Majlis jalsa thah mimahu 25 gai fashanee
image
ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި މަޖިލީހުގެ ރައީސް ގާސިމް ބައްދަލު ކުރައްވަނީ
1 ކޮމެންޓް
 

މަޖިލިސް ޖަލްސާތައް ފަށާނީ މިމަހު 25 ގައި

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މި މަހުގެ 25 ގައި އަލުން ފަށުމަށް ނިންމައިފި އެވެ.
ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމަށްފަހު، މިމަހުގެ 25ގައި އަލުން ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަޖިލިހުގެ ރައީސް، ގާސިމް އިބްރާހިމާއި ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުންނާއެކީ ވެސް ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި އެ ބައްދަލުވުމުގައި ވެސް ޖަލްސާތައް އަލުން ފެށުމަށް އެއްބަސް ވުމަކަށް ވަނީ އާދެވި އެވެ. މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ގާސިމްގެ އިތުރުން ޖޭޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އާއި އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ މައުރޫފް އަދި އަދާލަތު ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަނާރާ ނައީމު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި، ފުރަތަމަ ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިރު، އެ ދުވަހު ހަމައެކަނި އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާން އިއްވުން އެކަންޏެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރިޔާސީ ބަޔާން އިއްވުމަށްފަހު، ޖަލްސާތައް ބޭއްވުމުގެ ތައްޔާރީތަށް ވަމުންދާއިރު، ސިޔާސީ ޕާޓީތަކަށް މެމްބަރުން ބެހިފައިވާ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލު ވެފަ އެވެ. އެގޮތުން މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލިއިރު އޭރު ސަރުކާރު ހިންގަމުންދިޔަ ޕީޕީއެމް ކޯލިޝަނަށް މަޖިލީހުގެ ސާފު މެޖޯރިޓީ އޮތެވެ. ނަމަވެސް ރިޔާސީ އިންތިހާބު އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއެކު މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ މިހާރުގެ ސަރުކާރު ކޯލިޝަނާ ގުޅިވަޑައިގަންނަވާފަ އެވެ.

މިހާރު ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 30 އެވެ. ޖުމްހޫރީ ޕާޓީގައި 22 މެމްބަރުން ތިބިއިރު، އެމްޑީޕީގައި 19 މެމްބަރުން ނެވެ. އަދި އެމްޑީއޭގައި 4 މެމްބަރު ތިބިއިރު އަދާލަތު ޕާޓީގައި އަނާރާ ނައީމު އެކަންޏެވެ. މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވީ ތިން މެމްބަރުން ނެވެ. އެއީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.
ހިޔާލު

އަލިބެ

ކީއްކުރަން އަޅެ ބުނެބަލަ. ކީއްކުރަން. ތިއުޅޭ މެންބަރުންގެ އެއްވެސް ވައުދެއް ފުއްދޭނެތަ މަޖިލީސް ހުޅުވާގެން؟ އެކަކު ވައުދުވަނީ ފުޓުބޯޅަ މުބާރާތެއް ބާއްވާދޭން، އަނެކަކު ވައުދުވަނީ ދަރުހެއް ބާއްވާދޭން، އަނެކަކު ވައުދުވަނީ ޖިމެއް ހަދާދޭން. މަޖިލީސް ހުޅުވިއޭކިޔާފައި މިވައުދުތައް ފުއްދާނީ ކިހިނެތް!!