Dhafthareh hadhai tharutheebun flat dhookurun, veyn kudamagakah vaane!
image
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ލެޓުތަކެއް: ފޮޓޯ އެޗްޑީސީ
މުހައްމަދު ފަހުތުﷲ
1 ކޮމެންޓް
 

ދަފްތަރެއް ހަދައި ތަރުތީބުން ފްލެޓް ދޫކުރުން، ވޭން ކުޑަމަގަކަށް ވާނެ!

ބޯހިޔާވަހި ކަމަކީ ރާއްޖޭގެ، ހާއްސަކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުން ވަރަށް ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާ ބޮޑު މައްސަލަ އެކެވެ. ސަރުކާރުން އިމާރާތްކުރާ ފްލެޓްތައް ދިނުމުގައި ކޮރަޕްޝަނާއި ފަސާދަ އެކުލެވޭގޮތަށް ދޫކުރަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.
ފްލެޓޭ، ފްލެޓް ދޫކުރަން ފޯމް ދޫކުރަނިއްޔޭ ބުނެފިނަމަ، ދަރިއަށް ބުއްދޭން އިންނަ މައިމީހާވެސް ދަރިފުޅު އެހެން މީހަކާ ހަވާލުކޮށްފަ ދުވެފައި ދަނީ އެދިމާއަށެވެ. އެއީ ހަމަ އެދަރިފުޅުގެ ހައްގުގަ އެވެ. އެއީ އެއާއިލާއަށާއި އެދަރިފުޅަށްވެސް ބޯހިޔާވަހިމެއް ލިބޭތޯއެވެ. ދާއިރު އޮންނަނީ ކިޔު ދަމާލާފައެވެ. ހުސްތަނެއް އޮތިއްޔާ އޮންނަނީ ކިޔުއެވެ. އަދި ކެތްތެރިކަމާއެކު ފްލެޓަށް އެދޭ ފޯމް ފުރުމަށްފަހު، އެ ފޯމް ލެވޭތޯ ބަލައެވެ.

މިއީ ދިވެހިންގެ ހާލަތެވެ. މިއަށްވުރެން ރަނގަޅަށް ރަނގަޅު އިންތިޒާމެއްގެ ދަށުން ސަރުކާރަށް ރައްޔިތުންނަށް ހިދްމަތް ދެވިދާނެ އެވެ.

ސަރުކާރުތަކުން ފްލެޓް ދޫކުރާއިރު، ކެޓަގަރީތަކެއް އެބަހަދައެވެ. އެއީ އަނެއްކާ އަނެއް ބޮލުގެ ރިހުމެވެ. އުމަރުން 40 އަހަރު ވެއްޖިއްޔާ ޝަރުތު ފުރިހަމަ ނުވެޔޭ ބުނެފާނެއެވެ. އަލަތު ކައިވެންޏާއެކު ފްލެޓެއް ލިބިދާނެއޭ ބުނެފާނެއެވެ. މިސާލަކަށް 40 އަހަރުގެ މީހެއްގެ ދެ ކުދިން ނުވަތަ ތިން ކުދިން ތިބި، އެއް ކޮޓަރިއެއްގައި ދިރިއުޅެއް ޖެހިފައިވާ މީހުން މަދެއް ނޫނެވެ. އޭނާއަށް ފްލެޓް ހައްގު ނުވެ، 18 އަހަރުގައި ނުވަތަ 20 އަހަރުގައި ކައިވެނި ކުރާ މީހާއަށް ފްލެޓް ހައްގުވާ ސަބަބެއް ނުވިސްނެއެވެ.

ފްލެޓް ދިނުމުގައި ވިސްނަންވީ ވީހާވެސް އަގު ހެޔޮކޮށް، އެންމެ އާދައިގެ މީހާއަށް ކުލި ދެއްކޭވަރަށް އަގު ދަށްކޮށް އެންމެ ހައްގުވާ ފަރާތްތަކުގެ ތަރުތީބުން ފްލެޓް ދިނުން ކަމަށް ދެކެވެ.

ފްލެޓަށް އެދޭ ފޯމް ދެއިރު ދެ ދަޅައަށް ފުރަން ނުޖެހޭ ގޮތަށް، ބޭނުންވާ ހުރިހާ މައުލޫމާތެއް ހިމެނޭ ގޮތަށް ފޯމެއް ތައްޔާރުކޮށް، ފްލެޓަށް އެދޭ ފޯމް ތައްޔާރު ކުރުން ވެސް މުހިއްމެވެ. ފްލެޓަށް އެދޭ ފޯމް ފުރުމާއި އެ ހުށަހަޅަން ކުރަންޖެހޭ މަސައްކަތްވެސް ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުން ރަނގަޅުވާނެ އެވެ.

މިސާލަކަށް، މި ސަރުކާރުން ފްލެޓަށް އެދޭ ފޯމެއް ތައްޔާރުކޮށް، ފްލެޓަށް އެދޭ މީހުން ފޯމް ހުށަހެޅުމަށް އެދެވިދާނެއެވެ. އަދި އެ ފޯމްތަކަށް ޕޮއިންޓް ދޭ އުސޫލުން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތަރުތީބުން ފްލެޓަށް އެދޭ މީހުންގެ ދަފްތަރެއް އުފެއްދިދާނެ އެވެ. އަދި އެ ދަފްތަރުގެ ތަރުތީބުން ފްލެޓް ދޫކުރާނަމަ މިހާރު މިޖެހޭ މައްސަލަތައް ޖެހުން ކުޑަވާނެ ކަމަށް ގަބޫލު ކުރެވެއެވެ. މި ގޮތަށް ފްލެޓް ދޫކުރަމުންގޮސް ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަން ލިބޭއިރު ހުންނާނީ އެންމެ ބޭނުން ޖެހިފައިވާ މީހުންގެ ތަރުތީބުން ފްލެޓް ލިބިފަ އެވެ.

މި ބުނާ ފްލެޓް ދަފްތަރަކީ ބަދަލުތަކެއް އަންނާނެ އެއްޗެކެވެ. ފްލެޓް ދަފްތަރުގައިވާ މީހާގެ ދިރިއުޅުމަށް އަންނަ ބަދަލާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ދަފްތަރު އަޕްޑޭޓް ކުރެވިދާނެއެވެ. އެކަން ފޯމެއް މެދުވެރިކޮށް، ކުރުމަކީ ވެސް މައްސަލައެއް ނޫނެވެ. އެއީ އެފަދަ ހާލަތްތައް އަބަދަކު ކޮންމެ މީހަކަށް އެއްފަހަރާ ނާންނާނެ އެވެ. މިބުނާ ހާލަތްތަކަކީ މިސާލަކަށް ދަރިއަކު ލިބުން ދަރިއަކު ނިޔާވުން، ނުވަތަ ލިބޭ އާމްދަނީ އިތުރުވުން ނުވަތަ ދަށްވުން ފަދަ ކަންކަމަކީ ފްލެޓަށް އެދޭ މީހާގެ ހާލަތު ބަދަލުވާ ކަންކަމެވެ. އަދި އެފަދަ އަޕްޑޭޓް ތަކަކީ ފްލެޓް ދަފްތަރު އަޕްޑޭޓް ކުރަންޖެހޭ ކަންކަމަށްވާއިރު، ހާލަކުން ފަހަރަކު މިފަދަ ކުދިކުދި ކަންކަން ކޮށްލުމަކީ ފްލެޓަށް އެދޭ މީހާ ކިޔޫއެއްގައި ނުޖެހި ކޮށްލެވޭނެ ވަރަށް ފަސޭހަ ކަންކަމެވެ.

އެންމެ މައްސަލަ ބޮޑު މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ފްލެޓް ނުދެވެންވީ ސަބަބެއް ވެސް ނެތެވެ. ކޮންމެ ދެމަފިރިއަކަށްހެން ކޮންސްޓްރަކްޝަން ކުންފުންޏެއް އެބަ ހިންގައެވެ. ބޭނުންވަނީ ހަރުދަނާ އެއްބަސްވުންތަކެއް ހަދައި، ހަރުދަނާކަމާއެކު ރަނގަޅަށް ހިންގަމުންދާ ކުންފުނިތަކަށް ވެސް އެކަން ކުރެވޭނެ މަގުތައް ސަރުކާރުން ފަހިކޮށްދީ، ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ބެލުމުގެ ދަށުން މިބުނާ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ފްލެޓް އިމާރާތްކުރުން ހަވާލު ކުރުމެވެ. އެއްބަސްވުމާއި ހިލާފުވާ ކުންފުނިތަކާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ.

ފްލެޓް އިމާރާތް ކުރަން ފަށަނީ އެ އިމާރާތަކަށް ދާނެ ޖުމްލަ ހަރަދު އެނގިގެންނެވެ. އަދި އެފްލެޓްތައް ދޫކުރެވޭނެ އަގުތަށް ވެސް އެނގިގެންނެވެ.

އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރާނަމަ 10 ބުރީގެ ފްލެޓެއް އިމާރާތް ކުރަން ދެ އަހަރު ދުވަހެއް ނުނަގާނެ އެވެ. ބޭނުންވަނީ އިހުލާސްތެރިކަމާއެކު ދެ ފަރާތަށްވެސް ފައިދާވާނެ ގޮތަށް މަސައްކަތް ކުރާނެ ކުންފުނިތަކެވެ. ވީހާވެސް ކުޑަ ފައިދާއެއް ލާފައި ފްލެޓްތައް އާއްމު ރައްޔިތުންނަށް ދެވޭއިރު، އޭގެ އަނެއް ފްލެޓް އިމާރާތް ހަދާނެ ފައިސާ އާއި ވަސީލަތްތައް ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ފޯރުކޮށްދެވިދާނެ އެވެ. މިގޮތަށް ކޮންސްޓްރަކްޝަން ކުންފުނިތަކާ ގުޅިގެން މަސައްކަތް ކޮށްފިނަމަ ބޯހިޔާވަހިކަމަށް އަވަސް ހައްލެއް ލިބި، ކޮންސްޓްރަކްޝަން ދާއިރާ ފުޅާވެ، ދައުލަތަށް ލިބޭ އާމްދަނީ ވެސް އިތުރުވެ މުޅި މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެއެވެ.
ހިޔާލު

ޝާޜޫމީލާ

އަބަދުވެސް ކޮންމެ ސަރުކާރަކުން ވެސް ބަލާބެލުމުގައި ޝަރުތު ހަމަވާ ކަމަށް ވަނީ 3 ނުވަތަ 4 ހަަތަރު ކުދިން ލިބިފައި ތިބޭ މީހުން 1 ކުއްޖަކު ހުރިއްޔާމުން ދުވަހަކުވެސް އެމީހެއްގެ ޝަރުތުހަމައެއް ނުވޭ 1 ކުއްޖަކު ލިބިފައި ހުރި މީހެއް ވެއޖެއްޔާ އެމީހަކު އަމިއްލަ ވަޒަނެއް ބޭނުމެއް ނުވާނެ އެމީހަކީ ފުދިގެން އުލޭ މީހެއް އެއީ ހެޔޮ މާލޭގައި އުލޭތާ 40 އަހަރު ވެފައި ހުއްޓަސް އަޅުގަނޑު ވަރަށް ބޮޑަށް އެދެން ސަރުކާރުން ފުލެޓު ދޭއިރު 1 ދަރިން ލިބިފައި ތިބި މީހުންނާ އަދި ދަރި އަކުނެތް މީހުންނާއި ދޭތެރޭގައި ވިސްނާ ލުމަށް.