމުން އަންނަ ސުވާލެވެ. އަދި ޒިންމާ ނަގާނީ ކާކުތޯ ކުރާ ސުވާލެވެ. އެއީ ހައްލު ހޯދިދާނެ މައްސަލައެއް ނަމަވެސް ޕާކު ކުރުމަށް ޕާކިންސް ސިސްޓަމްތައް ހަދައި އެތަކެތި ދަބަރު ޖަހަން ދޫކޮށްލާނަމަ އެކަމަކަށް ހައްލެއް ނެތެވެ. ޕާކު ކުރުމަށް ކިތަންމެ ބޮޑު ޖާގައެއް ސަރުކާރުން ހެދި ނަމަވެސް ބޭނުން ނުކުރާނަމަ ބޮޑު ހަރަދެއްކޮށް އެތަންތަން ގާއިމު ކުރުމުގެ ބޭނުމެއް ވެސް ނެތެއެވެ.

ޕާކު ކުރުމުގައި ބެލުމެއް ނެތި ޖެހުނު ތާކަށް ޕާކުކޮށް އަނެކާގެ އަގު ބޮޑު މުދަލަށް ނުބެލުމަކީ ތިމާގެ އަހުލާގުގައި މައްސަލަތަކެއް ހުރުމުން ދިމާވާ ކަމެއްކަން ގަބޫލުކުރެވެއެވެ. އެއީ ސައިކަލެއްގެ އަގު އާންމުގޮތެއްގައި މިއުޅެނީ 50،000 ރުފިޔާއަށް ވުރެ މަތީގައެވެ. އެހާ އަގު ބޮޑުކޮށް ގަންނަ މުދަލެއް އެހާ ފަސޭހައިން ހަލާކުވާން އެކަކު ވެސް ބޭނުމެއް ނުވާނެއެވެ. ކިތަންމެ ހަނި ތަނަކަށް ވައްދައިގެން ވެސް ސައިކަލު ޕާކުކޮށްލެވެނިކޮށް ވަރިހަމައެވެ. އެހެން މީހުންގެ ސައިކަލުގައި ކޫރު އެޅުނަސް އަދި ލޯގަނޑު ބިންދައިގެން ދިޔަސް ވަރިހަމަވެ ހުރެ ސައިކަލު ޕާކު ކޮށްލުމުން އެހެން މީހުންނަށް ނިކަން ދަތިތަކާއި ކުރިމަތިލާން ވެސް ޖެހެއެވެ. އެއީ ސައިކަލުގެ ކަވަރުގަނޑު ބަދަލުކޮށްލަން ވެސް ގާތްގަނޑަކަށް 8،000 ރުފިޔާ ހޭދަވުމެވެ. އެހާ އަގު ބޮޑުކޮށް ސައިކަލެއް ގަނެއް އެ ހުރިހާ ހަރަދެއް ކުރުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ.

ކޮންމެއަކަސް އަމިއްލަ އަތުން މީހުންގެ ސައިކަލު ހަލާކުވުމުން ފަސްޖެހުމެއް ނެތި އެމީހުންގެ ހަރަދުގައި ސައިކަލު މަރާމާތުކޮށްދޭ މީހުންވެސް މަދެއް ނޫނެވެ. އެއީ ސައިކަލުގެ ވެރިޔާއަށް ނުފެނި ހިނގި ހާދިސާއަކުން ނަމަވެސް އެކަމަށް އަމިއްލައަށް އިއުތިރާފުވެ ގުޅުމަށް ފޯނު ނަމްބަރު ސައިކަލުގައި ހަރުކޮށްފައި ހުންނަ ތަންވެސް މިމުޖުތަމައުން ފެންނަކަމީ އުފާކުރާ ކަމެކެވެ.

މީހުންގެ މުދަލަށް ރައްކާތެރިވުމަށް އިސްލާމުދީނުގައި ބާރު އަޅުއްވާއިރު މީހުންގެ މުދަލަށް ގެއްލުން ދިނުމަކީ ދީނުގައި ވެސް ހަރާމްކަމެކެވެ. މިހެންކަމުން ތިމާގެ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހުންނަށް ދަތިތައް ކުރިމަތިވެ އެކަމަށް ތަކުލީފެއް އުފުލަން ޖެހުމަކީ ތިމާގެ އަހުލާގުގައި ބޮޑެތި މައްސަލަތަކެއް ހުރުމެވެ.

އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 11/2010)ގެ ދަށުން، މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެގެން ނަމަވެސް، މީހެއްގެ މުދަލަކަށް ގެއްލުމެއް ދީފިނަމަ، އެ އަމަލު ހިންގި މީހާ ނުވަތަ މީހުންނާމެދު އެ ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.

ފަރުދެއްގެ ހައިސިއްޔަތުން ޒިންމާ ނެގުމުން އެކަނި މިކަމަށް ހައްލެއް ހޯދޭކަށް ނެތެވެ. ކޮންމެ ސަރުކާރަކުން ވެސް މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް ބުނެ މަސައްކަތްތަކެއް ކުރިނަމަވެސް އެކަމަށް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައި ނުވެއެވެ. އެކަމަށް ދާއިމީ ހައްލެއް ލިބޭނީ އުޅަނދުތައް މަދުކޮށް، ޕާކު ކުރުމަށް ހަރުދަނާ ޕްލޭންތަކެއް ހެދިގެންނެވެ.

އިޖުތިމާއީ މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނީ ދައުލަތުން ކުރާ މަސައްކަތާއި އެއްވަރަށް ފަރުދީ ޒިންމާވެސް އަދާ ކުރެވިގެންނެވެ. އެހެން މީހެއްގެ ސައިކަލު ހަލާކުކޮށްލާފައި ދާއިރު މާދަމާ ތިމަންނައަށްވެސް ހަމަ އެހެން ދިމާވާނެ ކަން ހަނދާން ކުރަން ޖެހެއެވެ. މީހެެއްގެ މުދަލަށް ގަސްތުގައި ގެއްލުންދޭއިރު، މާދަމާ ތިމަންނައަށް އޮތީވެސް މިގޮތް ކަން ހަނދާން ކުރާށެވެ. ގޯސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެއެވެ.
ހިޔާލު

މަގުމަތި

ލިޔުނު މީހާއަށް ބުނެލަން އޮތީ މީހުންގެ ސައިކަލްތަށް ވަގަށް ނަގާ މީހުންގެ ވާހަކަ ވެސް ލިޔެލާން،

ލަކޫ

ތިމައްސަލަ ހައްލުވާނީ އަމީނުދީދީގެ ރައްވެހި ތަރައްޤީ ގެނެސް މާލެ އަލުން ޑިޒައިންކޮށް މާލޭގެ ހުރަހާއި ދިގަށް ފޫއަޅުވަން ޖެހޭ މަގުތަށް ފޫއަޅުވާ މާލެ އަކީ އިންސާނުން ހިގާބިގާ އުޅެވޭ ތަނަކަށް ވެގެން !