Saudi investment thah ithuru kurumah mashvara kohfi
image
ފޮރިން މިނިސްޓަރު ޝާހިދު ސައުދީގެ ކޮމާސް މިނިސްޓަރާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
1 ކޮމެންޓް
 

ސައުދީގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް މަޝްވަރާ ކޮށްފި

ރާއްޖޭގައި ސައުދީ އަރަބިއްޔާގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމާ ގުޅޭގޮތުން ފޮރިން މިނިޝްޓަރު އަބްދުﷲ ޝާހިދު އާއި އެ ގައުމުގެ ކޮމާސް އެންޑް އިންވެސްޓުމެންޓް މިނިސްޓަރު ޑރ. މަޖީދު ބިން އަބްދުﷲ އަލް ގަސާބީ އާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ފޮރިން މިނިސްޓަރު ޝާހިދު އިއްޔެ ސައުދީ އަށް ފެއްޓެވި ރަސްމީ ދަތުރުގެ ތެރެއިން މިއަދު ސައުދީ ކޮމާޝް އެންޑް އިންވެސްޓްމަންޓް މިނިސްޓަރާ އެކު ބޭއްވި މަޝްވަރާތަކުގައި ވަނީ އެ ގައުމުގެ ވެރިރަށުގައި ބިޒްނަސް ނެޓްވޯކިން ފޯރަމެއް ބޭއްވުމަށް ވެސް މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ސައުދީގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު އެ ފޯރަމުގައި ދޭނެ އެވެ.

މިއަދު ޝާހިދު ވަނީ ސައުދީގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހަމަދް ބިން ސުލައިމާން އަލް ބަޒައި އާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާއި ކުރިއަށް އޮތް ތަނުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ސައުދީގެ ފިނޭންސް މިނިސްޓަރުގެ ނައިބު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެ ގައުމުން އެއްބާރުލުން ދޭން ތައްޔާރު ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރުގެ ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒް އަލްއައްސަފް އާ ވެސް ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ. ފޮރިން މިނިސްޓަރުކަމާ ޝާހިދު ހަވާލުވުމަށް ފަހު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުގައި، މިނިސްޓަރާއި އެކު ސައުދީ އަށް ވަޑައިގެންނެވި ޑެލިގޭޝަނުގައި ހިމެނެނީ ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ހާރިޖީ ވުޒާރާގެ ބައެއް އިސް ވެރިންނެވެ.
ހިޔާލު

ރައްޔުތު

މިހާރު ސައޫދީ އަރަބިއްޔާ އޯކޭ މީގެ ކުރިން ސައޫދީ އަކީ ރާއްޖެއަށް ހުރި ބޮޑު ބިރެއް ރާއްޖެ އަޅުވެތި ކުރަން އުޅޭ ބަޔެއް ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ އެއްބަޔަކު ވެސް ނެތް