Huhdha nethi 2 thanehgai fathuruverin beythihbi mahsala eh balanee
image
ރަށެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: ޓްރިފްއެޑްވައިޒާ
2 ކޮމެންޓް
 

ހުއްދަނެތި ދެ ތަނެއްގައި ފަތުރުވެރިން ބޭތިއްބި މައްސަލައެއް ބަލަނީ

އޮޕަރޭޓިން ލައިސަންސެއް ނެތި ގާނޫނާއި ގާވާއިދާ ހިލާފަށް ފަތުރުވެރިން ބޭތިއްބިކަމުގެ ހެކިލިބިފައިވާ ދެ ތަނެއްގެ މައްސަލަ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެކަމަކު، އެއީ ކޮން ދެ ތަނެއްކަން ޓޫރިޒަމުން ހިއްސާއެއް ނުކުރެއެވެ. އެކަމާއި ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އޮޕަރޭޓިން ލައިސަންސް ނެތި މީހުންއުޅޭ ރަށްރަށުގައި ފަތުރުވެރިން ބައިތިއްބާނަމަ އެފަރާތްތަކުގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި މިނިސްޓްރީއާ ހިއްސާކުރުމަށް ރަށު ކައުންސިލްތަކަށް އަންގާފައިވާ ކަމަށެވެ.

ޓޫރިޒަމާބެހޭ ޤާނޫނު ގެ 17 އަދި 18 ވަނަ މާއްދާގައިވާގޮތުން، "ދިވެހިރާއްޖޭގައި އެއްވެސް ޓޫރިސްޓް ހޮޓަލެއް ނުވަތަ އެއްވެސް ޓޫރިސްޓް ގެސްޓްހައުސެއް ހިންގޭނީ ޓޫރިޒަމް މިނިސްޓްރީގައި އެތަނެއް ރަޖިސްޓްރީކޮށް އެފަދަ ތަންތަން ހިންގުމަށް މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައެވެ." އަދި "މިތަންތަން ހިންގުމުގެ ހުއްދަ ދޫކުރާނީ، މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް އެތަންތަނުގެ އިމާރާތްތަކާއި އެފަދަ ތަންތަނުން ލިބެންޖެހޭކަމަށް މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް އެތަންތަނުން ލިބެންހުންނަ ނަމައެވެ."

އެ ގާނޫނާއި ގަވައިދާ ހިލާފަށް ފަތުރުވެރިން ބައިތިއްބާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން އަންގާފައިވާއިރު އޮޕަރޭޓިން ލައިސަންސް ހަމަވެފައިވާ ތަންތަން، އޮޕަރޭޓިން ލައިސަންސްއެއް ދެވޭ ފެންވަރަށް އިސްލާހުކުރުމަށް ފުރުސަތުދިނުމުގެ ގޮތުން އެކަންކަން ރަނގަޅުކުރުމުގެ ޕްލޭނަކާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ވަގުތީ ހުއްދައެއް ދޫކުރުމުގައި މިނިސްޓްރީން ބަލާނީ އެފަދަ ތަނެއްގެ ސަލާމަތާއި ރައްކާތެރިކަމާއި، މުވައްޒަފުންގެ ހައްގުތައް ދައުލަތަށް ދައްކަންހުރި ފައިސާ އަދި މިމިނިސްޓްރީން ބަލާ އެހެނިހެން މިންގަނޑުތަކަށް ކަމަށެވެ.
ހިޔާލު

އޯކޭ

ކޮބާ މައްސަލައަކީ. ދުނިޔޭގެ މުއްސަދި ގައުމުތަކުގައިވެސް އެކަން އޯކޭ. އެ އުޅެނީ އާދައިގެ މީހަކަށް ފައިސާ އެއް ލިބިދާނެތީ. ޔޫކޭގަވެސް ބެޑް އެންޑް ބްރެކްފަސްޓް ގޮތަށް ގޭގަ ހުންނަ އެއް ކޮޓަރި ދޫކޮށްލެވޭ. ކުރީގައި ރަށްރަށުގައިވެސް އެގޮތަށް. މިކަން ހުއްޓުވީ ޑިމޮކްރަސީއަށް ވޯޓު ދިން ނަޝީދުގެ ސަރުކާރުން. ވަރަށް ހެއްވާ.

ހައްވާ

ތިކަމަކީ ހުޅުމާލޭގައި ވެސް ވަރަށް ޢާއްމު ކަމެކެވެ. އެގޮތުން ޗައިނާ މީހުން ވެސް ، ބަގްލާދޭސް މީހުން ވެސް އަދި ދިވެހީން ވެސް ގޭތަކުންނާއި ފުލެޓް އަދި ރޯހައުސްތަކުން ރޫމްތަށް ކުއްޔަށް ނަގައިގެން ހުއްދަނެތި ގެސްޓުން ގެންގުޅެނީއެވެ. ޚައްސާކޮށް ޗައިނާ މީހުން ޗައިނާ މީހުން ގެނައިސްގެން ކުއްޔަ ނަގާފައިވާ ރޫމްތަށް އެމީހުންނަ ވިއްކައިގެން ހުއްދަނެތި ވިޔަފާރި ކުރަނީއެވެ. ބަގްލާދޭސް މީހުން ވެސް ގެސްޓުން ގެނައިސްގެ މިކަން ކުރަނީއެވެ. އެހެން ގައުމުތަކާއި ޚިލާފަ މިގައުމަކީ ބޭރުގެ މީހުން ބޭނުންހާގޮތަކަށް ގަވާއިދާ ޚިލާފަ ފާޅުގައި ވިޔަފާރި ކުރަން ފަހިގައުމެކެވެ. ތަންފީޒީ މުއައްސަސާތަށް ކުރާކަމަކީ އެމުވައްޒިފުން މުސާރަ ބަރާބަރަށް މުސާރަނަގައިގެން އޮފީހަށް އައިސް ސޮއިކޮއްލީމާ ވަޒީފާ އަދާވީއެވެ. މީހަގީގަތެވެ.