Anhenehge gaigai car akun jehi serious haalathugai
image
މާލޭގައި ހިނގި އެކްސިޑެންޓެއް: މިރޭ އެކްސިޑެންޓްވީ ކާރަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގާ ޖެހިގެން.
2 ކޮމެންޓް
 

މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ކާރަކުން ޖެހި ސީރިއަސް ހާލަތުގައި

މާލޭގެ ރިންގް ރޯޑުން ގިނަ އަދަދެއްގެ އެކްސިޑެންޓްތަކެއް ހިނގާފައިވާ ސެނެހިޔާ ހޮސްޕިޓަލާ ދިމާލުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ކާރަކުން ޖެހި ބޮޑެތި އަނިޔާތަކެއް ލިބި، އޭނާގެ ހާލު ސީރިއަސް ވެއްޖެ އެވެ.
އެކްސިޑެންޓްވީ ސެނެހިޔާއާ ދިމާލުން ރިންގް ރޯޑުގައި ހުންނަ ކަފިހި ހުރަހުން އޭނާ މަގު ހުރަސްކުރަން އުޅުމުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކުން ޖެހިގެން ކަމަށް ވެއެވެ. އަދި ކާރުން ޖެހި އެ މީހާ މަގުމައްޗަށް ވެއްޓުނު ވަގުތު، ސްޕީޑް ބަންޕަރުގައި އޭނާގެ ބޯ ޖެހުމުން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް އެވަގުތު އެ ތަނުގައި ހުރި މީހަކު ބުންޏެވެ.

އެކްސިޑެންޓްވީ ކާރުން ޖެހުނީ ދެ އަންހެނެއްގެ ގައިގަ އެވެ. ނަމަވެސް ބޯ ފަޅައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވުމުން ހާލު ސީރިއަސްވެފައި ވަނީ އެތަނުން އެކަކުގެ އެވެ. ދެ ވަނަ މީހާ އަށް ވެސް ކުދި އަނިޔާތައްވީ ކަމަށް މަންޒަރުދުއް މީހާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ބޯ ފަޅައިގެން ދިޔަ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އެ ތަނުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ހޭނެތިފަ އެވެ. އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން އަންނަ ކަން ކަށަވަރުކޮށްދިން ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް އޭޑީކޭން އަދި ހާމައެއް ނުކުރެ އެވެ.

ފަހަކަށް އައިސް މާލޭގައި އެކްސިޑެންޓްތައް އިތުރުވެފައިވާއިރު، ސެނެހިޔާ އާ ދިމާލުގައި ވަނީ ވަރަށް ގިނަ އެކްސިޑެންޓުތަކެއް ހިނގާފަ އެވެ. އެގޮތުން އެ ސަރަހައްދުގައި މީގެ ކުރިން ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ވެސް ދެ މީހަކަށް ބޮޑެތި އަނިޔާތައް ލިބި، ހާލު ސީރިއަސްވި އެވެ.
ހިޔާލު

ލަކޫ

އެކްސިޑެންޓް ގިނައިން ހިގާ ސަރަހައްދުގެ ސަލާމަތީ ކަންކަން ޕޮލިހުން ނުބައްލަވަނީ ކީއްވެތޯ ؟ ސްޓަޑީ ކުރެވެންޖެހޭނެތާ މިހާގިނަ ހާދިސާ އެއްދިމާލަކުން ހިގާއިރު މިކަން ބަލާ ދިރާސާކޮށް އަވަސް ހައްލު ހޯދާ ފިޔަވަޅު އެޅެންވާނެ !

ސައިނީ

މަގުމަތީ ހިގާމީހުންވެސް ހެލްމެޓް އަޅަން މީތި ސަޅިއޭ